English Edition
Dhivehi Edition

މިއީ ދުނިޔޭގެ އެކިކަންކޮޅުތަަކުގައި އިސްލާމްދީނަށް އަލަށް ވަންނަ މުސްލިމުންގެ ދިރިއުޅުމުގެ އަސަރުގަދަ ވާހަކަ ހިއްސާކުރާ ވެބްސައިޓެއް ކަމަށްވާ އިސްލާމް ރިލިޖަން.ކޮމް އިން ނަގާފައިވާ ވާހަކަ އެއްގެ ތަރުޖަމާއެކެވެ. ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ގެނެސްދޭ މި ސިލްސިލާގައި ފުރަތަމަ މި ގެނެސްދެނީ އެމެރިކާ އަންހެން ކުއްޖެއްގެ ހިތްދަތި ޙަޔާތާއި އެ ދިރިއުޅުމުން އަރައިގަތުމުގައި އިސްލާމްދީނުން އޭނާ ވާގިހޯދި ގޮތުގެ އަސަރުގަދަ ވާހަކައެވެ.

“އަހަރެން އުފަންވީ އެމެރިކާގެ އާދައިގެ އާއިލާއަކަށެވެ. އަހަންނަކީ އެއްބަނޑު އެއްބަފާ 8 ކުދިންގެ ތެރެއިން އެންމެ ހަނގު އަންހެން ކުއްޖާއެވެ. އަހަރެމެންގެ އާއިލާ އަކީ މައްސަލަތަކުން ފުރިފައިވާ އާއިލާއެކެވެ. އަހަރެމެންގެ ބައްޕައަކީ ރަލާއި މަސްތުގެ ދުނިޔެއެއްގައި އުޅެމުން ދިޔަ މީހެކެވެ. އާއިލާގެ ޚަރަދުބަރަދު ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ދިޔައީ މަންމަ އެކަނި މާއެކަންޏެވެ. އެހެންކަމުން އާއިލާގެ އެންމެ ހަނގު ކުއްޖާއަށް ވުމުންނާއެކު ގިނަ ފަހަރު އަހަންނަށް ޖެހެނީ އެކަނި ގޭގައި އިންނާށެވެ. ރަލުގެ މަސްތުގައި އުޅެމުން ދިޔަ ބައްޕަގެ ސިއްހީ ހާލަތު ގޯސްވެ ބައްޕަ މިދުނިޔެ ދޫކުރީ އަހަރެން ގްރޭޑް 6 ގައި ކިޔަވަމުން ދަނިކޮށެވެ.

އަހަރެންގެ ކުޑައިރުގެ ދުވަސްތަކަކީ ބިރުވެރި ދުވަސްތަކެކެވެ. ޖިންސީ ގޯނާއާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާފަދަ އެތައް ކަމެއް ތަހައްމަލް ކުރަން އަހަންނަށް ޖެހުނެވެ. ސޮސައިޓީން ބާކީވެ، އެހެންމީހުންދެކެ ބިރުން ސިހިސިހި އިންނަ ކުއްޖެއްގެ ގޮތުގައި އަހަރެން ވެގެން ދިޔައެވެ. އެހާހިސާބުން ކަޅުކުލައިގެ ހެދުން އެޅުމާއި ކަޅުކުލައަށްދާ މޭކަޕް ކުރުމަށް އަހަރެން ފެށީމެވެ. އަދި މަރުވެގެން ޖަނާޒާގައި ކިޔާކަހަލަ ލަވަ އަޑުއެހުމާއި މަރަށް އެދެން ފެށުނެވެ. އަހަންނަށް ދިރިއުޅުމުގެ ހަނގުރާމަ އާއި ކުރިމަތިލުމަށް ވުރެ މަރާ ކުރިމަތިލުން މާ ފަސޭހަ ކަމަށް ގަބޫލުކުރެވުނެވެ. އަހަރެންގެ ވަށައިގެން ގާތް މީހުން ތިބި ކަމުގައި ވިޔަސް އެކަނިވެރިކަން އިޙްސާސް ކުރެވުނެވެ. އެހެންކަމުން އެކަންތަކުން ސަލާމަތް ވުމަށް ސިނގިރެޓާއި ރާ އަދި ޑްރަގްސް ގެ އިތުރުން ނަހަމަ ގޮތުގައި ގުޅުން ހިންގުން ފަދަ ހުރިހާ ގޯސްކަމެއް އަހަރެން ކުރަން ފެށީމެވެ. މީގެ އިތުރުން އަމިއްލަ ފުރާނަ ނަގާލަން 15 ވަރަކަށް ފަހަރު އަހަރެން މަސައްކަތް ކުރީމެވެ. އެހެނަސް މީގެ އެއްވެސް ކަމަކުން އަހަންނަށް ހިތްހަމަޖެހުމެއް ނުލިބޭ ކަމަށް ގަބޫލު ކުރެވުނެވެ.

ކޮލެޖްގައި ކިޔަވަމުން ދަނިކޮށް އަހަރެންގެ ފުރަތަމަ ފިރިހެން ދަރިފުޅަށް އަހަރެން ބަލިވެ އިނެވެ. ދަރިފުޅު ރަނގަޅަށް ބަލާނެ ގޮތެއް ނެތުމާއި އެކު އަހަރެން ވިސްނީ އޭނަ ކޮންމެވެސް މީހަކަށް ދޭށެވެ. އެހެންނަމަވެސް ދަރިފުޅު އަހަރެންގެ ޙަޔާތް ބަދަލުކޮށްދިނެވެ. އޭނަ އަށްޓަކައި އަހަރެން ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ފެށީމެވެ. ހަށިގަނޑުގެ އެތެރޭގައި ހުރި ހިތާމައާއި ރުޅިވެރިކަމާއި ހާސްކަމާއި މި ހުރިހާ ކަމެއް މަސައްކަތުގެ ތެރެއަށް ދޫކޮށްލެވޭތޯ ބެލީމެވެ. އޭރު އަހަންނަށް އެއްވެސް އިތުރު މީހަކަށް އިތުބާރެއް ނުކުރެވެއެވެ. އަމިއްލަ ނަފްސަށް ވެސް މެއެވެ.

3 އަހަރު ފަހުން އަނެއްކާ ވެސް އަހަރެން މީހަކާ ރައްޓެހިވީމެވެ. މަޑުމަޑުން އެހެންމީހުންނަށް އިތުބާރު ކުރެވޭތޯ ބެލީމެވެ. އަދި ލޯބިވެރިޔާއާއި އެންގޭޖްވެސް ވީމެވެ. އެހެނަސް އެ ގުޅުމުން ވެސް އަހަރެން ތަޖްރިބާކުރީ ހިތްދަތިކަމެވެ. އަހަރެންގެ ލޯބިވެރިޔާ ތަކުރާރުކޮށް އަހަންނަށް ކެހި ދިނުމާއި ޖިސްމާނީ އަނިޔާދިނުން ފަދަ ކަންތައް ކުރަމުން ދިޔައެވެ. އެންމެ ފަހުން އަހަރެން އެ ގުޅުމަށް ނިންމުން ގެނައިމެވެ. އެހެނަސް އޭރު އަހަރެން އިނީ އަހަރެންގެ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. އެހާ ހިސާބުން ދެން ކުރިއަށް ދާންވީ ގޮތް ނޭނގި ހަދާނެ ގޮތް ހުސްވިއެވެ.”

(ނުނިމޭ)