English Edition
Dhivehi Edition

ކުރީ ބަޔާއި ގުޅޭ….

” އަހަންނަށް ފެންނަމުން ދިޔަ މުޖުތަމަޢުގައި “ހަމަހަމަ ހައްގުތަކަށް” ދައުވާ ކުރާއިރު ކޮންމެ މީހަކުވެސް ގަބޫލުކުރަނީ ފުރާވަރަށް އެރުމާއެކު ކޮންމެ އަންހެން ކުއްޖަކު “ބޯއިފްރެންޑެއް” ހޯދަން ޖެހޭ ކަމެވެ. އަދި ތަރައްގީވެފައިވާ ހިސާބުތަކުގައި އަންހެން ކުއްޖަކު ބިކުރުވެރިވުމަކީ ކަޑަކަމެއް ކަމުގައެވެ. މިއީ ހަގީގަތުގައި ވެސް އަންހެނުންނާ މެދު ކުރެވޭ އިހާނާތެއް ކަމަށް އަހަންނަށް ގަބޫލު ކުރެވުނެވެ.

މުސްލިމް އެކުވެރިންތަކަކާއެކު ގިނަ ދުވަސްތަކެއް ވަންދެން އުޅެން ފެށުމުން މިހުރިހާ ކަމެއް ބަދަލުވާން ފެށިއެވެ. އެ މުޖުތަމައިން އަހަންނަށް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައަށް އަންހެނުންނަށް އިހްތިރާމާއި ގަދަރު ކުރާ އަދި އެމީހުން ރައްކާތެރިކޮށްދޭ ބަޔެކެވެ. އަހަރެން ކުރިން ދަންނަ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި އިސްލާމް ދީނަކީ އަންހެނުންނަށް ދަށުދަރަޖައިން ދެކޭ ދީނެކެވެ. އެ ދީނުގައި އަންހެނުންނަށް ޖެހެނީ މުޅި ހަށިގަނޑު ކަޅު ހެދުމެއްގައި ނިވާކޮށްގެން އެއްވެސް މިނިވަން ކަމެއް ނެތް ބައެއްގެ ގޮތުގައި ތިބޭށެވެ. އެހެންނަމަވެސް އަހަންނަށް ފެނުނީ މުޅިން ތަފާތު އިސްލާމްދީނެކެވެ. އެދީނުގައި އަންހެނުންނަށް ދީފައިވާ މަތިވެރި ދަރަޖައެވެ. އެދީނުގައި އަންހެނުންނަށް ދީފައިވާ ގިނަ ޙައްގުތަކެވެ. ހުޅަނގުގެ ނުވަތަ އެހެން މުޖުތަމައުތަކުގައި ދުވަހަކު ވެސް އަންހެނުންނަށް ނުދޭ ވަރަށް އިސްލާމް ދީނުގައި އަންހެނުންނަށް ހައްގު ދީފައިވާ މިންވަރެވެ.

އިސްލާމް ދީނުގައި އަންހެނުންނަށް ވާރުތަ މުދަލުން ބައިލިބޭއިރު އެމީހުންނަށް އަމިއްލަ އަށް ވިޔަފާރިކޮށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ މަސައްކަތް ކުރާނެ ފުރުސަތު ފަހިކޮށްދެއެވެ. އެހެންމީހުންގެ ބާރު ނުފޯރާނެހެން އެމީހުންގެ އަމިއްލަ މިލްކުގައި މުދަލާއި ގެއާއި ގެދޮރު ބެހެއްޓެއެވެ. ބޭނުން ހިސާބަކަށް ތައުލީމު އުނގެނެން ހުއްދައޮވެއެވެ. އެމީހަކު ބޭނުން މީހަކާއި މަޖުބޫރުކަމެއްނެތި ކައިވެނީގެ ގޮތުން ގުޅުމަށް ފުރުސަތު ލިބެއެވެ. އަދި ނުގަބޫލުގައި ކައިވެނި ކުރެވޭނަމަ އެކައިވެންޏާއި ދެކޮޅު ހެދުމުގެ ފުރުސަތުވެސް އޮވެއެވެ.

އިސްލާމްދީނުގައި އެމީހުން ކިޔަވާ ފޮތް ޤުރުއާންގައި ކަލާންގެ ވަނީ އެމީހުންނަށް ހުރިހާ ރިވެތި ސިފަތަކެއް ދަސްކޮށްދެއްވާފައެވެ. އޭގައި އެމީހުންގެ އަނބިންނަށް ހެޔޮކޮށް ހިތުމާއި އަޅާލުމަށް އެތައްފަހަރަކު އަންގަވާފައިވެއެވެ. އިސްލާމް ދީނުގައި ގަވައިދުތައް ހަދާފައިވަނީ އެ ދީނުގެ މީހުން އަމިއްލަ އަކަށް ނޫނެވެ. އަދި ކީއްހެއްޔެވެ. އެއީ ސީދާ އެމީހުންގެ ކަލާނގެ އަންގަވާ ދަސްކޮށްދެއްވަވާ ގޮތެވެ. އެހެން ކަމުން އަހަންނަށް ގަބޫލު ކުރެވުނީ އަހަރެން މި ހޯދަމުންދާ ދީނަކީ އިސްލާމްދީން ކަމެވެ. މިއަށް ވުރެ ފުރިހަމަ ދީނެއް ނެތް ކަމެވެ.

މުސްލިމް އަންހެނުން އެއްކޮށް ނިވާވެގެން ތިބެނީ ކީއްވެގެން ކަމާމެދު މީހުން ސުވާލުކުރާތީ އަހަރެން ވަރަށް ގިނަ ފަހަރު އަޑުއަހަމެވެ. އަހަންނަށް ރަނގަޅަށް މި ދީން ދަސްވިފަހުން އެނގުނީ އިސްލާމް ދީނުގައި ކައިވެންޏަށް ދީފައިވާ މަތިވެރި ދަރަޖައެވެ. އެހެންކަމުން އަންހެނުން އެމީހުންގެ ފިރިން ނޫން އެހެން މީހުންނަށް އެމީހުންގެ ވަނާތައް ދައްކައި ނުހަދާ ކަމެވެ. އެމީހުންގެ ހުރިހާ ރީތިކަމެއް އަދި އަދާއެއް ދައްކަނީ ފިރިންގެ ކުރިމަތީގައި އެކަނިކަމެވެ. ކައިވެނި ކުރުމުގެ ކުރިންވެސް މި ހުރިހާ ކަމެއް ފިރިމީހާއަށްޓަކައި ފޮރުވައި ރައްކާކުރާކަމެވެ. އަދި ހަމަ އެހެންމެ ފިރިހެނުންވެސް އެމީހުންގެ ހަށިގަނޑުގެ ވަކި ހިސާބެއް އަނބިމީހާ ފިޔަވައި ހިލޭ އަންހެނުންގެ ކުރިމަތީ ފާޅު ނުކުރާކަމެވެ. އިސްލާމްދީނުގައި އަންހެނުން ނިވާވެގެން ތިބުމަށް އަންގަވަނީ އެމީހުންގެ އިއްފަތް ތެރިކަން ރައްކާތެރިކުރުމަށްޓަކައެވެ.

މުޖުތަމައުގައި އަންހެނުންގެ ޙައްގުތަކާއި ހަމަހަމަކަން ހޯދުމަށް އަހަރެން ކުރަމުން ދިޔަ ދިރާސާތަކުގެ އަލީގައި ދަސްވި ހުރިހާ އެއްޗަކާއެކު އަހަރެން އިސްލާމްދީނަށް ބަދަލުވީމެވެ. އަދި ބުރުގާވެސް އެޅީމެވެ. އެއީ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަން ގެނެސްދިން ވަގުތުކޮޅެކެވެ. އަހަންނަށް ކުރެވުނީ ހެއްދެވި ފަރާތަށް އަހަންނަށްވެސް ކިޔަމަންތެރިކަން އަދާކުރެވެން ފެށިކަމުގެ އުފާވެރި އިޙްސާސެވެ. އަދި ހެއްދެވި ފަރާތުގެ ހެޔޮ ރަޙުމަތާއި ލޯބި ލިބިގެންވާ މީހުންގެ ތެރޭ އަހަރެން ވެސް ހިމެނުނު ކަމުގެ ހިތްހަމަޖެހުމެވެ. އަހަންނަށް ޙަޔާތުގައި ފުރަތަމަ ފަހަރަށް ރައްކާތެރިކަމާއި ގަދަރުވެރިކަން އިޙްސާސް ކުރެވުނެވެ.

އަހަރެން އިސްލާމްދީން ގަބޫލުކުރީ އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ. ވަކި ކަމެއް ޙާސިލް ކުރުމަށް އަހަރެން ކުރަމުން ދިޔަ ދިރާސާތަކުގައި އިސްލާމް ދީނުން އަހަރެން ބޭނުންވި ހުރިހާ ސުވާލުތަކަށް ފުރިހަމަ ޖަވާބު ލިބި މުސްލިމުންގެ ދިރިއުޅުން ގާތުން ފެނި ދީނަށް ލޯބިޖެހިގެންނެވެ. އިސްލާމް ދީނުގައި އަންހެނުންނަށް ދެވިފައިވާ މަގާމު ފެނި އެމަގާމު އަހަންނަށް ވެސް ލިބުމަށް އެދިގެންނެވެ. މިއަދު އަހަރެންގެ ހިތް ވަނީ އުފަލުންނެވެ. ހާސްވެ ކަންބޮޑުވެ ސުވާލު އުފެދޭ ކަމެއް ނެތެވެ. ސަބަބަކީ އަހަންނަކީ އެންމެ ފުރިހަމަ މާނައިގައި މުސްލިމް އަންހެނަކަށްވީތީއެވެ!”

 

.