English Edition
Dhivehi Edition

ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތާމެދު ވަރަށް ގިނަ މަސްވެރިންނާ އޮޑިވެރިން ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރާ ކަމުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަދި އެމް.އެން.ޕީ. ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަބްދުﷲ ރިޔާޟް ވިދާޅުވީ، މަސްވެރިކަމުގެ ޞިނާޢަތް ފަހަތަށް ދާކަމަށް މިހާރު ބައެއް އޮޑިވެރިންނާ މަސްވެރިން ބުނަން ފަށައިފިއެވެ. އަދި އެކަން އެހެން ވަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމުގައި އެމީހުން ބުނަމުން ދާ ކަމަށް ރިޔާޟް ވިދާޅުވިއެވެ.

ކޮމިޓީގައި ފިނޭންސް މިނިސްޓަރ އަމީރު އާ ކުރެއްވި ސުވާލެއްގެ ތެރެއިން ރިޔާޟް ފާހަގަކުރެއްވީ، ބައެއް ރަށްރަށުގައި ފެނަކައާއި އާރުޑީސީ އަށް އާދަޔާ ޚިލާފަށް މާ ގިނަ މުވައްޒަފުން މަސައްކަތެއް ނެތަސް ނަގައި، އެފަދަ ރަށްރަށުގައި މަސްވެރިކަމުގައި ޙަރަކާތްތެރިވި މީހުން މަދުވެ އެކަމަށް އަސަރުކުރާވަރަށް އެމައްސަލަ ބޮޑުވެފައިވާ ކަމެވެ.

މިގޮތަށް ދޯނިތަކުން މަހަށް ނުފުރި، އާމްދަނީ ނުލިބުމުގެ ސަބަބުން ގެ މޯގޭޖް ކޮށް ލޯނު ނަގައިގެން ބޮޑެތި މަސްއޮޑި ބަނދެފައިވާ ބައެއް އޮޑިވެރިން ބަނގުރޫޓުވެ، ގެ ގެއްލޭ ހިސާބަށް ގޮސްފައިވާކަމަށް ރިޔާޟް ވިދާޅުވިއެވެ.

މީގެ އިތުރުން، ތ. ފުނައްޑޫ މަސްފެކްޓްރީ މިފްކޯއަށް ނެގި ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށް ނުދާތީ، އެކަމުގައި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯވެސް ޢަބްދުﷲ ރިޔާޟް ސުވާލުކުރެއްވިއެވެ. އަދި މީގެ ކުރިން އެސް.އޯ.އީ ކޮމިޓީއަށްވެސް މި މައްސަލަ ހުށަހަޅުއްވާފައިވާނެކަން ފާހަގަކުރެއްވިއެވެ.

މި ސުވާލަށް މިނިސްޓަރ އަމީރު ދެއްވީ ފިނި ޖަވާބެކެވެ. މިނިސްޓަރ ވިދާޅުވީ މިފްކޯއަކީ ވަކި ޝަޚްޞެއްކަމާ، އެއީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.