އަހަރެން ބޮޑުވަމުން އައީ ރަލާއި މަސްތުގެ މާޙައުލެއްގައެވެ. ރަލުގެ މަސްތުގައި ހުރެގެން މަންމަ އާއި އަހަރެންގެ އިތުރުން އާއިލާގައި ދެންވެސް ތިބި ބޭބެމެންނާއި ކޮއްކޮމެންނަށް ބައްޕަ އަނިޔާކުރުމަކީ ކުޑައިރުއްސުރެން ތަޙައްމަލް ކުރަމުން ދިޔަ ވޭނެކެވެ. ރަނގަޅު ނަމޫނާ އެއް ދައްކާނެ ބައްޕައެއް ނެތި ކުށުގެ ވެއްޓެއްގައި އަހަރެން ބޮޑުވަމުން އައީ މީހުންނާއި ނުގުޅޭ އެހެންމީހުންނަށް އަނިޔާ ކުރާ ނުރަގަނޅު ކުއްޖެއްގެ ގޮތުގައި ލޭބަލް ވެގެންނެވެ.
އަހަރެން ނަކަލު ކުރަމުން ދިޔައީ ކުޑައިރުއްސުރެން އަހަންނަށް ފެންނަމުން ދިޔަ ކަންތައްތަކެވެ. ނަތީޖާއެއްގެ ގޮތުން ބޭބެމެންނާއި އަދި ކޮއްކޮމެންނާއި ގާތް ގުޅުމެއް ނުބޭއްވޭތަނުގައި ކްލާސްކުދިންނާއި މުދައްރިސުންނަކާވެސް އަހަންނާއި ގުޅުމެއް ނޯވެއެވެ. އަހަރެންގެ ރުޅިއާއި ނަފްރަތު އަހަރެންގެ ވަށައިގެންވާ ކޮންމެ އެއްޗަކަށް ވުމާއި ރުޅި އަންނަ ވަގުތުތަކުގައި އެހެންމީހުންނާއި ތަކެއްޗަށް އަނިޔާކުރާތީވެ އެއްވެސް މީހަކު އަހަންނާއި ގާތްވާކަށް ބޭނުމެއް ނުވެއެވެ.
އަހަރެންގެ އުމުރުން 13 އަހަރުގައި އަހަރެން ފަދައިން އުޅޭ ކުދިންތަކަކާއި އެކުވެރިވެ ގުރޫޕް ހެދީމެވެ. އެހެންނަމަވެސް އެކުދިންނާއެކު އުޅެގެން ވެސް އަހަންނަށް ހިތްހަމަ ޖެހުމެއް ނުލިބި ދުވަސްކޮޅަކުން ފޫހިވާން ފެށިއެވެ. ދެން އަހަރެން އެކީގައި އުޅެން ފެށީ އަހަންނަށް ވުރެ އުމުރުން ތަންކޮޅެއް ދޮށީ މީހުންގެ ގުރޫޕްތަކާއެވެ. އެ ގުރޫޕްތަކުގައި ނުކުރާކަށް ގޯސްކަމެއް ނޯވެއެވެ. ރަލާއި ޑްރަގާއި އެކިކަހަލަ ކުށާއި މީހުންނަށް އަނިޔާކުރުމާއި ނަސްލުގެ ތަފާތުކުރުން ފަދަ ހުރިހާ ކަމެއް އޮވެއެވެ.
އެދުވަސްވަރު “ރިފޯރމް ސްކޫލް” ގެ ނަމުގައި ކުދިން އިސްލާހު ކުރަން ލާ ކަހަލަ މަރުކަޒަކަށް އަހަރެން ގެންދެވުނެވެ. އެއީ ގާތްގަނޑަކަށް ހެން ޖަލެކެވެ. އެތަނުގައި ކުށުގެ ވެށިން އަހަރެމެންކަހަލަ ކުދިން ނެރެ ކޮންމެވެސް ހުނަރެއް ދަސްކޮށްދީ މުޖުތަމައަށް ބޭނުންތެރި މީހުންގެ ގޮތުގައި ހެދޭތޯ ބަލައެވެ. އެތަނުގައި އުޅުންވެސް އަހަންނަށް ވީ ވޭނަކަށެވެ. އަހަރެންގެ އެތެރެހަށީގައި ކުޑައިރުއްސުރެ އަށަގަނެފައިވާ ނަފްރަތާއި ރުޅިއާއި ކުލައިގެ ތަފާތު ކުރުމާއި ދީންތަކުގެ ތަފާތު ކުރުން އަހަންނަށް މާ ކުރީއްސުރެން ދަސްވެފައި އޮތުމުން މީހުންނާއެކު އުޅުން އަހަންނަށް ފަސޭހައެއް ނުވިއެވެ.
3 އަހަރު އެމަރުކަޒުގައި ހޭދަކޮށްފައި ނިކުތް އިރު އަހަންނަކީ ދިރިހުރި ނުރައްކާތެރި ހަތިޔާރެއް ފަދަ މީހެކެވެ.
އެތަނުން ނިކުތްތާ މާ ގިނަ ދުވަސްތަކެއް ނުވެ އެހެން އިތުރު ގުރޫޕަކާއި އަހަރެން ގުޅުނީމެވެ. އެ ގުރޫޕުގައި ނުކުރާކަށް ކުށެއް ނޯވެއެވެ. އަހަރެންވެސް އެ މީހުންނާއި އެކު އެގޮތަށް އުޅެން ފެށީމެވެ. އެމީހުންނާއެކު އުޅެމުން ދަނިކޮށް އަހަރެންގެ އުމުރުން 16 އަހަރުގައި ވައްކަމުގެ ކުށުގައި ކެލިފޯނިއާގެ ޔޫތް އޮތޯރިޓީން 6 އަހަރާއި ދޮޅު މަހަށް އަހަރެން ޖަލަށް ލިއެވެ. އެތަނުގައި ހޭދަކުރި ދުވަސްތަކުގައި އަހަރެންގެ އަބަދުގެ ވެސް ވިސްނުންކަމަށްވާ ދޮން މީހުން ގެންގުޅޭ ނަސްލީ ތަފާތު ކުރުމުގެ ވިސްނުމާއި އެ ނަފްރަތުވެސް އިތުރު ހަރުފަތަކަށް ދިޔައެވެ. އަހަރެން ގަބޫލު ކުރާގޮތުގައި އިނގިރޭސިންނާއި ޖަރުމަނު މީހުންގެ ނަސްލު ނޫން ދެން ތިބެނީ ޚާއްޞަކޮށް ކަޅު ނަސްލުގެ މީހުންނަކީ ނައްތާލަން ޖެހޭ ބައެއް ކަމަށެވެ.
ޖަލުގައި ދުވަސްތަކެއް ހޭދަވުމަށް ފަހު “ޕެރޯލް” ގެ ދަށުން ދެން އެފަދަ ކުށަކަށް ނާރާނެހެން ކުރި ހުވަޔާއެކު ދުވަސްކޮޅަކަށް އަހަރެން ޖަލުން މިނިވަން ވިއެވެ. އެހެނަސް ޖަލުން މިނިވަން ވުމާއެކު ނަސްލީ ތަފާތު ކުރުން ގެންގުޅޭ ނުރައްކާތެރި އިތުރު ގުރޫޕަކާއި އަހަރެން ގުޅުނީމެވެ. ޖެހިގެން އައި ތިން ހަތަރު އަހަރަކީ ގިނަ ކުށްތަކެއްގައި އަހަރެން ބައިވެރިވި ދުވަސްތަކެކެވެ. ތަންތަން ރޯކުރުމާއި މާރާމާރީ ހިންގުމާއި ވައްކަން ކުރުން ފަދަ ހުރިހާ ކަމެއް މި ގުރޫޕުގައި އަހަރެމެން ކުރީމެވެ. އޭރު ތަފާތު އެކިފަހަރުމަތިން އަހަންނަށް ޖަލަށް ދާން ޖެހުނެވެ.
އަހަރެން ކުރިން ހީކުރަމުން ދިޔައީ އެފަދަ ގޮތަކަށް ދިރިއުޅުމުން އަހަރެންގެ ހިތުގައިވާ ނަފްރަތާއި ރުޅި ނެރެވި ހިތަށް ހަމަޖެހުން ލިބިގެން ދާނެ ކަމަށެވެ. އޭރު އަހަރެންގެ މުޅި ހަށިގަނޑުގައި ވެސް އޮތީ ތަފާތު އެކިކަހަލަ ނުރައްކާތެރިކަން ރަމްޒުކޮށްދޭ ޓެޓޫތަކުން ފުރިފައެވެ. އަހަރެން އުޅޭ ކޮންމެ ތަނެއްގައި ވެސް މިފަދަ ނިޝާންތަކާއި ތަފާތު އެކިކަހަލަ ގްރެފިޓީ ތައް ކުރަހައި ހަދަމެވެ.
އެހެންނަމަވެސް އުމުރުން 20 އަހަރުގައި ޖަލު ހުކުމެއްގައި ޖަލުގައި ހޭދަކުރި ދުވަސްވަރު އަހަންނަށް އިޙްސާސް ކުރެވުނީ މީގެ ކުރިން އަހަންނަށް ވިސްނެމުން ދިޔައީ ނުބައިކޮށްކަމަށެވެ. އެހާ ހިސާބުން އަހަރެންގެ ދިރިއުޅުމުގައި ފާއިތުވި ދުވަސްތަކުގައި ކުރެވުނު ނުރަގަނޅު ކަންތައްތަކާއި މެދު ވިސްނެން ފެށި މުސްތަގުބަލައް އުއްމީދު ކުރެވެން ފެށިއެވެ. އަހަރެންގެ ފުށުން އަނިޔާ ލިބުނު މީހުންގެ މަތިން ހަނދާންވެ ދެރަ ހީވާން ފެށިއެވެ.
އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސަށް ބުނެވުނެވެ. “ކްލިންޓް، ކަލޭ ތިކަމުން ސަލާމަތްވެ ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތް ކުރަން ޖެހޭ”
އެހެންނަމަވެސް އަހަރެންގެ ކުރިމަތީގައި އޮތީ ވަރަށް ވެސް އުނދަގޫ ދަތި ރާސްތާއެކެވެ. އަހަރެންގެ އާއިލާގެ މެމްބަރުންނާއި، ރައްޓެހިވި އަންހެން ކުދިންނާއި ބޭބެމެންނާއި ކޮއްކޮމެން ވެސް އަހަރެންދެކެ ބިރުގަނެއެވެ.
އަހަރެން ބޭނުންވީ ލޯތްބާއި އެހީތެރިކަމެވެ. ގާތްކަމާއި އެކުވެރި ގުޅުންތަކެވެ. އެހާ ހިސާބުން އަހަރެން މީހުންދެކެ “ރުޅި އައުން” ހުއްޓާލަން ފެށީމެވެ.
އޭރު އަހަރެން ހުރީ މޮންޓަނާގައި ވައްކަމުގައި ކުށެއްގައި 5 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެހެންނަމަވެސް 2 އަހަރާއި ބަޔަށް ފަހު އަހަރެންގެ ބެރޮލްގައި ޖަލުން މިނިވަން ވީމެވެ. އަދި ބެރޮލްގައި ހުވައި ކުރި ގޮތަށް ކުށެއް ނުކޮށް ބާކީ 2 އަހަރާއި ބައި އަހަރެން ކާމިޔާބު ކަމާއެކު ހޭދަކުރީމެވެ.
އެހާހިސާބުން ހިއުމަންރައިޓްސް ގުރޫޕަކާއި ގުޅި ޚުދު އަހަރެން ހައްގުތައް ހޯދަން މަސައްކަތް ކުރީމެވެ. އަހަރެންގެ ގޯލަކަށް ވީ އަހަރެންފަދަ ކުދިން ކުށްކުރާ ގުރޫޕްތަކުން ދުރަށް ގެންގޮސް ކުށުގެ ވެށިން ސަލާމަތް ކޮށްދިނުމެވެ. އެއީ އެއް އިރެއްގައި އަހަރެންވެސް ގެއްލިގެން ދިޔަ މަގު ކަމަށްވާތީއެވެ. އަހަރެން ތަޖުރިބާކުރި ކަންތައްތައް އެކުދިން ތަޖުރިބާ ވިޔަ ނުދެވޭތޯ މަސައްކަތް ކޮށްދިނުމެވެ.
އެދުވަސްތަކުގައި އަނެއްކާވެސް އިތުރު ކުށެއްގައި އަހަރެން ޖަލަށް ލިއެވެ. ފެޑެރަލް ގަވަރމެންޓުން އަހަރެން 35 މަސް ދުވަހަށް ފެޑަރެލް ޖަލަށްލީ ތަނެއް ގޮއްވަން އުޅުނު ގުރޫޕަކާއެކު އެކަމުގައި ޝާމިލް ވުމުންނެވެ.
(ނުނިމޭ)