English Edition
Dhivehi Edition
އައްޑޫސިޓީ ޑްރޯން ފޮޓޯ: އާތިފް އަހުމަދު

ރާއްޖޭގެ ބޯހިމެނުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އައްޑޫސިޓީގެ ފޭދޫއާއި ހުޅުދޫގައި ދިރިއުޅޭ ދިވެހިންގެ ޢަދަދު ވަނީ ދަށަށް ގޮސްފައެވެ. 2014 ވަނަ އަހަރު 3،099 ދިވެހިން ތިބި ފޭދޫގައި މިހާރުތިބީ 3،054 ދިވެހިންނެވެ. އެއާއެކު 332 ބިދޭސީން އުޅެމުން އައި އެރަށުގައި 16.5 އިން ސައްތައިގެ ކުރިއެރުމަކާއެކު ފޭދޫގައި ދިރިއުޅޭ ބިދޭސީންގެ އަދަދު މިވަނީ 1،237އަށް އަރާފައެވެ.

އަބަދުވެސް އާބާދީ މަދުކަމަށް ބެލެވިފައިވާ،އަދި މިހާރުވެސް އައްޑޫސިޓީން އެންމެ އާބާދީ މަދު ހުޅުދޫގެ މިހާރުގެ ޙާލަތަށް ބަލާއިރު އެރަށުގެ މުޅި އާބާދީ 1،242 ގައި އޮތުމަށް ފަހު އެއަދަދު 1،182 އަށްވަނީ ސޮއްސާލާފައެވެ. 2014 ވަނަ އަހަރު ހުޅުދޫގައި 1،104 ދިވެހިން ދިރިއުޅުނެވެ. އޭރު ބިދޭސީން ގެ އަދަދަކީ 138 އެވެ. މިހާރު ހުޅުދޫގައި ތިބީ މުޅިއެކު 996 ދިވެހިންނާއި 186 ބިދޭސީންނެވެ.

މުޅި ރާއްޖޭގައިވެސް އާބާދީ އިތުރުވާ ނިސްބަތް ބޮޑު ތަނުން ދަށަށް ގޮސްފައިވާ މި ދަނޑިވަޅު އައްޑޫސިޓީގެ އާބާދީވެސް ބޮޑުވީ އެންމެ 2 އިން ސައްތައަށެވެ. އެހެންނަމަވެސް އަތޮޅުތަކުން އެންމެ ބޮޑު އާބާދީ އެއް އަދިވެސް އޮތީ އައްޑޫސިޓީގައެވެ. މީހުން ދިރިއުޅޭ 6 އަވަށުގެ މައްޗަށް އެކުލެވޭ އައްޑޫގެ މިހާރުގެ އާބާދީއަކީ 25،053 އެވެ. އެއީ 20،302 ދިވެހިންނާއި 4،751 ބިދޭސީން ނެވެ. އައްޑޫގެ އާބާދީއަށް 2 އިން ސައްތައިގެ ކުރިއެރުމެއް ލިބުނުއިރު މީގެ ތެރެއިން 11.1 އިން ސައްތައަކީ ބިދޭސީންގެ އަދަދު ބޮޑުވި ނިސްބަތެވެ. ދިވެހިން އިތުރުވި ނިސްބަތަކީ 0.6 އިން ސައްތައެވެ. 2014 ވަނަ އަހަރު އައްޑޫގެ އާބާދީއަކީ 19،319 ދިވެހިންނާއި 1،956 ބިދޭސީންނާއެކު ޖުމްލަ 20،302 މީހުންނެވެ.

އައްޑޫސިޓީގެ އެހެން އަވަށްތަކަށް ބަލާއިރު ، ހިތަދޫވެފައިވަނީ ރާއްޖޭގެ ނިސްބަތުންވެސް މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ރަށަށެވެ. ހިތަދޫގެ އާބާދީއަކީ 13،745އެވެ. އެއީ 11،070 ދިވެހިންނާއި 2،675 ބިދޭސީންނެވެ. 2014 ވަނަ އަހަރު ހިތަދޫގެ އާބާދީއަކީ 11،129އެވެ.

އަތޮޅުތަކުން 5000 އަށް ވުރެ މަތީގެ އާބާދީއެއް އޮއް 5 ރަށުގެ ލިސްޓުގެ ވެސް އެންމެ ކުރީގައިވެސް ވަނީ ހިތަދޫއެވެ.

މުޅި ރާއްޖޭގެ އާބާދީގެ ނިސްބަތުން ފަހެއް އިންސައްތަ އެސިޓީއަކަށް ނިސްބަތްވާ އައްޑޫސިޓީގެ މީދޫގެ އާބާދީއަކީ 1،892އެވެ. އެއީ 1،733 ދިވެހިންނާއި 159 ބިދޭސީންނެވެ. 2014 ވަނަ އަހަރު މީދޫގެ އާބާދީއަކީ 1،871 މީހުންނެވެ. އޭރު މީދޫގައި ދިރިއުޅުނީ 1،716 ދިވެހިންނާއި 155 ބިދޭސީންނެވެ. މީދޫ ވެފައިވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ބިދޭސީން އިތުރުވީ ޢަދަދު ނިސްބަތުން އެންމެ މަދު އަވަށުގެ ގޮތުގައެވެ.

2014 ވަނަ އަހަރު 75 ބިދޭސީންނާއި 1،153 ދިވެހިންނާއެކު އޮތް އައްޑޫސިޓީގެ ދެވަނައަށް އެންމެ އާބާދީމަދު މަރަދޫފޭދޫގެ އާބާދީ މިހާރުވަނީ 1.6 އިން ސައްތައިގެ ކުރިއެރުމަކާއެކު 1،396 އަށް ބަދަލުވެފައެވެ. އެއީ 1،241 ދިވެހިންނާއި 155 ބިދޭސީންނެވެ.

މަރަދޫގެ މިހާރުގެ އާބާދީއަށް ބަލާއިރު 0.9ގެ ކުރިއެރުމަކާއެކު ޖުމްލަ އާބާދީއަކީ 2،547އެވެ. އެއީ 339 ބިދޭސީންނާއި 2،208 ދިވެހިންނެވެ. 2014 ވަނަ އަހަރު މަރަދޫގެ އާބާދީއަކީ 241 ބިދޭސީންނާއި 2،133 ދިވެހިންނެވެ. އައްޑޫސިޓީގެ ހުރިހާ އަވަށެއްވެސް ނިސްބަތްވަނީ 1000 އިން މަތީގެ އާބާދީ ހިމެނޭ ރަށްތަކުގެ ގޮތުގައެވެ.

އައްޑޫސިޓީގެ މުޅި އާބާދީގެ ތެރެއިން 10،942 މީހުންނަކީ އަންހެނުންނެވެ. 14،111 ފިރިހެނުން މިއާބާދީގައި ތިބިއިރު އޭގެ ތެރޭގައި ހިމެނޭ ދިވެހިންގެ ޢަދަދަކީ 20،302 އެވެ. އައްޑޫގެ އާބާދީގައި ދިވެހި ފިރިހެނުންނަށް ވުރެ ގިނައީ އަންހެނުންނެވެ.އެއީ 884 ގެ ކުރިއެރުމަކާއެކު 10،593 އަންހެނުންނެވެ. އައްޑޫގެ އާބާދީގެ 81 އިން ސައްތަ ދިވެހިން ޙިއްސާ ކުރާއިރު އަނެއް 19 އިން ސައްތަ އަކީ ބިދޭސީންނެވެ. އެމީހުންގެ ޖުމްލަ ޢަދަދަކީ 4،402 އެވެ.