އައްޑޫސިޓީގެ މީދޫ ނެރުކެނޑުމުގެ މަސައްކަތް މަޑުޖައްސާފައި އޮތުމަށްފަހު މާދަމާއިން ފެށިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަލީ މުހައްމަދު (އައްދު ) ވިދާޅުވެއްޖެއެވެ.
މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އާއި މީދު އާ ދޭތެރޭ ނެރު ކަނޑަން ފަރު ގޮއްވާލުމުގެ މަސައްކަތް ފަށާފައިވަނީ އީޕީ.އޭގެ ހުއްދަ އާއި އެކުގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ތެރޭގައެވެ.
ނެރު ކަނޑަން ގޮއްވާ ސަރަހައްދު ހަރުކޮށް އޮންނާތީ މަސައްކަތަށް މަޑު ޖެހުންތަކެއް އައިސްފައި އޮތުމަށް ފަހު މާދަމާ އަލުން މަސައްކަތް ފަށާނެ ކަމަށް އައްދު ވިދާޅުވިއެވެ.
“ބޭނުންވާ ހުރިހާ ސާމާނެއް މިހާރު މިވަނީ މީދޫ އަށް ގެނެސްފައި. މާދަމާއިން ފެށިގެން 10 ދުވަހުގެ މުއްދަތަށް މަސައްކަތް ކުރިއަށް ދާނެ. ނެރު ގޮއްވުމުގެ މަސައްކަތް ކުރިއަށް ދާއިރު އެސަރަހައްދަށް މޫދަށް އެރި އުޅުމާއި ސްނޯކްލިން ކުރުމުގެ އިތުރުން ޑައިވްކޮށް ހެދުމަކީ ރައްކާތެރިކަމެއް ނޫން” އައްދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދާ ވަގުތުތައް ރަސްމީކޮށް ކަމާބެހޭ ފަރާތްތަކަށް އަންގަމުން ގެންދާނެ ކަމަށެވެ.
މީދޫގައި ނެރެއް ކެނޑުމުގެ މަޝްރޫއަކީ މަސްދޯނިފަހަރާއި އެހެނިހެން ކަނޑުގެ އުޅަނދު ދަތުރުކުރަންޖެހޭ ރާސްތާ ކުރުވެ، ތެލުގެ ހަރަދު ކުޑަވުން ފަދަ ފައިދާތަކަށް ވިސްނައި އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ފަރުމާކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތެކެވެ.