އެމްއެންޕީގެ ޔޫތު ވިންގާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންއާއި ގުޅިގެން ޕީއެސް ފީފާ މުބާރާތެއް ރޭ ފަށައިފި އެވެ.
މި މުބާރާތަކީ 558 ބައިވެރިންނާއެކު ޑަބަލްސް ޓީމް ވާދަކުރާ ގޮތައްހަމަޖެހިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.
މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެމްއެންޕީއަކީ އަބަދުވެސް ޒުވާނުންނަށް ސަޕޯޓްކޮށް ޒުވާނުންނާއެކީ ވާ ޕާޓީ އެއްކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެމްއެންޕީގެ ހުރިހާ ޖަގަހަ ތަކަކީ ޒުވާނުންނަށްޓަކައި ފަންނީ ހަރަކާތްތައް ހިންގުމަށް ހުރިހާ ވަގުތެއްގައިވެސް ބޭނުން ކުރުމަށް ހުޅުވިފައި ހުންނާނެ ތަންތަންކަމުގައި ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކުރިޔަށް އޮތްތަނުގައި މިކަހަލަ އިތުރު މުބާރާތްތައް ބާއްވަވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފަ އެވެ.
އޭޕްރިލް 6 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތް ކުރިއަށް ދަނީ ރޭގަނޑު 9.30 އިން މެންދަމު 12.00 އަށް އެމްއެންޕީ މައި އޮފީހުގެ ޖަހަގަހައިގަ އެވެ.
މި މުބާރާތުގެ އެއްވަނަހޯދާ ފަރާތަކަށް ކަނޑައެޅިފައިވަނީ 8000 ރުފިޔާ އެވެ. އަދި ދެވަނައަށް 5000 ރުފިޔާ އެވެ. ތިންވަނައަށް 3000 ރުފިޔާ ދޭއިރު، ހަތަރުވަނައަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ފަސްވަނައަށްދާ ފަރާތުން ފެށިގެން 8 ވަނަ އާއި ހަމައަށް ކޮންމެ ފަރާތަކަށް 500 ރުފިޔާ ހަމަޖެހިފައި ވެއެވެ.