English Edition
Dhivehi Edition

” އަހަރެން އުފަންވީ އިންޑިއާގެ ހަރުކަށި ހިންދޫ އާއިލާއަކަށެވެ. އަހަރެމެންގެ މުޖުތައަމުގައި ކުޑައިރުއްސުރެން އަންހެން ކުދިންނަށް ދަސްކޮށްދެނީ ފިރިހެނުންނަކީ އަހަރެމެން ރައްކާތެރިކޮށް ބަލަހައްޓާ މީހުންކަމެވެ. އަންހެނުންނަކީ ފުރާފުރިހަމަ ވުމާއެކު ކައިވެނިކޮށް ދަރިން ހޯދައި ފިރިމީހާއަށް ކިޔަމަންތެރިކަމާއެކު ދިރިއުޅެން ޖެހޭ އަދި ގޭތެރޭގައި ތިބެން ޖެހޭ ބައެއްކަމެވެ. އެއީ ކައިވެނިކުރާ ފިރިހެންމީހާ އަކީ ކިތަންމެ އަނިޔާވެރިމީހެއް ކަމުގައި ވީނަމަވެސް މެއެވެ. މީގެ އިތުރުން އަންހެނަކު ހުވަފަތް ވެއްޖެނަމަ ހުދުސާޅީއެޅުމާއި، ބައެއްކަހަލަ ކާނާ ކެއުން މަހުރޫމް ވުމާއި އަދި ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާފައި ބެހެއްޓުމުގެ އިތުރުން ދެވަނަ ކައިވެންޏެއް ކުރުމަކީ މުޅިން މަނާ ކަމެކެވެ.

އަދި ކައިވެންޏެއް ކުރާ އިރު ކައިވެނި ކުރާ ފިރިހެންމީހާއާއި އާއިލާއިން ބުނިވަރަކަށް ފައިސާ އާއި މުދާ އަންހެންކުއްޖާގެ ފަރާތުން ދިނުމަކީ އަހަރެމެންގެ މުޖުތަމައުގައި މަޖުބޫރު މާއްދާއެކެވެ. އެމީހުން އެދޭ ހުރިހާ ސާމާނެއް ނުދެވޭނަމަ ކައިވެންޏަށް ފަހު އަންހެން ކުއްޖާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާދިނުމާއި އޭނައަކީ ކުށްވެރިއެއްގެ ގޮތުގައި ލޭބަލް ކުރުމާއި ބައެއްފަހަރު ފިރިމީހާގެ އާއިލާއިން އަންހެންކުއްޖާގެ ގައިގައި އަލިފާން ރޯކޮށް އެއީ ބަދިގެތެރޭގައި ކައްކަން އުޅުމުގެ ތެރޭގައި ދިމާވި އެކްސިޑެންޓަކުން ހިނގި ހާދިސާއެއްގެ ގޮތުގައި ސިފަކޮށްދޭން އުޅެއެވެ.

މީގެ އިތުރުން ގިނަ ފިރިހެނުން އެމީހުންނަކީ ކަލާނގެ އާއި އެއްފަދަ ދަރަޖައެއް ލިބިގެންވާ ބައެއްކަމަށް ގަބޫލު ކުރެއެވެ. ބައެއް ދީނީ އަޅުކަންތަކުގައި ހުސްހަށިބައި އަންހެން ކުދިންނަށް ޖެހެނީ ކަލާނގެ އަށް އަޅުކަން ކުރާއިރު އެފަދަ ފިރިއަކު ދެއްވުން އެދި ދުއާވެސް ކުރާށެވެ. އަހަރެންގެ މަންމަ ވެސް އަހަރެން ލައްވާ މި ދުއާ ކުރުވަން އުޅުނެވެ. މިހުރިހާ ކަމަކާއެކު އަހަންނަށް ހިންދޫ ދީން ވެގެން ގޮސްފައިވަނީ އަންހެނުން ނާމެދު ދަށު ދަރަޖައަކުން ދެކޭ ދީނެއްގެ ގޮތުގައެވެ.

އަހަރެން ތައުލީމު ފުރިހަމަ ކުރުމަށް އިންގްލޭންޑަށް ބަދަލުވުމުން ގަބޫލު ކުރެވުނީ އެ ތަނުގައި އަންހެނުންނާއި ފިރިހެނުންނާއި މެދު އެ އޮންނަ ތަފާތު ނެތްކަމެވެ. އެ ތަނުގައި އަހަރެމެން އަންހެނުންނަށް ވެސް އަހަރެމެންގެ ހިތް އެދޭ ކަންތައްތައް ކުރުމުގެ ފުރުސަތު ލިބޭކަމެވެ. އެހާ ހިސާބުން އާ، ގިނަ ބަޔަކާއި ބައްދަލުވެ އަހަރެންވެސް އާ ރަޙްމަތްތެރިން ހޯދީމެވެ. އަދި “ސޯޝަލައިޒް” ވުމުގެ ނަމުގައި އެ ރަޙްމަތްތެރިންނާއެކު ބާރ ތަކަށާއި ޑާންސް ހޯލް ތަކަށް ދާން އަހަރެން ފެށީމެވެ. އެހެންނަމަވެސް ވަކިހިސާބަކުން މި ތިއަރީއަކީ ވެސް އެންމެ ކަމުދާ ތިއަރީ ކަމަށް އަހަރެންގެ ހިތް ގަބޫލެއް ނުކުރިއެވެ.

އިންގްލޭންޑްގައި ދިރިއުޅެމުން ދިޔައިރު އަހަންނަށް ފެންނަމުން ދިޔައީ ތައުލީމާއި، ވަޒީފާއާއި ހުރިހާ ކަމެއްގައި ވެސް ހަމަހަމަ ފުރުސަތުތައް ލިބިދޭ މުޖުތަމައެކެވެ. އެހެނަސް ހަގީގަތަކީ އެ ތަނުގައި ވެސް އަންހެނުންނާއި މެދު ދެކޭގޮތް ތަފާތުކަމެވެ. އެމީހަކު ހެދުން އަޅާ ގޮތާއި ބޭރުފުށުން ފެންނަން ހުންނަ ސިފަތަކުން އޭނަ މިން ކުރެވޭ ކަމެވެ. އެތަނުގައި މީހުންގެ މެދުގައި މަގުބޫލު ވުމަށް ވަކި ގޮތަކަށް ހެދުން އަޅަން ޖެހޭކަމެވެ. ވަކި ސްޓައިލަކަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ބައްޓަން ކުރަން ޖެހޭ ކަމެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ވަގުތީ އުފާކަމެވެ. މިހުރިހާ ކަމަކާއެކު އަހަންނަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ.

އަހަންނަށް ގަބޫލު ކުރެވުނީ އެ ތަނުގައި ވެސް އަންހެނުންނާމެދު ނާއިންސާފުން ކަންތައްތައް ކުރެވޭ ކަމެވެ. އެހެން މީހުން ހިތްހަމަޖެއްސުމަށް ހެދުން އެޅުމާއި ފިރިހެނުން ބޭނުންވާ ގޮތަށް ވާހަކަ ދެއްކުމާއި ހަށިގަނޑުގެ ވަނާތައް ދައްކައިގެން އެހެންމީހުން ހިތްހަމަޖެހޭގޮތަށް ހެލިފެލިވެ އުޅެން ޖެހޭކަން މިއީ އަހަންނަށް ގަބޫލު ނުކުރެވުނު ކަންތައްތަކެވެ.

އޭރު މުސްލިމް އެކުވެރިން އަހަރެންގެ ތިބިނަމަވެސް އިސްލާމްދީނަކީ ކޮބައިކަމެއް އަދި އަހަންނަކަށް ނޭނގެއެވެ. އޭރުވެސް އަހަރެންގެ ސިކުނޑި ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ދިޔައީ މިއަށް ވުރެ ރަނގަޅު ދިރިއުޅުމެއް ފެނޭތޯއެވެ. މިއަށްވުރެ ހިތްހަމަ ޖެހޭ އަދި ރައްކާތެރިކަން އިޙްސާސް ކުރެވޭ އިއްޒަތާއި ގަދަރު އަންހެނުންނަށް ލިބިދެވޭ ފަދަ މުޖުތަމައެއްގައި ދިރިއުޅެވޭތޯއެވެ.”

(ނުނިމޭ)

ނޯޓް: މިއީ ދުނިޔޭގެ އެކިކަންކޮޅުތަަކުގައި އިސްލާމްދީނަށް އަލަށް ވަންނަ މުސްލިމުންގެ ދިރިއުޅުމުގެ އަސަރުގަދަ ވާހަކަ ހިއްސާކުރާ ވެބްސައިޓެއް ކަމަށްވާ އިސްލާމް ރިލިޖަން.ކޮމް އިން ނަގާފައިވާ ވާހަކަ އެއްގެ ތަރުޖަމާއެކެވެ.