English Edition
Dhivehi Edition

މިއަދު ދައުލަތުގެ ކުންފުނިތައް ސިޔާސީ ހާލިތަކަކަށް ވެފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް ކުންފުނިތަކަށް ބޭނުން ގޮތެއް ހަދާކަމުގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ ގެ ކްލަބްހައުސް އިވެންޓް ގައި ރޭ ވާހަކަދައްކަވަމުން ނެވެ.

އޭނާ ވިދާޅުވީ މި އަމަލުތަކަކީ ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ގާނޫނުގެ މަގްސަދާ ވެސް ޚިލާފު ކަންކަން ކަމުގައެވެ.

އެމްއެންޕީގެ ސަރުކާރެއްގައި ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރި ބޭރުގައުމުތަކަށް ފުޅާކުރައްވާނެ ކަމަށާއި ދައުލަތުގެ ބޮޑެތި ބައެއް ކުންފުނިތަކުން ކުރަންނުޖެހޭ ކަންކަމުގެ ތެރޭގައި އުޅޭތަން ފެންނަ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެހެންނަމަވެސް، އެކަންކަން ދޫކޮށް އެ ކުންފުނިތަކުގެ ވިޔަފާރީގެ ދާއިރާގައި ރާއްޖޭން ބޭރުގައި މަސައްކަތް ނަފާ ހޯދިދާނެ ކަމުގައި ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ވިޔަފާރި ކުރެވޭނެ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ މިސާލު ދައްކަވަމުން ނާޒިމް ފާހަގަކުރެއްވި ކުންފުނިތަކަކީ އެސްޓީއޯ، ބޭންކް އޮފް މޯލްޑިވްސް އަދި އެމްޓީސީސީއެވެ.

އެސްޓީއޯ އިން ކުދި ވިޔަފާރިތަކަށް ވަދެ ރާއްޖޭގައި ވިޔަފާރިކުރާ ކުދި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކޮށް ހަލާކުވާފަދަ ކަންކަން ކުރާވަރަށް ވުރެ އެ ކުންފުނި މާ ބޮޑު ކަމުގައި ނާޒިމް ވިދާޅުވިއެވެ. ކާޑުގެ ވިޔަފާރިއާ ތެލުގެ ވިޔަފާރި ކުރުން އެންމެ ރަނގަޅު ކަމަށާއި، ދެން އެ ކުރާ ކުދި ވިޔަފާރިތަކަށް ނުވަދެ ރާއްޖޭން ބޭރަށް ގޮސް ބޭރު ޤައުމުތަކުގައި ވިޔަފާރި ކުރެވޭނެ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އަކީވެސް މިގޮތަށް ބޭރު ޤައުމުތަކުގައި ވިޔަފާރި ކުރެވޭނެ ކުންފުންޏެއް ކަމުގައެވެ.

މިގޮތަށް ރާއްޖޭން ބޭރުގައި ވިޔަފާރިކުރުމަށް ދިވެހި މިފަދަ ކުންފުނިތަކުގައި އިތުރަށް ފައިސާ އިންވެސްޓުކޮށް ހިއްސާ ގަނެގެން މިކަން ކުރާނެ އަދި ކުރެވޭނެ ރާއްޖޭގެ ފަރާތްތައް އެބަ ތިބި ކަމަށާއި އެކަމާ ބެހޭ ގޮތުން ސްޓަޑީ ކުރައްވަމުން ގެންދަވާ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

ހަމަ މިގޮތަށް އެމްޓީސީވެސް އެ ކުންފުންޏާ އެކަށީގެން ނުވާ ކުދި މަސައްކަތްތަކުގެ ތެރެއަށް ވަދެ ކުދި ވިޔަފާރިތަކާ ރާއްޖޭގެ އިޤްތިޞާދު ހަލާކުވާ ގޮަތަށް މަސައްކަތްތައް ނުކޮށް، ބޮޑެތި މަޝްރޫޢު ހިންގުމާއި، އޭގެ އިތުރުން، ރާއްޖޭން ބޭރުގައި ވިޔަފާރި ކުރަންވީ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްއެންޕީ ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނާޒިމް ނިކުންނަވައި މިހާރު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ކުރައްވާނެ ކަންކަމުގެ ގޮތުގައި މިފަދަ ތަފާތު ކަންކަން ތަޢާރަފްކުރައްވާނެ ކަމުގައި ވިދާޅުވެއެވެ.

މިއަދު ސިޔާސީ ބޭނުމަށް ބޭނުންކުރުމާއި، ކަންކަމަށް ޚަރަދު ކުރުމުގައި ހަމައެއް ލަމައެއް ނެތުމުގެ ސަބަބުން، އެ ކުންފުނިތައް ދަނީ ބަނގުރޫޓުވުމާ ދިމާއަށް ކަމުގައެވެ. ނަމަވެސް، އެ ކުންފުނިތަކުން އަބަދުވެސް ދައްކާ އަޑު އިވެނީ ބޮޑު އަދަދުން ފައިދާ ލިބޭ ވާހަކަ ކަމަށެވެ.

މިކަމާ ގުޅިގެން ނާޒިމް ވިދާޅުވީ ފެނަކަ އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުން “މަތިހަށިނަގައި” ބޮޑު ފައިދާ ވާ ކަމަށް ވާހަކަ ދައްކާއިރު އެކުންފުނި ތަކުގެ ވެރިން ނިކުމެ ވަޑައިގެން އެ ކުންފުނިތަކުގެ ދަރަނި އޮތް މިންވަރު ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމުގައެވެ. ނާޒިމް ގޮންޖައްސަވައި ވިދާޅުވީ އެ ކުންފުނިތަކުގެ ސީއީއޯ އިންނަށް އެ ކުންފުނިތަކުގެ ދަރަނީގެ ވާހަކަ ދައްކާކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުން ކުރަން އުޅޭ ކަމެއް ނުކުރެވި ފޭލިވާ އަތަށް ޖެހުމުން ދެން ދައުލަތުގެ ކޮންމެވެސް ކުންފުންޏަކާ އެކަމެއް ހަވާލުކުރާ ކަމުގައެވެ. އެގޮތަށް ކުންފުނިތަކާ ކަންކަން ހަވާލުކުރާއިރު އެ ކުންފުނީގެ މެންޑޭޓުގައި ނެތް ކަންތައްތައްވެސް ޙަވާލުކުރަމުން ގެންދާ ކަމުގައި ވިދާޅުވެ ނާޒިމް އޭގެ މިސާލުތައްވެސް ދެއްކެވިއެވެ. އެގޮތުން ސްޓެލްކޯ އިން ފްލެޓް އެޅުންފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

އެމްއެންޕީ ގެ ވެރިކަމެއްގައި މިކަންކަން ބަދަލުކޮށް، ޤާނޫނުގެ ރޫޙާ އެއްގޮތަށް ކުންފުނީގެ ހިންގުން އަލުން އިންތިޒާމުކުރައްވައި، ސިޔާސީ ބޭނުމަށް ކުންފުނިތައް ބޭނުން ކުރުން ހުއްޓާލައްވާނެކަމުގައި ނާޒިމް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ރޭހަށް އެމްއެންޕީ އިން ނިކުންނަ ކެނޑިޑޭޓަކީ އެ ޕާޓީގެ ރައީސް ނާޒިމެވެ.