English Edition
Dhivehi Edition

ތައިރޮއިޑް ބައްޔަކީ ވެސް ދިވެހިންގެ މެދުގައި ވަރަށް އާންމު އަދި ގިނަ ބަޔަކު އެކަމަށް ފަރުވާ ހޯދަމުން އަންނަ ބައްޔެކެވެ. ތައިރޮއިޑް ބަލިތައް ފާޅުވަނީ ހަށިގަޑަށް ބޭނުންވާ، ތައިރޮއިޑް ގްލޭންޑުން އުފައްދާ މުހިއްމު ހޯމޯންތައް އެދެވޭ ގޮތުގައި އުފެއްދުމަށް މައްސަލަތައް ދިމާވުމުންނެވެ. ތައިރޮއިޑްގެ މަސައްކަތް މާބޮޑަށް އިތުރުވެއްޖެނަމަ އެދެވޭ މިންވަރަށްވުރެ އިތުރަށް ލޭގެ ތެރެއަށް ހޯމޯންތައް އިތުރުވެގެން ދާނެއެވެ. މިހެންވެއްޖެނަމަ ކިޔަނީ ހައިޕަރތައިރޮއިޑިޒްމްއެވެ. ހައިޕަރ ތައިރޮއިޑިޒްމްގެ ޙާލަތު އުފެދިއްޖެނަމަ ހަށިގަޑުގައި ބޭނުންވާވަރަށްވުރެ އިތުރަށް މާއަވަހަށް ހަކަތަ ބޭނުންކުރާނެއެވެ. އެއާއެކު ސެލްތަކުގައި މެޓަބޮލިޒަމްގެ މަސައްކަތް ނޭދެވޭ މިންވަރެއްގައި ހަލުއިވެގެން ދާނެއެވެ.

މީގެ އިދިކޮޅަށް ބަލާއިރު ތައިރޮއިޑް ގްލޭންޑްގައި އެދެވޭ މިންވަރަށް ހޯމޯން ނުއުފެއްދޭނަމަ އެހާލަތައް ކިޔަނީ ހައިޕޯތައިރޮއިޑިޒްމްއެވެ. މިގޮތުން ލޭގެ ތެރެއަށްދާ ހޯމޯންގެ މިންވަރު މަދުވުމުން ސެލްތަކުގައި ހަކަތަ ބޭނުންކުރެވޭނީ އެދެވޭ މިންވަރަށްވުރެ ދައް ހަލުއިމިނެއްގައެވެ. އެއާއެކު ސެލްތަކުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތް ލަސްވެގެންދާނެއެވެ.

ގަވައިދުން މެދުނުކެނޑި ފަރުވާ ހޯދަމުން އަންނަ މި ބަލީގެ ބޭސް އާންމުކޮށް ކަނީ ހެނދުނު ހުސްބަނޑާ ހުރެ ކަމަށް ވުމުން ރޯދަ މަހު ބޭސް ބޭނުން ކުރާނެ ގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. މި ސުވާލުގެ ޖަވާބުގައި ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވަނީ ކީކޭތޯ ބަލަމާ ހިނގާށެވެ!

“ހައިޕޯ ތައިރޮއިޑްގައި ބޭނުން ކުރާ “ކާބިމަޒޯން ” ކޮންމެހެން ހުސްބަނޑާ ބޭނުން ކުރާކަށް ނުޖެހޭނެ. ހައިޕަރ ތައިރޮއިޑް ގައި ބޭނުން ކުރާ “ތައިރޮކްސިން، ތައިރޮނޯމް” ބޭނުން ކުރަން ޖެހޭނީ ހުސްބަނޑާ ހުރެ” ޑރ ވިދާޅުވިއެވެ

“ހުސްބަނޑާހުރެ ބޭނުން ކުރަން ޖެހޭ ބޭސް ބޭނުން ކުރާއިރު ރޯދަވީއްލައިގެން އިތުރު އެއްޗެއް ނުކައި ކެއުމުގެ ބައިގަޑި އިރު ކުރިން ބޭނުން ކުރެވިދާނެ . ކައިފިއްޔާ ކައިގެން 3 ގަޑިއިރު ފަހުން ބޭނުންކުރެވިދާނެ. ނުވަތަ ހާރުދަމު ހޭލައިގެން ކެއުމުގެ ބައިގަޑި އިރު ކުރިން ވެސް ބޭސް ކެވިދާނެ. ރަނގަޅު ގޮތަކީ ކެއުމާއި މި ބޭހާއި ދުރުކުރުން” ޑރ މުޙައްމަދު އަލީ ވިދާޅުވެއެވެ.

ތައިރޮއިޑް ގްލޭންޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެއެވެ. އެގޮތުން ކެއިން ބުއިމުގައި ހަކުރު މަދުކުރުމާއި، ޕްރޮސެސްޑް ކާނާ މަދުކުރުމާއި، މަދުވެގެން ހަފްތާއަކު ތިންފަހަރު ނުވަތަ ފަސްފަހަރު ކަސްރަތު ކުރުމާއި، ކެއުމުގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ހިމެނުމާއި، ހަށިގަނޑުގެ ބަރުދަން ރަނގަޅު މިންވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ.