ސަރުކާރުގެ މަގާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން ޕާޓީން ވަކިވަމުން ދަނީ މަގާމު ދިފާއުކުރުމަށްކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތުހުމަތު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދު ކުރަން ނިންމަވައި ޖޭޕީން އިސްތިއުފާ ދެއްވަމުން ގެންދަވާ ބޭފުޅުންނަށް ނަސޭހަތް ދެއްވާ ގާސިމް ކުރެއްވި ޓްވީޓްގައި ވަނީ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރައްވާ ކަމުގެ ހަގީގަތާއި އެއްގޮތަށް ވާހަކަ ދެއްކުމަށް އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން “މަޤާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަގީގަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއުލާން ކުރެއްވުން ކީއްތޯ؟އޭ ވިދާޅުވެ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.
ގާސިމް މިހެން ވިދާޅުވީ ޖޭޕީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާ ގޮތަށް ނިންމުމާއި ގުޅިގެން އެޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފެއަށް ޖެހެމުންދާ ދަނޑިވަޅެއްގައެވެ.
ޖުމްހޫރީ ޕާޓީން މިހާތަނަށް ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އާއި ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދުގެ އިތުރުން އިމިގްރޭޝަންގެ ކޮންޓްރޯލާ އަހްމަދު ހުސައިން (ހަނަފީ)ހިމެނެއެވެ.
ޖޭޕީއަށް ސަރުކާރުގެ ތެރެއިން ލިބިފައިވާ ސްލޮޓްތަކުގައި ވަޒީރުކަން ކުރައްވަނީ ތިން ބޭފުޅުންނެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
އޭގެ ތެރެއިން މައުސޫމް ފިޔަވައި އިތުރު ބޭފުޅަކު އަދި ރައީސްގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވައެވެ.