ގދ. މަޑަވެލީގައި ހިނގައިދިޔަ އަނިޔާވެރި އަމަލުތަކުގެ ވީޑިއޯ ދުށީ ވަރަށް ފުންހިތާމައާއި ކަންބޮޑުވުމާއެކީގައި ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެކަމަނާގެ ފޭސްބުކް ގައި ވާ ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ އެ ހަރުކަށި ޢަމަލު ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން އަވަސް ތަހުގީގެއްކޮށް އަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ. އަދި މި އަނިޔާގެ ޝިކާރައަކަށް ވި އަންހެންކުއްޖާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވީ އަނިޔާވެރިކަމަކީ އަންހެނަކާ އިދިކޮޅަށް ވިޔަސް، ފިރިހެނަކާ އިދިކޮޅަށް ވިޔަސް އަދި ކުޑަކުދިންނާ އިދިކޮޅަށް ވިޔަސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މުޖުތަމައުން މިކަން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
“މިފަދަ ކަމެއް ހިނގައިފިނަމަ، ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އިންސާފު ހޯދައިދޭން އަޅުގަނޑުމެން އެބަޖެހޭ. މިކަހަލަ އަނިޔާވެރި އަމަލުތައް ޚާއްސަކޮށް އަންހެނުންނާ ދޭތެރޭ މުޅި ދުނިޔޭގަ ވެސް އަދި ރާއްޖޭގަ ވެސް ދަނީ ހިނގަމުން.” ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ މިކަހަލަ ކަންތައްތަކަށް އިންސާފު ނުލިބިދާތީ، ރާއްޖޭގެ އަދުލު އިންސާފަށް އޮންނަ އިތުބާރު ވެސް ކުޑަވަމުންދާ ކަމަށެވެ.
މި މައްސަލައިގާ ޝާމިލުވާ ފިރިހެން މީހާ ބަންދުގައި ޖުރިކަން ފާހަގަ ކުރައްވާ ދުންޔާ ވިދާޅުވީ މިކަމުގައި ޝަރީއަތުގެ ނިޒާމުން އަވަހަށް އިންސާފު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ދުންޔާ ވިދާޅުވި އެވެ.