English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުން ނުވާކަމަށް އިދިކޮޅު ޕީޕީއެމްއާއި އެމްއެންޕީ އަދި އަމިއްލަގޮތުން ވާދަކުރަން ނިންމާފައިވާ ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.

ޖޭޕީން ކޯލިޝަން ހެދުމަށް އެދި ސިޓީ ފޮނުވާފައިވަނީ ޕީޕީއެމް، އެމްއެންޕީ، އެމްއާރުއެމް، އަދި އަމިއްލަގޮތުން ވާދަަކުރާނެކަން އިއުލާންކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނާއިބު ޑރ.މުހައްމަދު މުނައްވަރަށެވެ.

ގާސިމް ފޮނުއްވެވި ދައުވަތާއި ގުޅިގެން ޕީޕީއެމްއިން ބުނެފައިވަނީ އެހެން ބަޔަކު އިސްވެ އޮވެ ހަދާ ކޯލިޝަނެއްގައި ބައިވެރިނުވާނެކަމަށާއި އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ވާދަކުރާނެކަމަށެވެ.

އެމްއެންޕީންވެސް ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެޕާޓީން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އެގޮތުން ޖޭޕީން ހުށަހެޅި ފަދައިން އެޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގައި އެމްއެންޕީން ބައިވެރިވުމަކީ، ޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލަކަށްވުމުގެ އިތުރުން، އެދައުވަތު ޤަބޫލުކުރުމަކީ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމެއްކަމަށް އެޕާޓީން ބުނެފައި ވެއެވެ.

ގާސިމްގެ ދައުވަތާއި ގުޅިގެން އުމަރު ނަސީރު ވިދާޅުވީ، އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް އެރުމަށް ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.

އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވާފައިވާ ޑރ.މުނައްވަރު ވިދާޅުވީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތްކަމަށާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީވެސް ކޯލިޝަން ހެދުމުން ޤައުމަށް ގެއްލުންވަމުންދާތީކަމަށެވެ.

ޖޭޕީން ކޯލިޝަން ހެދުމުގެ ދައުވަތަށް އެމްއާރުއެމް ފިޔަވައި ހުރިހާ ފަރާތަކުން މިހާރު ވަނީ ޖަވާބުދީފައެވެ. އެގޮތުން ޕީޕީއެމް، އެމްއެންޕީ އަދި އުމަރު ނަސީރާއި ޑރ.މުހައްމަދު މުނައްވަރުވެސް ވަނީ ޖޭޕީގެ ދައުވަތު ޤަބޫލުނުކުރާނެކަން ހާމަކޮށްފައެވެ. އެ ހުރިހާ ފަރާތަކުންވެސް މައިގަނޑު ގޮތެއްގައި ބުނަނީ ޖޭޕީގެ ފަހަތަށް ނާރާނެކަމަށެވެ.

ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ރިޔާސީ އިންތިހާބަށް ނުކުތީ އެމްޑީޕީއާއެކު އިންތިހާބުގައި ވާދަކުރުމަށް ދައުވަތު ދީފައިވަނިކޮށެވެ.