English Edition
Dhivehi Edition

އައްޑޫސިޓީގެ އިތުރު ކުއްޖަކު މީސެލްސްއަށް ޕޮޒިޓިވް ވިކަމަށް ފެތުރެމުންދާ ޚަބަރު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު އައްޑޫސިޓީން މިބަލީގެ ކުއްޖަކު ފެނުމާގުޅިގެން ބަލީގެ ޙާލަތު ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތަކާމެދު ގޮތެއް ނިންމުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓީމެއް ވަނީ އައްޑޫ ގައި ޙަރަކާތްތެރިވެފައެވެ. މިކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރަމުން ހޮސްޕިޓަލުން ބުނީ މިޓީމާއި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެން މިހާރުވަނީ ކޭސްއާއި ގުޅޭ ކޮންޓެކްޓް ޓްރޭސިން ނިންމައި ކޮމިއުނިޓީ ސާރވޭ ހަދާފައިކަމަށެވެ.

މިކަމަށް ހަދާ ކޮމިއުނިޓީ ސާވޭ އަކީ ކޭސް ފެނިފައިވާ ސަރަހައްދުގެ ވަށައިގެންވާ ގެތަކުގެ މީހުންގެ ތެރެއިން މީސެލްސް ވެކްސިންގެ ދެޑޯޒް ހަމަވެފައި ވަނީ ކޮންބައެއްތޯބަލާ، ހަމަވެފައިނުވާ ފަރާތަކަށް ވެކްސިންގެ ޑޯޒް ހަމަކުރުމާއި އަދި ވެކްސިންގެ ރިކޯޑް ނެތް ފަރާތްތަކަށް ވެކްސިން ދިނުމެވެ.

އެގޮތުން މީސެލްސް ކޭސް ފެނިފައިވާ ސަރަޙައްދުގެ 16 ތަނެއް ސާވޭކުރިއިރު އެސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ކުދިން ވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާކަން ހޮސްޕިޓަލުން ފާހަގަ ކުރެއެވެ. މި މަސައްކަތުގެ ތެރޭ 5 އޭޕްރީލް 2023 އިން ފެށިގެން ބިދޭސީންނާއި ދިވެހިންވެސް ހިމެނޭހެން ބޮޑެތި މީހުންގެ ތެރޭގައި ތިބި ވެކްސިންގެ ރެކޯޑު ނެތް ފަރާތްތަކާއި ވެކްސިން ޖަހާފައި ނުވާ ފަރާތްތަކަށް ވަނީ ވެކްސިން ޖަހަން ފަށާފައެވެ. ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އޭއޯ ނިއުސްއާއި ވާހަކަ ދައްކަމުން ވިދާޅުވީ 5 ފަރާތެއް ފިޔަވައި އެހެން ހުރިހާ އެންމެންނަށް މިހާރު ވެކްސިން ދީ ނިމިފައިވާ ކަމަށެވެ. “އެ 5 ފަރާތަށްވެސް ވަރަށް އަވަހަށް ވެކްސިން ދީ ނިންމާލެވޭނެ” މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދިވެހި ރާއްޖެއަކީ މީސެލްސް ނައްތާލެވިފައިވާ ޤައުމަކަށްވެފައި އަދި ސަވައިލަންސްއަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ގެންދަނީ ޢާންމު އުސޫލުގެ މަތިން ހުމާއި އެކީ ބިހި ހުންނަ ނަމަ ސާމްޕަލް ނަގަމުން ކަމަށާއި މިއީ މީސެލްސް ކޭސް އާއި ގުޅިގެން ކުރާ ކަމެއް ނޫން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ޓެގު