English Edition
Dhivehi Edition
އޭއެފްސީ 2022 ގައި އިއްޔެ ލޮތާރި ކުޅުނު މެޗުގެގެ ތެރެއިން، ފޮޓޯ: އަލީ ނާސިރު، އޭއޯ ނިއުސް

އައްޑޫ ފުޓްބޯޅާ ޗެމްޕިއަންޝިޕް 2022 ގެ މީދޫ އަށް ނިސްބަތްވާ ކުލަބު ލޮތާރި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހަވީރު އައްޑޫ ސްޓޭޑިއަމުގައި ކުޅުނު މެޗުން ކުލަބު ލޮތާރި ބަލިވީ 0-8 އިން ނެވެ.

އެފްސީ ބޭރުމައްޗާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދެޓީމުންވެސް ދެއްކިއެވެ. ލަނޑު ޖަހާނެ ފުރުސަތު ނުލިބުނު އިރު ބޭރުމަތިން ފޮނުވަމުން ދިޔަ ގިނަ ހަމަލާތައް ވެސް ދިފާއު ކުރެވުނީ މަދު ފަހަރަކުއެވެ.

ގިނަ ގޯލުތަކެއް ފެނިގެން ދިޔަ މި މެޗުގެ 8 ވަނަ މިނިޓުގައި އެފްސީ ބޭރުމަތިން ކާމިޔާބު ކުރި ފުރަތަމަ ލަނޑާއެކު ދެން ފެނިގެން ދިޔައީ ކޮންމެ ހަމަލާއެއް ގޯލުގެ ތެރެއަށް އަމާޒުވަމުން ދިޔަ މަންޒަރެވެ. މުޙައްމަދު އިންޝާލް ކާމިޔާބު ކޮށްދިން ލަނޑާއެކު އެޓީމުން ލީޑު ނެގިއިރު، ކުލަބު ލޮތާރިން ދިޔައީ ނަތީޖާ އަނބުރާލަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަނެއްކާ ވެސް ފެނިގެން ދިޔައީ ލިބުނު ޕެނަލްޓީއަކުން ބޭރުމަތިން އިތުރު ލަނޑެއް ޖަހާ ލިޑު ފުޅާކުރިތަނެވެ.

މި ލަނޑު ބޭރުމައްޗަށް ޖަހައިދިނީ މުޙައްމަދު ދާނިޝް އިބުރާހީމެވެ. އަދި މެޗުގެ 40 ވަނަ މިނިޓުގައި ލިބުނު އިތުރު ޕެނަލްޓީއެއް ގައި ބޭރުމަތީގެ 3 ވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މެޗުގައި ގާތްގާތުގައި ގިނަ ލަނޑުތަކެއް ބޭރުމަތިން ޖަހަމުން ދިޔަ ނަމަވެސް ލޮތާރި ޓިމުގެ އުންމީދަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެޓީމުން ދިޔައީ ނަތީޖާ އަނބުރާލެވޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގައި ދާނިޝް އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 41 ވަނަ މިނިޓުގައިއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ ބޭރުމަތި ހަތަރު ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

އިތުރު ހިއްވަރަކާއެކު މެޗުގެ ދެވަނަ ހާފަށް ލޮތާރި ނިކުމެ ރަނގަޅު ހަމަލާތަަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް، ބޭރުމަތީގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ 61 ވަނ މިނިޓުގައި އެ ޓީމުގެ 5 ވަނަ ލަނޑު ޖެހިއެވެ. މިއީ ތިލްމީޒު ކާމިޔާބު ކޮށްދިން ލަނޑެކެވެ. އަދި 66 ވަނަ މިނިޓުގައި އިންޝާލް ބޭރުމަތީގެ ހަވަނަ ލަނޑު ޖަހައިދިނެވެ. މެޗުގެ 88 ވަނަ މިނިޓުގައި ހަސަން ރައިފް އިތުރު ލަނޑެއް ޖަހައި ނަތީޖާ ޖަތަކަށް ބަދަލުކޮށްލިއެވެ. އޭގެ މިނިޓެއް ފަހުން ތިލްމީޒު ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް ނަތީޖާ 8-0 އަށް ބަދަލުކޮށްލާފައެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. މެދުވަލު އެފްސީ އާއި މަރަދު އެފްސީ ބައްދަލު ކުރާ މި މެޗުގައި މެދުވަލު އެފްސީ އިން ރާއްޖޭގެ މަޝްހޫރު ފޯވާޑް އަލީ އަޝްފާޤު (ދަގަނޑޭ) ފެނިގެން ދާނެއެވެ، މި އީ ދަގަނޑޭ މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައިއެވެ. އަދި މި މެޗު ކުޅޭނީ އައްޑޫ ސްޓޭޑިއަމުގައެވެ.

މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ހޭޕީ މާކެޓް ޓްރޭޑިން އެވެ.