English Edition
Dhivehi Edition

ކުރީގެ ބަޔާއި ގުޅޭ….

މި ދުވަސްތަކުގައި އަހަރެން މަސައްކަތް ކުރަމުން ދިޔައީ ޕާކިސްތާނުގެ މުސްލިމް ފިރިހެނެއްގެ ކާރީގައެވެ. އެހެންނަމަވެސް މުސްލިމުން ނަކީ ވަކި ތަފާތު ބައެއްގެ ގޮތުގައި އަހަރެން ނުދެކެމެވެ. އަދި އަހަރެންގެ ކުރިމަތީގައި އިސްލާމްދީނަކީ ވެސް ހަމަ އެހެނިހެން ދީން ތަކެކޭ އެއްފަދައިން އޮންނަ ދީނެކެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ގިނަ މުސްލިމުން ތަކަކާއި އަހަންނާއި އެކުވެރިވަމުން ދިޔައެވެ. އެހާހިސާބުން ވަރަށް ބޮޑު ތަފާތުކަމެއް އަހަންނަށް އިޙްސާސް ކުރެވެން ފެށިއެވެ. އެމީހުންގެ އުޅުމާއި އަޚުލާގުގައި ހުރި ރިވެތި ސިފަތައް އަހަންނަށް ފާހަގަކުރެވެން ފެށިއެވެ. ކޮންމެ ދުވަހަކު އެމީހުންގެ ކަލާނގެ އަށް 5 ފަހަރު ކުރާ އަޅުކަމާއި އެމީހުން ބަނގުރަލާއި ޑްރަގްސް ބޭނުންނުކުރާކަން އެނގެމުން ދިޔައެވެ. އަހަރެމެންގެ ސްކޫލްތަކުގައި ވެސް ދަސްކޮށްދޭ ހުރިހާ ރީތި އަދަބަކާއި ރީތި ސިފަތަކެއް އެމީހުންގެ ކިބައިން ފެނެމުން ދިޔައެވެ.

އަހަރެންގެ އަންހެން ދަރިފުޅު އުފަންވިދުވަހު އެތަނުން ފިރިހެނަކު އަހަރެންގެ ދަރިފުޅަށް ހަދިޔާ ގެނައުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އަދި އޭނާ ބޭބީ ނަގައިގެން ބޭބީއާ ވާހަކަ ދައްކާ ހެދިތަން ފެނި އަހަންނަށް ލިބުނީ ހަމަރަނގަޅަށް ވެސް ޝޮކެކެވެ އެހެންނުވާންވީ ކީއްވެހެއްޔެވެ. އަހަރެންގެ މުޅި ޙަޔާތުގައި ވެސް ކުޑަކުއްޖަކަށް ފިރިހެނަކު މިގޮތަށް ލޯބި ދިންތަނެއް ފެނިފައެއް ނުވެއެވެ. އަދި އެގޮތަށް އަޅާލާ ތަނެއް ވެސް ފެނިފައެއް ނެތެވެ.

އެގޮތަށް ދުވަސްތައް ފާއިތުވަމުން ދިޔައިރު އެމީހުންގެ ފަރާތުން ލިބެމުންދިޔަ އަޅާލުމާއި ލޯބިފެނި އެމީހުންގެ ދީން ދެކެވެސް އަހަންނަށް ލޯބިޖެހެން ފެށުނެވެ. އަހަރެންގެ ހިތް ބުނެދިނީ އެހާ ރަނގަޅު ވެލިއުސް ތަކެއް ހުރި ދީނަކީ ވަރަށް ފުރިހަމަ މާތް ދީނަކަށް ވާނެކަމެވެ.

އޭރު އަހަރެން ދިރިއުޅެމުން ދިޔައީ 7 މީހުންނާއެކު އެއްގެއެއްގައެވެ. އެއްރެއަކު އަހަރެން އެތަނުން އަހަރެންގެ ރޫމް މޭޓްގެ ކޮމްޕިޔުޓަރ ހޯދީމެވެ. ސަބަބަކީ އެކުވެރިޔާ ކުރެން ދީނާއި ބެހޭ މާގިނަ ވާހަކަތައް އަހަން ޖެހިލުން ވުމެވެ. އެހެންކަމުން ކޮމްޕިޔުޓަރ ކާރީގައި އިނދެ އަހަރެން އިސްލާމްދީނާއި ބެހޭ މައުލޫމާތު ލިބޭ ވެބްސައިޓަކަށް ވަދެލީމެވެ. އެދުވަހަކީ އަހަރެންގެ މުޅި ޙަޔާތް ބަދަލުކޮށްލި ދުވަހެވެ. އެ ވެސްބައިޓުން އަހަންނަށް ލިބުނު މައުލޫމާތާއެކު އަހަރެން އެތައް ޒަމާނެއް ވަންދެން އަޅަމުން ދިޔަ ކަޅުކުލައިގެ ހެދުން ބަދަލުކުރީމެވެ. އަހަންނަށް ހީކުރެވުނީ އަހަރެން މުޅިން އެހެން މީހަކަށް ބަދަލުވީކަމެވެ. އަދި އެވަގުތުން ފެށިގެން 24 ގަޑި އިރު ތެރޭގައި އަހަރެން ޝަހާދަތް ކިޔައި އިސްލާމްދީނަށް ވަނީމެވެ.

އެހާހިސާބުން ދީނާއި ގުޅޭ ގޮތުން ދިރާސާ ކުރަން އަހަރެން ފެށީމެވެ. އަދި އަހަންނަށް ނޭނގި މަޑުމަޑުން އަހަރެންގެ އެތެރެހަށީގައި ފިލާހުރި ރުޅިވެރި ކަމާއި ހާސްކަމާއި ހިތާމަ ފޮހެމުން ދިޔައެވެ. އަހަރެން ކަލާނގެއާއި ވަރަށް ގާތްވެ ކަލާންގެ އަށް ބިރުވެތިވުމާއެކު ކަލާނގެ ދެކެ އިންތިހާއަށް ލޯބިވާން ފެށީމެވެ. އަހަންނަށް ގަބޫލު ކުރެވުނީ އަހަރެންގެ ހިތް ވަރަށް ލުއިވެއްޖެ ކަމާއި އަގީދާއާއި އީމާންކަން ވަރުގަދަވަމުން ދިޔަކަމެވެ. ކުޑައިރުއްސުރެން އަހަރެން ބޮމުން ދިޔަ ސިނގިރެޓް ބުއިން މުޅިން އަހަންނަށް ހުއްޓާލެވުނީ މި ދީނުގެ ބާރުގައެވެ. ކުރިން ބޭނުންކުރަމުން އައި ރާއާއި ޑްރަގްސް ބޭނުންކުރުން އެކީގައި ހުއްޓާލީމެވެ. މިހާރު އަހަންނަކީ މުސްލިމް ފިރިއެއްގެ ލޮބުވެތި އަނބިމީހާއެވެ. އަހަރެންގެ ފިރިމީހާ އަހަންނާއި އަހަރެންގެ 2 ކުދިންނަށް ވަރަށް ވެސް ހެވެ. އަހަންނަށް ދިރިއުޅުމުގައި ހުރިހާ އެއްޗެއް ވެސް ލިބިއްޖެއެވެ. ލޮބުވެތި އާއިލާއެކެވެ. ހުރިހާ ތައުރީފަކާއި ޙަމްދެއް ހައްގުވެގެން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ.

(ނިމުނީ)