ނ. މަނަދޫ ގެގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދުވަސްވީ އަންހެން މީހާ އޮތީ މަރާލާފައިކަން ހާމަވެއްޖެއެވެ.
މީޑިއާ ތަކާ ވާހަކަ ދައްކަމުން ،މަރުވި، އަންނާރުމާގެ/ ނައީމާ މޫސާ, 62އ ގެ ހަށިގަނޑު ފެނުނު ބައެއް މީހުންބުނީ، ނައީމާ މަރާލާފައި އޮތީ ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރައިގެން ކަމަށެވެ. އަދި ނައީމާ މަރުވެގެން ވެއްޓިފައި އޮތް ކޮޓަރި ތެރޭގައިވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް އެމީހުން ބުނެއެވެ.
ނައީމާ މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުން ގޮސް އެގޭ ދޮރު ވައްޓާލައިގެން ވަދެ ބެލި ބެލުމުންނެވެ. ނައީމާ އަކީ އެރަށު ކައުންސިލް ގެ މަސައްކަތު މީހެއްގެ ވަޒީފާގައި ހުރި މީހެކެވެ. މިކަން އާއިލާގެ ސަމާލުކަމަށް ގެނައީ ޑިއުޓީއަށް ނުނިކުމެ 2 ދުވަސް ވުމުން އޭނާ އާއެކު މަސައްކަތް ކުރާ މީހުންނެވެ.
މި މައްސަލައިގައި ފުލުހުން ބުނީ މަނަދޫ ގެއެއްގައި އެކަނި ދިރިއުޅޭ 62 އަހަރުގެ އަންހެނެއްގެ ޚަބަރެއް ނުވެގެން އޭނާގެ އާއިލާއިން އިއްޔެ 18:13 އެހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި ފުލުހުންނަށް އޭނާގެ އާއިލާއިން ކުރި ރިޕޯޓާއި ގުޅިގެން އެއަންހެންމީހާ ދިރިއުޅެމުންދިޔަ ގެޔަށް ގޮސް އެގޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަދެ ބެލިއިރު އެއަންހެން މީހާ އެކޮޓަރީގެ ބިންމަތީގައި މަރުވެފައި އޮއްވައި ފެނިފައިވާކަމަށެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ތަޙުގީގަށްޓަކައި މަނަދޫއަށް އަރާ ފައިބާ މީހުންގެ މައުލޫމާތު ޙިއްސާ ކުރަން ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ. މިމައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.