English Edition
Dhivehi Edition
ކަވަރއާޓް: މިގު/ބައިސްކޯފު

ލިޔުނީ މަރިޔަމް ޝަޒްލީން

ޙިޝްމާ އާދައިގެ މަތިން ހެނދުނުގެ ނާސްތާއަށް ފަހު ކޮލެޖަށް ދާން ގެއިން ނުކުތެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާ އެނބުރި ގެއަށް އަންނަން ޖެހުނެވެ. ތަފާތު އިޙުސާސްތަކަކާ ކުރިމަތިވީ ދުވަހެކެވެ. ބޮލަށް އެންބުރުން އަރާގޮތްވިއެވެ. އަދި ހޮޑުލެވޭ ކަހަލަ ގޮތްވެސް ވާން ފެށިއެވެ. ގެއަށް ވަދެ ކޮޓަރިއާ ހަމައަށް ހަމަ ކިރިޔާ އާދެވުނީއެވެ. ވަރަށް ބޮޑަށް އޯކާދެމި ހޮޑުލެވިއްޖެއެވެ. ހޮޑުލެވުމަށް ފަހުވެސް ލިބެމުންދާ އުނދަގޫތަކަކަށް ލުޔެއް ނުލިބެއެވެ. އެހެން ކަމުން މިއަދު ޙިޝްމާއަށް ކޮލެޖަށް ދެވޭގޮތްވެސް ނުވީއެވެ. ޙިޝްމާ ހިޝްމާގެ ކޮއްކޮ ހަނާ ގޮވައިގެން އެންމެ ފަސޭހައިން ޑޮކްޓަރަށް ދެއްކެން ހުރި ކްލިނިކަށް ދިޔައެވެ. ރިސެޕްޝަނުން މަޢުލޫމާތު ހޯދުމަށްފަހު އެޕްއިންޓުމެންޓެއް ހެއްދިއެވެ. ޑޮކްޓަރު ހިޝްމާ ބެއްލެވުމަށްފަހު އެތައް ސުވާލެއް ކުރިއެވެ. ނަމަވެސް ޑޮކްޓަރު ވަކި އެއްޗެއް ވިދާޅުނުވެއެވެ. ދެއްވީ ލެބޯޓްރީ ޓެސްޓު ހެއްދުމަށެވެ. އަދި ބޯ އެނބުރުމާ ހޮޑުލެވުމެއް ލުޔެއް ލިބޭހެނޭ ފަދަ ބޭހެއް ލިޔެ ދެއްވިއެވެ. ހިޝްމާ ގެއަށް އައީ ލެބޯޓަރީ ޓެސްޓު ހެދުމަށް ސާމްޕަލް ދީފައެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން ކޮލެޖު ނިމުމުން މިފްރާހު އަވަސްވެގަތީ ޙިޝްމާއާއި ބައްދަލުކުރުމަށެވެ. ނަމަވެސް އާދައިގެ މަތިން ދެމީހުން ދިމާވާ ހިސާބުން މިއަދު ޙިޝްމާ ފެންނަން ނެތުމުން މިފުރާޙު އަވަސް އަވަހަށް ޙިޝްމާއަށް ގުޅިއެވެ. ޙިޝްމާއަށް މިފްރާޙުގެ ކޯލު އަންނަކަން އެނގުމާއެކު އެކޯލަށް ޖަވާބު ދޭން އަވަސްވެގަތެވެ. އަދި މިއަދު ކަން ދިމާވެގެން އުޅޭ ގޮތް މިފްރާޙުއާއި ޙިއްސާކުރިއެވެ.

އެހެން ރޭރެއެކޭ އެއްފަދައިން ދުވަސް ނިމި ރޭގަނޑުގެ ހަމަ ހިމޭން ކަން އައުމާއެކު މިފްރާޙާއި ޙިޝްމާ އެއްތަން ވިއެވެ. އެތައް އިރެއް ވަންދެން ދެމީހުން އެކުގައި ވަގުތު ހޭދަކުރިއެވެ. އެއަށް ފަހު މިފްރާޙު ގެއަށް ދާން ނުކުތީ ޖެހިގެން އައި ދުވަހަކީ ކޮލެޖު އޮންނަ ދުވަހެއް ނޫން ކަމުން ހިޝްމާގެ ރިޕޯޓު ދެއްކުމަށް ޙިޝްމާއާއެކު ކްލިކަށް ދާނެ ކަމަށް ބުނެފައެވެ.

އަނެއް ދުވަހު ހެނދުނުގެ ސަޔަށް ފަހު ހިޝްމާއާއި މިފްރާހު އަވަސް ވެގަތީ ރިޕޯޓު ދައްކަން ދާށެވެ. ޑޮކްޓަރު ރިޕޯޓުތައް ބެއްލެވުމަށް ފަހު ވަރަށް ހައިރާންކަމާއެކު ހިޝްމާ ބަނޑު ބޮޑު ކަމަށް ވިދާޅުވިއެވެ. އަދި ބަނޑަށް ދޮޅު މަސް ވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ. އެއަޑު އިވުމާއެކު ދެމީހުން ބަސް ހުއްޓި ހިމޭން ކަމާއެކު ވަގުތުކޮޅަކަށް ތިއްބެވެެ. ހިޝްމާ އިނީ ހިޝްމާގެ މަންމަ ނަސީމާއަށް މިޚަބަރު ލިބުމާއެކު ދެން ކަންވެގެން ދާނެ ގޮތަކާމެދު ވަރަށް ކަން ބޮޑުވެފައެވެ. ކްލިނިކުން ނިމުމާއެކު ހިޝްމާ މިފުރާޙަށް އެދުނީ ޙިޝްމާ މިފްރާޙާއި ވާހަކަ ދައްކަން ވަގުތު ކޮޅެއް ބޭނުން ކަމަށެވެ. އެހެން ކަމުން ދެމީހުން ދެން ދިޔައީ ކައިރީގައި ހުރި ރެސްޓޯރެންޓަށް ދިޔައެވެ. ދިމާވި ޙާލަތާއި ގުޅިގެން ވާހަކަ ދައްކަން އެތައް އިރެއް ވަންދެން މަޑު ކުރިއެވެ. ނަމަވެސް ހިޝްމާ އެމީހަކު ދެކެ އެންމެ ލޯބިވާ އެމީހަކަށްޓަކައި ޤުރުބާން ވަމުންދާ މިފްރާޙުގެ ފަރާތުން އިވިގެންދިޔަ ބަސްތަކަކީ ޙިޝްމާ އުއްމީދު ކުރިފަދަ ބަސްތަކެއް ނޫނެވެ. ހިޝްމާގެ ހިތް ކުދިކުދިވެއްޖެއެވެ. އިވެމުން ދިޔައީ ޙިޝްމާ މިފްރާޙަށް ކުރަމުންދާ އިތުބާރު ޔަޤީނުންވެސް ގެއްލިގެންދާ ފަދަ ވާހަކަ ތަކެކެވެ. ދެމީހުން ނުލާހިކު ލޯބިން އުޅެމުން އައި މިއަދު ދިމާވި ދަތި އުނދަގޫ ދަނޑިވަޅުގައި މިފުރާހު ޙިޝްމާގެ ސަޕޯޓަކަށް ނުހުންނާނެކަން ޙިޝްމާއަށް ޤަބޫލުކުރެވުނެވެ. މިފަދަ ނާޒުކު ޙާލަތުގައި މިފްރާޙު ބޭނުންވަނީ މިކަމާ ދުރަށް ދެވޭނެހާ ގޮތްތައް ހޯދުންކަން މިފްރާޙުގެ ވާހަކަތަކުން ޙިޝްމާއަށް ސާފުވެގެން ދިޔައެވެ. އިތުރު ވާހަކަތަކެއް އަޑުއަހާނެ ހިއްވަރެއް ޙިޝްމާއަކަށް ނުލިބުނެވެ. ޙިޝްމާ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. މިފުރާޙު އެމަންޒަރު ބަލަން ހުރިއެވެ. ނަމަވެސް މިއަދު ޙިޝްމާގެ ރުއިމުގެ އަޑަށް މިފްރާޙު ސަމާލުކަމެއް ނުދިނެވެ. މިފުރާހުގެ ފަހު ބަހަކީވެސް ޙަލަތާ ކުރިމަތި ލުމުގެ ހިއްވަރެއް މިފްރާޙަށް ނެތް ކަމަށެވެ. އަދި ކުރިމަތިލާން ބޭނުންވެސް ނޫން ކަމަށެވެ. އެހެންކަމުން ޙިޝްމާގެ ބަނޑުގައި އޮތް މިފްރާޙުގެ ދަރިފުޅު އެބޯޓުކުރުން ނޫން އެހެން އެއްވެސް ގޮތެއް މިފުރާޙު ބޭނުން ނޫން ކަމަށް މިފުރާޙު ބުންޏެވެ. ޙިޝްމާއާއި މިފުރާޙުގެ ގުޅުމަކީ ކައިވެނީގެ ގޮތުން ގުޅިފައިވާ އޮތް ޙަލާލު ގުޅުމެއް ނޫން ކަމުގެ އިޙުސާސެއް ޙިޝްމާއަކަށް ނުކުރެވެއެވެ. ދެމީހުން އުޅެމުން އަންނަނީ ވަރަށް ލޯބިންނެވެ. އެހެން ކަމުން ދެމީހުންގެ ލޯބީގެ ބަގީޗާއިން ލިބުނު މި ފޮނި މޭވާ ދޫކޮށްލުމަށް ޙިޝްމާ އެއްގޮތަކަށްވެސް ބޭނުމެއް ނުވިއެވެ.

މިފްރާޙުގެ ވާހަކަ ހުރި ގޮތުން ޙިޝްމާ ގޮތް ހުސްވެ އިތުރު ހާސްމެއްގެ ތެރެއަށް ދިޔައެވެ. ވުމާއެކު އިތުރަށް މިފްރާޙާއި ވާހަކަ ދައްކައި އާދޭސް ކުރަންވެސް ޙިޝްމާ ބޭނުމެއް ނުވިއެވެ. ރެސްޓޯރެންޓުން ގެއަށް ދިއުމަށް ޙިޝްމާ ޓެކްސީއަކަށް ގުޅިއެވެ. ހާސްވެފައި ހުރި ބޮޑުކަމުން މިވަގުތު ހިޝްމާ ހުރީ މީހެއްގެ އެހީތެރިކަމަށް ބޭނުން ވެފައި ނަމަވެސް މިވަގުތު ޙިޝްމާ މިފްރާޙުގެ އެހީއަކަށް އެދޭކަށް ބޭނުން ނުވިއެވެ. ވަރަށް ހިއްވަރުކޮށް ޓެކްސީގައި ގެއާ ހަމައަށް ދިޔައެވެ. ޙިޝްމާގެ މަންމަ ފެނުމާއެކު ދުވެފައި ގޮސް މަންމަގެ ގައިގައި އޮޅުލައިގަތެވެ. އަދި އަޑުން އަޑުނަގާ ބާރަށް ރޯން ފެށިއެވެ. ޙިޝްމާގެ މަންމަ ނަސީމާ ވަރަށް ހާސްވިއެވެ. އަދި ޙިޝްމާއާއި ސުވާލު ކުރަން ފެށިއެވެ. ކަންދިމާވި ގޮތް ވަރަށް ސާފުކޮށް ޙިޝްމާ މަންމައަށް ކިޔައި ދިނެވެ. ނަސީމާއަށް ކުއްލި ހައިރާން ކަމެއް ލިބިގެން ދިޔައެވެ. މިއަދު ކުރިމަތިވީ ނަސީމާ ދުވަހަކުވެސް ދެކެން ބޭނުންވީ ދުވަހެއް ނޫނެވެ. އަބަދުވެސް ޙިޝްމާއަށް ނަޞޭޙަތް ދެމުން ގެންދިޔައީ މިފަދަ ވިޔާނުދާ ޢަމަލުތަކާ ދުރުވެ ހަރުދަނާ މީހަކަށް ވުމަށެވެ. އެހެނަސް ވަގުތު ފާއިތު ވެއްޖެއެވެ. ޙާލަތާ ކުރިމަތިލުން ނޫން ގޮތެއް މިއަދު ނަސީމާއަކަށް ނެތެވެ.

އެހެން ކަމުން ނަސީމާ ވަރަށް ހިއްވަރުކޮށް ދަރިފުޅަށް ހިއްވަރުދޭން ފެށިއެވެ. ދުނިޔޭގައި ދިމާވާ މިފަދަ އިމްތިޙާން ތަކަކީ ކެތްތެރިކަމާއެކު ކުރިމަލާން ޖެހޭ އިމްތިޙާން ކަމަށް ބުނަމުން ގެންދިޔައެވެ. އަދި ހިތާމަކޮށް މުޅި މީހާ ހަލާކުވެގެން ދާންވެސް ނުޖެހޭ ކަމަށް ޙިޝްމާއަށް ނަސޭޙަތް ދެމުން ގެންދިޔައެވެ. މިއަދު ޙިޝްމާއަށް ދިމާވި މި ޙާލަތު މިފްރާޙު ދަރިފުޅާއެކު ނެތި، ބަނޑުގައިވާ ދަރިފުޅު އެބޯޓު ކުރުމަށް ބުންޏަސް އެއީ މަންމަ ރުހޭ ކަމެއް ނޫން ކަމަށް ބުންޏެވެ. އަދި ޙިޝްމާއަށް ދިމާވާ ކޮންމެ ކަމެއްގައި ޙިޝްމާއާއެކު ޙިޝްމާގެ މަންމަ ހުންްނާނެ ކަމުގެ ޔަޤީންކަން ދެމުން ގެންދިޔައެވެ. މިހާ ހިސާބުން ޙިޝްމާގެ ހިތުގައިވާ ރިހުމަށް ލުއިކަމެއް ލިބިގެން ދިޔައެވެ. ކުރިމަތި ވެފައިވާ ހިތްދަތިކަމުން ފަސޭހަކަމާއެކު އަރައިގަނެވޭނެ ކަމުގެ އިޙުސާސް ކުރެވެން ފެށިއެވެ. އަދި މިކަމާ ގުޅިގެން ދިމާވާ ކޮންމެ ހުރަހެއް ގިރާކުރުމަށް ފަސް ނުޖެހި ކުރިމަތިލުމަށް ޙިޝްމާ ޢަޒުމް ކަނޑައެޅިއެވެ.

ކުރިޔެކޭވެސް އެއްގޮތަށް ކިޔަވަން ފެށުމަށް ޙިޝްމާ ނިންމިއެވެ. އަދި ކޮލެޖަށް ދާން ފެށިއެވެ. އެއަށްފަހު ކޮލެޖަށްދާ ދިއުމުގައި މިފްރާޙާއި ދިމާ ވިޔަސް މިފުރާޙަކީ ޙިޝްމާގެ މައްޗަށް މަރުވެފައިވާ މީހެއް ކަމަށް ހެދުމަށްވެސް ޢަޒުމް ކަނޑައެޅިއެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކު ޙިޝްމާ ފެނުމުން މިފުރާޙު ޙިޝްމާ ކައިރިޔަށް ދެއެވެ. އަދި މިފުރާޙުގެ ސަކަ މިޒާޖުގައި ޙިޝްމާއާއި މުޚާޠަބުކޮށް ވާހަކަ ދައްކަން ފަށައެވެ. ނަމަވެސް ޙިޝްމާއަކަށް މިއަދު އެއަޑެށް ނުއިވެއެވެ. މިފުރާޙަކީ ޙިޝްމާގެ ހިތުގެ ވިންދު ކަަމަށް ދެކެމުން އައި ކަމުގައިވިޔަސް، މިއަދު ޙިޝްމާ މިފުރާޙަށް ފުރަގަސް ދިނެވެ. ހިތާ ދެކޮޅަށެވެ. ހަރުދަނާކަމާއެކު ކެތްތެރިކަން އިސްކުރިއެވެ. ނަމަވެސް މިފުރާޙުގެ މިޢަމަލަށް ބަދަލެއް ނާދެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެއްދުވަހު ކޮލެޖު ނިންމާފަ ގެއަށް ދާން ނުކުތް ގަޑިއެވެ. ކުއްލިއަކަށް މިފުރާޙު ޙިޝްމާ ހިފަހެއްޓިއެވެ. އަދި ރޮއި އާދޭސް ކުރަން ފެށިއެވެ. މިފުރާޙު ޙިޝްމާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި ޙިޝްމާއާއި ވަކިން ނުއުޅެވޭނެ ކަމަށް ބުނަމުން ގެންދިޔައެވެ. ވަކި ހިސާބަކުން ޙިޝްމާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ބޭ އިޚުތިޔާރުގައި މިފްރާޙުގެ އާދޭސް ތަކަށް އާނ އެކޭ ބުނެވުނެވެ. މިފްރާޙު އާއި އެކު މިފުރާޙުގެ ކާރަށްވެސް އެރީއެވެ. އަދި ދެމީހުން އެކުގައި ވަގުތު ހޭދަކުރިއެވެ. މިފުރާޙު ފުރުޞަތުގެ ބޭނުން ހިފިއެވެ. މިފުރާޙު އަނެއްކާވެސް މިފުރާޙު ބޭނުންވާ ގޮތަށް ޙިޝްމާ އެންބުރޭތޯ މަސައްކަތް ކުރިއެވެ. ޙިޝްމާ ބަނޑުގައި ވަނީ މިފުރާޙުގެ ޙައްޤެއް ކަމަށާއި އަދި މިފުރާޙު ދަރިފުޅު އެބޯޓު ކުރަން ބޭނުންވާކަމަށް ބުނަމުން ގެންދިޔައެވެ. މިހާރު ވިހަފިނަމަ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ކަމަށް ބުންޏެވެ. އަދި ކޮލެޖު ނިންމާފައި ދެމީހުން ކައިވެނި ކޮށް އުފާވެރި ދިރިއުޅުމެއް ހޯދާނެ ކަމަށް ބުނަމުން ގެންދިޔައެވެ. ޙިޝްމާ ޙަޤީޤަތުގަވެސް މިފުރާޙު ދެކެ ވަރަށް ލޯބިވެއެވެ. އިންތިހާއަށް ލޯބިއެވެ. އެހެން ކަމުން އިރުކޮޅަކަށް ނަމަވެސް މަންމަގެ ނަޞޭޙަތުގެ މަތިން ހަނދާން ނެތިއްޖެއެވެ. މިފުރާޙުގެ ވާހަކަތަކަށް އާނ އެކޭ ބުންޏެވެ.

މިފުރާޙު އަވަސް އަވަހަށް ޙިޝްމާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމަށް މަސައްކަތް ފެށިއެވެ. ޓިކެޓު ބުކް ކުރިއެވެ. ފުރުމުގެ ކުރިން މާލެއިން ޑޮކްޓަރަށް ދައްކަންވެސް ނިންމިއެވެ. އެހެން ކަމުން އެ އެޕްއިންޓުމެންޓު ހެއްދިއެވެ.

ޖެހިގެން އައި ދުވަހު، ޑޮކްޓަރަށް ދައްކަން ދާން އޮތް ގަޑީގެ ބައިގަޑި އިރު ކުރިން މިފްރާޙު ޙިޝްމާ ބަލާ ދިޔައެވެ. ނަސީމާއަށް ކުއްލިއަކަށް ފެނުނީ ގޭދޮރު ކުރިމައްޗަށް މަޑުކުރި ރަން ކުލައިގެ ކާރަކަށް ޙިޝްމާ އެރިތަނެވެ. ކާރުގެ ނަންބަރު ފެނުމާއެކު ނަސީމާއަށް އިތުރު މަޢުލޫމާތުތަކަކަށް ބޭނުން ނުވިއެވެ. ޙިޝްމާ ދިޔައީ މިފުރާޙާ އެކުގައިކަން އެނގުނެވެ.

ފެނުނު މަންޒަރު ތަކުން ނަސީމާއަށް އަނެއްކާވެސް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ޙިޝްމާ ގެއަށް އައުމާއެކު ނަސީމާ ޙިޝްމާއާއި ސުވާލު ކުރިއެވެ. ނަސީމާ ޙިޝްމާއަށް ދީފައިވަނީ ވަރަށް ފުރިހަމަ ތަރުބިއްޔަތެކެވެ. އެހެންކަމުން މިފަދަ އެއްވެސް ވަގުތެއްގައި ޙިޝްމާ މަންމައަށް އޮޅުވާ ނުލައެވެ. ސާފު ބަހުން ތެދުބުނެއެވެ. އެހެން ކަމުން ކަން ހިނގާދިޔަ ގޮތްވެސް ވަރަށް ސާފުކޮށް ޙިޝްމާ މަންމައަށް ކިޔާލަ ދިނެވެ. ނަސީމާ ވަރަށް ހަމަޖެހިގެން ހުރެ ޙިޝްމާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ޙިޝްމާ ހިމޭން ކަމާއެކު މަޑުމަޑުން އިނދެ މަންމަގެ ވާހަކަތައް ކަނުލައި އަޑު އެހިއެވެ. ޙިޝްމާއަކީ ބައްޕަ ދުނިޔޭގައި ހުރި ނަމަވެސް މަންމަ އެކަނި ބަލައި ބޮޑު ކުރި ކުއްޖެއްކަން ނަސީމާ ޙިޝްމާއަށް ހަނދާން ކޮށްދިނެވެ. އަދި ޙިޝްމާއަށް ދަރިޔަކު ލިބުނަސް ނަސީމާ އެދަރިފުޅަށް ބިކަކޮށް ނުލާނެ ކަމަށް ބުނަމުން ގެންދިޔައެވެ. މިހާރު ކުރެވިފައިވާ ފާފައިގެ އިތުރުން އިތުރު ފާފައަކަށް ޙިޝްމާ އަރައި ގަތުމަކީ މަންމަ ވަރަށް ހިތާމަކުރާނެ ކަމެއް ކަމަށް ބުންޏެވެ. ޙިޝްމާއަށް މިހާރު ކުރެވިފައިވާ ފާފައިން ތަޢުބާވެ ކޮންމެ ނަމާދެއްގެ ފަހުގައި ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަށްވެސް ނަސޭޙަތް ދިނެވެ. މަންމަގެ ވާހަކަތަކުން ޙިޝްމާއަށް ވަރަށް އަސަރުކޮށްފިއެވެ.

މަންމަގެ އެ ވާހަކަތައް އަޑު އެހުމަށް ފަހު އެވަގުތު މިފުރާޙަށް ގުޅިއެވެ. މިފުރާޙު ދެކެ ވަރަށް ލޯބިވާ ކަމަށާއި ނަމަވެސް މަންމަގެ ނިންމުމާ ދެކޮޅަށް ދާން ޙިޝްމާ ބޭނުން ނޫން ކަމަށް ބުންޏެވެ. އެއްގޮތަކަށްވެސް އެބޯޓުކުރަން ބޭނުން ނޫންކަމަށް ބުންޏެވެ. މިފުރާޙު އެގޮތް ނުުރުހޭ ނަމަ އެހެން ގޮތެއް ހޯދުމަށް ވެސް ޙިޝްމާ ބުންޏެވެ.

ދުވަސް ތައް ފާއިތު ވަމުން ދިޔައެވެ. ޙިޝްމާއަށް ލޯބި ލޯބި އަންހެން ކުއްޖެއް ލިބިއްޖެއެވެ.

ޙިޝްމާއާއި މަންމަ ވަރަށް ލޯބިން ދަރިފުޅު ބަލާ ބޮޑު ކުރަމުން ގެންދިޔައެވެ. ނަސީމާއަކީ ދިރިއުޅުމުގައި އަމިއްލަ ވިޔަފާރިއާއި ގޭގެ ކުލިން ރަނގަޅު ޢާމްދަނީއެއް ލިބޭ މީހެއް ކަމުން ދަރިފުޅުގެ އެއްވެސް ކަމަކަށް ދަތި ކަމެއް ނެތެވެ.

ދަރިފުޅަށް އަހަރު ވުމާއެކު ނަސީމާ ބޭނުންވީ ޙިޝްމާގެ ކިޔެވުން ފުރިހަމަ ކުރުމަށެވެ. އެހެން ކަމުން ޙިޝްމާ އަލުން ކޮލެޖަށް ދާން ފެށިއެވެ. ޙިޝްމާގެ ކޯސް ނިމި ގްރެޖުއޭޓު ވެއްޖެއެވެ. އަދި އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ވިސްނުން ހުރިކަމަށް މަންމަ ގާތު ބުނެ، މަންމައާއި މަޝްވަރާ ކުރިއެވެ. އަދި ވިޔަފާރި ފެށެންދެން ވަޒީފާއަކަށް ދާނެ ކަމަށްވެސް ބުންޏެވެ. އެއާރޕޯޓްސް ކޮމްޕެނީގެ މާކެޓިން ޑިޕާރޓުމެންޓުން ހުޅުވާލި ފުރުޞަތަށް އެޕްލައި ކުރުމުން ފަސޭހަ ކަމާއެކު އެވަޒީފާ ހަމަޖެހިގެން ދިޔައެވެ. ވަޒީފާގެ ގޮތުން އެއްކޮށް މަސައްކަތް ކުރާާ އިސް މީހުންނާއެކު އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ގިނަ ދަތުރުތައް ކުރަން ޖެހުނެވެ. ވަޒީފާގެ މާޙައުލުގައި ކިތައްމެ އަވަދިނެތި އުޅެން ޖެހިފައި ވިޔަސް އަމިއްލަ ވިޔަފާރި ފެށުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްވެސް މަޑުމަޑުން ކުރަމުން ގެންދިޔައެވެ. އަދި އަމިއްލަ ދިރިއުޅުގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ކުރަމުން ގެންދިޔައެވެ. ޙިޝްމާގެ ހީވާގިކަމާ ހިންގުންތެރިކަމާ އަދި ރީތި އަޚުލާޤު ފެނި ޙިޝްމާގެ ބޮސް، އަޙުމަދު ޙިޝްމާއަށް ޚާއްޞަ ސަމާލު ކަމެއް ދޭން ފެށިއެވެ. އެހެން ނަމަވެސް ޙިޝްމާގެ ފަރާތުން އަޙުމަދަށް މާބޮޑު ސަމާލުކަމެއްދީ އަދި މިކަން އެނގޭކަމަށްވެސް ނަހަދައެވެ.

ބާއްވަމުންދާ އެކިއެކި ބައްދަލުވުންތަކާ، ދަތުރުތަކާ އަދި ޙަފްލާތަކުގެ ތެރެއިން އަޙުމަދު ދިޔައީ ރަނގަޅު ފުރުޞަތެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އޮފީހުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޙަފްލާ ތެރެއިން އަޙުމަދު ޙިޝްމާއާ ވަކިން ބައްދަލުކޮށް ވާހަކަ ދައްކަން ފުރުޞަތު ހޯދިއެވެ. އަދި ވަގުތުގެ ބޭނުންކޮށް އަޙުމަދު ޙިޝްމާއަށް ލޯބި ހުށަހެޅިއެވެ. ނަމަވެސް ޙިޝްމާ އަޙުމަދުގެ އެހުށަހެޅުމަށް އެދެވޭ ޖަވާބެއް ނުދެއެވެ. އަނެއްކާވެސް ދިރިއުޅުމުގައި ދިމާވާ އިތުރު ހަނގުރާމައަކަށްވެސް ވެގެން ހިނގައިދާނެއޭ ޙިޝްމާ ހިތާ ހިތުން ބުންޏެވެ. ވަޒީފާގެ މާޙައުލުން މިދިމާވި ކަންތަކާވެސް ކުރިމަތިލުމަށް ޙިޝްމާ ޢަޒުމް ކަނޑައެޅިއެވެ.

ޙިޝްމާގެ ފަރާތުން ޔަޤީންކަން ހޯދަން އަޙުމަދު ދިޔައީ ޙިޝްމާއަށް ވަޒީފާގެ ފިއްތުންތައްވެސް ކުރިމަތި ކުރުވަމުންނެވެ. ނަމަވެސް ޙިޝްމާ ބެލީ ކެތްތެރި ކަމާއެކު އެ ހުރިހާ ކަމެއްވެސް ގިރާ ކުރުމަށެވެ. އެހެންކަމާއެކު ވަރަށް ސާބިތުކަމާއެކު ފަހަތަށް ނުޖެހި ދުވަސްތައް ގުނަމުން ދިޔައެވެ.

ދަރިފުޅުގެ ޢުމުން ފަސް އަހަރު ފުރިއްޖެއެވެ. ޙިޝްމާގެ ވިޔަފާރި ފެށުމުގެ ހުރިހާ ތައްޔާރީތަކެއް ފުރިހަމަ ވެއްޖެއެވެ. ބާކީ ހުރީ މުއްޒަފުން ހޯދުން އެކަންޏެވެ. މިހިސާބަށް އައި އިރު މަންމަގެ އެދުމުގެ މަތިން އަޙުމަދަށް އާނ ބަސް ވެސް ދީފިއެވެ. އަޙުމަދާ ޙިޝްމާއާއި ކައިވެނި ޙަފްލާއަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަން ފެށިއެވެ. މި ނިންމުމާ ހަމައަށް ދިޔައިރު ޙިޝްމާ ދުވަހަކުވެސް އަޙުމަދު ގާތުގައި ޙިޝްމާގެ ދަރިއެއް ހުންނަ ވާހަކައެއް ނުބުނެއެވެ. އެއްރޭ އަޙުމަދު ތަން ކޮޅެއް އިރާކޮޅު ޙިޝްމާއާއި އެކު އެގެއަށް ދިޔައެވެ. ދެމީހުން އެކީ ގެއަށް ވަންތަނާ ދަރިފުޅު ޙިޝްމާ ފެންނަ އިރަށް މަންމީއޭ ކިޔާފައި ޙިޝްމާއާ ދިމާއަށް ދުއްވައި ގަތެވެ. އެހާ ހިސާބުން އަޙުމަދުގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ނަސީމާއަށް އެކަން ފާހަގަ ވިއެވެ. ނަސީމާ އަވަސް އަވަހަށް ދަރިފުޅު ގޮވައިގެން އެތެރެއަށް ވަދެއްޖެއެވެ. އަޙުމަދު ޙިޝްމާއާއި ސުވާލު ކުރިއެވެ. ޙިޝްމާ ޙަޤީޤަތް އޮޅުވާލާކަށް ބޭނުމެއް ނުވިއެވެ. އެހެން ކަމުން ޙަޤީޤަތް ހާމަ ކުރިއެވެ. އަދި ކުރިން މިވާހަކަ ބުނެވިފައި ނެތުމުން މަޢާފަށްވެސް އެދުނެވެ. ނަމަވެސް ޖަވާބު ލިބުމާއެކު އަޙުމަދު ޙިޝްމާ ކައިރީ ބުނީ ކައިވެންޏައް ފަހު އަޙުމަދާ ޙިޝްމާ ދިރިއުޅޭނީ އަޙުމަދުގެ ގޭގައި ކަމަށާއި އަދި އެގެއަށް ދާންވާނީ ޙިޝްމާ އެކަނި ކަމަށެވެ. ދަރިފުޅު ގެންދަން ބޭނުން ނޫން ކަމަށެވެ. ޙިޝްމާއަށް ކުރިން ހީކުރެވުނު ގޮތަށް މިއޮތީ އަނެއް ހަނގުރާމަ ބޯމަތި ވެފައެވެ. ޙިޝްމާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ދިރިއުޅުމުގައި އަނެއްކާވެސް ތަފާތު ތަޖުރިބާއަކާ ކުރިމަތިލާން ޖެހުނެވެ. ޙިޝްމާގެ ޖަވާބު ވަރަށް ސާފެވެ. ޙިޝްމާގެ ދަރިފުޅު ދެކެ ލޯބި ނުވާ މީހަކާއެކު ދިރިއުޅެން ބޭނުންނޫން ކަމަށް ޙިޝްމާ އެވަގުތު އަޙުމަދަށް ޖަވާބު ދިނެވެ. އަޙުމަދު އާދޭސް ކުރަމުން ފެށިއެވެ. ނަމަވެސް އެއާދޭހަށް ޙިޝްމާ ދިނީ ބީރު ކަންފަތެކެވެ. މިހުރިހާ އަޑެއް އަހަން ޙިޝްމާގެ މަންމަ ނަސީމާ ހުއްޓެވެ. ނަސީމާގެ ދަރިފުޅުގެ ހަރުދަނާ ކަމާމެދު ނަސީމާ ފަޚުރުވެރި ވިއެވެ. ވަގުތުން ވަގުތަށް ކައިވެނީގެ ހުރިހާ ކަމެއް ކެންސަލް ކުރަންވެސް ހިޝްމާ އަޙުމަދު ގާތުގައި އެދިއްޖެއެވެ.

ދިމާވި ކަންތައްތަކުން ދުރުވެ ކުޑަކޮށް ހަމަ ޖެހިލުމަށްޓަކައި ޙިޝްމާ މަހެއްހާ ދުވަހަށް އޮފީހުން ޗުއްޓީ ނެގިއެވެ. އަދި ޗުއްޓީ ދުވަސް ކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ގޭގައި އިނދެގެން ވިޔަފާރި ފަށަން ނިންމިއެވެ. ގޭގެ ގްރައުންޑު ފްލޯގައި ޕާފިއުމް ޝޮޕެއް ހުޅުވުމުގެ ހުރިހާ ތައްޔާރީއެއް ކޮށްފިއެވެ. މަޝްހޫރު ބްރޭންޑެއް ކަމަށްވާ ނޯޓު ބްރޭންޑުގެ ހުރިހާ ބާވަތެއް ހޯދިއެވެ. އަދި ތަނަށް ބޭނުންވާ މުއައްޒަފުންވެސް ހޯދައިފިއެވެ. މިފަދަ އެހެން ޝޮޕެއް ޙިޝްމާގެ އަވަށުގައި ނެތުމުން ފިހާރަ ހުޅުވާއިރު ކޮންމެވެސް ވަރެއްގެ ޙަފްލާއެއް ބާއްވަންވެސް ނިންމިއެވެ. އަވަށުގެ ކައުންސިލް ބޯޑާއި އޮފީސް އޮފީހުގެ އިސްވެރިންނާއި އަދި ކޮންމެވެސް ވަރަކަށް ޢާއްމުންނަށްވެސް ދަޢުވަތު ދިނެވެ. އާއަހަރުގެ ފުރަތަމަ ރޭ ޙިޝްމާގެ ވިޔަފާރި ހުޅުވުމުގެ ޙަފްލާ ވަރަށް ކުލަގަދަކޮށް ބޭއްވިއެވެ. ދިރިއުޅުމުގެ އާ ޙަރުފަތަކަށް އެރަން ފިޔަވަޅު އެޅިއެވެ. އެއްވެސް ކަމެއްގައި ފަހަތައް ޖެހޭކަށް ބޭނުމެއް ނޫނެވެ. ދިމާވެދާނެ ކޮންމެ ގޮށްޖެހުމަކާ ކުރިމަތި ލުމަށް ތައްޔާރެވެ. ޙަފްލާ ތެރޭގައި ޢަޙުމަދާއި މިފްރާޙުވެސް ތިިއްބެވެ. ޙިޝްމާގެ ލޯބި ލޯބި ދަރިފުޅު ހަނާއާއި އެކު ޙަފްލާގެ ޝަރަފުވެރިންގެ މޭޒުގައި ހިޝްމާ އިނެވެ. ހިޝްމާއަކީ މިއަދު ހިޝްމާއަށް ޓަކައި ހިޝްމާގެ މަންމަ ފަޚުރުވަމުން ގެންދާ ދަރިއެކެވެ. ދިރިއުޅުމުގައި ދިމާވި ދަތިތަކުން އަރައިގަންނަން ހިޝްމާއަށް ލިބުނު އެންމެ ބޮޑު ހިއްވަރާ އަދި ލިބިފައިވާ ކާމިޔާބީގެ އަޞްލަކީ މަންމަ ނަސީމާއެވެ. ޙިޝްމާގެ ލޮލުން ޝުކުރުވެރި ކަމުގެ ކަރުނަ ފޭބިއެވެ. އަދި ޙަފްލާގެ ތެރެއިން މަންމައަށް ތަޢުރީފުގެ ބަސްކޮޅެއް ބުނެ އިއްވިއެވެ. އަދި ދިރިއުޅުމުގައި ޙިޝްމާއަށް ކުރެވިފައިވާ ކުށަށް މަންމަ ގާތުން މަޢާފަށް އެދުނެވެ.

ޙަފްލާ ނިމިގެން ހުރިހާ އެންމެން ގެއަށް ދާން ފެށިއެވެ. މިފްރާޙު ޙިޝްމާ ގާތަށް އައެވެ. މަޢާފަށް އެދުނެވެ. އަދިވެސް ޙިޝްމާ މިފްރާޙާ އެކީ އުޅެން ބޭނުން ނަމަ އެފުރުޞަތު ދޭން ހުރި ކަމަށް ބުންޏެވެ. ނަމަވެސް ޙިޝްމާ ޖަވާބުގައި ވަކި އެއްޗެއް ނުބުނުމުން މިފްރާޙު ދިޔައެވެ. އަދި އަޙުމަދުވެސް ޙިޝްމާ ގާތަށް އައެވެ. މަޢާފަށް އެދުނެވެ. މިފްރާޙެކޭ އެއްފަދައިން އަޙުމަދުވެސް ހުރީ އަލުން ފުރުޞަތު ދޭށެވެ. ދަރިފުޅާއެކު އުޅެން ތައްޔާރު ކަމަށް ބުންޏެވެ. އަޙުމަދަށްވެސް އިތުރު ޖަވާބެއް ނުދިނުމުން އަޙުމަދުވެސް ދިޔައީއެވެ.

ޙިޝްމާގެ މަންމައާއާއި ޙިޝްމާ ދަރިފުޅު ގޮވައިގެން ގެއަށް ވަދެއްޖެއެވެ. އުފާވެރި ކަމާއެކުގައެވެ. ދިރިއުޅުމުގައި އަންހެނަކު އެކަނި ވިޔަސް ދަރިއަކު ބަލާ ބޮޑުކޮށް ކާމިޔާބު ކުރެވިދާނެ ކަމުގެ ނަމޫނާ ދައްކަމުންނެވެ.

= ނިމުނީ =

https://www.baiskoafu.com/view/audio/MzQwNQ==

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.