English Edition
Dhivehi Edition

ވަށައިގެން ވެރިވަމުން ދިޔައީ އަނދިރިކަމެވެ. އުޑުމައްޗަށް ރަތްވިލާ ގިނަވަމުންދިޔައެވެ. އެންމެންގެވެސް ލޯ ހުއްޓިފައިވަނީ، ގޮނޑުދޮށާވީ ފަރާތުން ރާޅުޖަހާހިސާބުގައި މަޑުކޮށްލައިގެންހުރި ކިއާރާ އަށެވެ. އަޅާނުލައި ނުދެވޭހާ ފަރިކަން ޤުދުރަތުން އޭނާއަށް ލިބިފައިވެއެވެ.

ކިޔާރާއަކީ ރޫފަ ހެޔޮވަރު ހަށިގަނޑެއްގެ ވެރިއެކެވެ. އެއީ އިސްކޮޅުން ކުރު ނަމަވެސް ރީތި ބައްޓަމެކެވެ. އޮމާން، ދޮން މޫނެކެވެ. ހިތިފަތު ބުމައެކެވެ. ދިގު އެސްފިޔަތަކެކެވެ. ގަދަ ކަޅު ކުލައިގެ ކަޅީގައި އަޖައިބުކުރުވަނިވި ވިދުމެއް ވާކަހަލައެވެ. އެ ބޮޑު ދެލޮލުން ސިފައަށް އިތުރު ފުރިކަމެއް ގެނެސްދެއެވެ. ހެޔޮވަރެއްގެ ހަށިގަނޑެއް ލިބިފައިވާ ކިއާރާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ބޮޑު ދެކޯތާފަތުންނެވެ. ފިރިހެނުންގެ ހިތްކަތިލާފަދަ އަސަރެއް ބޭރުފުށުން ފެންނަން ނެތަސް ކިއާރާއަކީ ހުތުރު ކުއްޖެކޭ ނުބުނެވޭނެއެވެ. ހިނިތުން ވުމާއެކު ފާޅުވާ ޖަންބުކުލައިގެ ދެކޯތާފަތުގެ ސަބަބުން އަޖައިބެއްކަހަލަ އެ ބޮޑު ދެލޯ ކުޑަ ކޮށްލައެވެ. ޖެހެމުންދިޔަ ވައި ރޯޅިން އެ ފަން އިސްތަށިގަނޑު ދެފަރާތަށް މަޑުމަޑުން ވިހުރުވެމުން ދިޔަހިނދު، އެފަރިކަން ދިޔައީ އިތުރަށް ފުރިހަމަ ވަމުންނެވެ. މަޑުމޮޅިކަމާއިއެކު ހުއްޓިލައިގެންހުރި ކިއާރާގެ ހިތުގައި އެނބުރެމުންދަނީ އަހަރުތަކެއް ކުރީގެ ހަނދާންތަކެކެވެ.

އެއީ މީގެ 7 އަހަރު ކުރިއެވެ. ކިއާރާއަކީ ސްކޫލު ދައުރުއްސުރެ ވަރަށް ރީއްޗަށް ލަވަ ކިޔާ އަދި އެފަންނަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އެއް ފަހަރެއްގައި އައި ޢީދު ޝޯވއެއްގައި ހިމެނޭ ބައެއް ލަވަތައް ކިޔުމުގެ ފުރުސަތު ކިއާރާއަށް ވަނީ ލިބިފައެވެ. އެ ލަވަތައް ޕްރެކްޓިސް ކޮށްދިނުމަށް ގެނައި މީހުންގެ ތެރޭގައި ، ޖާދުވީ އަޑެއްގެ ވެރިއެއް ކިޔާރާއާއި ދިމާވިއެވެ. . އެއީ އަޔާންއެވެ.އެޒުވާނާގެ ފުރަތަމަ ފެނިލުމުންވެސް ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖަހާލިއެވެ. ފިރިހެންވަންތަ، ތަފާތު އަޑެކެވެ. ކަންފަތުގައި ޖެހޭ ހިނދު ހީބިހި ނަގައިގެންދާހާ ރީތި އަޑެކެވެ. ހިތްތައް ކަތިލާފަދަ ޖާދުލެއް އެއަޑުގައި އެކުލެވިގެން ވެއެވެ. ހިތަށް ހަމަޖެހުން ލިއްބައިދޭފަދަ މިއުޒިކީ އަޑެކެވެ. ކިއާރާ އާއި ޚިލާފަށް އަޔާންއަކީ، ދިގު އިސްކޮޅެއްގެ ވެރި ޒުވާނެކެވެ. ރޫފަ ހެޔޮވަރު ހަށިގަނޑެކެވެ. ހަމުގެ ކުލަ ރީތިވަރަކަށް އަދިރިއެވެ. އިސްތަށިގަނޑު ވިހުރުވާލާފައިވާ ގޮތުގެ ފުރިހަމަކަމާއި ބޯ ރީތިކޮށްފައި އޮތް ގޮތުގެ މޮޅު ކަމުން ބަލާމީހުންގެ ލޯ ތަރަތަރަ ޖަހައިގެން ދެއެވެ. ބަހައްޓާފައިހުރި ހެޔޮވަރު ވަރެއްގެ ތުނބުޅިން ފިރިހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ.

ރީތިކަމުގެ އިތުރުން އަޔާންއަކީ މާތްﷲ ގެ ތަނަވަސް ރަޙުމަތުން އަންހެންކުދިންގެ ހިތް ދަމައިގަނެވޭނެފަދަ ޗާލު އަޑެއްގެ ވެރިއެއްވެސް މެއެވެ. އެތަނަށް ޖަމާވެތިބި ކޮންމެ އަންހެން ކުއްޖަކުމެ ހިތާހިތުން އެދެމުން ދިޔައީ އެޒުވާނާގެ ލޯބީގެ ހިމާޔަތަށެވެ.ކިޔާރާގެ ހިތުގައިވެސް އުފެދެމުންދިޔައީ ހިފެހެއްޓުމެއްނެތް ލޯބީގެ ޝުޢޫރުތަކެކެވެ. ކިއާރާގެ ހިތާއި ނަފްސު އެޒުވާނާއަށް ދެވެމުން ދިޔައީ އެސްފިޔަޖަހާލެވޭހާ އަވަހަށެވެ. އެއަށް ބާރުފޯރުވުމެއް ނުވާ ކަހަލައެވެ. ހިތް ލޯބިން ފުރެމުން ދިޔައިރުވެސް އެކަން އަޔާންއަށް އަންގައިދޭނެ ގޮތެއް ކިއާރާއަކަށް ނޭގެއެވެ. އަޔާންގެ ނަޒަރު ކިއާރާއާއި ބަދަލުކުރެވޭ ކޮންމެ ވަގުތަކު މުޅި މީހާ ފިނިވެ ކޯތާފަތް ރަތްވެގެން ދެއެވެ.

ހަފްތާއެއްގެ ޕްރެކްޓިސް ނިމުނުއިރު ކިޔާރާއަށް ހަމަ ރަނގަޅަށްވެސް އަޔާން ދެކެ ލޯބިވެވިއްޖެއެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވިދާނެކަމަކަށް ކުރިން ކިއާރާވެސް ޤަބޫލެއް ނުކުރެއެވެ. އެކަމަކު މިހާރު ޚުދު އޭނާގެ އަމިއްލަ ނަފްސު ފުރަތަމަ ނަޒަރުން މީހަކަށްޓަކައި ފިދާވުމުން އިންކާރުކުރާނީވެސް ކިހިނަކުން ހެއްޔެވެ؟ އެންމެ ފަހުން މި ލޯބީގެ ކުޑަކުޑަ ދަޢުވަތެއް ނަމަވެސް އަޔާންއާއި ހަމައަށް ފޯރުކޮށްދިނުމުގެ ނިޔަތުގައި ކިއާރާ އަޔާންއަށް އެކުވެރި މައިރާގެ އެހީގައި ސަލާމެއް ފޮނުވިއެވެ.

ކުރަމުންދާ ދިގު އިންތިޒާރަށް ނިމުން އަންނަހެނެއް ކިއާރާއަކަށް އިހުސާސެއް ނުކުރެވެއެވެ. ކެތްވަނީ މަދުވެފައެވެ. ވަގުތު ހިނގާލެއް ލަސްހެންވެސް ހީވެއެވެ. ހިނގުމެއްނެތި ގަޑި ހުއްޓިފައި ހުންނަހެންވެސް ހީވެއެވެ. ނަމަވެސް އަދިއަދާއި ހަމައަށްވެސް އަޔާން އެ ސަލާމް ޤަބޫލުކުރިކަމެއް، ނުކުރާ ކަމެއް ޚުދު ކިއާރާއަކަށް ނޭގެއެވެ.

ކަން ދިމާކުރިގޮތުން ޕްރެކްޓިސް ނިމުމުން އަޔާން އަކާވެސް ދިމައެއް ނުވިއެވެ. ނަން ފިޔަވައި އެހެން އެއްވެސް މަޢުލޫމާތެއްނެތެވެ. ކުޑަމިނުން ފޯނު ނަންބަރެއްވެސް ނޭގެއެވެ. ކިއާރާގެ އަތުގައި ރައްކާކުރެވިފައި ހުރީ ހަމައެކަނި އެހިނިތުންވުމާއި އެ ޖާދުވީ އަޑެވެ. ލޯބިވެއެވެ. ލޯތްބަށް އެދެވެއެވެ. އެހެނަސް ކިތައްމެ ބޭނުންވިޔަސް އެކަން ހާމަކުރެވޭނެ ގޮތެއް ނެތެވެ.

-ނުނިމޭ-