ކުޑައިރުއްސުރެ ކުރަމުން އައި މަސައްކަތުގައި ކާމިޔާބާއި ހަމައަށް ވާސިލްވެ، އެކަން ދެމެހެއްޓުމަށް ކުރާ ހިތްވަރުގައި މުޅި އާއިލާ ބައިވެރިވެ އެކީ އުޅޭތަން ފެނުމަކީ ހަމަގައިމުވެސް މަދުފަހަރެއްގައި ނޫނީ ނުފެންނާނެ އުފާވެރި މަންޒަރެކެވެ. ތިމާ ކުރާ މަސައްކަތުގައި ފަހަތުން އަރައި، އަމިއްލަ ދަރިން އެމަސައްކަތް ދިރުވައި ތިމާއަށް އެކަން ނުވާ ދުވަހަކުން ބައްޕަގެ ނަން ދިރުވާނެ ހިތްވަރުގަދަ ދަރީން ތިބުމަކީ އެފަދަ ބައްޕައަކަށް ލިބޭނެ އެންމެ ބޮޑު ފަޚުރެވެ. ރިޔާއަށް ވަނީ އެ ނަސީބު ލިބިފައެވެ. ފުރާއުމުރުގައި ރިޔާ ފެށި ފިޓްނަސްގެ މަސައްކަތް ފުޅާކޮށް މިއަދު “ލެގަސީ ފިޓްނަސް” ގެ ނަމުގައި އަމިއްލަ ފިޓްނަސް ސެންޓަރަކާއެކު އަމިއްލަ ފައިމައްޗަށް ތެދުވުނީ ތިން ފިރިހެން ކުދިން ބައްޕައާއެކު ދާއިރާއަށް ނިކުމެ މަސައްކަތް ފެށި ހިސާބުންނެވެ. ބައްޕަގެ ލެގަސީ ދިރުވަން އެކުދިން ބޭނުންވީމައެވެ!
މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރ އަޙްމަދު ރިޔާޒް (ރިޔާ) ނޭނގޭ ބަޔަކު މަދުވާނެއެވެ. ޚާއްޞަކޮށް ފިޓްނަސްގެ ދާއިރާއަށް ޝައުގު ހުރި ދުޅަހެޔޮކަމަށް ލޯބިކުރާ ކޮންމެ މީހަކަށްމެ ރިޔާ އެނގޭނެއެވެ. މީހުންނާއި ގުޅޭ ހިތްހެޔޮ މިޒާޖެއްގެވެރި ރިޔާ އަކީ ރާއްޖޭގައި ފިޓްނަސްގެ ދާއިރާއަށް އައު އެތައްކަމެއް ތަޢާރަފް ކޮށްދީ އެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން ހުނަރުވެރި ސެޓިފައި ކޯޗެކެވެ.
ޢުމުރުން އެންމެ 15 އަހަރުގައި ބަނޑޮސްއައިލެންޑް ރިސޯޓުގެ ވަޒީފާއަށް ރިޔާ ދިޔައީ ސްކޫލް ނިންމި ގޮތަށެވެ. އެހެނަސް އެތަނުގައި ލިބުނު “ޖިމް ބޯއި” ގެ މަގާމަކީ މިއަދު ރިޔާގެ މުޅި ކެރިއަރ އެކަމަކަށް ހުސްވެގެން ދިއުމަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ.
“ވަރަށް ކުޑައިރު ބަނޑޮހަށް ޖޮއިން ކުރީ. އޭރު އެއްވެސް ތަޖްރިބާއެއްނެތް. ދިޔަތަނާ އެތަނުން ފުރަތަމަ ވެސް ލިބުނު ވަޒީފާއަކީ ޖިމް ސާފުކޮށް ބަލަހައްޓާ މީހެއްގެ ވަޒީފާ. އެހާ ހިސާބުން ޖިމަށް އަންނަ މީހުންނާ އެމީހުން ކުރާ ކަންތައްތައް ފެނި އެކަމަށް ހިތްޖެހުނީ. އަދި އެތަނުން ވަޙީދުއްދީން އާއި ދިމާވެ ފަހުން ފަހުން އައިސް ވަޙީދުއްދީންގެ ޕާރސަނަލް ޓްރެއިނަރ އަކަށް ވެވޭ ވަރަށް ޓްރެއިނިން ހޯދާދީ އެމަސައްކަތް ވެސް ކުރަން ފެށީ” ރިޔާގެ ކެރިއަރު ފެށިގެން އައިގޮތް “އޭއޯ ނިއުސް” އަށް ކިޔައިދެމުން ބުނެދިނެވެ.
އޮނަރަބްލް ވަޙީދުއްދީން، ރިޔާއަށް ރިސޯޓްގައި ހުރެގެން ދާއިރާއިން ހުނަރާއި ތަމްރީން ލިބޭނެ ގޮތް ފަހިކޮށްދެއްވެވިއެވެ. އަދި އަމިއްލަ ދަރިއެއްހެން ރިޔާގެ ކެރިއަރަށް ސަމާލުކަން ދެއްވަވާ ކެރިއަރުގައި ކުރިއަށް ދިއުމަށް ބޭނުންވިހައި ކަންތައްތަކެއް ފަހިކޮށްދެއްވެވިއެވެ. އެކަންތައް ރިޔާ މިއަދުވެސް ހަނދުމަ ކުރަނީ ޝުކުރުވެރި ހިތަކާއެކުގައެވެ.
އެތަނުގައި ޖިމްގައި މަސައްކަތް ކުރުމުގެ އިތުރުން ޓޭބަލް ޓެނިސްއާއި ބެޑްމިންޓަން ކަހަލަ ރެކެޓް ކުޅިވަރުތައް ކުޅެން އަންނަ މީހުންނަށް އެހީތެރިވުމަށް ވެސް ރިޔާ މަސައްކަތް ކުރިއެވެ. އޭރު އެދުވަސްވަރުގެ ގިނަ މިނިސްޓަރުން ރިސޯޓަށް ވަޑައިގެން ކުޅުއްވަވަން ވަޑައިގަންނަވާ އިރު އެފަދަ ވަގުތުތަކުގައި މިނިސްޓަރުންގެ ޕާޓްނަރ އެއްގެ ގޮތުގައި ކުޅެން ރިޔާއަށް ވެސް ފުރުސަތު ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ރެކެޓްކުޅިވަރު ތަކަށް ވެސް ރިޔާ މޮޅުވެގެން ދިޔައެވެ.
“އޭރު މުސާރައަކީ އެންމެ 500 ރުފިޔާ. ދެން ސަރވިސް ޗާޖާއެކު ކުޑައެއްޗެއް ލިބެނީ. އެހެންވެ ފަހުން ވަޙީދުއްދީންގެ ވެސް ހުއްދައާއެކު ކުރިއަށް ދިއުމަށް ބޭނުންވާތީވެ، ސަން އައިލެންޑުން ރަނގަޅު މުސާރައާއެކު ލިބުނު ރިކްރިއޭޝަން މެނޭޖަރ ގެ ޕޯސްޓް ގަބޫލްކޮށް އެތަނަށް ބަދަލުވީ. އެތަނަށް ބަދަލުވި ފަހުންވެސް ވަޙީދުއްދީން އެ ރިސޯޓަށް ވެސް ވަޑައިގަންނަވާނެ އަޅުގަނޑު މަސައްކަތް ކުރަނީ ކިހިނެއްތޯ ބައްލަވަން. ދަރިއަކަށް ދެއްވަވާ ސަމާލުކަން އަޅުގަނޑަށް ދެއްވަވާނެ އަބަދުވެސް” ރިޔާ ކިޔައިދިނެވެ.
ސަން އައިލެންޑްގައި ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު ވެލައްސަރު މޯލްޑިވްސް އިން ލިބުނު ފުރުސަތުގައި އެ ރިސޯޓަށް ރިޔާ ބަދަލުވިއެވެ. އެއީވެސް ރިކްރިއޭޝަން މެނޭޖަރެއްގެ ޕޯސްޓަށެވެ.
“އޭރު އަބަދުވެސް ހިތަށް އަރަމުން ދިޔައީ ކުދިންވެސް ތިބުމާއި އެކު ޢާއިލާއާއި އެކީގައި އުޅެން ލިބޭ ވަގުތު މަދުކަމުން އާއިލާއާއި އެކީ އުޅެވޭނެ ގޮތަކަށް ދިރިއުޅުން ބަދަލުކުރަން. ރިސޯޓްލައިފްގަ އެފުރުސަތެއް ނުލިބޭ. އެހެންވެ މާލެއަށް ބަދަލުވެ ހަމަ އޭރުވެސް ކުރަމުން ދިޔަ މަސައްކަތް މާލޭގައި ކުރެވޭނެ ގޮތެއް ހޯދަމުން ދިޔައީ. އެ ދުވަސްކޮޅު ލިބުނު ފުރުސަތެއް މާލޭ ފިޓްނަސް ކްލަބުގައި މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރުން. އެހެންވެ ވަގުތުން ބަދަލުވީ މާލެއަށް” ރިސޯޓް ލައިފް ދޫކޮށް ސީދާ ފިޓްނަސް ދާއިރާއިން މީހުން ތަމްރީނުކޮށްދިނުމުގެ މަސައްކަތް ފެށިގެން އައިގޮތް ރިޔާ ކިޔައިދިނެވެ.
މާލޭ ފިޓްނަސް ކްލަބްގައި މަސައްކަތް ކުރުމަށްފަހު ދެން ރިޔާ މަސައްކަތް ކުރީ މާލޭ ފިޓް ކްލަބްގައި ޖެނެރަލް މެނޭޖަރެއްގެ ގޮތުގައެވެ. އޭރު ބޮޑީބިލްޑިންއަށް މީހުން ތައްޔާރުކޮށްދިނުމާއި ދެ ޖިންސުގެ ޒުވާނުންނަށް ޓްރެއިނިން ދިނުމާއި ޕާރސަނަލް ޓްރެއިނާރ އަދި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމުން ފެށިގެން ހުރިހާ ކަމެއް ރިޔާ ދިޔައީ ކުރަމުންނެވެ.
އަދި 2013 ހިސާބުގައި ފިޓްޒޯން ގައި މެނޭޖިންގ ޑައިރެކްޓަރ އެއްގެ ގޮތުގައި ރިޔާ މަސައްކަތް ފަށައި އިތުރަށް ރާއްޖޭގައި އެ މަސައްކަތް ފުޅާކުރިއެވެ.
ފިޓްޒޯނަކީ ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި “ޔުނިސެކްސް” ޖިމެވެ. އެތަނުގައި ޒުންބާއާއި، ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން އަދި ސްޓްރޯންގް ނޭޝަން ޖައްސަމުން، ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލު ބޮމްބޭ ޖޭމް ކްލާސްތައްވެސް އެ ސެންޓަރުން ތަޢާރަފް ކުރިއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އަށް ބޮމްބޭ ޖޭމް ކްލާސްތައް ތައާރަފް ކުރީ ފިޓްޒޯން ގައި ރިޔާ މަސައްކަތް ކުރި އިރު އެތަނުންނެވެ. އަދި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު “ފިޓް މިކްސް” ގެ ނަމުގައި މުޅި ޕަބްލިކަށް ހުޅުވާލައިގެން ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ ޕްރޮގްރާމެއް ރިޔާމެން ކުރިއަށް ގެންދިޔައެވެ. ފިޓްޒޯނުން ވަނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން ކަސްރަތަށް މުޖުތަމައު ހޭލުންތެރިކުރަން ތަފާތު ޕްރޮގްރާމުތައް ވެސް ހިންގާފައެވެ. އެގޮތުން ރާއްޖެޓީވީއާ ގުޅިގެން ހިންގި “ސައްތަކިލޯ” ޕްރޮގްރާމާއި ބޫޓް ކޭމްޕްތަކުގެ އިތުރުން “މިސްޓަރ ފިޓްޒޯން” ގެ ނަމުގައި ބޮޑީ ބިލްޑިން މުބާރާތްތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މިސްޓަރ މޯލްޑިވްސް އަށް ބައިވެރިން ތައްޔާރުކޮށް ދިނުން ފަދަ މަސައްކަތް ވެސް ރިޔާމެން ވަނީ ކޮށްފައެވެ.
ދާއިރާގައި ކުރެވުނު ކާމިޔާބު ގިނަ މަސައްކަތްތަކުގެ ތެރެއިން އެންމެ ކާމިޔާބު މަސައްކަތަކީ ރިޔާގެ 3 ފިރިހެން ކުދިން މި ދާއިރާއިން މަތީ ތައުލީމު ޙާސިލްކޮށް ބައްޕައާއެކު މަސައްކަތުގައި ބައިވެރިވުން ކަމުގައި ރިޔާ ގަބޫލް ކުރެއެވެ. ރިޔާގެ ދޮށީ ދަރިފުޅު ރިޔާޝް ރިޔާޒް ޚާއްޞަ ވަނީ ނިއުޓްރިޝަން ކޯޗިންގ، އެކްސަސައިޒް ތެރަޕީ، ސްޓްރެންތް އެންޑް ކޮންޑިޝަން ފޯރ ސްޕޯޓްސް ގެ އިތުރުން ބޮޑީ ޓްރާންސްފޯރމޭޝަން އަށެވެ. ދެވަނަ ދަރިފުޅު ރިފާޝް ރިޔާޒްގެ ދާއިރާއަކީ ޕޯސްޓް ސާރޖަރީ ރީހެބިލިޓޭޝަން، ފިޒިކަލް ތެރަޕިސްޓް އަދި ބޮޑީ ޓްރާންސްޕޯރމޭޝަން އެވެ. ހަނގު ދަރިފުޅު މައުޒަމް ރިޔާޒް ޚާއްޞަ ވަނީ ވެއިޓް ލޮސް، ވެއިޓް ގެއިން ، ގްރޫޕް ޓްރެއިނިންގ އަދި ބޫޓް ކޭމްޕް އަށެވެ.
“އާއިލާގެ ސަޕޯޓް އެއީ މިހާތަނަށް އާދެވުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު. 3 ކުދިން ބޮޑުވަމުން ދިޔައީ މި މަސައްކަތުގެ ތެރޭގައި. ޖިމްތެރޭގައި ފިޓްނަސްގެ ދާއިރާގައި. އެހެންވެ އެކުދިން ކުޑައިރުއްސުރެ ޝައުގުވެރިވާ ދާއިރާއަކަށް މި ދާއިރާ ވެގެން ދިޔައީ. އޭގެ އިތުރުން މަސައްކަތުގެ ބުރަކަމާއި އެކު ހުސްވަގުތު ލިބުން މަދު ވިޔަސް ހިތްވަރާއެކު އާއިލާ ބެލެހެއްޓުމުގައި އަންހެނުން މައުސޫމާ މުޙައްމަދުގެ ރޯލު ވަރަށް ބޮޑު. ވަރަށް އަންޑަސްޓޭންޑިން ވާނެ އަދި ވަރަށް އެހީތެރިވާނެ ހުރިހާ ކަމެއްގަވެސް” ރިޔާ ކިޔައިދިނެވެ.
އާއިލާގެ އިތުރުން ގާތް ރަޙްމަތްތެރިންގެ އެހީތެރިކަމާއި އެއްބާރުލުމަކީ މިއަދު ރިޔާއަށް އާދެވިފައި ހުރި ހިސާބަށް ފަސޭހަކަމާއެކު އާދެވުމުގެ ސިއްރުކަން ރިޔާ ފާހަގަކުރެއެވެ. އަދި އެފަރާތްތަކަށް އަބަދުވެސް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.
މިއަދު ރިޔާއަށް ދާން ބޭނުންވާ ހިސާބަށް އާދެވުނު ކަމުގެ އިޙްސާސް ކުރެވެއެވެ. ކުދިން ބޮޑެތިވެ ބައްޕަގެ މަސައްކަތުގައި ބައްޕައާއި އެކު ކުރިއަށް ދިއުމަށް އަތުކުރި އޮޅާލައިގެން ފެށި ފެށުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ “ލެގަސީ ފިޓްނަސް” ގެ ނަމުގައި އަމިއްލަ ފިޓްނަސް ސެންޓަރެއް ވުޖޫދު ވުމެވެ. ހުޅުމާލެ އަމީން އެވެނިއު ބިލްޑިންގައި މި އަހަރުގެ މާރޗް މަހު ހުޅުވި ފިޓްނަސް ސެންޓަރ “ލެގަސީ ފިޓްނަސް” އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޖާގަ ތަނަވަސް ޒަމާނީ ޖިމެވެ. ރީތި ހިތްގައިމު ވިއު އަކާއި އެކު ކަސްރަތު ކޮށްލެވޭ މި ޖިމުގައި ހުންނަނީ އެންމެ ޒަމާނީ، ފަހުގެ އިކުއިޕްމަންޓެވެ.
“މިތަނަކީ ތަނުން ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް ހިތްހަމަޖެހުން ލިބޭ އުފާވެރި ތަނަކަށް ހެދުމަށް ވަރަށް މަސައްކަތް ކުރިން. ޓްރެޑް މިލްގައި ދުވަން ހުންނަ އިރުވެސް ފޫހިވާކަށް ނުޖެހޭނެ. އޭގައި ހުންނަ ސްކްރީނުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަދެވޭނެ. ނޫނީ ފިލްމެއް ބަލާލުން ނުވަތަ ލަވައެއް ބަލާލުން ފަދަ ކަންކަން ވެސް ކުރެވޭނެ. މީގެ އިތުރުން ތަނުގެ ވަށައިގެން ބިއްލޫރި ޖަހާފައި ހުރުމުން ދުވާލު ގަޑީގައި ބޭރުން ފެންނަ ވިއު ވަރަށް ހިތްގައިމު ވާނެ” ލެގަސީ ފިޓްނަސް ތަފާތުވާ ގޮތް ރިޔާ ކިޔައި ދިނެވެ.
މި ޖިމުން ލިބޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ޕޯސްޓް ސާޖަރީ ރިހެބިލިޓޭޝަނާއި ސްޕޯޓްސް އިންޖަރީ މެނޭޖްމަންޓުގެ އިތުރުން ވެއިޓް ޓްރެއިނިން ހިމެނެއެވެ.
ރިޔާގެ ފިޓްނަސް ސެންޓަރުން ޓްރެއިން ވާ ކޮންމެ ކަސްޓަމަރަކުވެސް އެ ޚިދުމަތް ހޯދަނީ އުފަލާއެކުގައެވެ. އެމީހުންގެ ދުލުން އޮހެނީ ތައުރީފްގެ ބަހެވެ.
“ރިޔާ ހިތްވަރުދޭނެ އަހަރެމެންގެ ކުރީގެ އޯލްޑް ހެބިޓްސް ތައް ހުއްޓާލަންދެން. އެގޮތަށް ކަންތައް ކުރީމަ 100 ޕަސެންޓް ނަތީޖާ ދައްކާ. ޖިމަށް ދިޔާމަ ރިޔާ އަހާނެ ކޯޗެއްހޭ ކެއީ. އަދި ކާންވާ އެއްޗެއްސާއި ވޯކްއައުޓް ޕްލޭން ކުރާނެ ގޮތްވެސް ކިޔާދޭނެ. އެހެންވެ ފަހުން ހިތަށް އަރާ ވޯކްއައުޓް ގައި އެކުރެވޭ ހާޑް ވޯކް ނުވަތަ ޓޯޗަރ އަށް ވުރެ ފެޓްސް ހުންނަ ކާއެއްޗެތި ކައިގެން ހަށިގަނޑު ހަލާކުވުން މާ ނުބައޭ. ރިޒަލްޓް ނެރެން ބޭނުންނަމަ ދާންވީ ރިޔާމެން ކާރިއަށް. ރިޔާއަކީ އެންމެ ބެސްޓް އިންސްޓްރަކްޓަރ އޭ ބުނާނީ” ރިޔާގެ ކަސްޓަމަރަކު ކިޔައިދިނެވެ.
މިއަދު ރިޔާގެ ފިޓްނަސް ދާއިރާގެ 30 އަހަރުގެ ދިގު ދަތުރު ސިފަކުރަނީ “ލެގަސީ ފިޓްނަސް” ގެ ނަމުގައި ކާމިޔާބު ކަމާއެކުގައެވެ. ބައްޕަގެ ލެގަސީ ދަމަހައްޓައި ދިނުމަށް ޒުވާން 3 ފިރިހެން ކުދިންބައިވެރިވެ މުޖުތަމަޢަށް ކޮށްދެވޭ އަގުހުރި ޚިދުމަތެއްގެ ގޮތުގައެވެ.
ރިޔާގެ މަސައްކަތުގައި އިތުރު ފާގަތި ދުވަސްތަކަކަށް “އޭއޯ ނިއުސް” ގެ ފަރާތުން އެދެމެވެ