English Edition
Dhivehi Edition

އަޔާން އެހެން ބުނުމުން ނައިނާއަށް ފާޑެއްގެ ގޮތެއް ވިއެވެ…ކުޑަކޮށް ކޮށިއަރާގޮތް ވިއެވެ. ހިތްބިރުގަތެވެ. ” ކިހިނެތްވީ؟ އަޔާން ކުއްލިއަކަށް ސުވާލުކުރިއެވެ. ” ނޭނގޭ ބިރުވެރިކަމެއް އިޙުސާސް ކުރެވުނީ! ހިތްބިރުގަނެފައިވާ މީހަކުފަދައިން ނައިނާ ބުންޏެވެ. ކޮންކަމަކާ ބިރުގަންނަންވީ! އަހަރެން ނައިނާގާތު ހުރިހާ ހިނދަކު ނައިނާ ހާސްވެ ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ވިޔަކަ ނުދޭނަން! އަހަރެން އަބަދުވެސް ނައިނާގާތު ހުންނާނަން! ނައިނާގެ އަތުގައި ބޮސްދެމުން އަޔާން ވަރަށް ލޯބިން ބުންޏެވެ. އަޔާން އެހެން ބުނުމުން ކޮންމެސްވަރެއްގެ ހިތްހަމަޖެހުމެއް ނައިނާއަށް ލިބުނެވެ. އެކަމަކު ހަމަ ހިތް ތެޅެނީއެވެ.

”މަންމައަށް ހޭލެވިއްޖެއްޔާ އަހަރެން ކޮބާތޯ ބަލާނެ! ދެންދަނީ އިނގޭ! އަޔާންގެ އަތުތެރެއިން އަތް ދަމައިގަންނަމުން ކަހަލ ގޮތަކަށް ނައިނާ ބުންޏެވެ. އެހެންތަ! އަހަރެން ބޭނުމެއްނޫން ނައިނާއަށް ދެރަގޮތެއް ވާކަށް! އަވަހަށްދޭ! އަހަރެން ހުންނާނަށް ނައިނާއަށް ގެއަށް ދެވެންދެން ބަލަން! ވަރަށް ލޯބިވޭ އިނގޭ! އަޔާން އެ އޯގާތެރި ބަސްތަކުން ނައިނާ ހުރީ ވަރަށް އުފަލުންނެވެ. ގެއަށް ދިޔައީ ވަރަށް ހިތްހަމަޖެހިގެނެވެ. ނައިނާ ގެއަށް ދިޔުމުން އަޔާންވެސް ގެއަށް ދާން މިސްރާބު ޖެހިއެވެ. ގެކައިރިއަށް މަޑުކޮށްލިއިރު ނާމީ ހުރީ އަޔާންގެ އިންތިޒާރުގައެވެ. ” މިހާރު މަށަށްވެސް ހާދަ ވަގުވެއްޖޭ! ވާނުވާއެއް ނުވެސް އެނގޭ! ކޮންތާކު އުޅެފަތަ ތިޔައީ! ނާމީ ދިމާކުރުމާ ޝަކުވާ ކުރުމުގެ ރާގެއްގައި ބުންޏެވެ. ” ހުރިހާ ވާހަކައެއްވެސް ކިޔައިދޭންނަން، ހިނގާ ކޮފީއަށް! ދެމީހުން އެކުގައި ދިޔައީ އަތިރިމަޓިގައި ހުރި ކެފޭއަށެވެ.

” މިއައީ ނައިނާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާފަ! ނާމީ އަހަރެން ވަރަށް ލޯބިވޭ ނައިނާދެކެ! ނައިނާވެސް ވަރަށް ލޯބިވޭ އަހަރެންދެކެ! އަހަރެން ބޭނުމެއްނޫން ގިނަދުވަހު މިގޮތަށް އުޅޭކަށް ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން! ކޮބާ ނާމީގެ ޚިޔާލަކީ… އަޔާން ތަފާތު ވާހަކައެއް ނާމީއާ ޙިއްސާ ކުރިއެވެ. ނާމީ ފުންނޭވާއެއް ލިއެވެ. ތީ އަހަރެންވެސް ބޭނުންވާގޮތް! ތެޔޮނާށި ކާޅުޖަހައިގަތުމުގެ ކުރިން ތިޔަކަން ވޭތޯ ބަލަންވީނު! އަހަރެން އެބަހުރިން ވަރަށްގާތުގަ، ނާމީ އަޔާންއާ އެއްބައިވިއެވެ. ނާމީ ތީ މަށަށް އަބަދުވެސް ހެޔޮއެދޭ މީހެއްކަމަށް މަ ޤަބޫލުކުރަން، އަހަރެން ހަނދާނެއް ނުނެތޭ އަހަރެންގެ ގެ ހެދިއިރު ނާމީވީ އެހީތެރިކަން،، އަޔާން ނާމީއަށް ތަޢުރީފު ކުރިއެވެ. އެވަގުތު ނާމީ ގުދުވެގެން ކޮންމެސް އެއްޗެއް ހޯދަނީއެވެ.” ކޯއްޗެއް ތި ހޯދަނީ؟ ނާމީ ސުވާލު ކުރިއެވެ. ” މިހޯދަނީ އަޔާން ދެންމެ އަހަރެން ފުލަށްލީ ގޯނި! ނާމީ އެހެން ބުނުމުން އަޔާން ހިނގަނޑެއް ޖަހާލިއެވެ.

ކޮފީ ނިންމާފައި ގެއަށް އައިއިރު ދާން އިނީ އަޔާންގެ އިންތިޒާރުގައެވެ. މައިންބަފައިންގެ ވިޔަފައިރީގެ ކަންކަމުގައި ވާހަކަދައްކާލުމުގެ ބޭނުމުގައެވެ. ސިޓިންރޫމްގައި ދެމީހުން އެކަމުގެ މަޝްވަރާގައި ތިއްބެވެ. އަޔާންގެ މަންމަ ބޭރުން އައިސް ވަނީ އެގަޑީގައެވެ. ދެކުދިން ވާހަކަދައްކަން ތިބިތަން ފެނުމުން ވަރަށް އުފާވިއެވެ. އޭނާގެ ދަރިފުޅުގެ ރަނގަޅު ކަމުންނެވެ. އަބަދުވެސް މީހުނާ ދޭތެރޭ އޯގާތެރިވާތީއެވެ. އެފަދަ ދަރިއަކު އޭނާއަށް ދެއްވީތީ ﷲއަށް ޙަމދު ކުރިއެވެ.

ދުވަސްތައް ތޮށަލި ދުޅައަށް ވޭތުވަމުން ދިޔައެވެ. މައިންބަފައިންގެ މަރުގެ ހާދިސާއަށް ފަހު ދާން އޭނާގެ ހިތުގެ ރާނީގެ ވާހަކަ ދެއްކުން ގާތްގަޑަކަށް ހުއްޓާލީއޭވެސް ބުނެވިދާނެއެވެ. އެވާހަކައިގެ ބަދަލުގައި މުޅިންވެސް ދައްކަނީ ވިޔަފައިރީގެ ވާހަކައެވެ. މި ދުވަސްތަކުގައި އަޔާންއާ ނައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ. އެކަކު އަނެކަކަށްޓަކައި މުޅި ޢުމުރު ހޭދަކުރަން ނިންމިއެވެ. އެތައް ހުވާތަކަކާ ވަޢުދުތައް ވަމުން ދިޔައެވެ. ލޯބީގައި ތެދުވެރި ވުމަށެވެ. ދެގޮތެއްނުވެ ތިބުމަށެވެ. އަޔާން ނިންމީ ނައިނާއާ ކައިވެނި ކުރާ ވާހަކަ އޭނާގެ މަންމަގާތު ބުނުމަށެވެ. އަދި ނައިނާގެ މައިންބަފައިންގެ ރުހުން ހޯދުމަށެވެ. ރަނގަޅު ދިރިއުޅުމެއް އުޅުމަށެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެކެވެ. އަޔާން ގަސްތުކުރީ އޭނާގެ މަންމަގާތު ނައިނާގެ ވާހަކަ ދެއްކުމަށެވެ. އެވަގުތު ގެއަށް ވަދެގެން އަންނަތަން ފެނުނީ ދާންއެވެ. އަޔާން އެވާހަކަ ދެއްކުން މަޑުކޮށްލިއެވެ. ދާން އައިގޮތަށް އައިސް އަޔާންގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ބޭރަށް ގެންދިޔައެވެ. ދޮރާށިން ބޭރަށް ނުކުމެވުނު އިރުވެސް ދާންއަށް މައިނޭވާ ލެވެއެވެ. އެކަމަކު އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ” އަޔާން އަހަރެންގެ ހިތުގެ ރާނީ ފެނިއްޖެ! މިއައީ އުޅޭ ގެ ހޯދާފަ! ހިނގާބަލަ ނިކަން މަށާއެކު! ހަމަ މިރޭ ބޭނުން އޭނަޔާ ވާހަކަދައްކަން! ދާން ފައްޗަކަށް އަމުނާލިއެވެ. ” ހިނގާ ހިނގާ ތިޔަކަންތައް އެބަޖެހޭ ކޮންމެހެންވެސް ކޮޅެއްގަ ޖައްސަން! އަޔާންވެސް ދާންއާ އެއްބައިވިއެވެ. ދެމީހުން އެކުގައި ދާން އެބުނާ މަންޒިލަކަށް ދިޔުމަށް ދަތުރު ފެށިއެވެ.

ދާން އިނީ ސައިކަލުގެ ކުރީގައެވެ. ” ތަންކޮޅެއް މަޑުން ދުއްވަބަލަ! އަޔާން އެހެން ބުނީ ދާން ސައިކަލު ދުއްވާލެއް ބާރުކަމުންނެވެ. ދުއްވަމުން ދުއްވަމުން ގޮސް ސައިކަލު މަޑުކޮށްލައިފިއެވެ. ” އާދެވުނީތަ؟ އަޔާން ސުވާލު ކުރިއެވެ. ” އާ މީއޭ އެގެއަކީ…! ” ސަމާސާ ނުކުރޭ ދާން! އަޔާން އެހެން ބުނީ ފާޑަކަށެވެ. ” ހަމަ ސީރިޔަސް މިގޭގައޭ އުޅެނީ އޭނަ.. ނަން ބުނަންތަ؟ ނަންވެސް އެނގޭ މަށަށް! ހިތަށްއެރީ މިގޭކައިރިއަށް އައިސް ނަން ބުނާނީއޭ! ” އާ..އާނ… ބުނެބަލަ،،، އަޔާން ދެލޯ މަރާލިއެވެ. މުޅި މީހާ ފިނިވިއެވެ. އަޔާންއާ ދާން އެތިބީ ނައިނާމެންގޭ ކުރިމަތީގައެވެ. އަޔާންﷲއަށް ދުޢާ ކުރިއެވެ. ދާންގެ ދުލުން ނިކުންނަ ނަމަކީ ނައިނާގެ ނަމަށް ނުވުމަށެވެ. އަޔާން ތުރުތުރުއަޅަން ފެށިއެވެ. ހިތްބިރުގަންނަން ފެށިއެވެ.

” އަޔާން އޭނާއަށް ކިޔަނީ ނައިނާ.. އިރުއޮއްސުނު ގަޑީގަ މިގޭ ކައިރިން ފެނުނީ… އޭނަގެ މަންމަ މަށާ ވާހަކަދެއްކީ … އަހަރެން އެހިން އެއީ ދައްތަގެ ދަރިއެއްހޭ،،، ބުނީ އާއެނކޭ ނައިނާއޭ ކިޔަނީ،،، މިގެއަށް އަންނަންވެސް ވާނޭ ބުނި… ދާން އަޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭރު އަޔާން ފެންކަޅި ވެއްޖެއެވެ. ހަނދާނެ ގޮތެއް ނޭނގުނެވެ. ކުއްލިއަކަށް ޖީބުން ފޯނުނެގިއެވެ. ” ހަލޯ ނާމީ ކީކޭ.. އާނ މިދަނީ އިނގޭ…! ފޯނު ބޭއްވުމަށް ފަހު އަޔާން ބުންޏެވެ. ނާމީއަށް ވަރަށް ބޮޑު ކަމެއް ދިމާވެގެން އެގުޅީ،، ވަރަށް އަވަހަށް ދާންއެބަޖެހޭ! ދެން މިގެ ފެނިއްޖެއްނު.. ރާނީ ބަލާލާނީ އެހެން އިރަކުން! އެހިސާބަށްވެސް އަޔާންއަށް ބުނެވުނީ އަނެއްފަރާތަށް އެނބުރި ހުރެއެވެ. އަޔާން ބޭނުންވަނީ އަވަހަށް އެތަނުން ދާށެވެ.

(ނުނިމޭ)