English Edition
Dhivehi Edition

ނޭވާ ހިއްލުމާއި ނޭވައަށް އުނދަގޫކުރުމުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ފަރުވާހޯދަމުން އަަންނަ މީހުން ނިސްބަތުން ރާއްޖޭގައި ގިނައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އާދަވެގެން އިންހޭލަރ ބޭނުން ކުރަން ޖެހޭ މީހުންނެވެ. ދުވާލު ދެއިރު އިންހޭލަރ ބޭނުންކުރަން ޖެހޭ މީހުން ރޯދަ މަހާއި އެކު އެ ބޭނުން ކުރަން ޖެހޭ ގޮތާއި މެދު ކަންބޮނޑުވެއެވެ. ރޯދައަށް ތިބެ އިންހޭލަރ ބޭނުންކޮށްފިނަމަ ރޯދަ ގެއްލޭނެ ކަމުގެ ބިރު ހީވެއެވެ. އެހެންނަމަވެސް ރޯދައަށް ތިބެ ރަނގަޅަށް އިންހޭލަރ ބޭނުން ކުރިނަމަވެސް ރޯދަ ނުގެއްލޭކަމަށް ގިނަ އިލްމު ވެރިން ވިދާޅުވެއެވެ.

ރޯދަ މަހު އިންހޭލަރ ބޭނުންކުރުމާއި ގުޅޭ ގޮތުން ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވަނީ ވަރަށް ތަފްސީލް ކޮށް ކިޔައިދެއްވަވާފައެވެ. އެގޮތުން ރޯދަ މަހު ދުވާލު ރޯދައަށް ހުރެ އިންހޭލަރ ބޭނުން ކުރުމުން ރޯދަ ގެއްލިދާނެ ކަމުގެ ބިރު ހީވާނަމަ ރޯދަ ވީއްލައިގެންނާއި ހާރު ދަމުން ތަންކޮޅެއް ލަސްކޮށްލާފައި އިންހޭލަރ ބޭނުން ކުރެވިދާނެ ކަމަށް ޑރ ވިދާޅުވެއެވެ.

ރޯދަ މަހާއި ގުޅިގެން ބޭސް ބޭނުން ކުރާނެ ގޮތް ކިޔައިދެއްވަވަމުން ޑރ މުހައްމަދު އަލީ ވަނީ އިންހޭލަރ ރަނގަޅަށް ބޭނުން ކުރާނެ ގޮތްވެސް ކިޔައިދެއްވަވާފައެވެ.

1- އިންހޭލަރ ޖެހުމުގެ ކުރިން އިންހޭލަރ ރަނގަޅަށް ހަލުވާލާށެވެ. އަދި ފުންކޮށް ނޭވާލުމަށް ފަހު އަނގައިން ރަނގަޅަށް ނޭވާގެ ވައި ހުސްކޮށްލާށެވެ.

2- އެއަށްފަހު ދެ ދަތްޕިލަ ދޭތެރެއަށް ލައްވާލާފައި ތުންފަތުން އިންހޭލަރ ގައި ހިފަހައްޓާށެވެ.

3- އެގޮތަށް ބަހައްޓައިގެން ހުރެ އިންހޭލަރ އަށް ފިތާލާށެވެ. ފިތާލުމުން އަންނަ ދުންތައް ގާތްގަނޑަކަށް 10- 6 ސިކުންތު ވަންދެން އެތެރެއަށް ހިފަހައްޓާލަން ވާނެއެވެ.

4- އިންހޭލަރ ބޭނުންކުރުމަށް ފަހު އަނގަ ދޮވެލަން ހަނދާން ކުރަން ޖެހެއެވެ. އެނޫން ނަމަ އަނގައިގެ ތެރޭގައި އިތުރު ބަލި ޖެހުން ފަދަ ކަންތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

އަނގަ ދޮންނަން ކޮންމެހެން ހޫނު ފެން ބޭނުންކުރާކަށް ވެސް ނުޖެހޭ. ދަތް އުގުޅާކަށް ވެސް ނުޖެހޭ. ހަމަ އާދައިގެ ސާފު ފެންފޮދަކުން އަނގައިގެ ތެރެ ސާފުކޮށްލުމުން ނިމުނީ” ޑރ މުޙައްމަދު އަލީ ކިޔައިދެއްވިއެވެ.