English Edition
Dhivehi Edition

ކީރިތި ޤުރުއާނުގައި ވަނީ އަޅުގަނޑުމެން އުޅެންވީ ހުރިހާ ގޮތެއް ބަޔާންކުރައްވާފައި ކަމަށާއި ޤުރުއާނުން، އެންމެ ހެޔޮވެގެންވާ މަގަށް މަގު ދައްކައިދޭކަމަށް ޝައިޚް މުޙައްމަދު ސިފާން ވިދާޅުވެއްޖެއެވެ.

ޝެއިޚް ސިފާން މިހެން ވިދާޅުވީ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ރ. ދުވާފަރުގައި ބޭއްވި 8 ވަނަ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

މި ފޯރަމްގައި އައްޝައިޚް ސިފާންގެ އިތުރުން ބައިވެރިވެ ވަޑައިގެންނެވީ ޝައިޚް ޢާޒިމް ޚާލިދެވެ.

” އަލް ޙުޖުރާތް ސޫރަތުން ލިބޭ ފިލާވަޅުތައް ” މި މައުޟޫޢަށް ދެ ބޭފުޅުންވެސް ވަނީ ވަރަށް ތަފްސީލުކޮށް ބައްލަވައި ގިނަ މިސާލުތަކާއި، ހާދިސާތަކަށް ބައްލަވާލައްވާފައެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޝައިޚް މުޙައްމަދު ސިފާން ވިދާޅުވީ ކީރިތި ޤުރުއާނުގައި އަޅުގަނޑުމެން އުޅެންވީ ހުރިހާ ގޮތެއް ބަޔާންކުރައްވާފައިވާ ކަމަށެވެ.

ޤުރުއާނުން އެންމެ ހެޔޮވެގެންވާ މަގަށް މަގު ދައްކައިދޭނެ ކަމަށް މާތް ﷲ ވަޙީކުރައްވާފައިވާކަމަށާއި އަލް ޙުޖްރާތް ސޫރަތުގައި ބަޔާންވެގެންވަނީ އަޅުގަނޑުމެންގެ މުޖުތަމައަށް ބޭނުންވާ އަޚްލާޤީ ސިފަތައްކަމަށެވެ. ޝައިޚް ވަނީ އެ ސޫރަތުގެ އާޔަތްތަކަށް ބައްލަވައި މިހާރު އަޅުގަނޑުމެންގެ މުޖުތަމައުގައި ދިމާވާ ކަންކަމަށް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ދެ މީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ކޮށްދިނުމަށް އަންގަވާފައިވީނަމަވެސް މިއަދުގެ މުޖުތަމައުން ފެންނަނީ އެއާ ޚިލާފަށް ޢަމަލުކުރާތަންކަމަށް ވިދާޅުވިއެވެ. ބަޔަކު މައްސަލައެއް ޖެހިގެން އުޅޭނަމަ އެ މައްސަލަ އިތުރަށް ގޯސްކުރުމުގެ ބަދަލުގައި އެކަމެއް ޙައްލުކޮށްދިނުމަށް މި ސޫރަތުގައި މާތްﷲ އަންގަވާފައިވާކަމަށް ވިދާޅުވިއެވެ.

މާތް ﷲ ކަމަކަށް ނިޔާ ކަނޑައަޅުއްވައިފިނަމަ އެކަމަކަށް އެއްވެސް އަޅަކަށް ނުރުހުންތެރި ނުވެވޭނެކަމަށާއި މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންވެ އެންގެވި ގޮތަށް އުޅެންޖެހޭ ކަން ޝައިޚް ވަނީ ފާހަގަކުރައްވާފައެވެ. އަދި ތިމާ ވަކި ނަސަބަކުން އައިނަމަވެސް ނަސްލެއްގެ ސަބަބުން އިންސާނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާކަމަށާއި މާތްﷲގެ ހަޟްރަތުގައި އެންމެ މާތްކަން ބޮޑީ އެންމެ ތަޤްވާވެރި މީހާކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޝައިޚް ޢާޒިމް ޚާލިދް ވަނީ މި މުޖުތަމައުގައި ހިނގާ ކަންތައްތަކުން މިސާލު ނަންގަވައި ޙުޖުރާތު ސޫރަތުގައި އެކަންކަމާއި ގުޅޭ ގޮތުން ވަޙީކުރައްވާފައިވާ އާޔަތްތައް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން މީހަކު ޚަބަރަކާއިގެން އައިނަމަވެސް އެ ޚަބަރެއްގެ ތެދުދޮގު ނުބަލައި އެއީ ހަގީގަތެއްކަމަށް ބަލައިގެން ނުވާނެކަން އަންގަވާފައިވާ ވަހީބަސްފުޅަށް ބައްލަވާލެއްވިއެވެ. އަދި ކުށް ހީތަކާއި، ދެބައޮޑުވުމާއި ދޭތެރެ ޖެއްސުންފަދަ ކަންކަމުން މުސްލިމުން ދުރުހެލިވާންޖެހޭކަން ބަޔާންކުރައްވައި އެގޮތަށް އަމަލު ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.