ހަގީގަތުގައި ވެސް ނައިނާއަކީ މީހުންނަށް ވަރަށް އޯގާތެރި އަންހެން ކުއްޖެކެވެ. ނައިނާއާ ދިމާއަށް ބަލާލުމަށްފަހު ދާން ގޮވައިގެން އަޔާން ދިޔައީ އަޔާންމެންގެ ގެއަށެވެ. މިވަގުތު ދާންމެންގެއަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވާނެކަމަށް ބަލާފައެވެ. ގެއަށް ވަދެވުމާއެކު ދާންގެ ބަޑި ފަޅައިގެން ދިޔައެވެ. އަޔާންގެ ގައިގާ އޮޅުލައިގަނެފައި ރޯން ފެށީއެވެ. އަޑުން އަޑުނަގައެވެ. އަޔާންވެސް ދާން ރޯން ފުރުޞަތު ދީގެން ހުރީއެވެ. ހިތަށް ހަމަޖެހުން ލިބޭނެ ކަމަށް ބަލާފައެވެ. އެތަށް އިރަކު ރުއިމަށް ފަހު ދާން ރުއިން ހުއްޓާލިއެވެ. އަޔާން ދާން ގޮވައިގެން ގޮސް އަޔާންގެ ކޮޓަރި އެނދުގައި އޮށޯވެލަން ބުންޏެވެ. ދާންވެސް އެގޮތަށް އެއްބަސްވިއެވެ.
ދާންގެ މައިންބަފައިން ނިޔާވިފަހުން ހަފުތާއެއްވީއެވެ. މިހާރު ދާންވެސް ހަމައަކަށް އެޅިއްޖެއެވެ. އެހެންނަމަވެސް ހުންނަނީ ވަރަށް މަޑުންނެވެ. ދާން ގޮވައިގެން އަޔާން ގެއިންބޭރަށް ނުކުތީ ދާންގެ ހިތުގެ ރާނީ ފެނޭތޯއެވެ. އޭރުންވެސް ފަހަރެއްގައި ދާންގެ ހިތަށް ހަމަޖެހުމެއް ލިބިދާނެ ކަމަށް ބަލާފައެވެ. ސައިކަލުގައި ވަކިހިސާބަކަށް ދެވުނުތަނާ ފިހާރައެއްގެ ތެރެއިން އަޔާންއަށް ނައިނާ ފެނުނެވެ. މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކުރުމަށް ފަހު ދާންގާތު އެބައަންނަމޭ މަޑުކޮށްލާށޭ ކިޔާފައި އަޔާން ދިޔައީ ނައިނާ ހުރި ފިހާރައަށެވެ. ނައިނާއަށް އަޔާން ފެނުމާއެކު ވަރަށް އުފާވިއެވެ. އެހެންޏާ ލަދުގަނެ ހާސްވާ ގޮތަށް މިފަހަރު ނުވިއެވެ.
” ނައިނާ އަހަރެން ބޭނުން ނައިނާއާ ބައްދަލުކޮށްލަން” ކޮންމެސް ވަގުތުކޮޅެއްދީ… މިރޭ 9ޖަހާއިރަށް ތިގޭ ކައިރި އަތިރިމައްޗަށް އަންނާނަން” އިންތިޒާރުކުރައްޗޭ ޕްލީޒް” އަޔާން ވަރަށް އާދޭސް ކުރިއެވެ. ” އައްދެ ހާދަވަރެއްވެފައޭ އަޔާންގެ އިންތިޒާރުގަ ހުންނާނަމޭ” ނައިނާ އެހެން ބުނީ ވަރަށް އުފަލުން ހުރެއެވެ. އަޔާންވީ އުފަލުން އެތަނުން ” ޑެއިރީ މިލްކް ޗޮކޮލެޓެއް ގަނެ ނައިނާގެ އަތަށް ދީފައި މިރޭ މިހަފައިގެން އަންނާށޭ ކިޔާފައި ހިނގައްޖެއެވެ. ނައިނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަތަށް ޗޮކުލެޓު ލައިގެން އަޔާން ފިހާރަތެރެއިން ނުކުންނަންދެން އަޔާންއަށް ބަލަހައްޓައިގެން ހުއްޓެވެ. އަޔާން ނުކުތުމުން ޗޮކުލެޓަށް ބަލަހައްޓައިގެން ހުރެ އަމިއްލައަށްވެސް ހެވުނެވެ.
އަޔާން އައިސް ސައިކަލަށް އެރުމުން ދާން އެހިއެވެ. ” ހާދަ އުފާވެފަ! އަނެއްކާ ހިތުގެ މަލިކާއާ ބައްދަލުވީތަ؟ ” އާނ! އެހެންވެ އެފިހާރައަށް ވަނީ… މިރެއަށް ގަޑިކިޔާފަ މިއައީ.. އަޔާން ވަރަށް ފޮނިވެލިއެވެ. އަސްތާ މިރެއަކީ ވަރަށް ޚާއްޞަ ރެއެއްތާ! އަސްލު ބުނަން، އަޔާންތީ ވަރަށް ރަނގަޅު މީހެއް، ތިކަހަލަ ރަނގަޅު އިންސާނުން ވަރަށް މަދުވާނެ! އަހަރެން އުފާކުރަން ތީ އަހަރެންގެ ކޮއްކޮއަކަށްވީތީ..! ” އެއްކެލަ ދާން އަހަރެން ބުނެފީމެއްނު އަހަންނަށް ތިޔަވަރަށް ތަޢުރީފު ނުކުރާށޭ! ލަދުގަނެއޭ! އެދުވަހު ވަރަށް ގިނައިރު ދުއްވިއިރުވެސް ދާންގެ ހިތުގެ އުފާވެރިކަން ފެންނަ ގޮތެއް ނުވިއެވެ.
ގަޑިން ރޭގަނޑު 8 ބައިވެއްޖެއެވެ. ކަޅުޖީންސަކާ ހުދުކުލައިގެ ޓީޝާޓެއް ލައިގެން އަޔާން ގެއިން ނުކުތީ އޭނާގެ ހިތުގެ ރާނީއާ ބައްދަލު ކުރުމަށެވެ. ހިތްގައިމު ރެއެކެވެ. އުޑުމަތީގައި ތަރިތައް ވިދާ ބަބަޅުމުން ދެއެވެ. ހަނދުހުރީ މެދު އުޑުގައި ފިޔަޖަހާލަ ޖަހާލައެވެ. ވޖެހޭ ނަލަނަލަ ވައިރޯލތަކާއެކު ރުއްރުކުގެ ފަންވަތްތަކާ ގަސްގަހުގެ ފަތްތަކުގެ މިޔުޒިކީ ނެށުންތަކުން މާޙައުލުގެ އުފާވެރިކަން ދެގުނައަށް ގެނެސްދެއެވެ. ސައިކަލަށް އަރާ ދުއްވާލީ ސީދާ ނައިނާމެންގޭ އަތިރިއާ ދިމާއަށެވެ. އަޔާންއަށް އެތަނަށް ދެވުނުއިރު 9ޖަހަން ތިންމިނެޓު ހުއްޓެވެ. އެހެންނަމަވެސް އަތިރިމަތީގައި ހުރި ޖޯލީގައި އޮށޭވެލައިގެން އޮތް ނައިނާ އަޔާންގެ ލޮލުގައި އަޅައިގަތެވެ. އަޔާން ހިނިތުން ވެލިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ނައިނާއާ ޖެހިގެން ހުރި ޖޯލިފަތީގައި އިށީދެލިއެވެ.
” ނައިނާ ” އަޔާން ގޮވާލިއެވެ. ޖަވާބުގައި ނައިނާ ދިއްކޮށްލީ އެއްކެލަ ޗޮކުލެޓެވެ. އަޔާން ދިޔައީ ސިއްސައިގެނެވެ. ލިބުނު އުފާވެސް އެހާ ބޮޑެވެ. އަސްލު ހިޔެއް ނުކުރަން ގެންނާނެކަމަކަށް،، އެއީ އެގަޑީގަ ވީ އުފަލުން ކުރެވުނު ކަމެއް! އަހަރެން މިރޭ ވަރަށް އުފާވެއްޖެ ނައިނާ މިތަނަށް އައީމަ! މަންމަގާތި ކީކޭ ކިޔާފަތަ ތި އައީ! އަޔާން އެހިއެވެ. ”މަންމަ މިރޭ ބަލިވެ އުޅޭތީ ބުނީ ބޭސްކައިގެން ނިދަނީއޯ! އެހެންވެ އެއްވެސް މީހެއްގެ ގާތުގަ ނުވެސް ބުނެ މިއައީ… ދެން ބައްޕަ ކޮބާ؟ ބައްޕަ ދޯ… އެވާހަކަ ކިޔައިދޭނަން ފަހުން… އަޔާން އަހަރެން އަޔާންދެކެ ވަރަށް ލޯބިވޭ! އަހަންނަކަށް ނޭނގެ ކީއްވެކަމެއް! ވަރަށް ގިނަމީހުން އަހަރެންގާތު ރައްޓެހިވާން އަހާ! އެކަމަކު އަޔާން އަހަރެންގެ ހިތް އަތުލައިފި! އަހަރެން ގަޔާވާ ވަރަށް ގިނަ ސިފަތަކެއް އަޔާންގެ ގައިގަ އެބަހުރި! ނައިނާގެ އެ ފޮނިފޮނި އިޝްޤީ ލަފުޒުތަކުން އަޔާންގެ ހިތް އުފަލުން ނަށަމުން ދިޔައެވެ.
” ނައިނާ! އަހަންނަށް ވެސް ނައިނާ ވަރަށް ކަމުދޭ! ހަމަތެދެއް މިބުނަނީ ނައިނާ އެނގެއެއްނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަރެން ނައިނާއަށްޓަކައި ފިދާވެއްޖެކަން! އަހަންނަކަށްވެސް ނޭނގެ ނައިނާދެކެ އެހާބޮޑަށް ލޯބި ވެވުނީ ކިހިނެތްކަމެއްވެސް! އެނގޭހާވެސް އެއްޗަކީ ނައިނާއާ ނުލައި އަހަންނަކަށް ނޫޅެވޭނެކަން! އަޔާންވެސް އޭނާގެ ހިތުގެ ޙާލަތު ނައިނާއަށް ކިޔައިދިނެވެ. އެދެހިތުގައި ޖަހަނީ އެއްވިންދެކެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް އަޔާންގެ އަތް ހަރަކާތް ކުރިއެވެ. މަޑުމަޑުން ނައިނާގެ އަތުގައި ހިފާލިއެވެ. އެއާއެކު ނައިނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ގައިން ހީބިހި ނެގިއެވެ. ލަދުން މުޅިމީހާ ރަތްވިއެވެ.
އަޔާން ބުނަމުން ދިޔައެވެ. ނައިނާ އަހަންނަށް ބޭވަފާތެރި ނުވައޗޭ! އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު ނައިނާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަށް! ހެޔޮލަފާ ފިރިންނަކީ ކިހާބޮޑު ނިޢުމަތެއްކަން ނައިނާއަށް އަންގައިދޭނަން! އަޔާންގެ އެ ވާހަކަތައް ނައިނާއަށް ވަރަށް ކަމުދިޔައެވެ. ނައިނާ ބޭނުންވަނީ އެކަހަލަ ފިރިއެކެވެ. އެކަކު އަނެކަކަށް ވަޢުދުތަކާ އަހުދުތައް ކުރުމުގައި ތިއްބެވެ. ކުއްލިއަކަށް އަޔާންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ދާންއެވެ. ފޯނު ނަގަން އުޅެނިކޮށް ކެނޑުނީއެވެ. އެވަގުތު ނައިނާ އެހިއެވެ. ” އަޔާން ދާންއެއީ އަޔާންގެ ކާކު؟ ކިހިނެތް ދާން ، އެނަން އެނގުނީ! އަޔާން ސުވާލުކުރިއެވެ. ދެންމެ ފޯނަށް ނަން އެރިއެއް ނޫންތަ؟ ތެދެކެވެ. އަޔާން ހަނދާން ނެތުނީއެވެ.
” ދާން އަކީ ކާކުކަން އަޔާން ވަރަށް ރަނގަޅަށް ނައިނާއަށް ކިޔައިދިނެވެ. އަޔާން ދާންއާމެދު ހަމްދަރުދީވާ ވަރު ނައިނާޢަށް ފާހަގަ ކުރެވުނެވެ. ” އަހަންނަށް ހީވަނީ ދެން އެންމެ ރަނގަޅުވާނީ ދާން ޒަވާޖީ ޙަޔާތެއް ފެށިއްޔާހެން.. ނައިނާ އެހެން ބުނުމާއެކު އަޔާން ކުއްލިއަކަށް އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް ތެޅިގަތެވެ. ” އާ ނ ތިހެން ބުނީމައޭ މިހަނދާންވީ ދާންއަށް މިރަށުން ވަރަށްރީތި ކުއްޖަކު ފެނިގެން އެބައުޅޭ،، މިއަދުވެސް އޭނަ ފެނޭތޯ ދުއްވަން ނުކުމެ އުޅެނިކޮށޭ ނައިނާ ފެނުނީ،! އަޔާން ކިޔައިދިނެވެ. ” ކާކުކަން އެނގޭތަ؟ ކޮންނަމެއް ކިޔަނީ! ނައިނާ އަޔާންއާ ސުވާލުކުރިއެވެ. ތިޔައެއް ނޭނގިގެންތާ ދޯ މިއުޅެނީ… ދާންއަކަށްވެސް ނޭނގެ ނަމެއްވެސް އުޅޭތަނެއްވެސް ،،، އަޔާން ޖަވާބު ދިނެވެ.
” އަޔާން އަޔާން ވާނެ ދާންއަށް އެކަން ކޮށްދެން! މިވަގުތު ދާންއަށް އެންމެ މުޙިއްމީ ހިތްޖެހުން،، ތިޔަބުނާ ކުއްޖަކު ފެނޭތޯ އަވަސްކުރަންވީނު، މިއަދު ދާން އެވަނީ ވަރަށް ބޮޑަށް އެކަނިވެރިވެފަ! އަހަރެން ވަރަށް ދެރަވޭ ދާންގެ ޙާލަތަށް! ނައިނާގެ ހިތުގައި ދާންއޮތް ހަމްދަރުދީ ފެނި އަޔާންގެ ހިތް އިތުރަށް ނައިނާއަށް ލެނބުނެވެ. އާނ! އެކަމާ ވަރަށް މަސައްކަތް އެބަކުރަން ކޮންމެފަދަ ޤުރުބާނީއެއް ވެގެންވެސް ދާންގެ މަލިކާ ހޯދައިދޭނަން! މިއީ އަހަރެންގއ ވައުދެއް! އަޔާން އެހެން ބުނުމުން ނައިނާއަށް ފާޑެއްގެ ގޮތެއް ވިއެވެ…
(ނުނިމޭ)