English Edition
Dhivehi Edition
އެހެނަސް ގެ ކަވަރއާޓް:މިގު/ބައިސްކޯފު

ލިޔުނީ: ޢާއިޝަތު މުޙައްމަދު ދީދީ ގަހާތަރީގެ (ސ.ހިތަދޫ)

އުޑުމަތި ސާފު ރީތި ދުވަހެކެވެ. ދޫލައެއްހެން ފެތުރިފައިވާ ކަނޑުގެ ސަޠަހައިން ފެންނަނީ ހަމަހިމޭން ކަމެވެ. އޮމާން ކަމެވެ. މާކަނޑުގެ މެދުން ލޮނުގަނޑު ކަފަމުން ދެ ފަރާތަށް ހުދުފޮނު އަރުވަމުން ލޯންޗު ކުރިޔަށް ދެއެވެ. ލޯންޗުގެ ކޮޅުފަސްކޮޅުގައި ކަމަރާއާ ޖެހިގެން ހުރި ޖޯލިފަތީގައި އަހަރެން އިށީނދެލީމެވެ. ލޯންޗުގެ ފަހަތުން ލޮނުގަނޑު ދެ ފަރާތަށް އުފުލެމުން މާކަނޑުން އުފެދެމުން ދިޔަ ދެ ކަފި މަގު، ދުރަށް ގޮސް އޮބާލާއިރު، ކަނޑުގެ ސަޠަހައާ ހަމަހަމަވެއެވެ. އޮއްސެމުންދިޔަ އިރުގެ ރަންދަޅަ، އެ މަގަށް އެޅުމުން ފެންނަ ރީތި ހިތްގައިމު މަންޒަރުގެ ތެރެއިން އަހަރެންގެ މާޒީގެ ޞަފްޙާތައް އުކެންފެށިއެވެ.

އާދޭހެވެ. އެއީ އަހަރެންގެ ކުޑައިރެވެ. އަހަންނަކީ މަންމަޔާ ބައްޕަގެ ލޯތްބާއި އޯގާތެރިކަމުގެ ހިޔާވަހީގައި ބޮޑުވަމުން އައި ނުހަނު ލޯބިލޯބި ކުއްޖަކީމެވެ. ބައްޕަގެ ހުރި ހަމަ އެކަނި ދަރިއަކީ އަހަންނެވެ. ބައްޕަ އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމައަށްވުރެން ވެސް ބޮޑަށެވެ. ބައްޕަގެ އިތުރު ދަރިއެއް ނުހުންނާތީ ތޯއްޗެކެވެ. އަހަންނަށްވުރެ ދޮށީ ދަރިން މަންމަގެ ތިބެއެވެ. އެކަމަކު އެއީ އެހެން މީހެއްގެ ދަރިންނެވެ. އަހަންނާ އެމީހުންނާ ދެމެދު އުމުރުގެ ބޮޑު ތަފާތެއް ހުރެއެވެ. އެ މީހުންވެސް އަހަރެން ދެކެ އިންތިހާއަށް ލޯބި ވެއެވެ. ކޮއްކޮ ވީމައެވެ.

އަހަރެން އުފަންވީ ރަށްފުށަށެވެ. އަހަރެންނަށް ސުކޫލުން ލިބެމުންދިޔަ ތަޢުލީމުގެ އިތުރުން، މަންމަ އަހަރެން ގެވެހި މީހަކަށް ހެދުމަށް ގޭތެރޭގެ ގިނަ މަސައްކަތް ދަސްކޮށް ދިނެވެ. މަންމަގެ ދޮށީ ދަރިންނެކޭ އެއްފަދައިންނެވެ. އެ މީހުން ބޮޑެތިވުމުން ވަކި ދިރިއުޅުމެއް ފަށައި ގެއިން ހިނގައްޖެއެވެ. އެކަކު މާލެ ބަދަލުވިއެވެ. ބައްޕައާ މަންމަގެ ހަންހާރަވެތި ފިރުމުންތަކާއެކު އަހަރެންގެ ދިރިއުޅުން ފުރިހަމަވަމުން ދިޔައީ ރަށުގައެވެ. ބައްޕަގެ އިންތިހާއީ ލޯތްބާއެކު އަހަރެންގެ ތުއްތު އުމުރު ފާއިތުވަމުން ދިޔައިރު، އަހަރެންގެ ދިރިއުޅުމަށް ހުރަސް އެޅިދާނެ ވިލާގަނޑެއް ބޯމަތި ވެދާނެކަމަކަށް ހީވެސް ކުރެވިފައި ނެތެވެ.

ބައްޕަޔާ މަންމަގެ އިތުރުން އެކަކުވެސް ގޭގައި ނޫޅެއެވެ. އާއިލާގެ މާ ގިނަ ބަޔަކު ތިބޭކަމެއް އެނގިފައެއް ނެތެވެ. ބައްޕައަކީ މަސްވެރިއެކެވެ. ބައްޕަ ގެއަށް ގެންނަ މަސް ކައްކާ ހިއްކާ ރިހާކުރަށް ހެދުމުގެ މަސައްކަތް ކުރަނީ މަންމައެވެ. އަހަރެން ގުރޭޑު 4 ގައި ތައުލީމު ޙާޞިލުކުރަމުން ދިޔަ ދުވަސްވަރެވެ. މަންމައާ ބައްޕަގެ މަސައްކަތް ހުންނަ ގޮތުން ބައެއް ފަހަރު އެކަނި ސުކޫލަށް ދާންޖެހޭ ދުވަސް އާދެއެވެ. ބައެއް ދުވަސް ދުވަހު އެބުރި ދަނީ ވެސް އެކަންޏެވެ. މިގޮތުގެ މަތީން އެކަނި ގެއަށް ދިޔަ ދުވަހެކެވެ. އެއް ދުވަހެއްގެ މެންދުރު ގަޑިއެވެ. މަގުގެ އެއް ފަރާތުން ދިޔަ، ދެ އަންހެނެއްގެ ތެރެއިން އެކަކު އަހަންނަށް ގޮވާލާފައި ގެއަށް ދަނީ އެކަނި ހެއްޔޭ އެހިއެވެ. އަހަރެން އޭނާއަށް ޖަވާބު ދީފާއި ކުރިޔަށް ހިގައިގަތުމުން އަނެއްކާވެސް ގޮވާލާފައި މަޑުކުރުމަށް އެދުނެވެ. އަހަރެން މަޑުކުރުމުން އެމީހާއެދުނީ އޭނައާއެކު އޭނާގެ ގެއަށް ދިއުމަށެވެ. އަހަރެން ނުދާން މަސައްކަތް ކުރިނަމަވެސް ތިމެންނައަކީ ބޮޑުދައިތަ ކަމަށް ބުނެ ގަދަކަމުން ކަހަލަ ގޮތަކަށް އެގެއަށް އަހަރެން ގެންދިޔައެވެ.

އެގެއަށް ގެންދިއުމަށްފަހު ތިމެންނާއަކީ ބައްޕަ ފަރާތުގެ ބޮޑުދައިތަ ކަމަށާއި ދެން ހުރީ އަހަރެންގެ ދޮންމަންމަ ކަމަށް ބުންޏެވެ. ދޮންމަންމައޭ ބުނުމުން ވަރަށް ރުޅިވެރިކަމާއެކު އަހަރެންގެ ދޮންމަންމައެއް ނުހުންނާނެ ކަމަށް ބުނީމެވެ. އަދި ތިޔައީ ބޮޑުދައިތަނަމަ މިހުރިހާ ދުވަހު ހުރީ ކޮންތާކު ހެއްޔޭ ވެސް އެހީމެވެ. އެ ވަގުތު ގޭތެރެއަށް ވަދެގެން އައީ އިސްކޮޅުން ދިގު ކުލަ އަލި ފިރިހެނެކެވެ. ބޮޑުދައިތަ އޭނާ އަށް ގޮވާލުމަށްފަހު އަހަރެންނަށް އިޝާރާތްކޮށް މިއިނީ ބޭބެގެ އަންހެން ދަރިފުޅު ކަމަށާއި މި ކުއްޖާ ބޭބެއާއެކު މާލެ ގެންދަންވީ ނޫންހެއްޔޭ ބުންޏެވެ. އަދި އެހެން ބައެއްގެ ގާތުގައި މި ދަރިފުޅު ބަހައްޓާނެ ކަމެއް ނެތް ކަމަށާއި މާލެ ގެންގޮސް ސުކޫލަށް ވައްދައިގެން ކިޔަވައިދޭންވީ ނޫންހޭ އެ މީހާ ބުންޏެވެ. އެވަގުތު ހީވީ އަހަރެން ހުރިތަނަށް ވެއްޓިދާނެ ހެންނެވެ. އަހަރެން މާލެ ނުދާނެކަމަށް ބުނީމެވެ. އަދި ގެއަށް ފޮނުވައި ދިނުމަށް އެދި ރޮމުން އާދޭސްކުރަމުން ދިޔައީމެވެ.

އަހަރެންގެ ދެ ލޮލުން ފާއްދާލި ކަރުނު، ފެނުގެ ސައިލާބެއްހެން ބިންމައްޗަށް ފައިބަމުން ދިޔައެވެ. ގިސްލާ ރޮމުން ކަރުނަ އަޅަމުން ދިޔައިރު އަހަރެން ބުނަމުން ދިޔައީ، ތިޔައީ އަހަރެންގެ ބައެއް ނޫންކަމަށެވެ. އަދި މާލެ ނުދާނެކަމަށެވެ. އެވަގުތު ދޮންމަންމަ އަހަންނަށް ގޮވާލާފައި ދަރިފުޅުގެ ބައްޕައާއެކު ނުދާންވީ ކީއްވެހެއްޔޭ އަހާ ބޮޑުދައިތައާ ދެމީހުން ވެގެން އަހަރެންގެ ސިކުނޑިއާ ކުޅެވޭތޯ ބަލަމުން ދިޔައެވެ. ބާރަށް ރޮމުން ރުޅިވެރިކަމާއެކު އަހަރެންގެ ބައްޕަ ހުރީ ގޭގައި ކަމަށް ބުނަމުން ދިޔައީމެވެ. އަދި އެ ފިރިހެން މީހާއަށް އިޝާރާތްކޮށް އެއީ އަހަރެންގެ ބައްޕަ ނޫންކަމަށް ބުނަމުން ދިޔައީމެވެ. މިހުރިހާ ވާހަކަތަކެއް ދެކެވުނުއިރުވެސް ބައްޕައޭ ބުނެ އެ ދެއްކި މީހާގެ ދުލުން އެންމެ ލަފުޒެއްވެސް ބޭރު ނުވެއެވެ. އޭނާ އަހަންނަށް ބަލާލާފައި އަނެއް ފަރާތަށް އެނބުރުނެވެ. އޭނާއަށް އަހަރެންނަށް ގޮވައި އޭނާގެ ދަރިއެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ބާރަށް ރޮމުން ކަރުނަ އަޅަމުން އެގެއިން ނިކުމެ ގެއާ ދިމާއަށް އަހަންނަށް ދުއްވައިގަނެވުނެވެ.

އެވަގުތު ސުކޫލު ދޮށަށް ގޮސްފައި އެނބުރި މަންމަ އަންނަތަން ފެނުނެވެ. ދުވެފައި ގޮސް ބާރަށް ރޮއިގަންނަމުން މަންމަގެ ގައިގައި ބައްދާލީމެވެ. މަންމަ ވީ ދެރައިން، ވީ ކީއްތޯ ސުވާލު ކުރަމުން އަހަރެން ހުއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ގެއަށް ވަދެވުމާއެކު މަންމަގެ ގައިން ދޫކޮށް ގޮސް ބައްޕަގެ އުނގަށް އެރީމެވެ. އަދި ބައްޕަގެ ގައިގައި އޮޅުލަ އޮޅުލާފައި އަހަރެން ބުނަމުން ދިޔައީ ތިޔައީ އަހަރެންގެ ބައްޕައެވެ. އެމީހުން ދޮގުހެދީއެވެ. ތިޔައީ އަހަރެންގެ ބައްޕައެވެ. އަދި އަހަރެންގެ ދޮންމަންމައެއް ވެސް ނުހުންނާނެއެވެ. މި ވާހަކަ އަޑުއަހާފައި މަންމައާއި ބައްޕަ ވަރަށް ދެރަވިއެވެ. އަދި އެވާހަކަ ދެއްކީ ކޮން ބައެއްތޯ އެހިއެވެ. ވީގޮތް އަހަރެން ބުނީމެވެ. މިވާހަކަ އަޑުއަހާފައި ބައްޕަ ވަކިން ދެރަވިއެވެ. ބައްޕަ އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވިހެން ހީވެއެވެ. ބޮލުގައި ފިރުމަމުން ބައްޕަގެ ރިހުން އެކުލެވިފައިވާ އަޑުން ދަރިފުޅު ނުރޯށޭ ބުނަމުން ކަރުނަ ފޮހެދެމުން ދިޔައެވެ.

އޭގެފަހުން އަހަރެން އެކަނި ބޭރަކަށް ނުފޮނުވައެވެ. ބޭރަށް ދާން ޖެހިއްޖެނަމަ މަންމަ ނޫނީ ބައްޕަ އަބަދުވެސް ދެއެވެ. އޭގެ ދުވަސްކޮޅެއް ފަހެވެ. ބައްޕައާއެކު ސުކޫލުން އައި މަގުމަތީގައި އެއްކަލަ ފިރިހެން މީހާ ފެނުމުން ބައްޕައަށް ދެއްކީމެވެ. އެވަގުތު އެމީހާ އައިސް އަރާ ހަމަވަނީއެވެ. އެ މީހާ ކައިރިވަމުން އަންނަވަރަކަށް ބައްޕަގެ ނިވަލުގައި ފިލަން މަސައްކަތްކުރަމުން ދިޔައީމެވެ. ބައްޕައާ އެމީހާ ވާހަކަ ދެއްކިއެވެ. އެމީހާ އަހަންނަށް ބަލާފައި ދަރިފުޅާއޭ ކިޔާފައި ގޮވާލުމަށްފަހު ދިޔައީއެވެ. އޭގެފަހުންވެސް ދޭތެރެ ދޭތެރެއިން އެމީހާ ފެނެއެވެ. އެކަމަކު އެދުވަހަށްފަހު ގޮވާވެސް ނުލައެވެ. އަޅައެއްވެސް ނުލައެވެ. ގިނަ ފަހަރު ފެންނަ ކަމަށްވެސް ނެހެދެއެވެ. ހީވާގޮތުން އޭނާ ރަށަށް އަންނަނީ ދޭތެރެ ދޭތެރެއިންނެވެ. ފެންނަނީ ދުވަސް ދުވަހުންނެވެ. ފެންނަ ކޮންމެ ފަހަރަކު އެ ހަނދާންތައް އާވެގެން ދެއެވެ. އެކަމާ ފިކުރު ކުރެވެއެވެ. އަދި ހިތާހިތުން ސުވާލު އުފެދެއެވެ. އެއީ ކާކު ހެއްޔެވެ؟ އެއީ ބައްޕަނަމަ އަހަންގެ ބައްޕައަކީ ކާކު ހެއްޔެވެ؟ އެއީ ބައްޕަނަމަ އޭނާ އަހަންނަށް ނުގޮވަނީ ކީއްވެ ހެއްޔެވެ؟ އޭނާ އަހަންނާ އަޅާ ނުލަނީ ކީއްވެހެއްޔެވެ؟ އަހަރުތަކެއް ފާއިތުވަމުންދާއިރު މިފަދަ ސުވާލުތައް ދިޔައީ ގިނަ ވަމުންނެވެ.

އާދައިގެ މަތީން މަންމައާ ބައްޕައާއެކު ދިރިއުޅެމުން ދިޔައީމެވެ. އަބަދުވެސް މަންމައަށްވުރެ ބޮޑަށް އަހަރެން ދެކެ ލޯބިވަނީ ބައްޕަކަމަށް ގަބޫލު ކުރެވެއެވެ. މަންމަގެ އިތުރު ކުދިން ތިބީމަ އެހެންވެސް ވެދާނެ ތޯއްޗެކެވެ. ބައެއް ފަހަރު މަންމަގެ ޢަމަލުތައް ހުންނަ ގޮތުން މަންމައާ މެދު ޝައްކު ކުރެވެއެވެ. އަދި ތިޔައީ މަންމަތޯ އަހައި ސުވާލުވެސް ކުރެވެއެވެ. ބައްޕަ އަހަރެންދެކެ މާ ބޮޑަށް ލޯބިވާ ކަމަށާއި މަންމަ އެހާވަރަށް ލޯބިނުވަނީ ކީއްވެގެންތޯއެވެ. ފަހުން މަންމަގެ ގިނަ މަސައްކަތުގައި އެހީވާން ޖެހެނީ އަހަންނަށެވެ. މަންމަގެ ވާހަކައިން އެނގެނީ އަހަރެން ޒަވާޖީ ހަޔާތެއް ފެށުމަށްފަހު ވެސް އުޅެންޖެހޭނީ މަންމަމެންނާ އެކުގައި ރަށުގައި ކަމެވެ. އެކަމާ ގުޅިގެން މަންމަޔާ ވާހަކަ ދެކެވި ސުވާލު ކުރެވެއެވެ. އެކަމަކު މަންމަ އެ ވާހަކަޔަށް ދެނީ ބީރު ކަންފަތެކެވެ.

ކޮންމެއަކަސް ގުރޭޑު 7 ނިމުމުން މަތީ ގުރޭޑުތަކުގައި ކިޔެވުމަށް މާލޭގައި ދިރިއުޅޭ ދައްތަގެ ގާތަށް އަހަރެން މާލެ ފޮނުވައިދީފިއެވެ. އެމް. އީ. އެސް. އިން ގުރޭޑު 10 ނިންމުމަށްފަހު އަނެއްކާވެސް މަންމަޔާ ބައްޕަގެ އެދުމުގެ މަތީން ރަށަށް ބަދަލުވީމެވެ. އެކަމަކު އެއީ ހިތާ ނަފުސާ ދެކޮޅަށެވެ. އޭރު އަހަރެން އުޅުނީ ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބ.ތުޅާދޫ ކުއްޖަކާއެވެ. އޭނާ ބޭނުންވަނީ މާލޭގައި ދިރިއުޅުމަށެވެ. އެހެނަސް މައިންބަފައިންގެ މުސްކުޅި ޢުމުރުގައި އެމީހުންނާ ދުރުގައި އުޅުމަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވިއެވެ. ކޮންމެއަކަސް ރަށަށް ބަދަލުވެއްޖެއީމެވެ. ލޯބިވެރިޔާއާ އެދިއެދި ހުއްޓައެވެ. އޭގެފަހުން އަހަރެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް އައިސް އެންމެފަހުން ބަލިވެއްޖެއެވެ. މަންމަ ބޭނުންވަނީ އެމީހުންގެ އުމުރުގެ ފަހުކޮޅުގައި އެމީހުންގެ ގާތުގައި އަހަރެން ހުރުމަށެވެ. ރަށުން ބަލައި މަސައްކަތްތެރި ކުއްޖަކާ ކައިވެނި ކުރުވުމަށެވެ. އެހެންކަމުން އަހަރެންގެ ލޯބި ގުރުބާންކޮށް އެމީހުންނާއެކު ހުރެވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. މަންމަގެ ގާތުގައި އެ ފިރިހެންކުއްޖާގެ ވާހަކަ ބުނެ ހިތުގައި ޖައްސާކަށް ނުކެރުނެވެ. އެހެނަސް….

އަހަންނަށް އަންނަމުންދާ ބަދަލާމެދު މަންމައާ ބައްޕަ ކަންބޮޑުވެ ސުވާލު ކުރަން ފެށިއެވެ. އަހަރެންގެ އެދުމަށް ބައްޕަ ހުރަސް ނާޅާނެކަން އެނގޭތީ ބައްޕައަށް ކިޔައިދިނީމެވެ. ކުއްޖަކާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށާއި އެކުއްޖާ ބޭނުންވަނީ މާލޭގައި ދިރިއުޅުމަށް ކަމަށް ބުނީމެވެ. މަންމަ އެކަމާ އިންކާރު ކުރިއެވެ. އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއާ ކައިވެނި ކުރިނަމަވެސް ރަށުގައި ދިރިއުޅުމަށް ވިސްނައިދެމުން ދިޔައެވެ. މަންމަގެ އިންކާރު ކުރުމާއެކު ވެސް، އަހަރެން ރުހޭ ގޮތަކަށް ކައިވެނީގެ ކަންތައް ބައްޕަ ހަމަޖައްސަމުން ދިޔައެވެ. ނުރުހުންވި ނަމަވެސް ފަހުން، ބައްޕައާ ދެކޮޅު ނެހެދުމަށް މަންމަ މަޑުން ހުރީއެވެ. ބައްޕަގެ ރުހުން ލިބުނުކަން އެނގުމުން ފިރިހެންކުއްޖާ ކައިވެނީގެ ކަންތަކަށް ތައްޔާރުވާންފެށިކަން އެންގިއެވެ.

އަހަރެންގެ ލޯބިވެރިޔާ ރަށަށް އަތުވެއްޖެއެވެ. ކައިވެނީގެ ހުރިހާ ކަމެއް ފުރިހަމަ ވެއްޖެއެވެ. ކައިވެނީގެ ވަލީމާ ތައްޔާރުކޮށް ގެއަށް މެހުމާނުން އައިސް ނިމިއްޖެއެވެ. ގާޟީންނާއި ހެކިވެރިން މޭޒުދޮށުގައި އިށީނދެ ނިމިއްޖެއެވެ. ބައްޕަ އިށީނީ އަހަންނާ ޖެހިގެން އެއް ގޮޑި ދޫކޮށްފައެވެ. އެވަގުތު ބޭރުން ވަދެގެން މީހަކު އާދެއެވެ. އެމީހާ ވަނުމުން ބައްޕަ އެމީހާ އިށީނުމަށް ދެއްކީ އަހަންނާ ޖެހިގެން ހުރި ގޮނޑިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއީ އެއްކަލަ ބައްޕަކަމަށް ބުނާ މީހާއެވެ. އަހަރެންގެ މި އުފާވެރި ރޭ އަނެއްކާވެސް މި ދިމާވީ ކޮންފަދަ ބޮޑު ޠޫފާނެއް ބާވައެވެ. މި މީހާއަކީ ހަގީގަތުގައިވެސް އަހަރެންގެ ބައްޕަ ބާވައެވެ؟ އަހަރެން ސުވާލު އުފެދެން ފެށިއެވެ. އަދި ބައްޕައާ ސުވާލުކުރަން ފެށީމެވެ. ބައްޕަ އެދުނީ ފުރަތަމަ ކައިވެނިކޮށް ނިންމުމަށެވެ. އެހެންކަމުން ގާޟީ އޭނާގެ ވާޖިބު ފުރިހަމަކޮށް އަހަރެމެންގެ ކައިވެނީގެ ގޮށް ޖަހައިދީފިއެވެ. ކައިވެނިކޮށް ނިމުނުއިރު އަހަރެންގެ ޙަޤީޤީ ބައްޕައަކީ ކާކުކަން ވެސް އެނގިއްޖެއެވެ. ވަލީ ދިނީ އެ ބައްޕައެވެ. އެހެނަސް..

ކައިވެނި ހަފްލާ ނިމި މެހުމާނުން ދިއުމުން ބައްޕައާއި މަންމަ އަދި ފިރިމީހާއާއި އަސްލު ބައްޕަގެ ޙާޟިރުގައި އެ ދެމަފިރިން އަހަރެން ގެންގުޅެ ބޮޑުކުރި ސަބަބު ކިޔައިދިނެވެ. އާއެކެވެ. އެއީ އަހަރެންގެ ބައްޕައެވެ. އަހަރެންގެ މަންމަ އަހަރެން ވިހެއުމުގެ ތެރޭގައި ނިޔާވީއެވެ. މަންމަ ނިޔާވުމާއެކު ބައްޕަގެ ސިކުނޑިއަށް ކުރި އަސަރެއްގެ ބޮޑުކަމުން ބަލިވީއެވެ. އެހެންކަމުން އެހެން މީހަކަށް އަހަރެން ދިނީއެވެ. ބައްޕަގެ ބަލިން ރަނގަޅުވެ، މީހަކާ އިނުމަށްފަހު ދޮންމަންމަގެ ބެލުމުގެ ދަށަށް ގެންދަން ނޫޅުނީވެސް އަހަރެންގެ އިހުސާސްތަކާ ނުކުޅުމަށް ކަމަށް އަސްލު ބައްޕަ ބުންޏެވެ. ދެ ބައްޕަ ވާހަކަ ދެއްކުމަށްފަހު ފަހުން އެއްބަސްވީ އެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ކަމަށް ބުންޏެވެ. އަހަރެން ބެލެހެއްޓުމުގެ ޒިންމާ ނެގީ އެއްވެސް ދަރިއެއް ނެތް އާއިލިގޮތުން އެއްވެސް ގުޅުމެއްނެތް މީހެކެވެ. އާނއެކެވެ. އެންމެ ތުއްތު އިރުން ފެށިގެން އަހަރެން ގެންގުޅެ ބޮޑުކުރި ބައްޕައެވެ. އެ ބައްޕަގެ ދޮންދަރިންނަށްވުރެ ބޮޑަށް އަހަރެން ދެކެ ލޯބިވަނީ އެހެންވެކަން އެނގުނެވެ. މަންމަގެ ދެ ދަރިން ތިއްބަސް އަހަންނަކަށް މަންމަ ގޯހެއް ނޫނެވެ. އެހެނަސް…

އަހަރެންގެ އަސްލު ބައްޕަ ރަށަށް އައީ އަހަރެންގެ ކައިވެންޏަކަށް ނޫނެވެ. ދޮންމަންމަގެ ކޮއްކޮގެ ކައިވެންޏަށެވެ. މި ކައިވެންޏަށް ދޮންމަންމައަށް އާދެވޭގޮތެއް ނުވީއެވެ. ބައްޕަ ރަށަށް އައުމުގެ ކުރިން ފަރުދާގެ އަނެއް ފަރާތުގައި ހިނގަނީ ކޮން ކަމެއްކަން ނޭނގެއެވެ. ބައްޕައަށް މި އާދެވެނީ ދަރިފުޅުގެ ކައިވެންޏަށް ކަން އެނގުނީ ރަށަށް އާ ދެވުމަށްފަހުއެވެ. އަދި ދަރިފުޅުގެ ކައިވެނި މި ކުރެވެނީ ދަރިފުޅުގެ ދޮންމަންމަގެ ކޮއްކޮއާކަންވެސް އެނގުނީ މާ ފަހުގައެވެ. ކައިވެނީގެ ކުރިން ފިރިމީހާއަށް ވެސް މި ޙަޤީޤަތް ވަނީ ފޮރުވިފައެވެ. އަހަރެންގެ ކައިވެނި މި ކުރެވުނީ ދޮންމަންމަގެ ކޮއްކޮއާއެވެ. ޙަޔާތުގެ ނާ މިސްރާބު ޖަހަން މި ޖެހުނީ ވަރުގަދަ ޠޫފާނަކާ ދިމާލަށް ނޫން ބާވައޭ ވެސް ހިތަށް އަރަމުން ދިޔައެވެ. މިއީ އަހަރެންގެ ތަޤުދީރެވެ. ތަޤުދީރުގެ އަތަކު ނުހިފޭނެއެވެ. އެހެނަސް…

އަހަރެން ގެންގުޅެ ބޮޑުކުރި މަންމައާ ބައްޕަގެ އެދުމުގެ މަތީން ދުވަސްކޮޅަކު ރަށުގައި މަޑުކުރުމަށްފަހު މާލެ ބަދަލުވާން ނިންމީމެވެ. ގެންގުޅުނު މައިންބަފައިންނާ، ވަކިވާންޖެހޭތީ ދެރަވެއެވެ. ފިރިމީހާގެ ޗުއްޓީ ހަމަވުމުން ވަޒީފާއަށް ނިކުންނަން ޖެހޭނެތީއާ ވެސް އެކުމެއެވެ. ބައްޕަ މާލެގޮސް އަހަރެމެންނަށް ބައްޕަގެ ގޭގައި ތިބެވޭނެގޮތް ހެދިއެވެ. ދޮންމަންމަ ވެސް އެދުނީ އެގޭގައި ދިރިއުޅުމަށެވެ. ދޮންމަންމައެއްގެ ހިޔަނި ނޭޅި ބޮޑުވިޔަސް އެ ހިޔަނީގެ ދަށުގައި އުޅެން ޖެހުނީތާ އެވެ. އަސްލު ބައްޕައާ ފިރިމީހާގެ ލޯބި ލިބޭތީ ދޮންމަންމަގެ ލޯބިވެސް ލިބޭނެކަމަށް ގަބޫލު ކުރެވުނެވެ.

މާލެ ބަދަލުވިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފިރިމީހާގެ ލޯތްބާއި އޯގާތެރިކަމާއެކު އުފާވެރި ދިރިއުޅުމެއް އަހަރެމެން އުޅެމުން ދިޔައީމެވެ. އެއްބަފާ ކޮއްކޮމެންނާ ވެސް އެކުގައެވެ. ބައްޕަގެ އޯގާތެރިކަން ލިބިގެން ދޮންމަންމަގެ ހިޔާވަހީގައި ނުހަނު އުފަލުގައި އުޅެމުން ދިޔައީމެވެ. އަހަރެންގެ ގެވެހި ދިރިއުޅުން ފެނި ދޮންމަންމަގެ ތަޢުރީފުގެ ބަސްތަކާއެކުގައެވެ. ގޭގައި ކުރަން ހުންނަ ގިނަ މަސައްކަތް ކުރަނީ އަހަންނެވެ. އަހަރެން އާދަވެފައިވަނީ ގެވެހި ސާފުތާހީރު ދިރިއުޅުމަކަށެވެ. ގޭތެރޭގައި އެންމެ ވެލިފުކެއް ނުބާއްވަމެވެ. މޭޒުމަތީގައި ތަށްޓެއް ސިންކުތެރޭގައި ތެއްޔެއް ނު ބަހައްޓަމެވެ.

ދުވަސްތަކަކަށްފަހު އަހަރެންގެ ފުރަތަމަ ދަރިފުޅު ލިބޭކަމުގެ ސިގުނަލް ލިބެންފެށިއެވެ. އޭރު ފިރިމީހާ ވީ އޮފީސް ދަތުރެއްގައި ރާއްޖެއިން ބޭރަށް ގޮހެވެ. އަހަރެން ބަލިވާން ފެށީއެވެ. ހޮޑުލެވި ވަރުދެރަވާން ފެށިއެވެ. އެއްޗެއް ނުކެވޭތީ ތަންމަތީން ނުތެދުވެވޭ ވަރު ވެއްޖެއެވެ. ގޭތެރޭގައި އަހަރެން ކުރަމުން އައި މަސައްކަތް އެންމެ ރަނގަޅަކަށް ނުކުރެވެއެވެ. ދައްތަގެ އެހީއާއެކު ޑޮކްޓަރަށް ދައްކައި ޓެސްޓްތަކެއް ހެދީމެވެ. ފިރިމީހާއަށް މި އުފާވެރި ޚަބަރު ދިނުމުގެ ކުރިން ދޮންމަންމައަށް އަހަރެން ބަލިވެ އިންކަން އެނގިއްޖެއެވެ. ދޮންމަންމަގެ ނުރުހުމުގެ ބަސްތައް އިވެންފެށީ ދެނެވެ. ގޭތެރޭގެ މަސައްކަތް ނުކުރެވޭތީއެވެ. ކޮއްކޮމެން އުޅެނީ ކިޔެވުމާއި އެ މީހުންގެ މަސައްކަތުގައެވެ. ބައްޕަ އުޅެނީ ރިސޯޓެއްގައެވެ. ފިރިމީހާ ނެތި ދުވަސްތައް ދިގުލާން ފެށުމުން އަހަރެން އެކަނިވެރިވެ ކާ އެއްޗެއް ނުކެވި އަނަރޫފަ ވެއްޖެއެވެ.

ގޭގައި އެކަކުވެސް ނޫޅޭ ދުވަހެކެވެ. ދޮންމަންމަ ބާޒާރަށް ދާން ނިކުންނަމުން އަހަންނަށް ގޮވާލާފައި މެންދުރަށް ކެއްކުމަށާއި ކޮއްކޮމެން އަންނަންވާއިރަށް މޭޒުމަށްޗަށް ކާން ހެދުމަށް ބުންޏެވެ. އޭރު ލޯ ހުޅުވާނެ ހަކަތައެއް ވެސް ނެތެވެ. ނުކައި ހުންނަން ޖެހުމުން ހިންދެމިލެވޭ ވަރެއްވެސް ނުވެއެވެ. އެހެނަސް ދޮންމަންމަ ދިއުމުން ތަންމަތީން ތެދުވެ، ފިރުކެމުން ކަހަލަ ގޮތަކަށް ބަދިގެ ފަރާތަށް ޖެހި ފާރޮށްޓަކާ ކަޅުސައިފޮދެއް ބޯލައިފީމެވެ. އެ ނޫން އެއްޗެއް އަނގަޔަށް ނުލެވެއެވެ. ބަތާ ގަރުދިޔަ ކެއްކުމަށްފަހު މޭޒުމަށްޗަށް ކާން ހެދުމަށްފަހު އަނެއްކާވެސް އޮށޯތީމެވެ. އިތުރު އެއްޗެއް ކައްކާނެ ހިތްވަރެއް ނެތުމުންނެވެ.

ދޮންމަންމަ ގެއަށް އައުމަށްފަހު ރުޅިއައިސް ރަތްވިއެވެ. އަމާބުނީތީ ފަރަށްދާ ބީދައިން ކެއްކީ ކަމަށް ބުނެ ރުޅިވެރި ބަސްތައް އިއްވަމުން ދިޔައީ ފިހުނު މަހާ ތަރުކާރީ ނެހެދުނީމައެވެ. ތިން އިރަށް ކާނެ އެއްޗެހި ނެހެދުނީމައެވެ. ދޮންމަންމަގެ ދުލަށް އައިހާ އެއްޗެއް ކިޔަމުން ދިޔައެވެ. ކުޑައިރު ދޮންމަންމަގެ ހިޔަނި ނޭޅުނުނަމަވެސް މިހާރު އުޅެންޖެހިފައި މިވަނީ ދޮންމަންމަގެ ހިޔަނީގައެވެ. އަހަންނަށް ހަދާނެގޮތް ހުސްވިއެވެ. ފިރިމީހާ އަންނާނީ އަދި މަހެއްހާ ދުވަސް ފަހުންނެވެ. ބައްޕަވެސް އަންނަނީ ހާލަކުން ދުވަހަކުއެވެ. ދޮންމަންމަގެ އަނިޔާވެރިކަމުގެ ވާހަކަ ބައްޕައަށް ވެސް ފިރިމީހާއަށް ވެސް ކިޔައިދިނުމަކަށް ކުޅަދާނައެއް ނޫނެވެ.

ޙަޔާތަށް އައި އުފާވެރި ދުވަސްތައް ވީ ބަނަ ދުވަސްތަކަށެވެ. ދަރިޔަކު ލިބޭކަމުގެ އުފާވެރި އިހުސާސްތައް މިވަނީ ހިތާމަވެރި ދުވަސްތަކަކަށް ބަދަލުވެފައެވެ. އަނދިރި ދުވަސްތައް ގުނަމުން ފިރިމީހާގެ އިންތިޒާރުގައި ހުއްޓާ ލިބުނީ މާ ހިތާމަވެރި ޚަބަރެކެވެ. ފިރިމީހާ ދަތުރުކުރަމުން ދިޔަ ރޭލެއް އަރިއަޅާލައި ލިބުނު ގެއްލުމުގައި ފިރިމީހާ ކޯމާއަކަށް ދިޔަ ޚަބަރެވެ. ދަރިއަކު ލިބޭކަމުގެ އުފާވެރި ޚަބަރު ނުދެވެނީހެވެ. ލިބުނު ހިތްދަތިކަމުގައި އަހަންނަށް އެގޭގައި ހުރުމަށް ދަތިވެއްޖެއެވެ. ގޭގައި އެކަނިވާ ވަގުތު ދޮންމަންމަގެ ވިހަ ލަފުޒުތައް ކަންފަތްދޮށުގައި ގުގުމަމުން ދެއެވެ. އުފަންވުމާއެކު މަންމަ ނިޔާވި ވާހަކައާއި ދަރިއަކަށް ބަލިވެ އިނދެވުމާއެކު ފިރިމީހާ ކޯމާއަކަށް ދާން ޖެހުނީ އަހަރެންގެ ސުންޕާކަމުން ކަމަށް ބުނެ، ކުޑައިރު މާލެ ނުދާން ދެއްކި ވާހަކަ ހަނދާންކޮށްދީ މަލާމާތާ ފުރައްސާރައިގެ ލަފުޒުތައް އިއްވަމުން ދެއެވެ.

މި ހިތް ނުތަނަވަސްކަމުން ދުރުވުމަށް، ގެންގުޅުނު މައިންބަފައިން ގާތަށް ރަށަށް ދާން ގަސްދުކުރީމެވެ. ބައްޕަ ރިސޯޓުން އައިސް އުޅޭ ދުވަސްވަރަކަށް ވުމުން އަހަރެން ރަށަށްދާން ބޭނުންވާ ވާހަކަ ބުނީމެވެ. ދޮންމަންމައަށް ބައްޕަގެ ކުރިމަތީގައި އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނު ނަމަވެސް އަހަރެންނަށް އެގޭގައި ދެން ނޫޅެވޭނެކަމުގެ އިންޒާރު ވަނީ ދީފައެވެ. ބަލިވެއިން ކަމާއި އަހަރެންގެ ހަށިގަނޑު ނިކަމެތިވެފައިވާ ވަރު ފެނުމުން ބައްޕަ އިތުރު ސުވާލެއް ކުރުމެއް ނެތި ދަތުރު ހަމަޖެއްސިއެވެ. މާޒީގެ ތެރެއިން ނިކުމެވުނީ ހުދުފޮނު އަރުވަމުން ދެ ކަފިވަމުން ދިޔަ މަގު، ރޭގަނޑުގެ އަނދިރީގެ ތެރެއަށް ގެއްލި ރަށުގެ މަލަމަތީން ބޮކި އަލިފެންނަން ފެށުމުންނެވެ. އަހަރެންގެ ހަޔާތަށް އައި އަނދިރި ދުވަސްތަކުގެ ތެރެއިން އަލިކަމެއް ފާއްދާލިހެން ހީވާންފެށިއެވެ.

ރަށަށް ފޭބިތަނުން އަހަރެން ކުޑައިރުއްސުރެން ގެންގުޅުނު ބައްޕަ ފެނިއްޖެއެވެ. ބައްޕަ ނުހަނު ލޯތްބާއެކު އަހަރެން ގޮވައިގެން ގެއަށް ގެންދިޔައެވެ. އަހަރެންގެ އެނބުރި އައުން އެމީހުންނަށްވީ އުފަލަކަށެވެ. ފިރިމީހާގެ ހާލާމެދު ދެރަވެއެވެ. ނަމަވެސް އޭނާގެ ޚަބަރެއް ލިބޭނެ ގޮތެއް އަދި ނެތެވެ. ލިބެން މި އުޅޭ ދަރިފުޅުގެ ދިރިއުޅުމާ މެދު ވިސްނެއެވެ. އަހަރެން މިވަނީ ފިރިމީހާއާ މާދުރުގައެވެ. ދަރިފުޅުގެ ޙައްޤުގައި އޭނާގެ އިންތިޒާރުގައެވެ. އެހެނަސް އަހަރެންގެ ޙަޔާތް މިވަނީ ދެ ކަފިވެފައެވެ. ދާންވީ މިސްރާބު ގެއްލިފައެވެ.

އަހަރެން ރަށުގައި ދިރިއުޅެން ފެށީމެވެ. މަންމައާއި ބައްޕަގެ އޯގާތެރި ފިރުމުންތަކާއެކު ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށްޓަކައި އަހަރެންގެ ހިތާމަތައް އޮއްބާލައިގެން ހުރެވޭތޯ ބަލަމުން ދިޔައީމެވެ. އަސްލު ބައްޕަ، ދޭތެރެއަކުން އަހަރެންގެ ހާލު ބަލާލައެވެ. ފަހުން ފިރިމީހާގެ ޚަބަރު ކޮންމެވެސް ވަރަކަށް ލިބެމުން ދިޔައެވެ. އޭނާގެ ހާލު ރަނގަޅުވަމުންދާކަން އެނގުނެވެ. ދުވަސްތައް މާޒީއާ އެކުވެ ބަލިވެ އިންތާ ދުވަސް ފުރުމަށްފަހު ވިހައިފިއެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. އެ ތުއްތު ތުއްތު ދެ ލޮލުން ފިރިމީހާގެ ސޫރަ ފެންނަ ކަހަލައެވެ. ދަރިފުޅު ފެނުމުން މާޒީގެ ހިތި ހަނދާންތަކާ ދުރަށް ދެވުނު ކަހަލައެވެ. އެހެނަސް ފިރިމީހާގެ އިންތިޒާރުގައި ހުރީމެވެ. އޭނާ ވަރަށް އަވަހަށް އަންނާނެއެވެ. އަހަރެންގެ ޙަޔާތަށް ބަހާރު މޫސުމް ގެނެސްދޭނެއެވެ. އަހަރެން ފިރިމީހާގެ އިންތިޒާރުގައި ހުރީމެވެ. އޭނާ އަންނާނެކަން ބައްޕަގެ ފަރާތުންވަނީ އެނގިފައެވެ.

https://www.baiskoafu.com/view/audio/MzM5OA==

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.