English Edition
Dhivehi Edition
ކަވަރއާޓް:މިގު/ބައިސްކޯފު

ލިޔުނީ: ޢަލީ ޝަހީމް، ރަބީޢު، ރ އަލިފުށި ( އަޝްހުރު )

އިރުވައިމޫސުމުގެ ހިތްގައިމު ދުވަސްތަކުން ދުވަހެއްގެ ހަވީރެކެވެ. ހިސާބަކަށް ނަލަވައިރޯޅި ޖެހެމުން ދެއެވެ. އަތިރިމަތީގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވެ އުޅެއެވެ. ހީވަނީ ކޮންމެވެސް ކަމަކު ބައްދަލުވުމެއް ބާއްވައިގެން އުޅެނީހެނެވެ. ކުޑަކުދިންތައް އެކިހިސާބުގައި ދުވަމުން ސަކަރާތް ޖަހަމުން ދެއެވެ. ތަށިމުށިން ޒީނަތްތެރިކޮށްފައިވާ ސިމެންތި ގޮނޑިއެއްގައި ޔޫކާ އިށީނދެލައިގެން އިނީ ފުޓްބޯޅަ ކުޅެންތިބި ބަޔަކާދިމާއަށް ބަލާށެވެ.

‘ އަދިވެސް މިތަނުގަތަ ”’؟ ޔޫކާ ސިއްސައިގެން ދިޔައީ މީހަކު އެހެން ބުނިއަޑަށެވެ. ” މާނާތަ” ؟ މާނާއަކީ ޔޫކާގެ އެންމެގާތް ރަޙުމަތްތެރިޔާއެވެ. ކާކަށްތަ ގެއްލިފަ ތިއިނީ،،،،! ވަކިމީހަކަށް ނޫން،، ދެން ހަމަ އެމީހުން ކުޅޭތަން ބަލާލަނީ،،، އަހަރެން ހިތަށްއަރާ އެމީހުންނަކަށް ތަދެއްވެސް ނުވޭބާއޭ،،، އެހާބާރަށް ޖެހުނަސް އެއްވެސް ކަމެއް ނުވޭ،،،،، ގާތަކުމައްޗަށް ވެއްޓުނަސް ތަދެއްނުވޭ،،،،، ފިރިހެންކުދިން ހާދަ ހިތްވަރުގަދައޭ ދޯ މާނާ،،،، އަހަރެމެން ވަކި ހިތްވަރު ދެރައީތަ؟ ބަށިބޯޅަ އެހާ ބާރަށް ޖަހާއިރުވެސް މި ހިފަނީނު،،، މާނާ ބޭނުންވީ އަންހެންކުދިންނަކީ ވެސް ހިތްވަރުގަދަ ބަޔަކަށް ހަދާށެވެ.

” އައްދޯތް،،، ކުއްލިއަކަށް ޔޫކާއަށް ބުނެވުނެވެ. ޔޫކާ އެހެންބުނީ އެފިރިހެން ކުދިންތައް ކުޅެން ގެންގުޅުނު ބޯޅަ އައިސް ޔޫކާގެ ފައިގާ ޖެހުނީމައެވެ. އެވަގުތު ބޯޅަބަލާ އައިސް ހުރި ފިރިހެންކުއްޖާ ސޮރީއޭ ބުނެފައި ބޯޅަ ހިފައިގެން ހިނގައްޖެއެވެ. ” އެދިޔައީނު ސޮރީއޭ ބުނެފަ އެނިމުނީނު،،،، ޅަގޮތެއްހުންނަ ޔޫކާ އަނގައަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ. މާނާ ބޯޅަބަލާ އައީ ކާކުތަ؟ މިރަށު ކުއްޖެއްނޫން ދޯ…! ނޭނގޭތަ،، އެއީ އަދުހަމް،،، މޫސަބެގޯތި އަދުހަމް ،،، ޓީޗިން ހަދައިގެން ރަށަށް އައީނު،،،، އަނެއްކާ ހިތްކީތަ،،،،، މާނާ ޔޫކާއާ ދިމާކޮށްލިއެވެ. ” އައްޗި މަ…. މަ އެބައުޅޭތަ އެކަހަލަ ސޭކެއް ނުލިބިގެން،،،،، މަ ބޭނުންވަނީ ބޮޑު މުއްސަންޖަކާ އިންނަށް،،، އުޅެން ބޭނުންވަނީ ވަރަށް އުފަލުގަ،،،، އަރާމުގަ، އެއީ ތެދެކެވެ. ޔޫކާ އަބަދުވެސް ބުނާނީ އެހެނެވެ. ގްރޭޑް 9 ގައި އުޅުނަސް ޔޫކާ އަބަދުވެސް ވިސްނާނީ މުއްސަނދި ކަމަށެވެ. ވާނީވެސް އެހެންތާއެވެ. ޔޫކާއަކީ ރަށުގެ ނިސްބަތުން އެންމެ މުއްސަނދި އެކަކެވެ. މައިންބަފައިންގެ މުއްސަނދިކަމެވެ. އެމީހުންގެ ބޮޑާކަމެވެ. ކިބުރުވެރިކަމެވެ.

ޔޫކާއަކީ އަންހެންކުއްޖެއް ނަމަވެސް އުޅުން ވަރަށް ތަފާތު ކުއްޖެކެވެ. އުޅެބޮޑުވަމުން އައީ ތަނަވަސްކަން މަތީގައި ކަމަށްވާތީ އެހެންމީހުންގެ އިޙްސާސްތައް ނުދަންނަ ކަހަލައެވެ. ގުދުރަތުން އޭނާއަށް ދެއްވާފައިވަނީ އަޖައިބެއްކަހަލަ ރީތި ކަމެކެވެ. ފަގީރުންނަކީ ޔޫކާގެ ކުރިމަތީގައި ވަރަށް ޤަދަރުކުޑަ ބައެކެވެ. މާނާއާ ގުޅުންބާއްވަނީ ވެސް މާނާއަކީވެސް ފޯރާ އަންހެން ކުއްޖަކަށް ވާތީއެވެ.

އެދުވަހު ކުޅެނިންމާފައި އައިސް އަދުހަމް ފެންވަރަށް ފާޚާނާއަށް ވަނެވެ. ނަމަވެސް ނޭނގޭ އިޙްސާސްތަކެއް އޭނާއަށް އުނދަގޫ ކުރަނީއެވެ. އޭނާއަށް ބޯޅަބަލާ ދިޔަތަނުގައި އިން އަންހެންކުއްޖާ ފެންނަނީއެވެ. އާއެކެވެ. އޭނާގެ ސޫރަ ކުރެހެނީއެވެ. އަދުހަމަށް އެއީ ކާކުކަމެއް ނުވެސް އެނގެއެވެ. ރަށުން ބޭރުގައި އެހާ ގިނަދުވަހު އުޅުނީމައި ނޭނގެނީއެވެ. ގިނަ މޫނުތަކަކީ އޭނާއަށް ވަރަށް އާމޫނު ތަކެކެވެ.

ޖެހިގެން އައިދުވަހު އަދުހަމަށް ސްކޫލްތެރެއިން ޔޫކާ ފެނިއްޖެއެވެ. ” ސްކޫލް ދަރިވަރެއްތާ.. ހިތާހިތުން އަދުހަމަށް ކިޔާލެވުނެވެ. އެކަމަކު ހާދަރީތި އަންހެންކުއްޖެކެވެ. އަދުހަމު ބަލަހައްޓައިގެން ހުއްޓާ ޔޫކާ އަދުހަމުގެ ކުރިމަތިން ގޮސް ނިވާވެއްޖެއެވެ.

” ޔޫކާ ދީބަލަ ތި ފަތިގަނޑު ” ޖެހިގެން އިން މަރީ ބުންޏެވެ. ” ކަލޭ ސްކޫލަށް އަންނަނީ މަގޭ އަތުން އެއްްޗެހި ލިބޭނެކަމަށްތަ،،،، ؟ ބަލަ މަގޭ މައިންބަފައިން ވެސް ލާރި ދީފައޭ އެއްޗެހި ގަންނަނީ،،،، މަރީ ދެރަވަގެން ސޮރީއޭ ބުނުމަށް ފަހު އަނެއްފަރާތަށް އެނބުރުނެވެ. އެދުވަހު ކުލާހުގައި އޮތް ހިސާބު ޓެސްޓް ކޮޕީކުރުމުގެ ކުށުގައި ޔޫކާވެސް ބެދިއްޖެއެވެ. ޔޫކާ ހެކިދައްކަމުން ދިޔައީ އޭނާ އެކަން ނުކުރާކަމަށެވެ. ނަމަވެސް އެވަގުތު ކުލާހުގައި ހުންނެވި ޓީޗަރު ލޮލުންދެކި އަތުންހިފިކަމަށް އޭނާ ބުނެއެވެ. އެދުވަހު ޔޫކާގެ މަންމަ ސްކޫލަށް ޙާޟިރުކުރުމުން ޓީޗަރާދިމާއަށް ފަތިވަރު އަމުނާލިއެވެ. އަދި ޔޫކާ އެކުށުން ސަލާމަތްވާނީ ކިހާވަރެއް ދިނިއްޔާތޯވެސް ސުވާލު ކުރިއެވެ. އެއީ އަބަދުވެސް ޔޫކާގެ މައިންބަފައިންގެ ޙާލަތެވެ.ދަރިފުޅު ދޮންފުތު ކުރާތީ ޔޫކާ އަބަދުވެސް ބޭނުންވަނީ މޮޅު ގޮތެވެ.

ގްރޭޑް 9 ގައި އުޅެމުން ޔޫކާ ރައްޓެހިވީ ރަށުގެ އެންމެ ވިޔާނުދާކޮށް އުޅޭ މިފްޒާލް އާއެވެ. ޔޫކާގެ ރީތިކަމުގައި މިފްޒާލް ޖެހުނީ ވައިސޫރިއެއްހައި ހަލުވި ކަމާއެކުގައެވެ. އަދި ގޯޅިގޯޅި ކަންމަތީގަޔާ،،، ފަޅުގޭގެ ތެރެއިން ޔޫކާއާ މިފްޒާލް ފެންނަމުން ދިޔައެވެ. އެދެމީހުން އުޅެނީ ވަރަށް ލަދުކުޑަ ގޮތްގޮތަށެވެ. އެމަންޒަރުތަކާއި އެ އަޑުތައް އަޑުއަހަން އަދުހަމް ހުންނަނީ މާޔޫސްކަން މަތީގައެވެ. އެކަމަކު ޔޫކާދެކެ ވާލޯތްބެއްގެ ސަބަބުން ޓީޗަރެއްގެ ހައިޞިއްޔަތުން ވެސް އެކައްޗެކޭ ވެސް ބުނާކަށް ނުކެރެއެވެ.

ރަށުތެރޭގައި ޔޫކާއާ މިފްޒާލްގެ ވާހަކަ ދައްކަން ފެށުމުން ޔޫކާގެ މަންމަ ފާޅުގައި މީހުނަށް އެތިވަރު ގޮވަމުން ދިޔައެވެ. އެވާހަކަ ދައްކާ ކޮންމެ މީހަކާ ދިމާއަށް ” އަވަރު ދެލޯ” ގޮވަމުން ދެއެވެ. ޔޫކާގެ ދިފާޢުގައި މައިންބަފައިން ނުކުތުން ވެގެން ދިޔައީ ޔޫކާއަށް ލިބުނު ހިތްވަރަކަށެވެ. ފަހަރެއްގައި ވެސް ޔޫކާގެ މައިންބަފައިންނަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ހަމަ ނޭނގެނީބާއެވެ. އެމީހުން ތިބެނީ އެމީހުންގެ ދަރިފުޅަކީ މުޅި އަތޮޅުން ވެެސް ހޮވާލެވޭ ވަރުގެ ރީތި އަންހެންކުއްޖަކަށް ވީތީ ބޮޑާވެ ފަޚުރު ވެރިވެފައެވެ.

ދުވަސްތައް ތޮށަލި ދުޅައަށް ދެއެވެ. ޔޫކާ ގްރޭޑް 10 ނިމި ސްކޫލުން ވަކިވާން ޖެހުނީ އެއްވެސް މާއްދާއަކުން ފާސް ނުވެއެވެ. އެކަމާވެސް ޔޫކާގެ މަންމަ ފަތިވަރު އަމުނާލިއެވެ. ” މަގޭ ދަރިފުޅު މޮޅުވާނެ،، އެމީހުން މަގޭ ދަރިފުޅު ރީތިވީމަ ހަމަ ޖައްސާލައިގެން އެ އުޅެނީ،،، މިފަދަ އިބާރާތުން ޔޫކާ ދިފާޢު ކުރަމުން އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ހަލާކުގެ ތެރެއަށް ވައްޓާލަމުން ދިޔައެވެ.

ދުވަސްކޮޅަކު އުޅުމަށްފަހު ޔޫކާ މިފްޒާލް މަތިން ފޫހިވިއެވެ. ރަށަށް އައިސް އުޅޭ މާލޭގެ ޒުވާނެއް ކަމަށްވާ އީމާނަށް ހިތް ކިޔަން ފެށިއެވެ. އަދި މަތިންބައިން އީމާނަށް ގުޅާ ގެއަށްގެނެސް އީމާނުގެ ގައިގާ ބީހެން ފެށުމުގެ ނަތީޖާއަކަށްވީ މާބުރުގެ އުސޫލަށް ލޯބިކުރާ އީމާން ޔޫކާގެ ރީތިކަމުގެ ފައިދާ ނެގުމެވެ. އީމާނަކީ މުއްސަންޖަކަށްވީތީ ޔޫކާގެ މައިންބަފައިން އެކަމާ ވަރަށް ގަބޫލު ވިއެވެ. ޔޫކާއާ އީމާން ދިޔައީ ކައިވެނީގެ އިމުން ބޭރުން ނުހަމަ ގުޅުންތަކެއް ހިންގަމުންނެވެ. ޔޫކާގެ ކޮޓަރީގައި އީމާން ނިދާކަންވެސް ޔޫކާގެ މައިންބަފައިންނަށް އެނގެއެވެ. ނަމަވެސް އެކަމާ މާބޮޑަށް އަޅާލާހެނެއް ހިޔެއް ނުވެއެވެ. އަންހެން ދަރިއަކު އެފަދަ ގޮތަކަށް ދޫކޮށްލަން އެއްވެސް މަންމައަކަށް ހަމަ ކެރޭނެ ހެއްޔެވެ؟ ވިސްނާލަ ބަލާށެވެ.

އީމާންއާ ޔޫކާގެ ގުޅުންފެނިފައި އަދުހަމުގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ނަމަވެސް ކެތްކޮށްލައިގެން ހުރީއެވެ. އަދުހަމް ކަހަލަ ޤަދަރުހުރި މީހަކު ޔޫކާ ކަހަލަ ” ކޫޑި ” އަކާ ގުޅުން ވެގެން ދާނީ މުޖުތަޢުގެ މަލާމާތް ލިބި އަދުހަމްގެ އަގުވެއްޓޭނެ ފަދަ ކަމަކަށެވެ. މަސްދުވަސް ފަހުން އީމާން މާލެ ހިނގައްޖެއެވެ. ޔޫކާބަލާ އަންނާނެ ކަމުގެ ހުވާކޮށްފައެވެ. ނަމަވެސް އީމާން އަންނާނެ ހެއްޔެވެ؟ އޭނާގެ 2 ކުދިންނާ އަންބަކުވެސް މާލޭގައި އެބަ އިނެވެ. ނަމަވެސް ފައިސާއާއި ރީތިކަމަށް ފެންބޮވާފައިވާ ޔޫކާގެ ދެމައިންނަށް މިއިން ކަމެއް ރޭކާވެސް ނުލައެވެ.

މޫސުންތައް އެކިއެކި އޮއޮވަރުތަކަށް ބަދަލުވަމުން ދެއެވެ. މިހާރު ޔޫކާގެ ޢުމުރުން 19 އަހަރު ވީއެވެ. އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަން ޖެހޭ ރިވެތި އެއްވެސް ސިފައެއް ޔޫކާގެ ނެތެވެ. އޭނާއަށް ކަމުދަނީވެސް އެސިފަތައް ނެތިއްޔާ ކަންނޭނގެއެވެ. އޭނާގެ ހުރީ ހަމައެކަނި ޤުދުރަތުން އޭނާއަށް ލިބިފައިވާ ބޭރުފުށުގެ ރީތިކަމެވެ. ޔޫކާ އީމާންގެ އިންތިޒާރުގައި މާގިނަ ދުވަހަކު ނުހުއްޓެވެ. ރަށަށް އަރުވާލާފައި ހުރި އިނާޒްއާ ގާތްގުޅުމެއް ބާއްވަން ފެށިއެވެ. އިނާޒް ރަށަށް އަރުވާލީވެސް ކުޑަކުއްޖަކާ ބެހިގެންކަން ރަށުގެ މަދުމީހަކަށް އެނގުނަސް ޔޫކާއަކަށް އެކަމެއް ނޭނގެއެވެ. ޔޫކާބެލީ އިނާޒްގެ ސިފައަށެވެ. ރީއްޗެވެ. ސަޅިއެވެ. ހިތްކިޔައެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟

މިފަހަރުވެސް ޔޫކާގެ މުޅި ހަށިގަނޑު އިނާޒަށް ހިބައިން ދިނެވެ. އެއީ މިހާރު ޔޫކާގެ ހިތްހަމަ ޖެހުމެވެ. އަރާމެވެ. އެމަސްތީ އުފާތައް އަބަދުހެން އޭނާ މިހާރު ބޭނުން ވެއެވެ. ޔޫކާވަނީ އެ ފާޙިޝް ޢަމަލުތަކަށް ފެންބޮވައިގަނެފައެވެ. ފިރިހެނެއްގެ ބީހުން ނުލިބޭހާ ހިނދަކު އޭނާއަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެހެން ފިރިހެނުންނާ ބާއްވާ ގުޅުމަށްވުރެ އިނާޒްއާ ބޭއްވި ގުޅުން ޔޫކާ ހިތްހަމަ ޖެހުނެވެ. އިނާޒްގެ ފިރިހެންވަންތަ ބީހުންތައް ޔޫކާއަށް ވަރަށް ކަމުދިޔައެވެ. ޔޫކާގެ އެނދުދާން އިޝްޤީ ލައްޒަތުން އެންމެ ފުރިހަމައަށް ފަޅުފިލުވައިދިނީ އިނާޒް ކަމުގައި ޔޫކާ ޤަބޫލުކުރިއެވެ. މިފަހަރުވެސް އަދުހަމް ހުންނަން ޖެހުނީ ދުރުދުރުން މަންޒަރު ބަލާށެވެ. އެކަމަކު ޔޫކާއަށްޓަކައި ހިތުގައި އޮތްލޯބި ޒައްރެއްގެ މިންވަރުވެސް މަދެއް ނުވެއެވެ.

އިނާޒް މިނިވަންވީ ޖެހިގެން އައިމަހުއެވެ. އިނާޒް ދާންޖެހުމުން ޔޫކާއަށް ކޮންމެސްވަރެއްގެ ނުތަނަވަސް ކަމެއް އައެވެ. އިނާޒް ބުނަމުން ދިޔައީ ވަރަށް އަވަހަށް ޔޫކާ ބަލާ އަންނާނެ ކަމުގައެވެ. އިނާޒް ދިޔަތާ 3ހަފުތާ ފަހެވެ. އާދަޔާ ޚިލާފު ގޮތްތަކެއް ޔޫކާއަށް ވާން ފެށިއެވެ. މޭނުބައިކޮށް ހޮޑުލަވަނީއެވެ. އެމަންޒަރު ބަލަންހުރި މަންމަ އަށް ކަންވީގޮތް ސާފު ވިއެވެ. އަދި ވަގުތުން މާލެދާން ފުރިއެވެ. ކަނުލޯބި ދެވިފައިވާ ޔޫކާއަށް ކަންވީގޮތް މަންމަ ކިޔައި ދިނެވެ. އަދި ދަރިފުޅު ވައްޓާލުމަށް މާލެދަނީ ކަމުގައި ވެސް ބުންޏެވެ. ޔޫކާ ވަރަށް އުފާވިއެވެ. އެކަހަލަ ލޯބިވާ މަންމައެއް ލިބުނީތީއެވެ.

ދަރިފުޅު ވައްޓާލުމަށް ފަހު ޔޫކާ އެނބުރި ރަށަށް އައީ އުފަލުންނެވެ. ބޮޑު އަޑިގަނޑަކުން އެއްވެސް މީހަކަށް ނޭނގި ސަލާމްތް ވެވުނީމައެވެ. ނަމަވެސް ޔޫކާއަށާ އޭނާގެ މައިންބަފައިންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަޠަޢާލާ ބައްލަވާ އަދި އައްސަވާ ވޮޑިގެން ވެއެވެ. އަދި އެނގޭނެ ދުވަހެއް އަންނާނެއެވެ. އެފަހަރު މާލެއިން އައިސް ކުޑަދުވަސްކޮޅަކު ގެއިން ބޭރަށް ނުނިކުމެ ޔޫކާ މަޑުކުރިއެވެ. ހަފްތާއެއް ފަހުން ޖެހިގެން އޮތް ރިސޯޓަށް ވަޒީފާއަކަށް ދިޔައެވެ. އެރިސޯޓް ވެގެން ދިޔައީ ޔޫކާއަށްޓަކައި މަސްތުވީ އުފާތަކުގެ ކިއްލާއަކަށެވެ. ރިސޯޓްގެ އެންމެންވެސް ޔޫކާ ދަނެއެވެ. ރައްޓެއްސެވެ. ގިނަ ފިރިހެނުން ބުނަނީ ޔޫކާއަކީ ވަރަށް ހިތްހެޔޮ ކުއްޖެއް ކަމަކަށެވެ. ވާނީވެސް އެހެންތާއެވެ. ދެރެއަކު އެއްރޫމެއްގައި ޔޫކާއެއް ނުނިދައެވެ.

ކަންތައް މިހާހިސާބަށް ދިޔައިރު މުޅި މާލެތެރެއަށް ވެސް ޔޫކާ މަޝްހޫރު ވެއްޖެއެވެ. މީސްމީހުންގެ ފޯނުތަކުގައި ޔޫކާގެ ވީޑިއޯތައް އާއްމު ވެއްޖެއެވެ. ތުންތުން މަތިން ޔޫކާގެ ވާހަކަ ނުދައްކާ ހަމަ އެކަކުވެސް ނެތެވެ. ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ރިސޯޓްތަކުގެ މެނޭޖަރުންގެ ރޭގަނޑުގެ މުނިފޫހި ފިލުވުމަށް ޔޫކާ ވެއްޖެއެވެ. ފައިސާއިން ޔޫކާ ފުރެނީއެވެ. އަގުބޮޑު މިވިޔަފާރީގައި މިހާރު ޔޫކާއަކީ ރާއްޖޭގައި ނަންމަޝްހޫރު އަންހެން ކުއްޖަކަށް ވެއްޖެއެވެ. ޔޫކާގެ މަންމަ ހުންނަނީ ވަރަށް އުފަލުންނެވެ. އެމީހުންގެ ދަރިފުޅުގެ ކުޅަދާނަކަމުންނެވެ. މަޝްހޫރުކަމުންނެވެ. ރީތިކަމުންނެވެ. މިހާރު އެހާ މުއްސަނދި ވީމައެވެ.

ތަޤުދީރުގައި ވާންއޮތްގޮތް އެނގޭނީ ފަހެ ކާކަށް ހެއްޔެވެ. ޔޫކާގެ ވިޔަފާރި ފުޅާވެ މިހާރު އޭނާއަކީ އޯޑަރަށް އެހެން ރިސޯޓްތަކަށްވެސް ގޮސްދޭ އަގުބޮޑު މުދަލަކަށް ވެއްޖެއެވެ. ކަންފަތުން ފޯން ނެއްޓޭ އިރެއް ނާންނައިރު ބައްދަލުކުރަން އަންނަމީހުންތައް ވެސް އަދަދު ނުވެއެވެ. މިހާރު އޭނާގެ ވިޔަފާރިވެސް ވަރަށް ފުޅާވެއްޖެއެވެ. ” މަންމައަކު ދަރިއަކު ބޮޑުކޮށްފައި އެވަނީ އިސްލާމީ ތަރުބިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ނުދީއެވެ. ދުނިޔަވީ އުފާތަކުން ދަރިފުޅު ބޮޑުކުރީ ސައިބޯނި ބޮކީގައިވާ ދިހުން ކުލަ ދައްކާލަމުންނެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

އަދުހަމުގެ ހާލަކީ ކޮބާހެއްޔެވެ؟ އަދުހަމަށް ޔޫކާ ދެކެ ލޯބި ވެވުނީ އިންތިހާއަށެވެ. އެލޯތްބަށް ޤަދަރު ކުރެވުނެވެ. އިޙްތިރާމް ކުރެވުނެވެ. އެހެން އަންހެނެއް ފެނުނަސް އޭނާ ފޫހި ވަނީއެވެ. އެކަމަކު އޭނާ ކުރާނީ ކީއްހެއްޔެވެ؟ ޔޫކާގެ ހަނދާނުގައި އަދުހަމު ދީވާނާ ވަނީއެވެ. އޭނާގެ ރައްޓެއްސަކު އޭނާ އަބަދު ގޭގައި އިންނާތީ ކިޔާނެ ފޮތްތަކެއް ދިނެވެ. އެފޮތްތައް ކިޔަން ފުރަތަމަ ފޫހިވިޔަސް ފަހުން އަދުހަމު އެފޮތްތައް ކިޔާހިތް ވިއެވެ. ހައްތަހާވެސް އިސްލާމްދީނުގެ މަތިވެރިކަމާ މާތްކަމުގެ ފޮތްތަކެވެ. އެކަމަކު ޔޫކާދެކެވީ ލޯބި އަދިވެސް ހިތުތެރޭގައި ދިއްލިފައި ހުރެއެވެ.

ރިސޯޓްގައި ބަރާބަރު 3 އަހަރު ވެއްޖެއެވެ. ޔޫކާގެ ދިރިއުޅުމަށް ވަކި ބަދަލެއް ނާދެއެވެ. މެނޭޖަރެއްގެ އުނގުން، ބޮސްގެ އަތްމަތިން ވެރިޔާގެ ތަންމަތިން ޔޫކާގެ ދުވަސްތައް ގުނެމުން ދެއެވެ. އުފާވެރިކަމުގައެވެ. ދުނިޔެއަށް ޔޫކާއައީ ކޮންމަޤުޞަދެއްގައި ކަމެއް ހަނދާނެއް ނެތެވެ. އިސްލާމްދީނުގައި ޙަރާމްކުރައްވާފައި އެތައް ކަމެއް ކުރަމުން އެދަނީ އެއީ ފަހުން ދުވަހެއް ވާކަން ހަނދާން ނުހުންނާތީ ހެއްޔެވެ؟ ނޫނީ ހަމަ ޖާހިލީ ހެއްޔެވެ؟

އެއްރެއަކު ޔޫކާގެ މަންމައަށް ޕޯސްޓުން ސީޑީއެއް ލިބުނެވެ. ޔޫކާގެ މަންމަ އެސީޑީ ބެލިއެވެ. އޭނާގެ ދަރިފުޅުގެ ހުރި ނުބައިކަން ފެނުނެވެ. އެއް އެނދެއްގައި އެތައް ފިރިހެނުންނާއެކު އެއްވަގުތެއްގައި ހިންގި ޢަމަލުތައް ފެނިފައި އޭނާއަށް ޝޮކެއް ލިބުނެވެ. ވަގުތުން ހިތް ހުއްޓުނީއެވެ. ނަމަވެސް އެމަންމަ ދެރަވެ ރޯންވީ ނުވަތަ ޝޮކް ޖެހެންވީ މިއަދު ހެއްޔެވެ؟ އެއީ ހަމަ އެމަންމަ ދަރިފުޅަށް ދިން ތަރުބިއްޔަތު ނޫންހެއްޔެވެ.

ޔޫކާގެ މަންމަގެ މަރުގެ ޚަބަރަށް އޭނާ ރަށަށް އައެވެ. އެކަމަކު މާބޮޑު އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. މަންމަގެ ޖަނާޒާގެ ކަންތަައް ނިންމާފައި ދެތިން ދުވަހަކު ރަށުގައި މަޑުކުރަންނިންމީ ލޯތަކަށް ފޮރުވެން ވެގެނެވެ. ނަމަވެސް ދެވަނައަށް ވީދުވަހު އޭނާއަށް އޭނާ ބަނޑުބޮޑުކަން އެނގުނެވެ. ވަގުތުން ފުރައިގެން ރިސޯޓަށް ދިޔައެވެ. އަދި މެނޭޖަރގެ ޚާއްޞަޕެކޭޖެއްގެ ދަށުން ވަގުތުން ބޭރަށްދާން ފުރިއެވެ. މިފަހަރުވެސް ދަރިފުޅު ވައްޓާލީއެވެ. ޔޫކާއަކީ އަޅެފަހެ އަންހެނެއް ހެއްޔެވެ؟ މައިވަންތަކަމުގެ ކުލުނެއްވެސް ނެތީހެއްޔެވެ؟

ދަރިފުޅުވައްޓާލުމަށްފަހު އެނބުރި ރިސޯޓަށް އައެވެ. ރޫމަށްވަދެ ފެންވަރާލައިގެން އެނދުގައި ޖައްސާލިތަނާ ފޯނު ރިންގުވާން ފެށިއެވެ. ނުދަންނަ ނަމްބަރަކަށް ވިޔަސް ގުޅަނީ ކޮންބޭނުމެއްގައި އެނގޭތީ ފޯނު ނެގިއެވެ. ” އަހަރެން ބޭނުން ޔޫކާއާއެކީ 3 މަސްދުވަސް ހޭދަކޮށްލަން.،،، ވާނެތަ،،، ”ވަޓް ތްރީމަންތްސް”،،، ހާދަ ދިގު މުއަދަތެއް ކިހާވަރެއް ދޭނަން،،،، ރެއަކަށް ލައްކައެއް،،، ފޯނުން ވާހަކަދެއްކިމީހާ ބުންޏެވެ. ”’ ސީރިއަސްތަ ރެއަކަށް ވަންލާކް…. އޯމައިގޯޑް،،، ޔާ އައިއެމްރެޑީ،،،، ކޮންތާކަށް ދާންވީ،،،، އެހަށް މަޑުކޮށްބަލަ،،، މިތިންމަސް ދުވަހުގެ ތެރޭގައި ޔޫކާ ނުވާނެ އަހަރެން ފިޔަވައި އިތުރު އެއްވެސް އޯޑަރަކަށް ފުުޞަތު ދީގެނެއް،،، އަދި އަހަރެން ބުނާ ހުރިހާ ކަމެއްވެސް ކުރަންވާނެ،،،،، އެގްރިމެންޓްތައް ޔޫކާއަށް ދައްކާނަން އަހަރެން މަސައްކަތް ފަށާރޭ،،،، އޯކޭތަ؟ ” ޔާ އައިއެމް އޯކޭ… އެހެންވީރު އަހަރެން މި މެސެޖްކުރާ އެޑްރެހަށް މިރޭ 9ގަޑި ބައިގަ އާދޭ ،، އަދި ރޫމް ނަމްބަރު 88 ށް ވަދޭ،،، އަދި އަހަރެންގެ އިންތިޒާރުގައި އިނދޭ،،

ޔޫކާއަށް ލިބުނީ ބަޔާންކުރަންދަތި އުފާވެރި ޚަބަރެކެވެ. އަވަސް އަވަހަށް އެރިސޯޓަށް ދިއުމަށް އޭނާ ތައްޔާރު ވިއެވެ. އޭނާގެ މަސައްކަތަށް ބޭނުންވާނެ ހުރިހާ ސާމާނެއް ވެސް ދަބަހަށްލާ ރެޑީ ކުރިއެވެ. އަދި ގަޑިއަށް އެރޫމަށް ގޮސް އެމީހަކަށް އިންތިޒާރު ކުރަން ފެށިއެވެ. ކުއްލިއަކަށް ދޮރު ހުޅުވިއްޖެއެވެ. ޔޫކާ ދޮރުން ވަދެގެން އަންނަ މީހާއަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ބުނާނެ އެއްޗެއް ނޭނގި އަނގަހުޅުވުނެވެ. ވަދެގެން އެއަންނަނީ އަދުހަމެވެ. އަދުހަމް ސާރ އެވެ. ” ހައިރާންވެއްޖެ ދޯ … އެކަމަކު ކަންބޮޑުނުވޭ އަހަރެންވެސް ޔޫކާއަށް ފައިސާދޭނަން،،، ވަރަށް ޒަމާންވެއްޖެ ޔޫކާއަށް އިންތިޒާރުކުރާތާ،،،، އިތުރަށް ކެތްނުވެގެން މިގޮތަށް ކަންތައްކުރަން މަޖުބޫރުވީ،،،، ސޮރީ،،، ޔޫކާ އިނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.

އަދުހަމް ގެނައި ދަބަހުން އެގްރިމެންޓް ނެގިއެވެ. އޭގައިވަނީ ކުރިއަށްއޮތް ތިންމަސް ދުވަހުގެ ތެރޭގައި އަދުހަމް ބުނާގޮތަށް ނޫން އެހެން އެއްވެސް ގޮތަކަށް ޢަމަލުކޮށްފިނަމަ ޔޫކާގެ މުޑުދާރު ދިރިއުޅުން ވީޑިއޯ ކޮށްފައިވާ ސީޑީތައް މުޅި ރާއްޖެއަށް ބަހާލާނެ ވާހަކައެވެ. އަދި އެޑްވާންސް ފައިސާ ދެއްކިއެވެ. އަދި އޭގައި ސޮއިކުރުމަށް ބުންޏެވެ. އަދި ސޮއިކުރާވަގުތުން ފެށިގެން އަދުހަމް ބޭނުންހާގޮތަކަށް ޔޫކާ ޢަމަލުކުރަންޖެހޭނެ ކަމަށް ބުންޏެވެ. ޔޫކާ އިނީ ހަމަ އަޖައިބުވެ އަންތަރީސް ވެފައެވެ. ހޭލުންތެރިކަމާ ޖެހިލުން ކުޑަކަމަށް މަޝްހޫރު ޔޫކާ އެއިނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ. އެކަމަކު އެންމެ ތިންމަހެވެ. ސޮއިކޮށްލާނީއެވެ. އޯކޭ ވާނެއެވެ. ޔޫކާ އޭގައި ސޮއިކުރުމުން އަދުހަމް ވަރަށް އުފާވިއެވެ. އަދި ކޮތަޅެއް ދިއްކޮށްލުމަށް ފަހު ފާޚާނާއަށް ވަދެ ތައްޔާރުވެގެން އައުމަށް ބުންޏެވެ.

ޔޫކާ އަވަސްއަވަހަށް ފާޚާނާއަށް ވަނެވެ. އަދި ކޮތަޅު ތެރޭގައި އޮތް އެއްޗެއް ނެގިއެވެ. މާތް ކަލާކޯއެވެ. އެއީ ކޯއްޗެއް ހެއްޔެވެ. ކަޅު ބޮޑު ހެދުމެކެވެ. މޫނުބުރުގާ އަޅާ މީހުން ލާކަހަލަ ހެދުމެކެވެ. ޔޫކާގެ ދެލޯ ބޮޑުވިއެވެ. އެކަމަކު އެގްރީމެންޓާ ޚިލާފު ނުވުމަށް އޭނާ އެހެދުން އެޅިއެވެ. އަދި ވަރަށް ލަދުންހުރެ ބޭަރަށް ނުކުތެވެ. އަދުހަމް ހުރީ ވަރަށް އުފާވެފައެވެ. ” ޔޫކާ،،، ޔޫކާ މިހާރު ވަރަށް ރީތި ،، އެ ކުރު ހެދުންތައް ލައިގެން ހުރިހާ އެންމެނަށް އައުރަ ދެއްކުމުން އަންހެނާގެ އިފްއަތްތެރިކަން ވެއްޔާ މޮޑެވުނީއެއްނު،،، އަން މިހުރީ ޔޫކާގެ މިރޭގެ މަސައްކަތް،،، މިފޮތްތައް ކިޔާ،،، މިއޮތީ ފަސްފޮތް މިރޭ ހޭލާ އިނދެގެންވެސް މިފަސްފޮތް ކިޔާތ،،،، އެހެން ބުނުމަށް ފަހު އަދުހަމް ނުކުމެގެން ދިޔައީއެވެ. އަޖައިބުވެ އަންތަރީސްވެ ހުރެގެން ޔޫކާ ފަހަރަކު ފޮތެއްގެ ބޭރުގަނޑު ބަލައިލިއެވެ. ” އަންހެނާގެ އައުރަ،،، ފާޙިޝް ޢަމަލުތައް،،،، ސުވަރުގެ ވަދެވޭ އަންހެނާ،،،، އިއްފަތްތެރިކަމުގައި އަންހެނާ،،،، ﷲގެ އަޒާބު،،،، މިފަސް ނަން ފެނުމާއެކު ޔޫކާ އަނބުރައިގަންނަ ގޮތްވިއެވެ.

ނަމަވެސް އެގްރީމެންޓާ ޚިލާފުވާން އޭނާ ޖެހިލުން ވެއެވެ. އޭނާ ފަހަރަކު ފޮތެއް ކިޔަމުންގޮސް ފަތިސްނަމާދު ބަންގީގެ އަޑަށް އެންމެ ފަހު ފޮތް ކިޔައި ނިންމާލިއެވެ. އެއާއެކު އޭނާގެ ދެލޯ ކަރުނައިން ފުރުނެވެ. އޭނާއަށް ކުރެވިފައިވާ ފާފަތައް މަތިން ހަނދާން ވިއެވެ. ގިސްލަގިސްލާފައި ރޯންފެށިއެވެ. ހެދުމަށް ދަމާ ވީދަން މަސައްކަތް ކުރިއެވެ. ދެއަތް މައްޗަށް އުފުލާ ޔާﷲ މިއަޅާއަށް މާފުކުރައްވާ ދޭ،،، ކިިޔަން ފެށިއެވެ. އެތައް އިރަކު ގިސްލުމަށް ފަހު އޭނާ ވުޟޫކޮށްގެން ފަތިސްނަމާދަށް އަރައިފިއެވެ. ދޮރުހުޅުވާލާފައި އަދުހަމް އެތެރެއަށް ވަނެވެ. އަދި ފެނުނު މަންޒަރުން އޭނާގެ ހިތް އުފަލުން ނަށަން ފެށިއެވެ. ފަތިސްނަމާދުކޮށް ނިމިގެންވެސް ޔޫކާ ދުޢާކުރަނީއެވެ. ރޮމުންނެވެ. ޤުރުއާނުގެ އަކުރެއް ކިޔޭތޯ މަސައްކަތް ކުރަނީއެވެ.

ތިންމަސް ފަހެވެ. އަޑުއެހުންތެރިން، މިހާރު ޔޫކާއަކީ އަދުހަމްގެ އަންހެނުންނެވެ. ޔޫކާ އިސްލާހް ވީއެވެ، އަދުހަމްގެ މަސައްކަތުންނެވެ. ކޮންމެ ފިރިހެނަކީ އަދުހަމް ކަހަލަ ހިތްވަރުގަދަ ލޯބިވެރިއަކަށް ، ފިރިހެނަކަށް ވާނަމައެވެ. ޔޫކާގެ ދިރިއުޅުމުގެ ކުރީބައި ހިރަފުސް އަރާފައި ވީނަމަވެސް މިއަދު އޭނާއަކީ ސާފު ޠާހިރު އަންހެނެކެވެ. އިސްލާމް ދީނުގައި ތަޢުބާވާ މީހުންނަށް އޮތް ދަރަޖަ ވަރަށް މަތިވެރިއެވެ. ޔޫކާއަށް ހެޔޮވިސްނުން ދެއްވީތީ ﷲށް ހާސް ފަށުން ޝުކުރު ހުއްޓެވެ. ޔޫކާއަކީ މިއަދު ހެޔޮލަފާ ގެވެހި ދީންވެރި އަންހެނެކެވެ. އަދުހަމުގެ ލޯބި ކިހާ މަތިވެރި ހެއްޔެވެ. ކިހާ ޤަދަރުވެރި ހެއްޔެވެ. އެލޯތްބަށް އަދުހަމު ޤަދަރުކުރިއެވެ.

ނިމުނީ

 

https://www.baiskoafu.com/view/audio/MzQwMQ==

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.