English Edition
Dhivehi Edition
ހަހުރަޔާ ކަވަރއާރޓް:މިގު/ބައިސްކޯފު

ލިޔުނީ: (ސަމްލާ އިބްރާހިމް | އޮއިވަރު، ހދ. ކުޅުދުއްފުށި)

މޭޒުމަތީގައި އޮތް ފޯނު ރިންގުވެފައި ކެނޑުނު މީ ތިންވަނަ ފަހަރެވެ. ކޮންމެ ފަހަރަކުވެސް ރިންގުވާން ފެށުމާއެކު ސައިލެންޓްކޮށްލާފައި ފޯނު ދުރަށް ޖައްސާލަމުން ކުރަންހުރި މަސައްކަތައިގެން މަސްއޫލުވަމުންދިޔަ ޖިލްވާގެ މޫނުމަތިން ފެންނަނީ ގޮތްހުސްވެފައިވާ ކަމުގެ އަސަރުތަކެވެ. ކިޔަވައިދޭންހުރި ކުލާހުގެ އެއްފަރާތަކަށް ޖެހިލުމަށްފަހު ފޯނު ނަގަން އުޅެފައިވެސް އެ ޚިޔާލު އޭނަ ދޫކޮށްލީ، އެކަމަކީ އަމިއްލަ ނަފުސު ބަލައިގަންނަކަމަކަށް ނުވާތީއެވެ. އެހެން ނަމަވެސް ޖިލްވާ އަށް ޔަގީންވާ އެއްކަމެއް އެބަ އޮތެވެ. ބޮޑު ކަމެއް ނުވާނަމަ ސްކޫލުގެ ރަސްމީ ގަޑީގައި ތަކުރާރުކޮށް ގެއިން ފޯނު ނުކުރާނެކަމެވެ. އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލުމަށްފަހު ހިތްހަމަ ޖައްސާލީ ގަޑި ނިމެން ދެން މާގިނަ އިރެއް ނެތްކަން ޔަގީންވުމުންނެވެ. ޖިލްވާގެ އިންތިޒާރަށް ނިމުމެއް އައީ ރަނގަބީލުގެ އަޑު ގުގުމާލުމާއެކުއެވެ. ފިލާވަޅު ނިންމާލުމަށްފަހު ދަބަސް ހިފައިގެން ކުލާހުން ނުކުންނަމުން ޖިލްވާ އޭނާގެ ފޯނުނަގާ އެންމެފަހުން ގުޅާފައިވާ ނަމްބަރަށް ޑައިލްކޮށްލިއެވެ.

ޖިލްވާއާއި ފިރުޝާންއަކީ ސްކޫލް ދައުރުއްސުރެ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މީގެ 3 އަހަރު ކުރިން ކައިވެނީގެ މަތިވެރި ގުޅުމުން ގުޅިގެންއުޅޭ ދެމަފިރިންނެވެ. ފިރުޝާންގެ މައިންބަފައިންނާއެކު އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން އުޅޭ މި ދެމަފިރިންގެ އެންމެ ޒުވާން އުމުރުގައި ޖޫދު ލިބުން ވެގެން ދިޔައީ މި ގުޅުމުގެ ގޮށް އިތުރަށް ބަދަހިވެގެންދިޔަ ކަމަކަށެވެ. ނަމަވެސް ޖޫދަށް ހަމަސްފުރި އަލުން ވަޒީފާގެ މާހައުލަށް ޖިލްވާ ނުކުތް ހިސާބުން މި އަމާން ގުޅުމުގައި ކުނި ޖެހެމުންދާން ފަށައިފިކަން މީގެ ތެރެއިން އެކަކަށްވެސް ރޭކާނުލާ ކަހަލައެވެ.

“ޕްލީޒް. އަދި ކުޑައިރުކޮޅަކު ޖޫދު ހިފަހައްޓާލަދީ! ” އާދޭހުގެ ރާގުގައި ޖިލްވާ އެދުނީ އޭނާގެ ފިރިމީހާ ފިރުޝާންގެ ކިބައިންނެވެ. “ޖިލް.. މިހާރު ކޮންއިރެއް މިސޮރު ރޮނީ.. ތި ލެޕްޓޮޕް ބަހައްޓާފަ އާދެބަލަ މީނައަށް ފީޑުކުރަން.” ހަތް މަހުގެ ތުއްތު ދަރިފުޅުގެ ބޮލުގައި ބޮސްދެމުން ފިރުޝާން ކަންބޮޑުވުން ފާޅުކުރިއެވެ. “އަޅެ އަހަރެންވެސް ދެރަވެޔޭ މިގޮތަށް ކަންތައް ކުރަން ޖެހޭތީ.. އެކަމަކު ކީއް ކުރާނީ. މިރޭ 9ގެ ކުރިން މި ލެސަންޕްލޭން ސަބްމިޓް ނުކޮށްފިޔާ ބްލެކް ލިސްޓަށް އަހަރެންގެ ނަންވެސް އަރާނެ.” ކީބޯޑުގެ ފިއްތަކަށް ފަރިތަކަމާއެކު އޮބަމުން ޖިލްވާ ބުންޏެވެ. އެހެނިހެން ދުވަސްތަކާ ޚިލާފަށް ތުއްތު ދަރިފުޅު މަސަލަސް ނުވެގެން ކޮޓަރި ތެރޭގައި ފިރުޝާން ހިނގާލަ ހިނގާލަ ހުރިއިރު ހިސާބެއްގެ ނުރުހުންތެރިކަމެއް އޭނާގެ މޫނުމަތިން ފާޅުވޭމެއެވެ.

 

ފުރަތަމަ ޓާރމުގެ ފަހު ކުއާޓާގެ ދެވަނަ ހަފްތާ ފެށުނު ދުވަހެވެ. އާދަވެގެން ކޮންމެ އާދީއްތަ ދުވަހަކީ ހުރިހާ މުވައްޒަފުންނާ ސްކޫލުގެ ސީނިއާ މެނޭޖްމަންޓު ޓީމުގެ ފަރާތުން ބައްދަލުކުރާ ދުވަހެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ މާލަމަށް މުވައްޒަފުން ވަންނަމުން ދިޔައިރު ދުވަހުގެ އެޖެންޑާގައި ހިމެނިފައިވަނީ ކޮން ކަންތައްތަކެއް ކަމެއް އޭގެ ތެރެއިން މަދު ބަޔަކަށް މެނުވީ ނޭނގޭނެއެވެ. 45 މިނެޓަށް ދެމިގެންދިޔަ ބައްދަލުވުން ނިމި ބައިވެރިން މީޓިންގ ރޫމު ދޫކޮށް ދިޔައިރުވެސް ޖިލްވާ އިނީ ކުރިންވެސް އޭނަ އިށީނދެގެން އިން ގޮނޑީގައެވެ.

” އަޅެ ހިނގާބަލަ ސްޓާފްރޫމަށް.. ތިހެން އިނީމަ ޖިލްއަކާ ދެން ނުވެސް ގުޅޭ” ޖިލްވާގެ ކައިރީގައި ކޮޅަށްހުރެ އޭނާގެ އަތުގައިހިފާ ގޮނޑިން ނަގަން މަސައްކަތްކުރަމުން ވާހަކަ ދެއްކީ ޖިލްވާގެ އެންމެ ގާތް އެކުވެރިޔާ އިރަމްއެވެ. “ހަމަ އަސްލުވެސްއޭ އިރޫ.. ކިހިނެއް އަހަރެން މިހާރު މި ހުރިހާކަމެއް ހޭންޑަލް ކުރާނީ.. އަދި އެވެސް ޕޭރެންޓްސް ޑޭ ކަހަލަ ބޮޑު އިވެންޓެއް.. ހަމަ އެބަތިބި ދޯ ހުސްކޮށް ތިބި ޔަންގު ކުދިންވެސް ލީޑުކުރެވޭވަރުގެ..” ކޮލެޖު ދައުރުއްސުރެ ގާތް ގުޅުމެއް އުފެދިފައިވާތީ ކޮންމެ ވާހަކައެއްވެސް ޖިލްވާ އިރަމްއާ ހިއްސާކުރަނީ ޖެހިލުންވުމެއްނެތިއެވެ. “އެސް.އެމް.ޓީ އިންވެސް ޖިލްއަށް ޚާއްސަ ގޮތެއް ހުންނާތީއެއްނު އަބަދާއަބަދު ހުރިހާ ޓާސްކަކަށް ޖިލް ލާނީ.. ގައިމު އަހަރެމެންވެސް މިތިބީ.. ޖިލްއަށްވުރެ އެންމެ ތަންކޮޅެއްވެސް ދަށެއްނުވާނެ..” އެންމެ ފަހުން އިރަމްގެ ވާހަކައިގެ މިސްރާބު ބަދަލުވިގޮތުން އެތަނުން ނުކުމެގެން ޖިލްވާ ހިނގައިގަތީ ސްޓާފްރޫމާ ދިމާޔަށެވެ.

ރޭގަނޑުގެ އިރާކޮޅުގެ ވަގުތެވެ. އިރުއޮއްސި އަނދިރިކަން ދުނިޔެއަށް ވެރިވުމާއެކު ވިއްސާރަ ވިލާތަކުން މުޅި އުދަރެސް ބައްދާލައިފިއެވެ. އާދަޔާ ޚިލާފު ބާރު މިނެއްގައި ވައި ޖެހެމުންދާއިރު ދޭތެރެ ދޭތެރެއިން ވިދާލާ ވިދުވަރާއެކު މުޅި ފަޒާ އަލިވަމުންދެއެވެ. ކަންފަތް ބައްވާފަދަ ގުގުރީގެ ގަދަ އަޑުފައްގަނޑާއެކު އަންނަންއުޅޭ ތޫފާނެއްގެ އިންޒާރުގެ ރަނގަބީލު އިވިގެންދާ ކަހަލައެވެ. މިހުރިހާ ކަމަކަށްވުރެވެސް ޖިލްވާގެ ހިތާއި ސިކުނޑީގެ ހައިޖާނު ބޮޑެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު ޖިލްވާ ގޮތެއް ނިންމައިފިއެވެ. އޭނާގެ ޚިޔާލު ދެކަފިވުމުގެ ކުރިން ބުއްދި އިސްކޮށް ވިސްނުނު އެންމެ ރަނގަޅުގޮތަށް ކަންކުރުމަށް އަވަސްވެގަތެވެ.

“މިއަދު ބްރެކްފާސްޓް ނަގާނީ ބޭރުންދޯ؟” ފިރުޝާންގެ ސައިކަލު ފަހަތަށްއަރާ ހަމަޖެހިލުމުން ސައިކަލުގެ ދުވެލި ބާރުކޮށްލުމާއެކު ޖިލްވާ އޭނާގެ އެދުން ހާމަކުރިއެވެ. “ކިހިނެއްވީ؟ ޚާއްސަ ކަމެއް އޮތީތަ؟” ލޮލުގައިއޮތް އަވިއައިނު ހެޔޮވަރުކޮށްލަމުން ސައިކަލުގެ ލޯގަނޑުން ޖިލްވާގެ މޫނަށް ބަލާލާ ހިނިތުންވެލިއެވެ. “އުހުނ. ވަކި އެހެނެއްނޫން.. ވަރަށް ދުވަސް ވެއްޖެއެއްނު ދެމީހުން އެކަނި ޓައިމްކޮޅެއް ނުލިބޭތާ.. ޖޫދު ކައިރިއަށް ދެން މިއަދު ދާނީ ބްރޭކް ގަޑީގެ ފަހުން ޝޯޓްލީވް ފޮތުގަ ލިޔެލާފަ” ދެއަތުން ބާރަށް ފަހަތުން އުނަގަނޑުގައި ހިފާލާ ޖިލްވާގެ ދަތްދޮޅި ފިރުޝާންގެ ކޮނޑުގައި ޖައްސާލިއެވެ. “ލޯބިވާ ހަމަ ވިދާޅުވި ގޮތެއް..” ސްކޫލް ދޮރުމައްޗަށް ސައިކަލު ހުއްޓާލުމާއެކު ފިރުޝާން ލޯތްބާއެކު ޖިލްވާގެ އަތުގައި ހިފާލިއެވެ. “އޯކޭ.. އެހެންވީމަ ބްރޭކް ގަޑި ޖެހޭއިރަށް ބޭރަށް ނުކުންނާނަން އިނގޭ. ފިރޫ އައިސް ހުންނައްޗޭ ގަޑީގެ ކުރިއަށް” އިތުރަށް ތުއިވެލާ އަތުން ހަނާއަޅާލަމުން ޖިލްވާ ހިނގައިގަތީ ސްކޫލް ގޭޓާ ދިމާލަށެވެ.

“ހޫމް..ހޫމް.. މިއަދު ހާދަ ހެޕީ ހެން ހީވެޔޭ..ހިޔެއްނުވޭ އިއްޔެ މިތަނުން ފުއްވާލާފަ ދިޔަ ޖިލްހެނެއްވެސް.” ރަކި ހިނިގަނޑެއް ޖަހާލަމުން އިރަމް ސަމާސާކޮށްލިއެވެ. “ޔާ.. މިއަދު ކުޑަ ޕްލޭން އެއް އެބައިން ފިރޫ އެކީގަ. ބެލް ޖަހާއިރަށް މަ ހަމަ ނައްޓާލާނަން އިނގޭ..” ދެއުކުޅުގައި އަތް ވިއްދާލަމުން ޖިލްވާ ފާހަގަކުރިއެވެ. “ކައިވެންޏަށް މިހާދުވަސްވެ ކުއްޖަކު ލިބުން އިރުވެސް ތި ރޮމް ކަމެއް ނުކެނޑުންދޯ؟” ދެފަރާތަށް ބޯހޫރާލަމުން އިރަމް ބުންޏެވެ. “އެއީ ވަކި މުއްދަތަކަށް އޮންނަންޖެހޭ ކަމެއްކަމެއް އަހަރެން ނުދެނަހުރިން. އެނީވޭސް.. ނެތް އިނގޭ ހުރެވޭކަށް. މިއަދުމީ ފަސްޓް ޕީރިއަޑްވެސް އޮންނަ ދުވަހެއް. ފުރަތަމަ ދެގަޑި ނިންމާފަ އަންނާނަން އަނގަ ތަޅާލަން.. ” ސްޓާފްރޫމް މޭޒުމަތިން ރެކޯޑްފޮތާއި ގަޑިއަށް ބޭނުންވާނެ އެހެނިހެން ފޮތްތައް ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ޖިލްވާ ކުލާހާ ދިމާޔަށް މިސްރާބުޖެހިއެވެ.

“ހޫމް.. ކޮން ވާހަކައެއް ދައްކަން ޖިލް އަސްލު އުޅުނީ؟” އޯޑަރު ނެގުމަށްފަހު ވޭޓަރު ދިޔުމާއެކު ފިރުޝާން ގޮނޑީގައި ހަމަޖެހިލާ ޖިލްވާއާ ނަޒަރު ސީދާކޮށްލިއެވެ. “ފިރޫއަށް ކިހިނެއް އެނގުނީ އަހަރެން ވާހަކައެއް ބުނަންކަމެއް މިއައީ؟” ފެންފުޅި ކަނޑާލާ ދެތައްޓަށް ފެންއަޅަމުން ޖިލްވާ ބުންޏެވެ. “ޖިލްގެ އުޅުމަށް އަންނަ ކުޑަކުޑަ ބަދަލެއްވެސް އަހަންނަށް ފާހަގަކުރެވޭ.. މިހާރަކަށް އައިސް މާ ބޮޑަށޭ ތި ސްޓްރެސްވަނީ.. ” ފިރުޝާންގެ އަޑުގައިވަނީ އަޅާލުމާއި ކަންބޮޑުވުމެވެ. “ވަރަށް މަސައްކަތް އެބަ ކުރަން ގޭތެރޭގެ ކަންތައްތަކާއި ސްކޫލްގެ ކަންކަން ބެލެންސްކޮށް މެނޭޖުކުރެވޭތޯ. ޖިލްއަށް އަމިއްލައަށްވެސް އެބަ އެނގޭ ކުރިން އުޅުނުހެން ސްކޫލްގެ ހުރިހާ ކަމެއްގަ އެކްޓިވްކޮށް ދެން ނޫޅެވޭނެކަން. ޖިލްއަށް މިހާރު އެންމެ މުހިންމީ ފިރޫއާ ޖޫދު. އެކަމަކު ސްކޫލްގެ ހުރިހާ ކަމެއްގަ މިހެން އުޅެފަ ފެމިލީއަށް ޓައިމް ނުދެވެޔޭ ހިތަށް އަރާފަ ހަމަ ވަރަށް ބޮޑަށް ގިލްޓީ ފީލްވޭ..” ޖިލްވާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފިރުޝާންއާ ހިއްސާކޮށްލީ ހިތަށް ހަމަޖެހުން ލިބޭނެކަން ޔަގީންވާ ހާލުގައެވެ. ސްކޫލުން އެންމެފަހުން ޖިލްވާއާ ހަވާލުކުރި މައި އިވެންޓާ ގުޅޭގޮތުން ފިރުޝާންއާ ވާހަކަދައްކާ ދެމީހުން ޕްލޭންތައް ރާވާ ނިންމާލީ ހެނދުނުގެ ނާސްތާގެ އުފާ އެކުގައި ހިއްސާ ކުރަމުންނެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުންގޮސް މުޅި ސްކޫލު އެދުވަހަކަށްޓަކާ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުންއައި ބެލެނިވެރިންގެ ދުވަހުގެ ހަރަކާތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް ނިމިއްޖެއެވެ. ބެލެނިވެރިން އެއްވެސް ގޮތަކަށް އުއްމީދު ނުކުރާ ތަފާތު މުބާރާތްތަކާއި ސަޕްރައިޒްތަކުން އެންމެންގެ މޫނުމައްޗަށްވަނީ އުފާވެރިކަމުގެ އަސަރުތައް ވެރިވެފައެވެ. މި ހަރަކާތްތައް ނިމުނުއިރު، ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖުމަންޓުގެ ތައުރީފުގެ ބަސްތަކުން ޖިލްވާގެ ހިތަށް ހަމަޖެހުން ގެނުވާފައިވެއެވެ. ޖިލްވާ އުންމީދުނުކުރާހާ ފުރިހަމައަށް ބޮޑު އިވެންޓެއް ކާމިޔާބު ކަމާއެކު ކުރިއަށްގެންދެވުނު ކަމަށްޓަކާ ޚުދު ޖިލްވާވެސްވަނީ އުފަލުން ފޮޅިފައެވެ. ވާނީވެސް އެހެންތާއެވެ. ދެމީހަކު އެއްތަންވިޔަސް ދައްކަނީ ދުވަހުގެ އިންތިޒާމުތަކުގެ ފުރިހަމަކަމުގެ ވާހަކައެވެ.

“މޯނިންގ.. އަނެއްކާ މިއަދު އިރުއެރީ ރަނގަޅު ފަރާތުންތަ؟ މިހެން މިއެހީ ސުން ސިކުންތަށް ތެޅެމުން ފޮޅެމުން އަންނަ މީހަކު މިއަދު މަށަށްވުރެ މާކުރިން އައިސް އިނީމަ” ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ނަގާ މޭޒުމަތީގައި ބާއްވަމުން އިރަމްއާ ސުވާލުކޮށްލިއެވެ. “އަހަރެންވިއްޔާ ޖިލްއަށްވުރެ އެއްވެސް ކަމެއްގަ ކުރިއަރައިގެން ނުވަނީތަ؟ ” އިރަމްގެ މޫނުމަތިން ފެނިގެންދިޔައީ ނުރުހުންތެރިކަމެވެ. “އޯ ހެލޯ.. އިރޫ ހިތްހަމަ ނުޖެހޭވަރުގެ އެއްޗެއް އަހަންނަށް ބުނެވިއްޖެތަ؟” އިރަމްގެ ބަސްމަގު ހުރި ގޮތުން ޖިލްވާ ހުރީ ސުވާލު އުފެދިފައެވެ. “ނޫނޭ.. ޖިލްތީ ފުރިހަމަ މީހެއްނު. ޖިލްއަށް ގޯސް އެއްޗެއް ނުބުނެވޭނެ. ގޯސްކޮށް ކަމެއްވެސް ނުކުރެވޭނެ.. އަބަދުވެސް ގޯސްވާނީވެސް ކުއްވެރިވާނީވެސް އެހެންމީހުން..” ބޭނުންހާ އެއްޗެއް ޖިލްވާއާ ދިމާލަށް ގޮވާލި އިރު މި ހުރެވެނީ ސްޓާފުރޫމުގައި ކަންވެސް އިރަމްއަށް ނޭނގޭ ކަހަލައެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ޖިލްވާއާއި އިރަމްއާ ދެމެދުވަނީ ހީނުކުރާވަރުގެ ބޯ ފާރެއްލެވިފައެވެ. އެކިފަހަރު މަތިން އިސްވެ އިރަމްއާ ވާހަކަ ދައްކަންވެސް ޖިލްވާ މަސައްކަތްކޮށްފިއެވެ. މިކަމުގައި މިހާތަނަށް އަލިމަގެއް ފެނިފައިނުވާއިރު ފިރުޝާންގެ އުޅުމުންވެސް ބަދަލުތަކެއް ޖިލްވާއަށް ފާހަގަވާން ފަށައިފިއެވެ. މިގޮތުން ބަސް މަދުވުމާއި ގިނައިރު ބޭރުގައި ވަގުތު ހޭދަކުރުމަކީ ފިރުޝާންގެ އާދައަކަށް ހަދައިފިއެވެ. ވިސްނަންވީ ގޮތެއް ނޭނގި ހުރިހާ ކަމެއް އެއްފަހަރާ ދިމާވުމުން ޖިލްވާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ނަމަވެސް ދެއަތް އުރާލައިގެން މަންޒަރު ބަލަން ހުންނާކަށް ޖިލްވާ ބޭނުމެއްނުވިއެވެ.

“ނޭނގެ މިވާހަކަ ޖިލް ކައިރީގަ ބުނާނެ ގޮތެއްވެސް. އެހާވަރަށް ވީގޮތެއް ޖިލް އަހާއިރުވެސް އެއްޗެއް ނުބުނެ ހަމަ މިހުރެވެނީ ކަމުގެ ހަގީގަތް ހޯދޭތޯ.” ޖިލްވާ ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން ފިރުޝާން ޖަވާބުދިނީ ވަރަށް ކުރުކޮށެވެ. “އުހުން.. ތީ އެއްވެސް އެކްސްކިއުސް އެއް ނޫން.. ވީގޮތެއް ސާފުކޮށް ނުބުނަންޏާ އަހަރެން ދެން ދާނީ ފިރޫ މަންމަ ކައިރީ ބުނަން، މިހާރު ފިރޫ އަހަރެމެންނަށް ކެއާއެއް ނުކުރެޔޭ..” ޖިލްވާ ފަހުގެ ހަތިޔާރު ބޭނުންކުރިއެވެ. “އޯކޭ.. އޯކޭ.. ހަމަޖެހިބަލަ ދޫންޏާ.. މިކިޔާދެނީއޭ.. އެންމެ ފުރަތަމަ ނުދަންނަ ނަމްބަރަކުން އައީ މެސެޖެއް. އަހަރެން ވަރަށް ރީއްޗޯ، އެމީހަކަށް އަހަރެން ވަރަށް ކަމުދެޔޯ ކިޔާފަ. އެކަމަކު އެ މެސެޖަށް ރިޕްލައިއެއް ނުކުރަން. އެއީ ކާކު ކުރި ކަމެއްތޯ އޮޅުން ފިލުވާކަށްވެސް ނޫޅެން. ޖެހިގެން އައި ދުވަހުވެސް ދެ ފަހަރެއްގެ މަތިން ހަމަ އެ ޒާތުގެ މެސެޖުތައް ފޮނުވަން ފަށައިފި.. ދެން ހިތަށް އަރައިފި ކާކުބާއޭ މިހެން މި ކަންތައް ކުރަނީ.. އެހެންހިތާ އޮފީސް ޝުޖާއު ފޯނުން ގުޅާލައިފިން އޭނަ ލައްވާ.. ފުރަތަމަ ވާހަކަ ދައްކަން ފެށިތަނާވެސް ހީވެއްޖެ ހާދަ ދަންނަ އަޑެކޭ..” ވާހަކަ މިހާހިސާބަށް ދިޔަތަނާ ޖިލްވާ ވާހަކަ ދައްކަން ފެށިއެވެ. “ތިބުނީ އެ މެސެޖްކުރި މީހަކީ ފިރޫ ދަންނަ މީހެކޭތަ؟” ޖިލްވާގެ ހިތް އަވަސްވަމުން ދިޔައީ ފިރުޝާން ދޭނެ ޖަވާބެއް ނޭނގޭތީއެވެ. “ބޮޑަށް ހީވަނީ އެއީ ޖިލް ދަންނަ މީހެއްހެން. މިހެން މިބުނީ ޖިލްގެ ހުރިހާ ކަމެއް އެމީހަކަށް އެނގޭ.. އޭ މިވަގުތު ނެތޭ އިނގޭ ދެން މަޑުކުރެވޭކަށް.. ޝުޖާއު މިހާރު ދެފަހަރަށް ގުޅައިފި ކޮފީއަކަށް ދާން.. މި ފައިބަނީއޭ ބުނިފަހުންވެސް މިހާރު 5 ވަރަކަށް މިނެޓް ވެއްޖެ. މިރޭ ރެޑީވައްޗޭ ބޭރަށްދާން. މަންމަ ކައިރީ ބުނެލާ މިރޭ މިބައިގަ މަޑުކޮށްލާށޭ އަހަރެމެން އަންނަންދެން..” އެއް ނޭވާއިން ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް ބުނުމަށްފަހު ވޮލެޓާއި ސައިކަލު ތަޅުދަނޑި ހިފައިގެން ފިރުޝާން ގެއިން ނުކުންނަން ހިނގައިގަތެވެ.

ބުނެފައިވާ ގަޑީގެ ކުރިއަށް ކުރަންޖެހޭ ހުރިހާކަމެއް ނިންމާ، ޖޫދު ނިންދެވުމަށްފަހު ބޭރަށް ދާން ތައްޔާރުވެގެން ސިޓިންރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ޖިލްވާ ހުރީ ފިރުޝާންގެ އިންތިޒާރުގައެވެ. އިޝާ ނަމާދަށް މިސްކިތަށްދިޔަ ފަހުންވެސް މިހާރު ގަޑިއިރެއް ފާއިތުވެގެން ހިނގައްޖެއެވެ. އެހެން ރޭރޭ ގެއަށް އަންނަ ގަޑިއަށްވުރެ މިރޭ މާބޮޑަށްވެސް ލަސްވެއްޖެމެއެވެ. ބޮޑު ކަމެއް ދިމާވާން އުޅެނީއޭ ޖިލްވާގެ ހަވަނަ ހިއްސު ބުނަމުންދާތީވެސް އޭނާ ހުރީ ނުހަނު ހާސްވެ ކަންބޮޑުވެފައެވެ. ކުއްލިއަކަށް ޖިލްވާގެ ފޯނު ރިންގުވާން ފެށުމާއެކު ސްކްރީނަށް ބަލާލީ ފިރުޝާންގެ ކޯލަކަށް ވާނެކަމުގެ އުންމީދުގައެވެ. ޖިލްވާގެ މޫނުމަތި އަލިވެގެންދިޔައީ އޭނާގެ އިންތިޒާރަށް ނިމުމެއް އައުމުންނެވެ. ފޯނު ނަގާ ކަންފަތުގައިޖަހާ އަލުން ކޮޓަރިއަށްވަދެ، ސެންޓު ޖަހާލާ، ތުންފަތުގެ ލިޕްސްޓިކުގެ ކުލަ ގަދަކޮށްލިއެވެ. އަދި ޖޫދު ކައިރީ ބިއްދަށަށް އެނބުރިއޮތް މައިދައިތައަށް ގޮވާލާ އޭނާ ދަނީކަމުގައި ބުނެ ފައިވާން ހަރުގަނޑުން ހެދުމާ ގުޅޭ ހީލްއެއް ނަގާ ފަޔަށް ހެޔޮވަރުކޮށްލިއެވެ. “އަހަރެންގެ ލޯބި ލޯބި ވައިފީ މިރޭ އަދި ހާދަ ރީއްޗޭ..” ޖިލްވާ ތިރިއަށް ފޭބުމުން އޭނާއާ ކައިރިވެލާ ނޭފަތް އެތެރެއަށް ދަމާލަމުން ފިރުޝާން ބުނެލީ ފުން ނަޒަރަކުން ބަލާލުމަށްފަހުއެވެ. “އެއްކަލަ ފިރޫ.. ދެން ތިވަރަށް ނުބަލަބަލަ.. ލަދުގަނެޔޭ…” ޖިލްވާ ލަދުން ފިރުޝާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމުން އޭނާ ލުއި ލުއިކޮށް ހީލިއެވެ. “ސޯ.. ކޮންތާކަށް މިރޭ މިދަނީ؟ އަދިވެސް ތި ކިޔަނީ ސަޕްރައިޒް އެކޭ..” ޖިލްވާ އޮޅުން ފިލުވަން ބޭނުންވި ކަމާ ގުޅޭގޮތުން ސުވާލުކޮށްލިއެވެ. “ކެތްތެރިވޭ.. އަދި ނުބުނެވިފައެއް ނެތެއްނު. ޖިލް ޖެހޭނެ އިނގޭ އަހަރެންގެ ކޮންމެ އިންސްޓްރަކްޝަން އެއް ފޮލޯކުރަން.” ޖިލްވާގެ އަނގައިން އާނއެކޭ ބުނަންދެން ފިރުޝާންގެ އެ އިބާރާތް ތަކުރާރު ކުރިއެވެ.

މަޑު ދުވެއްޔެއްގައި ދުއްވާފައި އައިސް ފިރުޝާންގެ ޖީ.އެން ސައިކަލު މަޑުކޮށްލީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގެ ކައިރިއަށެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު ޖިލްވާގެ ކައިރިއަށް އައިސް އޭނާ ކަންތައް ކުރަންވީގޮތް އަނެއްކާވެސް ކިޔާދީފިއެވެ. މިގޮތުން ފިރުޝާން ރެސްޓޯރެންޓަށްވަދެ އިރުކޮޅެއް ވުމުން 13 ވަނަ މޭޒުގެ ކައިރިއަށް ޖިލްވާ ދިޔުމަށްބުނެ ފިރުޝާން އެތެރެއަށް ވަންނަން ހިނގައިގަތީ ޖިލްވާގެ ކޯތާފަތުގައި މަޑުމަޑުން އަތްޖައްސާލާ ވަރަށް ލޯބިވާކަމުގައި ބުނުމަށް ފަހުއެވެ. މިރޭ ފިރުޝާންގެ ފަރާތުން ފެންނަމުންދާ ތަފާތު މިޒާޖުގެ ސަބަބުން ޖިލްވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެހެނީ ފިރުޝާންއަކީ މީގެ ކުރިން ދުވަހަކުވެސް ޖިލްވާ އެކަނި މަގުމައްޗަށް ދޫކޮށްލާފައި ދިޔަ މީހެއް ނޫނެވެ.

“ހަމަ އަސްލުވެސް ވަރަށް ވަރަށް ހެޕީ ވެއްޖެ މިރޭ އަހަރެން ބުނެގެން ފިރޫ އައިސްދިނީމަ.. ލައިކް.. އައި ފީލް އައިމް ސޯ ސްޕެޝަލް ފޯ ޔޫއޭ..” އެކި މޭޒުގެ ނަމްބަރުތަކަށް ބަލަމުން ފިރުޝާން ބުނެފައިވާ މޭޒާ ހަމަވިއިރު ޖިލްވާއަށް އިވުނު އަޑުން އޭނާއަށް ޝޮކެއް ލިބިފައިވެއެވެ. އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގައި ބަލާކަށް ނުހުރެ ގޮނޑިއެއް ދަމާލާ އެ މޭޒުކައިރީގައި ޖިލްވާ އިށީނދެއްޖެއެވެ. “ޖިލް.. ކީއް.. ކީއްކުރަނީ މިތާގަ؟” ސިއްސައިގެންދިޔަ އިރަމް އަށް ވާހަކަ ދެއްކުނީ އަޅައިގަންނަމުންނެވެ. “އަހަރެންވެސް ހަމަ ތި ސުވާލު ތިގޮތަށް އިރޫއާ ކޮށްލަން ބޭނުމޭ.. މިތާގަ. މި ރެސްޓޯރެންޓުގަ.. އަހަރެންގެ ފިރިމީހާ އާއެކު.. މީ ކޮންކަންތައްގަނޑެއް؟” ޖިލްވާ ބޭނުންވިޔަސް އަޑު މަޑުކޮށް ވާހަކައެއް ނުދެއްކުނެވެ.

“ހަހަ… މިހާރު ފިރިމީހާގެ ބޯކޮޅުބަލާ ފާރަލާ ހިސާބަށްވެސް ދިޔައީ ދޯ؟ ބަލަން ހުންނައްޗޭ.. އަދި ވަރިކޮށްފަ ގެއިން ނެރެލާ ހިސާބަށްވެސް ދާނެ.” އިރަމްގެ ދުލުން ނުކުތް ލަފުޒާއެކު ޖިލްވާއަށް ބަލާލެވުނީ ފިރުޝާންގެ މޫނަށެވެ. މޭޒު ދަށުން ފިރުޝާން ޖިލްވާގެ އަތަށް ފިތާލީ އޭނާ ހުރީ ޖިލްވާއާ އެކުގައިކަން ހާމަކުރުމަށެވެ. “އަހަރެން ހިޔެއް ނުކުރަން ދުވަހަކުވެސް އިރޫ ތި ފެންވަރަށް ވެއްޓޭނެއެކޭ.. އަހަރެން އިރޫއަށް ކޮން ދެރައެއް ދީގެން އަހަރެންގެ ފިރިމީހާ ބޭނުންވެގެން ތިއުޅެނީ؟ ނިކަން ޖަވާބު ދީބަލަ..” ޖިލްވާގެ ލޮލުން ފޭބި ކަރުނަތިކި އަތުގެ ނުފުށުން ފޮހެލިއެވެ. ” ކެރޭނެތަ އަޑުއަހަން. އަހަރެން ޖިލްވާގެ ފަރާތުން ބަދަލު ހިފަން ބޭނުން ވެގެން މިއުޅެނީ އިއްޔެއަކު މިއަދަކު ނޫނޭ… މީގެ 4 އަހަރު ކުރިން އެންމެ ފުރަތަމަ ކޮލެޖުން ދިމާވީއްސުރެ..” ޖިލްވާގެ ރުއިމުގެ އަޑު ބޭރުވިޔަ ނުދީ އޭނާ އިނީ އަނގަމަތީގައި އަތް އަޅައިގެންނެވެ.

“މުޅި ކޮލެޖުންވެސް މަށަށް އެންމެ ރީތި ކުއްޖާ ކަލޭ ފަހަތުން އުޅުނީ.. އޭރުވެސް ފިރުޝާންއާ އެކީ އުޅޭތި އޭނައަށް ނޯ ޖެހީ.. އެހެންނު.. ކަލޭ އޭނަ ރިޖެކްޓް ކުރީމަވެސް މަށަށް އޭނައެއް ނުލިބުނު. އެފަހުން އަދި އަދަށްވެސް މަމިހުރީ ސިންގަލްކޮށް. ކޮލެޖުގަ މަ އެއްކޮށް އުޅުނީ ކަލޭ މޮޅުވީމަ އޭގެ އެޑްވާންޓޭޖް ނަގަންވެގެން. ކޯސް ނިމުނީމަ އެއް ސްކޫލަކަށް ދެމީހުން އެޕްލައި ކުރަން ބުނީވެސް ހިތްހަމަ ޖެހޭވަރަށް ބަދަލު ހިފާ ނުލެވިގެން. އެކި ފަހަރުމަތިން ކަލެއޭ ކިޔައިގެން ސްކޫލުގަ ފާޑު ފާޑުގެ އަޑު ފެތުރޭތޯ ބެލިން. ސޯޝަލް މީޑިއާގަ ބޭޒާރު ކުރެވޭތޯ ބެލިން.. އެކަމަކު ކަލޭގެ މައުސޫމު ކަމުން އެކަންވެސް ވައިގަ ހިފާގޮތެއް ނުވީ.. އަހަރެން ދެން ހީކުރީ ދަރިއަކު ލިބުނީމަ ކަލޭގެ ލަގަބު ސްކޫލުން އަތުލެވޭނެކަމަށް. އެކަމަކު އެކަމެއްވެސް ނުވި.. އެންމެން އަބަދާއަބަދު ކަލެއަށް ތައުރީފް ކުރާއަޑު އިވުނީމަ މަށަށް ހާދަ، ހާދަ އުނދަގޫ ވެޔޭ..” ލޭހޫނުވެފައިހުރި އިރަމްއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ކަހަލައެވެ.

“ރީތި މުއްސަނދި ފިރިއެއް، ލޯބިވާ މައިދައިތައެއް، ކޮންމެ މީހަކުވެސް ބޭނުންވާފަދަ ލޯބި ދަރިއެއް، ކޮލެޖާ ސްކޫލުގަ އެންމެންގެ ލޯބި. މިހުރިހާ ކަމެއް ލިބި ދިރިއުޅުމުގަ ކާމިޔާބު މީހަކަށް ކަލޭ ވީމަ މަ ހާދަ ނަފްރަތެއް ކުރަމޭ.. ހަގީގަތުގަ މަ ހަމަ ވަރަށް ޕްރައުޑުވޭ މި ހުރިހާ ދުވަހު މިކަންތައް ސިއްރުކޮށްގެން ކަލޭ ކުރިމަތީ އެކްޓް ކުރެވުނީތީ..” ވާހަކަ މެދު ކަނޑާލުމަށްފަހު މޭޒުމަތީގައި ހުރި ފެންތަށި ނަގާ އެއްކޯވަރުން ބޮއި ހުސްކޮށްލިއެވެ. ” ކަލޭގެ ކުރިމަގަށް ހުރަސް އެޅޭތޯ ސިހުރު ހެދޭތޯވެސް އެތައް ފަހަރަކު ބެލިން.. އެކަން ކޮށްދޭ ވަރު މީހަކާ ދިމާނުވެގެން ކަލޭގެ ފިރިމީހާ ޖަހައިގަނެވޭތޯ މިބެލީ..” އިރަމްގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ ޖިލްވާއަށް އަޑުވީއްލާ ބާރަށް ރޮވިއްޖެއެވެ.

މިހުރިހާއިރު މަންޒަރު ބަލަންއިން ފިރުޝާންއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ލޯބިވާ އަނބިމީހާ އަތުގައި ހިފާ ގޮނޑިން ނެގުމަށްފަހު ނިއްކުރިއަށް ބޮސްދީ ގަޔާ ކައިރިކޮށްލިއެވެ. “މީހެއްގެ ހިތުގަ ހަސަދަވެރިކަން އުފެދިއްޖެއްޔާ އެމީހަކު ނުކުރާނެ ކަމެއް ނޯވެޔޭ މީހުން ބުނާއަޑު އަހަން. އެކަމަކު ތިވަރު ކަމެއް ނުދެކެން. އަހަރެންގެ ހިތް އަނބުރާލެވޭތޯ އަދި ބުނެފިއެއްނު ސްކޫލުގެ އެލް.ޓީއާ ޖިލްއާ ނަހަމަ ގުޅުމެއް އޮވެޔޭ.. ބުނަންތަ ރަނގަޅު ވާހަކައެއް. އަހަންނަށް އެނގޭ ޖިލްވާ އަޅާ ކޮންމެ ފިޔަވަޅެއްވެސް. ކޮންމެ ކަމެއް ކުރިއަސް މަށަށް އެނގޭ.. ކޮންމެ މީހަކާ ވާހަކަ ދެއްކިޔަސް މަށަށް އެނގޭ.. އަހަރެންގެ ހުރިހާ ކަމެއްވެސް ޖިލްއަށް އެނގޭނެ. އެއީ ކޮންމެހެން އެކަކު އަނެކަކަށް އަޅުވެތިވާތީއެއް ނޫން.. އިހުތިރާމް ކުރާތީ.. ލޯބިވާތީ. އިތުބާރު ކުރާތީ.. ހީނުކުރައްޗޭ މިތަނަށް ޖިލްވާ އައީ އަހަންނަށް ފާރަލަމުންނޭ.. އޭނަ މިތަނަށް ގެނައި މީހަކީ އަހަރެން. ޖިލްގެ ހިތް ސާފުކަމުން ލޮލަށް ނުފެނި މިވަރުގެ ކަމެއް ގަބޫލުކުރަން އުނދަގޫވެދާނެތީ.. ހަނދާން ކުރާތި. މީގެ ފަހުން މަގޭ އަނބިމީހާއާ ވާހަކަދައްކަން މަސައްކަތްކޮށްގެން ނުވާނެ. އަހަރެމެންގެ ދިރިއުޅުމާ ކުޅެން ހިތަށްވެސް ނާރުވާތި. މިރޭ މި ދެއްކި ހުރިހާ ވާހަކައެއްގެ ރެކޯޑިން މި ފޯނުގަ އެބަހުރި. އަހަރެމެނަށްވެސް ކަންތައް ކުރެވޭކަން އަންގާލަން ޖެހިދާނެ.” ފިރުޝާންގެ އިންޒާރާއެކު އިރަމް ދެފަރާތަށް ބޯހޫރުވާލީ ބިރުގަނެފައިވާ މީހަކު ފަދައިންނެވެ.

ޓިޝޫ ހޯލްޑަރުން ދެތިން ޓިޝޫނަގާ ޖިލްވާގެ މޫނުމަތި ރީތިކޮށްދީ އިތުރަށް ދެން ނުރުއިމަށް ފިރުޝާން ޖިލްވާގެ ކިބައިން އެދުނެވެ. އަދި ކޮންމެ ހާލެއްގައިވެސް ޖިލްވާގެ މީހެއްގެ ގޮތުގައި ހުރެދޭނެ ކަމާއި އަބަދުވެސް ލޯބިވާނޭ ކަމުގައި ބުނެލީ ކުޑަކޮށް ބައްދާލަމުންނެވެ. މި މަންޒަރު ދެކެން ކުޅަދާނަ ނުވެގެން އިރަމް ބާރުބާރަށް ހިނގާފައިގޮސް ރެސްޓޯރެންޓުން ނުކުތެވެ. މިރޭ އެތަނުގައިތިބެ ޖިލްވާއާއި ފިރުޝާން އެކަކު އަނެކަކަށް ވައުދުވިއެވެ. ދިރިއުޅުމުގެ ވާހަކަތައް އެހެންމީހުންނަށް ހިއްސާ ނުކުރުމަށެވެ. ދިރިއުޅުމުގައި އަބަދުވެސް އެކަކު އަނެކެއްގެ ހިޔަނި ފަދައިން ވުމަށެވެ. ލޯބިވާ އާއިލާ ރައްކާތެރި ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށެވެ. ހަހުރަޔާ ހެދި ދިރިއުޅުން ބަނަވިޔަ ނުދިނުމަށްޓަކާ ވެސްމެއެވެ.

-ނިމުނީ-

https://www.baiskoafu.com/view/audio/MzM5Nw==

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.

1 ކޮމެންޓް
ފާޑުކިޔާމީހާ
އޭޕްރީލް 23, 2022
މި މުބާރާތުގެ އެއްމެ ރީތި ވާހަކަ މީ