English Edition
Dhivehi Edition

އަހަރެން އިސްލާމްވީ އުމުރުން 15 އަހަރުގައެވެ. އަހަރެންގެ މަންމަ އަކީ ހިލެބް އާއިލާއިން ޑިޓްރޮއިޓް އަށް އުފަން ސީރިއަނެކެވެ. އަހަރެންގެ ބައްޕައަކީ ޕޮލިޝް/ ސްލޮވެކް އާއިލާއަކުން އައިސްހުރި އެމެރިކާނެކެވެ. އަހަރެންވެސް އުފަންވީ ޑިޓްރޮއިޑް މިޝިގަން އަށެވެ. އަހަރެންގެ މަންމަ އާއި ބައްޕައަކީ ވެސް ކެތޮލިކުންނެވެ.

އަހަރެންގެ ޢުމުރުން 15 އަހަރުގައި އެންމެ ފުރަތަމަ އަހަރެން ބޭނުންވީ ކެތަލިކް ނަން އަކަށް ވާށެވެ. އޭރު އަހަރެން ކިޔަވަމުން ދިޔައީ ހައިސްކޫލްގައެވެ. ސްކޫލްގެ ވޯލްޑް ހިސްޓްރީ ކްލާހުގައި އަހަރެމެންނަށް މައިގަނޑު ދީން ތަކާއި ބެހޭ މައުލޫމާތު ދަސްކޮށްދީ ދީންތައް ކިޔަވަން ޖެހެއެވެ. އެގޮތުން އިސްލާމް ދީނާއި ޖެހުމުން އަހަންނަށް އެ ދީން ވަރަށް ކަމުދިޔައެވެ. އަހަރެމެން ކްލާހުގައި މިސްރުގެ މުސްލިމް ފިރިހެން ކުއްޖަކުވެސް އިނދެއެވެ. އިސްލާމްދީނާއި ބެހޭ ފިލާވަޅުތައް ކިޔަވައިދެމުން ދާއިރު އެކުއްޖާ މުދައްރިސަށް ބައެއް މައުލޫމާތު ރަނގަޅުވެސް ކޮށްދެއެވެ. އެފަދަ ވަގުތުގައި އަހަރެންގެ ހިތައް އަރައެވެ.

“ވާއު.. އޭނައަށް އަމިއްލަ ދީން ހާދަ ރަނގަޅަށް އެނގޭތީތާ މުދައްރިސަށް ވެސް ކިޔާދޭން އެނގެނީ. އޭނަގެ ހިތުގައި އެ ދީނުގެ އަގީދާގެ ވަރުގަދަކަމާއި ލޯބި ހާދަ ބޮޑޭދޯ ”

އެއްދުވަހަކު އަހަރެން އޭނަ ކައިރިން ސުވާލުކޮށްލީމެވެ. “ކެތަލިޒަމް އާއި އިސްލާމް ދީނާއި ހުރި ތަފާތަކީ ކޮބާ؟”

އޭނަ ބުނެދިނީ މާ ބޮޑުތަފާތެއް ނެތް ކަމަށެވެ. އޭނަގެ އެ ޖަވާބުން އަހަރެންގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ. އެހެންކަމުން އަހަރެންގެ މަންމަ ކާރީގައި ޤުރުއާން ގެ އިނގިރޭސި ކޮޕީއެއް ހޯދަން އެދުނީމެވެ. މަންމަ އަހަރެންގެ އެދުން ފުރިހަމަ ކޮށްދިނެވެ. އެއާއި އެކު އަހަރެން އެ ފޮތް ކިޔަވަން ފެށީމެވެ. އަހަރެން އެ ފޮތް ކިޔަން ފެށިފަހުން އުފެދުނު ޝައުގެއްގެ ބޮޑުކަމުން އަތުން އެ ފޮތް ދޫކުރާ ހިތެއް ނުވިއެވެ. ޤުރުއާން ފޮތުން ކިޔަވަމުން ދިޔަ ވަރަކަށް އަހަންނަށް އެނގެމުން ދިޔައީ އެ ފޮތަކީ ސީދާ ﷲ ތަޢާލާގެ ފަރާތްޕުޅުން އައިސްފައިވާ އެއްޗެއް ކަމެވެ. އެއްވެސް އިންސާނަކަށް އެފަދަ އެއްޗެއް އެކުނުލެވޭނެ ކަމެވެ. ޅެންވެރިކަމާއި ބަހަށް ލޯބި ހުންނަ އަހަންނަށް އެފޮތް ވެގެން ދިޔައީ ހައިރާން ކުރުވަނި މޮޅު އެއްޗަކަށެވެ. އެހާ ހިސާބުން ހިތުން ހިތުން އަހަރެން އިސްލާމް ދީން ގަބޫލުކުރީމެވެ.

ދެން އޮތީ އަހަރެންގެ ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ އިމްތިޙާނެވެ. އިސްލާމްދީން ގަބޫލު ކުރުމާއެކު އަހަރެން ދީނުގެ އަޅުކަންތައް ފުރިހަމަ ކުރަން ފެށީމެވެ. ނަމާދުކޮށް ރޯދަ ހިފަން ފެށީމެވެ. އެހާ ހިސާބުން އަހަރެންގެ އާއިލާއިން ޚާއްޞަކޮށް އަހަރެންގެ މަންމަ އަހަންނަށް ވަރަށް އަދަބު ދިނެވެ. އަހަރެންގެ އުމުރުގެ ޅަކަމާހެދި އަހަރެން ހީކުރީ އަހަންނަށް އިސްލާމް ދީން ކަމުދިޔަ ގޮތަށް މަންމަ މެންނަށް ވެސް އެ ދީން ކިޔައިދިނުމުން ކަމުދާނެ ކަމަށެވެ. އެހެނަސް ކަންވީ އެއާއި ޚިލާފަށެވެ. އެމީހުން އަހަރެންގެ ބުރުގާ ފޮރުވައި އަހަރެންގެ ނަމާދު ކުރާ މުސައްލައާއި ޤުރުއާން ވެސް ފޮރުވިއެވެ. ދީނާއި ގުޅުން ހުރި އެފަދައެއްޗެއް ފެނޭތޯ އަހަރެންގެ ބައްޕަ ކޮންމެ ދުވަހަކު އަހަރެންގެ ކޮޓަރި އަތްފުނާ އަޅައި ހޯދައި ބަލައެވެ. އަހަރެންނަށް އެހާ ހިސާބުން މުސްލިމް އެކުވެރިންނާ ވާހަކަ ދެއްކުން ވެސް މަނާވިއެވެ. އަދި އަހަރެންގެ އެކުވެރިންގެ މައިންބަފައިންނަށް ގުޅައި އެމީހުންގެ ދަރިން ގާތު އަހަންނަށް އިސްލާމްދީނާއި ބެހޭ ވާހަކަ ތައް ކިޔައި ނުދިނުމަށް ބުންޏެވެ. އަދި އެމީހުންގެ ވާހަކަ ތަކުން އަހަރެން އޮޅުންބޮޅުން ވަނީ ކަމަށާއި އަހަރެންގެ ވިސްނުމާއި އެމީހުން ކުޅެނީ ކަމަށް ބުނެ ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކިއެވެ.

އަހަރެންގެ މަންމަ އަހަންނަށް މަޖުބޫރުކޮށް ފައްޅިއަށް ގެންދެއެވެ. އެތަނަށް އަހަރެންދާ ކޮންމެ ފަހަރަކު ފައްޅީގެ ކަނެއްގައި އިށީނދެގެން އިނދެ އަހަރެންގެ ހިތައް އަރަމުން ދިޔައީ މި މީހުންނަށް ނުވިސްނޭ ވަރާއި އެމީހުން ގެއްލިފައިވާ މިންވަރެވެ. އަދި ފައްޅީގައި ހުންނަ ފާދިރީ މީހުންނަށް އޮޅުވާލުމަށް ހަދާ ދޮގުތަކާއި ބައިބަލް އިން އޭނަ އެހެންމީހުންނަށް އިއްވަން ބޭނުންވާ ތަންކޮޅު އެކަނި ކިޔައިދީ މީހުންގެ ވިސްނުމާއި ކުޅޭ މިންވަރެވެ.

އެއްދުވަހަކު އަހަރެންގެ މަންމަ އަހަންނާއި ފާދިރީއަކާއި ބައްދަލުކުރުވިއެވެ.

“އަހަރެން އިސްލާމްދީނެ ދެކެ ލޯބިވަން. ކަލޭމެން ކީއްވެ އެހާ ރީތި އެއްޗެއް ގޯސްކުރަން އުޅެނީ” އަހަންނަށް ބުނެވުނީ އެހެންނެވެ.

އޭނަ ބައިބަލް އިން ބައެއް ކަހަލަ އާޔަތް ކިޔައި އޭތި މީތި ވާހަކަ ދެއްކިއެވެ. އަދި އަހަރެންނަށް ހުވަފެނުގައި ހިޖާބު އަޅައިގެން މުސްލިމް ގައުމަކަށް ދާތީ ފެންނާނެ ކަމަށާއި އެއީ މުޅިންވެސް ޝައިތާނީ ވަސްވާސް ކަމަށް ބުންޏެވެ. އަދި ކަލާނގެ ކިބައިން ވާގި ހޯދުމަށް ކިޔައިދިނެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައިރު އަހަންނަށް ޚުދް އޭނަ ސިފަކުރެވުނީ ޝައިތާނެއްގެ ސިފައިގައެވެ. އަހަރެން އެ މޫނު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެވަގުތުވެސް އަހަރެން ވާގި ހޯދީ މަތިވެރި ކަލާނގެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިންނެވެ.

އަހަރެންގެ މަންމަ ގަސްތުގައި އަހަންނަށް އޫރުމަސް ކައްކާފައި އެއީ ބަކަރި ނުވަތަ ގެރި މަސްކަމަށް ބުނެ އޮޅުވަން އުޅެއެވެ. އެހެންނަމަވެސް އަހަރެން ކަނީ ވަރަށް ފަރުވާތެރިވެގެން ބަލައިގެން އެފަދަ އެއްޗެއްސާ ދުރުވެގެންނެވެ. އަހަރެންގެ ބައްޕަ އާއި ބައްޕަ ފަރާތު އާއިލާއިން ބުނީ އެމީހުންގެ ކާބަފައިންގެ ދީނަށް ނޫޅެ، އިސްލާމް ދީނަށް އުޅެން އެގޭގައި ނުހުރެވޭނެ ކަމަށެވެ. އަހަރެން ގެ ޚަތިމް އެމީހުން ޑަސްބިނަށް އަޅާނެތީ އެމީހުންނަށް ޚަތިމް ފޮރުވަން އޭސީގެ އައުޓްޑޯ ޔުނިޓަށް ވެސް އަހަރެން ލީމެވެ. އެމީހުން އަހަރެންގެ ކޮޓަރީގެ ތަޅުވެސް ހަލާކުކުރިއެވެ. ކޮޓަރި ތަޅުލެވެން ނެތުމުން ނަމާދު ކުރުން ވެސް އަހަންނަށް ވީ ވަރަށް ބޮޑު ދަތިކަމަކަށެވެ. އަހަރެން ނަމާދުކުރަން ވެސް ދަސްކުރީ އަރަބި ފޮތްތައް ބަލައިގެން އަމިއްލައަށެވެ. ކިތަންމެ އުނދަގުލަސް އަހަރެން ނަމާދުކުރަމެވެ. އެމީހުންނަށް އަހަރެން ނަމާދު ކުރަން ހުއްޓާ ފެނިއްޖެނަމަ މަލާމާތް ކޮށް ހީ ހަދައެވެ. ހަގީގަތުގައި އަހަރެންގެ މައިންބަފައިންނާއި އާއިލާގެ ފަރާތުން އޭރު އަހަންނަށް ކުރަމުން ދިޔަ ގޯނާތަކުގެ ވާހަކައަކީ ކިޔައިދޭން ވެސް ނޭގޭހައި ގިނަ ހިތްދަތި ވާހަކަތަކެވެ.

އެހާހިސާބުން އަހަރެންގެ އަންހެން ކޮއްކޮއަށް އިސްލާމްދީނުގެ ވާހަކަތައް ކިޔައިދޭން ފެށީމެވެ. އެކަން އެނގިގެން އަހަރެންގެ މައިންބަފައިން އަހަންނަށް އެންގީ އެގޮތަށް ކަންތައް ކުރާނަމަ އެ ގެއިން ނިކުތުމަށެވެ. އެހެނަސް އަހަރެން ކިޔައިދިން ވާހަކަ ތަކުގެ ސަބަބުން ކޮއްކޮގެ ހިތުގައި ކެތަލިކް ދީނާއި ބެހޭ ގޮތުން ސުވާލު އުފެދުނެވެ.

(ނުނިމޭ)

ނޯޓް: މިއީ ދުނިޔޭގެ އެކިކަންކޮޅުތަަކުގައި އިސްލާމްދީނަށް އަލަށް ވަންނަ މުސްލިމުންގެ ދިރިއުޅުމުގެ އަސަރުގަދަ ވާހަކަ ހިއްސާކުރާ ވެބްސައިޓެއް ކަމަށްވާ އިސްލާމް ރިލިޖަން.ކޮމް އިން ނަގާފައިވާ ވާހަކަ އެއްގެ ތަރުޖަމާއެކެވެ.