English Edition
Dhivehi Edition
ގއ. ކަނޑުހުޅުދޫ ބަނދަރު. އެރަށުން ގެއްލުނު ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ ސައިކަލާއެކު މޫދުން

ގއ. ކަނޑުހުޅުދޫ ފަޅުތެރެއިން މަރުވެފައި އޮތްވައި ފެނުނު ޒުވާނާއަކީ ނަފްސާނީ މައްސަލައެއް ހުރެގެން ޖެންޑާ މިނިސްޓްރީގެ އެހީއަށް އެދިފައިވާ ފަރާތެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކަނޑުހުޅުދޫ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށު ޖާމީން، އަބްދުލްކަރީމް، 24އ އެވެ.

ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް ތޯރިގު އަފީފު އޮންލައިން މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޒުވާނާ ނިޔާވީ ނަފްސާނީ މައްސަލައެއް ހުންނާތީ ޢާއިލާއިން ޖެންޑާ މިނިސްޓްރީގެ އެހީއަށް އެދިފައިވަނިކޮށްކަމަށެވެ.

އެވާހަކައާއި ގުޅިގެން ޖެންޑާ މިނިސްޓްރީންވިދާޅުވީ ‎އޭނާގެ ހާލަތު ބަލައި މޮނިޓާކުރެވި، ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި، އަންނަ އާދީއްތަ ދުވަހު ގދ. ތިނަދުއަށް ދަތުރުކޮށް ނަފްސާނީ ޑޮކްޓަރަށް ދެއްކުމަށް ހަމަޖެއްސިކަންވެސް ޢާއިލާއަށް އަންގާފައިވާނެ ކަމަށެވެ.

ޖާމިނަށް އެ ކަން ދިމާވީ 2018ގައި ހިނގި ހާދިސާއަކާ ގުޅިގެން ކަމަށއ ޢާއިލާއިން ބުނެފައިވެއެވެ.

މިޒުވާނާ މަރުވި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ކަނޑުހުޅުދޫގައި 24 އަހަރުގެ ފިރިހެނަކު ހުކުރު ދުވަހު ފަތިހު 4:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވާކަމުގެ ރިޕޯޓު އެރޭ 4:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ ސައިކަލްއާއެކު އެރަށު ފަޅު ތެރޭ މޫދުން ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.