ދިމާވަމުން ދިޔަ ގޮންޖެހުންތަކާއެކު ދުވަސްކޮޅަކަށް އަޅުކަންކުރުމާއި އަހަރެން ދުރުވީމެވެ. ސަބަބަކީ އަހަންނަށް ސަޕޯޓް ކުރާނެ އެއްވެސް މީހަކު ނެތުމުންނާއި އުމުރުގެ ޅަކަމުންނެވެ. އެކަމަށް ކަލާނގެ ކިބައިން މާފަށް އެދުނީމެވެ. އަހަރެންގެ ހިތަށް ވިސްނައިދިނީ އަހަރެން ބޮޑުވެގެން މިއަށް ވުރެ ރަނގަޅުގޮތެއް ހޯދައި ދީނަށް ރަނގަޅަށް އުޅޭނީ ކަމެވެ.
އަހަރެންގެ ޢުމުރުން 20 އަހަރުގައި އެއްދުވަހަކު ޔުނިވަރސިޓީގައި ހުއްޓާ އަހަންނަށް ޔުނިވަރސިޓީ ކައިރީގައި މިސްކިތެއް ހުންނަ ކަމަށް އަންހެނަކު ބުނެދިނެވެ. އޭގެ ކުރިން އަހަންނަށް އެނގޭގޮތުގައި ޔުނިވަރސިޓީއާއި އެންމެ ކައިރީގައި ހުންނަ މިސްކިތް ވެސް ހުންނަނީ ގާތްގަނޑަކަށް 1 ގަޑި އިރުން ދެވޭހާ ދުރުގައެވެ. އެއީ ރޯދަމަސް ކަމުން އެދުވަހުގެ ރޯދަވީއްލުމަށް ޚާއްޞަކޮށްގެން މިސްކިތުގައި ކެއުމެއް ވެސް އޮންނާނެކަމަށް އޭނަ ބުންޏެވެ. އަހަރެން މިސްކިތަށް ދިޔައީމެވެ. އެވަގުތު އަހަރެންގެ ކަންފަތުގައި ބަންގީގެ އަޑު ޖެހުނެވެ. އެއަޑު އިވުމުން އަހަންނަށް ކުރެވުނު އުފާވެރި އިޙްސާސްތަކާއެކު ރޮވެން ފެށިއެވެ. ހަމަ ވަގުތުން އަހަރެން އެންމެންގެ ކުރިމަތީގައި ދުލުން ޝަހާދަތް ކިޔައި ފުރިހަމަ މުސްލިމަކަށް ވީމެވެ. އަދި އެވަގުތު އަހަރެން އަޒުމް ކަނޑައެޅީ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުނިކަމުގައި ވީނަމަވެސް އަހަރެންގެ ދީނުގައި ސާބިތުކަމާއެކު ދެމިހުންނާށެވެ. އަހަރެން ހިތަށް ވިސްނައިދިނީ ޔޫނުސް ޢަލައިހިއްސަލާމް މަހުގެ ބަނޑުގައި އުޅުއްވި ދަތ އުނދަގޫ ވަގުތުގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތް ލިބިލެއްވެވި ކަމަށެވެ. އަދި އެކަލާނގެ އަށް ހެޔޮ ހިތުން އަޅުކަން ކުރާ ފަރާތެއް ދެކެ ކަލާނގެ ލޯބިވެވޮޑިގަންނަވާނެ ކަމަށެވެ. އެހާ ހިސާބުން އަހަރެންގެ ކުރީގެ އެކުވެރިންވެސް ދޫކޮށް މުސްލިމް އެކުވެރިންނާއި އެކު އުޅެން ފެށީމެވެ.
ގެއިން ބޭރަށް ނިކުންނަ އިރު ބުރުގާ އެޅުން އެއީ ވެސް އަހަންނަށް ކުރިމަތިލާން ޖެހުނު ވަރަށް ބޮޑު އިމްތިޙާނެކެވެ. ބުރުގާ އަޅައިގެން އަހަރެން ގެއިން ނިކުތުން މަންމަ މެން ފާޅުގައި ދެކޮޅުހަދައި އެކަން މަނާ ކުރިއެވެ. އެހެންނަމަވެސް ބުރުގާ ނާޅައި އަހަރެން ބޭރަކަށް ނުދަމެވެ. ބައެއް ފަހަރު އަހަރެން ކާރުގައި ބުރުގާ ބޭއްވުމަށްފަހު ކާރަށް އަރައި ބުރުގާ އަޅައިގެން ބޭރަށް ދަމެވެ. އެފަދަ ވަގުތުތަކުގައި މަންމަ ބުނާ އަޑު އިވެއެވެ.
“ކަލޭމެންގެ އިސްލާމް ދީނުގައި އޮންނަނީ މައިންބަފައިން ބުނާ ގޮތަށް އުޅުމަކަށް ނު. އެމީހުންނަށް ކިޔަމަންތެރިކަން އަދާކުރުމަށް ވެސް އޮވޭނު. އެހެންވީއިރު ކަލޭވެސް އަހަރެމެންނަށް ކިޔަމަންވާން ޖެހޭނެ. އަހަރެމެން މި ބުނަނީ ކަލޭ ކާރީގައި ބުރުގާ ނާޅަން. ކުރީގައިވެސް ހެދުން އެޅިގޮތަށް ސްޓައިލިޝްކޮށް ހެދުން އަޅަން. ބޮޑު ހެދުން އަޅައިގެން ބުރުގާ އެޅީމަ ހީވަނީ މުސްކުޅިއެއްހެން” މަންމަ ރުޅިއައިސްގެން ބުނެއެވެ.
އަދި އެއްފަހަރު އަހަރެންގެ އަންހެން ކޮއްކޮގެ އެކުވެރިންތަކެއްގެ ކުރިމަތީގައި މަންމަ އާއި ކޮއްކޮ ވެގެން އަހަރެންގެ ބުރުގާ ދަމައި ބޭލިއެވެ. އެވަގުތު އަހަންނަށް އާދެވުނު ރުޅީގައި މަންމަގެ ގައިގައި ޖެހުނުވެސް މެއެވެ. އެހެންނަމަވެސް އެކަމަށް އަހަރެން ﷲގެ ހަޟްރަތުން ތައުބާވެ މާފަށް އެދުނީމެވެ.
މަންމަ ބުނާ ގޮތުގައި އަހަރެން ބުރުގާ އަޅައިގެން މުޅި އާއިލާ ލަދުގަންނަވަނީއެވެ. އަހަރެން އާންމު ތަންތަނުގައި އެގޮތަށް ހެދުން އަޅައިގެން އުޅުން ވެސް މަންމަ ބޭނުމެއް ނޫނެވެ. މަންމަގެ އިތުރުން މާމަގެ ކަންތައް އިތުރަށް ބޮޑުވެގެން ދިޔައެވެ. ބައެއްފަހަރު މާމަ ރުޅިއައިސްގެން އަހަންނާ ދިމާއަށް ހަޅޭލަވައެވެ.
“ކަލެއަށް އަހަރެމެން މިދައްކާ ވާހަކަ އަޑުނީވިގެން އުޅެނީ ކީއްވެ؟” އަހަރެން އަޅުކަން ކުރަން ހުންނަތަން ފެނުމުން މާމަ ރުޅިއައިސްގެން ބުނެއެވެ.
މާމަ ބުނާގޮތުގައި އަހަންނަކީ އަމިއްލައެދުން ބޮޑުމީހެކެވެ. ސަބަބަކީ އަހަރެން ބުރުގާ އަޅައިގެން އަހަރެންގެ އަންހެން ކޮއްކޮއާއި މުޅި އާއިލާ ލަދުގަންނަވާތީއެވެ.
އެމީހުން އަހަރެން ޤުރުއާން އަޑުއަހާގަޑީގައި އަހަންނަށް މަލާމާތް ކޮށް ޤުރުއާންގެ އާޔަތްތަކަށް ޖެއްސުން ކޮށް ބަދުބަސްބުނެ ހަދައެވެ. އަހަރެންގެ ކާފަ އަހަންނާއި ވާހަކަދެއްކުން އެއްކޮށް ހުއްޓާލިއެވެ. އަހަރެންގެ މާމައާއި މަންމަ އަހަންނާއި ދިމާއަށް ބުނީ ނަރަކައަށް ދިއުމަށެވެ.
މަންމަ އަހަރެން ގޮވައިގެން ސައިކޭސްޓްރިސްޓް އެއްގެ ކާރިއަށް ވެސް ދިޔައެވެ. އަދި އަހަރެން އިސްލާމްވި ވާހަކައާއި ކަންތައް ކުރާގޮތް ކިޔައިދީ އަހަންނަށް ބޭސް ދިނުމަށް ވެސް ބުންޏެވެ. ޑރ ދިން ބޭސް ތައް އަހަރެން އުކާލީމެވެ. އޭރު އަހަރެން ބޭނުންވީ އިސްލާމްދީން ރަނގަޅަށް ދަސްކޮށް ދީން އުނގަންނައިދޭ ފަދަ މޮޅު މީހަކަށް ވާށެވެ. އެހެންނަމަވެސް ދިރިއުޅެން ޖެހިފައި އޮތް މާހައުލުގެ ސަބަބުން އަހަރެންގެ ބޯ ހާސްވެ މޮޔަވާން ކައިރިވިއެވެ. އެހާ ހިސާބުން އަހަރެން ދެން ބޭނުންވީ ކައިވެނިކޮށްގެން އެތަނުން ސަލާމަތް ވާށެވެ.
ﷲ ގެ ރަޙްމަތްފުޅުން އަހަރެން އެދޭފަދަ ރަނގަޅު މުސްލިމް ފިރިހެނަކާއި ދިމާވެ އަހަރެން އޭނަ އާއި ކާވެނިކޮށް އެޓްލާންޓާއިން ހޮއުސްޓަން އަށް ދިރިއުޅުން ބަދަލުކުރީމެވެ. އޭގެ އެއްއަހަރުފަހުން އަހަރެމެންނަށް ލޯބި ފިރިހެންކުއްޖަކު ލިބުނެވެ.
އަހަންނަށް އިސްލާމްދީނުގެ ތެދުމަގު ދައްކަވައި ދީނުގައި ސާބިތުކަމާއެކު ދެމިހުރުމުގައި ވާގިވެރިކަން ދެއްވެވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ.