(ކުރީ ބަޔާއި ގުޅޭ)
ފެޑެރަލް ޖަލުގައި ހުރި އިރު އެތަނުން ދިމާވި އެފްރިކަން އެމެރިކާނަކު އަހަރެންގެ ކޮސްމެޓިކް ޚަރަދުތައް ކޮށްދޭން ބުންޏެވެ. އޭނަ ބުނިގޮތުގައި އޭނައަކީ މުސްލިމެކެވެ. އަދި މުސްލިމުންނަކީ ބޭނުން ޖެހިފައިތިބޭ މީހުންނަށް އެހީވުމަށް އެމީހުންގެ ދީނުގައި އަންގަވާ ބައެއްކަމަށް އެމީހާ ބުންޏެވެ. އެމީހާގެ ވާހަކަތަކުން އިސްލާމްދީނުގައިވަނީ ކޮންއެއްޗެއްތޯ ބެލުމާމެދު މެދު އަހަރެންގެ ހިތުގައި ޝައުގު އުފެދުނެވެ. އަހަރެން ގަބޫލު ކުރީ މިއީ އެފްރިކަން އެމެރިކަން އަށް ޚާއްޞަ ދީނެއް ކަމަށެވެ. އަހަންނަކީ ދޮން ނަސްލުގެ މީހަކަށް ވެފައި އަހަރެން އިސްލާމްދީން ގަބޫލު ކުރަން ޖެހޭ އެއްވެސް ގޮތެއް ނެތްކަން އަހަންނަށް އެނގެއެވެ.
އެހެންވިޔަސް އޭނަ ކާރިން އަހަރެން އިސްލާމްދީނުގެ ލިޓްރޭޗަރ ފޮތެއް ހޯދަން އެދުނީމެވެ. އެ ފޮތް ކިޔަމުން ދިޔަވަރަކަށް އަހަންނަށް އެނގެމުން ދިޔައީ މި ދީނުގައި ނަސްލީ އެއްވެސް ތަފާތުކުރުމެއް ނެތްކަމެވެ. ދޮން މީހުންނާއި ކަޅު މީހުން ވެސް ހަމަހަމަ ކަމެވެ. އެ ފޮތުގައި ވަނީ ވަރަށް ޙަގީގީ އަސްލުވާހަކަތަކެކެވެ. އެ ފޮތް ކިޔަމުން ދިޔަވަރަކަށް އެފޮތުގައިވާ އެއްޗަކުން އަހަންނަށް އަސަރު ފޯރަމުން ދިޔައެވެ. އަހަންނާއި ދިމާވި ބޭބެ އަހަންނަށް ޤުރުއާނުގެ ތަރުޖަމާއެއް ދިނެވެ. ތަރުޖަމާ ކިޔަމުން ދިޔައިރު އަހަންނަށް ގަބޫލު ކުރެވުނީ އިސްލާމްދީނަކީ ބަޔަކު އަމިއްލައަށް އުފައްދާފައިވާ އެއްޗެއް ނޫންކަމާއި އެއީ ހަދަހަދައިގެން ދައްކާ ވާހަކަ ތަކެއް ނޫންކަމެވެ. އެވަގުތު އަހަންނަށް ބަންގީގެ އަޑު އިވުނެވެ. އެ އަޑުން އަހަންނަށް އިޙްސާސް ކުރެވުނީ އަހަރެންގެ ހިތާއި ފުރާނަ ހެއްދެވިފަރާތާއި ވަރަށް ގާތްވެފައިވާ ކަމެވެ.
އޭގެ ފަހުން ކީރިތި ގުރުއާނާއި ބެހޭގޮތުން އަހަރެން ދިރާސާކުރަމުން ދިޔައީމެވެ. އޭގެ ކުރިން އަހަންނަށް ފެނިފައިވާ ދީންތަކުގައި 3 ކަލާނގެ އެއް ވާކަން ގަބޫލު ކުރުމާއި އެކިވައްތަރުގެ ކާނާ ކާންޖެހޭ ދީންތައް ހުރުމާއި ސައިންސްގެ އަލީގައި ފެންނަ ކަންކަން އެއީ ދީނީ ކަންކަމަށް ހަދާފައިވާކަން ފާހަގަ ކުރެވުނެވެ. އަދި އިސްލާމް ދީން ބިނާވެފައިވަނީ އެންމެ ކަލާނގެއަކާއި އެކަލާނގެ އުފެއްދެވި ތަކެތީގެ މައްޗަށް ކަމާއި އެދީނުގެ ހުރިހާ އަސާސެއް އަދި ވާހަކައެއް ކީރިތި ޤުރުއާނުގައި ކިޔައިދެވިފައިވާކަން އެނގިގެން ދިޔައެވެ. އެހެންކަމުން އިސްލާމް ދީން ފިޔަވައި އެހެން ހުރިހާ ދީން ތަކަކީ މީހުން އަމިއްލަ އަށް ހަދަހަދައިގެން އުޅޭ ދީންތަކެއްކަން ގަބޫކުރެވުނެވެ.
ދޮގާއި ތެދު ހޯދުމުގައި ގިނަ ދުވަސްތަކެއް ހޭދަވުމަށް ފަހު އިސްލާމްދީނުގެ ހިޔަލުގައި އަހަރެން މުޅިން ބަދަލުވެ އިސްލާޙުވިއެވެ. އިސްލާމްދީން އުނގެނެމުން ދިޔަވަރަކަށް އަހަރެންގެ ހިތުގެ ތެރޭގައި ފިލާހުރި ރުޅިވެރިކަމާއި ނުބައި ނުލަފާކަން ފިލައިގޮސް މުޅި މީހާ އެއްކޮށް ބަދަލުވެ އަހަންނަކީ އެހެންމީހުންނަށް އޯގާތެރި މަޑުމޮޅި މީހަކަށް ވިއެވެ. އޭގެ ކުރިން އަހަރެން ގަބޫލު ކުރަމުން އައި ނަސްލީ ތަފާތު ކުރުންތައް ވެސް އިސްލާމްދީނާ އެކު މުޅިން ބަދަލުވެގެން ދިޔައެވެ. އަހަރެންގެ ކުރިމަތީގައި މިހާރު އެންމެންނަކީ ހަމަހަމަ ބައެކެވެ.
ފުރިހަމަ މުސްލިމަކަށް ވުމާއެކު އަހަންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދިރިއުޅެންވީ ހެޔޮ މަގާއި ރާސްތާ ފެނި ރަނގަޅު އިންސާނެއްގެ ގޮތުގައި ދިރިއުޅެން ފުރުސަތު ލިބިގެން ދިޔައެވެ.
(ނިމުނީ)
ނޯޓް: މިއީ ދުނިޔޭގެ އެކިކަންކޮޅުތަަކުގައި އިސްލާމްދީނަށް އަލަށް ވަންނަ މުސްލިމުންގެ ދިރިއުޅުމުގެ އަސަރުގަދަ ވާހަކަ ހިއްސާކުރާ ވެބްސައިޓެއް ކަމަށްވާ އިސްލާމް ރިލިޖަން.ކޮމް އިން ނަގާފައިވާ ވާހަކަ އެއްގެ ތަރުޖަމާއެކެވެ.