English Edition
Dhivehi Edition

“އަހަރެން އިސްލާމްވީ ކީއްވެ” މި ސަފްޙާގައި މިގެނެސްދެނީ ޑރ ކްރިސް ޖޭމްސް އިސްލާމްދީން ގަބޫލުކުރި ގޮތުގެ ވާހަކައެވެ. ޑރ ކްރިސް ޖޭމްސް އަކީ ކުޅަދާނަ އާޓިސްޓެކެވެ. މަޝްހޫރު ލިޔުންތެރިއެކެވެ އަދި ފިލޯސަފަރެއްގެ އިތުރުން ސޯޝިއަލް ތިއޮރިސްޓެކެވެ. ޑރ ޖޭމްސް އިސްލާމްދީން ގަބޫލު ކުރީ 2021 ވަނަ އަހަރުގައެވެ. މިއީ ދުނިޔޭގެ އެކިކަންކޮޅުތަަކުގައި އިސްލާމްދީނަށް އަލަށް ވަންނަ މުސްލިމުންގެ ދިރިއުޅުމުގެ އަސަރުގަދަ ވާހަކަ ހިއްސާކުރާ ވެބްސައިޓެއް ކަމަށްވާ އިސްލާމް ރިލިޖަން.ކޮމް އިން ނަގާފައިވާ ވާހަކަ އެއްގެ ތަރުޖަމާއެކެވެ.

” އަހަރެން އުފަންވީ 1948 ވަނަ އަހަރު އިންގްލޭންޑަށެވެ. އޭރު އަދި ދެވަނަ ބޮޑުހަނގުރާމައިގެ ހަނދާންތަކުން މީހުންގެ ސިކުނޑި ހަމައަކަށް ނޭޅެއެވެ. ހަނގުރާމައިގައި އަހަރެމެންގެ ބްލިޓްޒް ގައި ހުރި ގެ ސުންނާފަތިވުމާއި ގުޅިގެން އަހަރެންގެ މައިންބަފައިން ލަންޑަންގެ ސެންޓަރ އާއި 30 މޭލު ދުރުގައި ހުރި ގެއަކަށް ބަދަލުވިއެވެ. އެތަނުގައި ހަމަޖެހިގެން އާދައިގެ ދިރިއުޅުމެއް އުޅެން އެންމެންނަށް ވެސް ވަރަށް އުނދަގޫވިއެވެ. އަހަރެން ސްކޫލަށްދާން ފެށީ އެދުވަސްކޮޅުގައެވެ. އޭރުވެސް މާމަގެ ކޮޓަރީގެ އެއްކަނުގައި ބަންދުކޮށްފައި ހުރި ކަރުދާސްފޮށިތަކެއް އެ ހުރިގޮތަށް ބަހައްޓާފައި ހުއްޓެވެ. އެއީ ކޮންއެއްޗެއް ކަމާމެދު އަހަންނަށް އަބަދުވެސް ވިސްނެއެވެ. އަހަރެން ހުރީ މާމަ އެ ފޮށިތައް ކަނޑާނެ ވަގުތަކަށް އިންތިޒާރުކޮށްކޮށެވެ.

އެއްދުވަހަކު މާމަ އާއި އަހަންނާއި ދެމީހުން ވެގެން އެ ފޮށިތައް ކެނޑީމެވެ. ފުރަތަމަ ފޮށިގަނޑުގައި ހުރީ ދުވަސްވީ ފޮތްތަކެވެ. އެއީ މާމަގެ އަގުހުރި މުދަލެވެ. މާމައަކީ އަބަދުވެސް ވަރަށް ދީނަށް އުޅޭ ދީނީ މީހެކެވެ. މާމަ އެތަނުން ދެ ފޮތް އަހަންނަށް ދެއްކުމަށްފަހު އެއީ ވަރަށް މުހިއްމު ދެ ފޮތް ކަމަށް ބުންޏެވެ. އެތަނުން އެއްފޮތަކީ ތައުރާތެވެ. އަނެއް ފޮތަކީ ޤުރުއާނެވެ. ތައުރާތު ފޮތުގައި އޮތީ އާދައިގެ ކަޅުކުލައިގެ ބޭރު ކަވަރެއް ލާފައެވެ. އެ ފޮތް އެނދުގެ އެއްފަރާތުގައި ބާއްވަމުން މާމަ އެފޮތުގެ ބޭރުގަނޑަށް ބޮސްދިނެވެ. އެފޮތާއި ޤުރުއާނާއި ވަރަށް ތަފާތެވެ. ޤުރުއާނުގެ ބަނޑޭރި ގަނޑުގައި ވަނީ ވަރަށް ވިދާ ނޫކުލައިގެ ކަރުދާހަކުން ޖިއޮމެޓްރިކް ޕެޓާރން އަކަށް ރަން ކުލައިން ކުރެހުން އަޅައި ރީތިކޮށްފައެވެ. އަހަންނަށް އެ ފޮތް ބޮޑަށް ވައްތަރުވީ ގަހަނާ އަޅާ ރީތި ފޮށްޓަކާއެވެ. އަހަރެން އެ ފޮތަށް ބަލައިގެން ހިނިތުންވެފައި ހުރިތަން ފެނި މާމަ އަހަންނަށް ޤުރުއާން ދިއްކޮށްލިއެވެ. އަދި އިތުރަށް ބަލާލުމަށް ފުރުސަތު ދިނެވެ. އެހެނަސް އޭގައި ލިޔެފައިހުރި އަކުރުތައް ހުރީ އަހަރެން ނުދަންނަ ބަހަކުން ކަމުން ކިޔާކަށް ނޭނގުނެވެ. އެ ފޮތްލިޔެފައިވަނީ އަރަބި ބަހުން ކަމަށާއި އެއީ ހަނގުރާމައިގެ ދުވަސްވަރު ކާފަ މިސްރުގައި ހުރެފައި އައި އިރު ގެނައި ފޮތެއް ކަމަށް މާމަ ބުނެދިނެވެ. މާމަ ޤުރުއާން ވެސް ނަގައި މާމަގެ އެނދުކައިރީގައި ބޭއްވިއެވެ. އެހެނަސް އެއީ ދީނީ ބޭނުމެއްގައެއް ނޫނެވެ. ހަމަ އެކަނި ކާފަގެ ހަނދާނީ ރަމްޒެއްގެ ގޮތުގައެވެ.

މާމަ އާއި އެކު އަހަރެމެންގެ ޖެވިޝް ގޭގައި ދިރިއުޅުނު ދުވަސްތަކަކީ އުފާވެރި ދުވަސްތަކެކެވެ. އެހެނަސް އަހަރެންގެ އުމުރުން 8 އަހަރުގައި މާމަ ނިޔާވެއްޖެއެވެ. މާމަގެ މަރާއެކު މާމަގެންގުޅުނު ހުރިހައި އެއްޗެއް ގެއްލުނެވެ. އެއްކަލަ އަގުހުރި ދެފޮތްވެސް މެއެވެ.

އަހަރެންގެ މައިންބަފައިންނަށް އަހަރެން ލިބުނީ އެމީހުންގެ އުމުރުން ދެބައި ވީފަހުންނެވެ. އަހަރެން އުފަންވިތާ ދުވަސްކޮޅެއްގެ ތެރޭގައި ބައްޕައަށް ޓީބީ ޖެހުމާއި ގުޅިގެން އާމްދަނީ ހޯދުމަށް މަންމައަށް މަސައްކަތް ކުރަން ޖެހުނެވެ. އެހެންކަމުން އުފަންވީއްސުރެ އަހަރެން ގެންގުޅުނީ މާމައެވެ. މާމައަކީ އަހަރެންގެ ނަރުސް އެވެ. އަހަރެންގެ ޓީޗަރެވެ. އަދި އެއީ އަހަރެންގެ ޓީޗަރުވެސް މެއެވެ. އެހެންކަމުން މާމަ ނިޔާވުމުން މާމައާއި ނުލައި ދިރިއުޅުން އަހަންނަށް ވަރަށް އުނދަގޫވިއެވެ. މާމަ ނިޔާވުމުން ދެން އަހަރެން ބެލެހެއްޓީ މުސާރަ ދީގެން މީހަކު ގެނެސް ބަހައްޓައިގެންނެވެ. ނަތީޖާ އަކަށްވީ މާމަ ގެންގުޅުނު ޖެވިޝް އާދަކާދަ އާއި ސަގާފަތް ގެއްލިގެން ދިއުމެވެ.

އަހަރެމެންދިރިއުޅެމުން ދިޔައީ ކްރިސްޓިއަން ގައުމެއްގައިކަމުން އަހަރެން ދާން ޖެހުނީ އެތަނުގެ ސްޓޭޓް ސްކޫލަކަށެވެ. އެސްކޫލްގައި ކްރިސްޓިއަން ދީން ކިޔަވަން ޖެހެއެވެ. އެއީ އަހަރެން ވަރަށް ރުޅިއައިކަމެކެވެ. އޭގައި ހުންނަ ފިލާވަޅުތަކުން ބުނެދޭ އެއްޗެތި އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. އަހަރެމެންނަށް ބުނެދެނީ ޖެސޫސް އަކީ ކަލާނގެ ދަރިއެއްކަމަށެވެ. އަހަރެންގެ ހިތަށް އެރީ އެހެންވިއްޔާ ކަލާނގެ އަބިކަނބަލުން ކޮބައިބާވައެވެ. އެކަމަކު އެ ސުވާލަށް އެމީހުންނަށް ޖަވާބު ނުދެވެއެވެ.

އަހަރެމެންގެ ސްކޫލްގައި ތިބީ ވަރަށް މަދު ޖެވިޝް ކުދިންނެވެ. އަހަރެމެންނާއި އެހެންކުދިން ވަރަށް ދިމާކުރެއެވެ. ހިޓްލަރ އަށް ފައިސާއާއި ހަތިޔާރު ލިބުނީ ޖެވިޝް ވިޔަފާރިވެރިންގެ އަތުން ވައްކަން ކޮށްގެން ކަމަށާއި ހަނގުރާމައިގެ ޒިންމާ އަހަރެމެން ދީނުގެ މީހުން ނަގަން ޖެހޭނެ ކަމަށް ބުނެ އެހެންކުދިން އަހަރެމެންނާއި ދިމާއަށް އެއްޗެތި ގޮވައެވެ. އެމީހުން ބުނާ ގޮތުން ދުނިޔޭގައި ހިނގާ ކޮންމެ ހަމަނުޖެހުމެއްގެ އަސްލަކީ އަހަރެމެންނެވެ.

އަހަރެންވީ ސްކޫލްގައި ސިޔާސަ އަދި ބޯހަރު ކުއްޖަކަށެވެ. އެހެންކަމުން ސްކޫލްގައި އަހަންނަށް އަދަބުލިބެއެވެ. އޮނުދަނޑިން އަތްތިލައިގައި ތެޅުމާއި ސްކޫލްގައި އިރުއޮއްސެންދެން ބެހެއްޓުން ފަދަ ކަންތައްތައްކުރެއެވެ. ނަތީޖާއަކަށްވީ އަހަރެން ބޮޑުވަމުން ދިޔަ ވަރަކަށް ރުޅިގަދަ މީހަކަށް ވަމުން ދިއުމެވެ. އޭރު އަހަންނަށް ދުނިޔެ ފެންނަމުން ދިޔައީ އިންސާފެއް ނެތް ތަނެއްގެ ގޮތުގައެވެ. ފުރާއުމުރަށް އެޅިފަހުން އަހަރެންގެ ގިނަ ވަގުތު ހޭދަކުރަމުންދިޔައީ އަހަރެންގެ މާމަ ގޮތަށް ފޮތްތަކުގެ ދުނިޔޭގައެވެ.

އަހަރެންގެ އުމުރުން 15 އަހަރުގައި ބައްޕަ މަރުވިއެވެ. އޭގެ އަހަރެއް ފަހުން މަންމަ އަހަރެމެން ދިރިއުޅުނު ގެ ވިއްކާލުމަށް ފަހު ދައްތައާއި އެކު ދިރިއުޅެން އެމީހުންގެ ގެއަށް ބަދަލުވިއެވެ. މާގިނަ އަހަރުތަކެއް ނުވަނީސް އާއިލާމީހުން ގަދަ ކަމުން އަހަރެން މީހަކާ ކައިވެނި ކުރުވިއެވެ. އެހެންނަމަވެސް އެކައިވެންޏަށް ވީ މަދު ދުވަސްކޮޅެކެވެ އަހަރެމެން ވަކިވީމެވެ. އޭގެ ފަހުން އަހަރެން އިންގްލޭންޑް ވެސް ދޫކޮށް އަހަރެންގެ އެކުވެރިންތަކަކާއެކު ފްރާންސް އަދި ސްޕެއިނުން މޮރޮކޯއަށް ބަދަލުވީމެވެ.

އެތަނުން އަހަރެން މަދީނާއަށް ދިޔައީމެވެ. މަދީނާގައި އަހަރެން ހުރީ ކެފޭ އެއްގެ މަތީގައި ހަދާފައި ހުރި ކުޑަ ކޮޓަރިއެއްގައެވެ. އެތަނުގައި ހުންނައިރު ބޮޑު މާރުކޭޓެއް ކުރިމަތިން ފެންނަން އޮވެއެވެ. މަދީނާ އަށް ދިޔަ ފުރަތަމަ ދުވަހު އިރުއޮއްސެމުން ދިޔަވަގުތު އަހަރެންގެ ކޮޓަރީގެ ކުޑަދޮރުން މާރުކޭޓާ ދިމާއަށް ބަލަން ހުރީމެވެ. އެވަގުތު އިރު އޮއްސެމުން އޮރެންޖްކުލަތައް މުޅި އުޑުމައްޗަށް ވެރިވަމުންދިޔަ ހިތްގައިމު މަންޒަރުވެސް ފެންނަމުން ދިޔައެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ގޮތް ނޭނގޭ ގަދަ ފަދަ ބާރު އަޑަކަށެވެ. އަހަރެންގެ އެކުވެރިއަކު ބުނެދިނީ އެއީ ނަމާދަށް ގޮވާ އަޑުކަމަށެވެ. އަހަންނަށް ހީވީ އޭންޖަލްސް ތައް ބިންމަތި ފުރާލީހެންނެވެ. އަހަރެންގެ މާމަގެ ވާހަކަތަކުގައި ކިޔައިދޭގޮތަށް އޭންޖަލްތައް ބިމަށް ތިރިކޮށް ކުޑަކުދިން ނަގާ ގޮތެވެ. އަހަރެންގެ ގައިން އެވަގުތު ހީބިހިނެގިއެވެ. އަދި ނޭވާ ކަރުތެރޭގައި ތާށިވެ ކަރުބުޑުގައި ކަރުނައިގެ ރަހަލިއެވެ. އެއީ ކޮންކަހަލަ އިޙްސާސަކުން ވީކަމެއްކަމަށް އަހަންނަކަށް ބުނެދޭކަށް ނޭނގެއެވެ. އަހަންނަށް އެނގުނީ އަހަންނަށް ކޮންމެވެސް ކަމެއް ވެއްޖެކަމެވެ. އަހަރެންގެ ފުރާނައަށް ތީރެއް ހެރުނުކަހަލައެވެ. މި ނޫނީ މިފަދަ ރީތި އަސަރުގަދަ އަޑެއް އަހަރެން އަޑުނާހާކަހަލަ ގޮތެއްވިއެވެ.

(ނުނިމޭ)