English Edition
Dhivehi Edition

އަޔާން ގެ ނަންބަރުން ފުރަތަމަ ކިއާރާއަށް ކުރި ކޯލުން ކިއާރާ ހީނުކުރާހާ ގިނަ ވާހަކަ ތަކެއް އެނގިގެން ދިޔައެވެ. އަޔާން އަކީ މީހަކާ އިނދެ ވަރިކޮށްފައިވާ މީހެއްކަމާއި ދަރިޔަކު ހުންނަ މީހެއްކަންވެސް އެގުނެވެ. ނަމަވެސް ކިއާރާގެ ހިތުގައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މަޑުމަޑުން ދެފަރާތުގެ ކޯލްތައް ގިނަވެ، ގިނަ ވަގުތުތަކެއް ފޯންކޯލްގައި ހޭދަ ކުރެވެން ފެށިއެވެ.

އަޔާން އަކީ ހިތްހެޔޮ ކަމާއެކީ ވާހަކަދައްކާ އެހެން މީހުންނަށް އިހްތިރާމް ކުރާ ފިރިހެނެކެވެ. ހިތްނުތަނަވަސް ވެއްޖެނަމަ އެކަމަކާ ވާހަކަދައްކާ ހިތްވަރު ދެއެވެ. އަޔާން ދެކެނީ ކިއާރާއަކީ ވަރަށް ގާތް ރަހުމަތްތެރިޔެއްގެ ގޮތުގައެވެ. ކިއާރާ އަޔާން ދެކެ ލޯބިވާކަން އެނގިހުރެމެއެވެ. ކިއާރާ ކިތަންމެ ގިނައިން ވާހަކަ ދެއްކިޔަސް އަޔާންގެ އެ މަޖާ މިޒާޖުގަ ވަކި ހުދޫދެއްގެ ތެރެއިން ވާހަކަ ދައްކައެވެ. ލޯބީގެ ވާހަކައެއް ދެއްކިޔަސް މައުޟޫއު ބަދަލުކޮށްލާނެއެވެ.

އިންސާނަކަށް ކެތް ކުރެވޭނީވެސް ވަކި ވަރަކަށެވެ. އަމިއްލައަށް އިސްވެ އަޔާން ކައިރީގަ އިންނަން އަހަން ކިއާރާ ނިންމިއެވެ. ނަސީބު ދިމާކުރި ގޮތުން ކޮވިޑް-19 އަށްފަހު ރާއްޖޭގެ ރިސޯޓްތައް ހުޅުވުނުއިރު އަޔާންވެސް ހުރީ ރިސޯޓުގައެވެ. ޑިއުޓީ ނިންމާފަ މަދު ފަހަރަކު ނޫނީ އަޔާންގެ ޚަބަރެއް ނުވެއެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހުގެރޭ އިރާކޮޅެވެ. ކިއާރާ އިނީ އަވަދިނެތި އޮފީހުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް ހުސްވެގެންނެވެ. ކިއާރާގެ އެ ޝައުގުވެރިކަން ފޫއަޅުވާލީ ފޯނަށް އެއްފަހަރާ 3 މެސެޖް އައުމުންނެވެ. އެއީ ކިއާރާގެ ޑިގްރީ ކޯހުގައި އެއްކޮށް ކިޔެވި ކުއްޖެކެވެ. މެސެޖް ނުބެލުނު ނަމައޭ ހިތަށް އެރިއެވެ. ފެންކަޅިވިއެވެ. ލޮލުގެ ތެރޭގައި އެކަރުނަ ސިއްރުކޮށްގެން ހިފަހައްޓާލެވުނީ މަދު ސިކުންތު ކޮޅަކަށެވެ. ހިފެހެއްޓުމެއް ނެތި އޮހޮރެން ފެށިއެވެ. ގިސްލެވެން ފެށިއެވެ. ނުރޮވެންވީ ސަބަބެއް ނެތެވެ. އެ މެސެޖްގައި އޮތީ ” އިނގޭތަ އަޔާން؟ ކިއާރާގެ ފޭސްބުކް ފްރެންޑެއްވީމަ އަހާލީ. އަޔާން އާ އިންނަން މިއުޅެނީ” ޝައިލާ ގެ އެ މެސެޖަކީ ކުރަމުން އައި ފޮނި އިންތިޒާރީގެ ނިމުންކަމަށް ކިއާރާ ނިންމިއެވެ. އިންނަން އުޅޭ ދެމީހެއްގެ ދޭތެރެއަށް ވަނުމުގެ ބޭނުމެއްނެތެވެ. ނަމަވެސް އެންމެ ފަހުފަހަރަށް އަޔާން އަށް މަރުހަބާ ކިޔަން މެސެޖެއް ކޮށްލިއެވެ. ޖަވާބު އައީ ވަރަށް ހިތިކޮށެވެ. ” ހަ ހާ. ކިއާ އަންނާތި ސައިބޯން.” ދެން ވީ ގޮތެއް ނޭގުނެވެ. ހޭވެރިކަން ވީއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. މަންމަގެ އިތުރުން އާއިލާ ގިނަ މީހުން ކައިރީގަ ތިއްބެވެ. އައިވީ އަޅާ ނިމުމުން ގެއަށް ފޮނުވާލިއެވެ. މަންމަ ކިހިނެތްތޯ ސުވާލު ކުރުމުން ނުކައި ހުރީމަ ވީގޮތެއް ކަމަށް ބުނެފަ ކޮޓަރިއަށް ވަނީމެވެ. ހިތް ފުރެންދެން ރޯލުމަށެވެ. ހިތް ފުރޭނީ ކިހިނަކުން ހެއްޔެވެ. އަޔާންއަށް ހުސް ކުރި ހިތެއް ކަރުނައިން ފުރޭނެ ގޮތެއް ނުވިސްނެއެވެ.

ގާތްގަނޑަކަށް އޭގެ ހައެއްކަ މަސްދުވަސް ފަހެވެ. ދައްތަގެ ދެދަރިންނާއެކު ސަކަރާތް ޖެހުމުގައި އުޅެނިކޮށް ފޭސްބުކް މެސެންޖާއިން މީހަކު މެސެޖެކުރިއެވެ. އެއީ އަޔާން ގެ މެސެޖެކެވެ. ހާލު އަހާލުމަށްފަހު މަޖާ ގޮތަކަށް ތީ ވަރަށް ވަގު މީހެކޭ ބުނެފައޮތެވެ. ހާލު ކިޔައިދިނުމާއެކު ކިއާރާއަށް ފުރަތަމަވެސް އަހާލެވުނީ އަނބިމީހާ ކޮބައިތޯއާއި ހާލު ރަނގަޅުތޯއެވެ. އަޔާން ކިއާރާ އަށް ގުޅިއެވެ. އަދި އަހާލިއެވެ. ” ކޮން އިރަކު މަ މީހަކާ އިނީ؟ މަ މިހުންނަނީ ހުސްކޮށް ކިއާރާ މީހަކާ އިނީމަ އިންނާނެ މީހަކު ނުވެފަ. ހަ ހާ” . އެވަގުތު ހިތުގައިވާ އުދާސްތައް ކިއާރާ ބަންޑުން ކޮށްލިއެވެ. އަދި ޖަވާބު ނުލިބި ހުރި ސުވާލުތައް އަމުނާލިއެވެ. އަޔާން އެވަގުތު ކިއާރާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ. އަޔާންގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ކިއާރާގެ ހިތް ފޮތިފޮތި ވެއެވެ. އަޔާން އެދުވަހު ސައިބޯން އަންނާށޭ ބުނީ މަޖަލަކަށެވެ. ޝައިލާ އާއި ދެމީހުން ދޭތެރޭ އެކަހަލަ އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކު މިއަދު ވަގުތު ފާއިތު ވެއްޖެއެވެ. މަންމަމެންގެ އެދުމުގެ މަތިން ސުހައިލް އާއި ކައިވެނި ކުރީއެވެ. އަބަދުގެ އަބަދަށް އަޔާން އާއި ދުރުވީއެވެ.

ބައެއްފަހަރު ކިއާރާ ހިތަށް އަރައެވެ. ދިރިއުޅުމުގައި މިފަދަ ހިތި އިންތިޒާރީއެއް އުޖާލާ މުސްތަޤްބަލެއް ހޯދުމަށްޓަކައި ކޮށްފައިވާނީ އަހަރެން އެކަނި ބާވައެވެ؟ ދުނިޔެއަކީ ހުވަފެނީ ދުނިޔެއެކޭ މީހުން ބުނެއުޅެއެވެ. އެހުވަފެނީ ޢާލަމުގައި އިރުގެ ރަން ދޯދިން ފެންވަރަމުން، އެކި ކުލަކުލައިގެ މާތަކުން ޖަރީވެފައިވާ ބަގީޗާއެއްގެ މެދުގައި ދެއަތް ޖޯޑުކޮށްގެން ލޯތްބަށް އެދި ސަލާން ޖަހާނީ ހަމައެކަނި އަހަރެން ބާވައެވެ؟ ނޫނެކެވެ. ދިރިއުޅުމުގައި އެކި މީހުންނާ ދިމާވާނީ އެކި ކަންތައްތަކާއެވެ. އެކި މީހުން އިމްތިހާން ކުރެވޭނީ އެކި ގޮތްގޮތަށެވެ.

ކިއާރާ ސިއްސައިގެން ގޮސް ހޭވެރިކަމެއްވީ ވާރޭގެ ތިކިތައް ކިއާރާގެ ކޯތާފަތުން އިޙްސާސް ކުރެވުމުންނެވެ. ވާރެއަށް ނަޒަރު ހިންގައިލައިގެން އިން ކިއާރާގެ ހިތުގައި ވަނީ އެއް އެދުމެކެވެ. އެއް އާދޭހެކެވެ. ވާރެޔާއެވެ. ނުހުއްޓި ވެހެމުން ދާށެވެ. ހަނދާންތަކުން އަހަރެން ތެންމާށެވެ. ޖެހޭ ފިނި ރޯޅިޔާއެވެ. އަހަރެންގެ ސަލާން އޭގެ ވެރި ފަރާތަށް ރައްދުކޮށްދިނުމުގައި ދެމިހުންނާށެވެ. ވަރުބަލިކަމެއް ނެތިއެވެ. ފޫހިވުމެއް ނެތިއެވެ. އަބަދުގެ އަބަދަށް އިންތިޒާރު ކުރާނަމެވެ. ތެދުވެރި ލޯތްބަކީ މަންޒިލެއް ނޫނެވެ. އެއީ ދަތުރެކެވެ. ލޯބީގެ އިންތިޒާރު ކިތަންމެ ހިތި ކަމުގައިވީ ނަމަވެސް ދުޢާ ކުރެވެނީ މަޙްޝަރުން ބައްދަލު ވުމަށެވެ.

-ނިމުނީ-

ނޯޓް: މި ވާހަކަ އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔުނު ވާހަކަ އެކެވެ.