English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ހިންގި ޢަމަލުތަކުގައި، ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ބާއްވާ ހުރިހާ ބައްދަލުވުމެއް ސިއްރު ކުރުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށެވެ. މޮޓޯކޭޑަށް ހުރަސްއަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެއާއި، އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.

މިކަން ހިނގަދިޔަ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241)އަށް ހުށަހެޅުމާއި ގުޅިގެން އެކޮމެޓީން ވަނީ މިކަމުގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތާއި، ފުލުހުންނާއި، ސިފައިންގެ ކޯޑިނޭޝަން އޮތް މިންވަރު ބެލުމަށް ސިޓީއަކުން ޖަވާބު ހޯދުމަށް އެދިފައެވެ. އަދި ސިފައިންނާއި ފުލުހުންނާއި ވަކިވަކިން ކޮމެޓީން ބައްދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު 241 ކޮމިޓީން 11 ޖެހިއިރު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ އެހެން ބައެއް އިސްވެރިން ވަނީ އެ ހާދިސާއާ ގުޅޭ ގޮތުން ކޮމިޓީ އަށް މައުލޫމާތު ދެއްވައިފަ އެވެ. އެކަމަކު މި މައްސަލަ އަކީ ރައީސްގެ ސެކިއުރިޓީ އާ ގުޅޭ މައްސަލައަކަށް ވާތީ އެކަމާ ގުޅޭ ގޮތުން ބާއްވާ ހުރިހާ ބައްދަލުވުމެއް ސިއްރު ކުރަން ކޮމިޓީނ ވަނީ ނިންމާފައެވެ.

މި މައްސަލާގައި މީގެ ކުރިން ބައެއް މީހުން ހައްޔަރުވެސް ކޮށްފައިވާއިރު، ރައީސްގެ ސެކިއުރިޓީ ހެޑް ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ. މިއީ ރާއްޖޭގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ.