English Edition
Dhivehi Edition
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް - ފޮޓޯ: އަޙްމަދު ޝުރާޢު (އަވަސް)

މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4000 މީހުން ކަނޑައެޅުމުގައި އެއްވެސް ކަހަލަ އުސޫލެއްނެތް ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އާންމުންގެ އެކުވެރި ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ ސުކީމުގެ ދަށުން 13،000 މީހުންނަށް ފުލެޓު ދޫކުރާނެކަމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.އެހެންނަމަވެސް ސަރުކާރުން ފަށާފައިވަނީ އެންމެ 4،000 ހައުސިން ޔުނިޓުގެ މަސައްކަތްކަން ފާހަގަކޮށް މިދުއަމް ބުނީ އެހެންކަމުން 10،000 އެއްހައި މީހުންނަށް ފޯރުކޮށްދޭން ސަރުކާރުން ބުނި ފުލެޓުތަކުގެ މަސައްކަތް ފެށިފައިނުވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިނުވާ ކަމަށް މިދުއަމް ހުށަހެޅި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި މިދުއަމް ވަނީ ފުލެޓު ލިބޭނެކަމަށް ބުނި 13،000 މީހުންގެ ތެރެއިން މިހާރު އަޅަމުންދާ 4،000 ފުލެޓު ލިބޭނެ މީހުން ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވައިލާ އާންމުކޮށްފައިނުވާ ކަމަށް ބުނެފައެވެ، މިދުއަމް ހުށަހެޅި މައްސަލައިގައި ވަނީ ފްލެޓް ލިބޭނެކަމަށް ކަނޑައެޅި މީހުންގެ ލިސްޓުގައި ލިބުނު ޕޮއިންޓް އާންމުކޮށްފައި ނުވާކަމަށް ބުނެފައެވެ. އަދި ފުލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅަނީ އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހުގައިކަމަށް ސަރުކާރުން ބުނި ނަމަވެސް ފުލެޓު ލިބުނު 13،000 މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާފައި ނުޥާކަމަށާ އެކަން ކުރުމަށް އެކަށީގެންވާ ވަގުތުވެސް ނެތްކަމަށް މިދުއަމް ވަނީ ބުނެފައެވެ.

އެހެންކަމުން ސަރުކާރުން އާންމުނުކުރާ ސިއްރު އުސޫލެއްގެ ދަށުން މިހާރު އަޅަމުންދާ 4000 ފްލެޓް، އާންމުކޮށް އެކަން ކުރާ އުސޫލާ ހިލާފަށް، ފްލެޓް ލިބުނު އެންމެންގެ ހާލަތު ބަލާ ނުނިމެނީސް އަދި އިންތިގާލީ މަރުހަލާގެ އެންމެ ފަހު ދުވަސްކޮޅު ކަނޑައެޅޭނެ އެެއްވެސް ގޮތެއް ނެތްކަމަށް މިދުއަމް ވަނީ ބުނެފައެވެ. އެފަދަ އުސޫލެއް ނެތި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ފަހު ދުވަސްތަކުގައި ވަކި ބަޔަކަށް ފުލެޓުތައް ދީފިނަމަ އެކަމެއް ބަލައި، ހައްލުކުރުން ދެން އަންނަ ސަރުކާރަށް އުދަގޫ ވާނެކަމަށާއި އެހެންކަމުން ފްލެޓް ލިބުނު ގިނަ ބައެއްގެ ހައްގު ހޯދައި ދިނުމަށް މިމައްސަލަ ބަލައި ދިނުމަށް މިދުއަމް ވަނީ އެދިފައެވެ.

މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އަންނަ އާދިއްތަ ދުވަހު އާންމުކުރުމަށް ނިންމާފައިވާއިރު މި 4000 މީހުން ކަނޑައަޅާނެ ގޮތެއް އަދި ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

1 ކޮމެންޓް
އައްޔަ
ނޮވެމްބަރު 4, 2023
ތިޔަ ސޮރަކީ ކިހާ ފެންވަރަކަށް ކިޔަވައިގެން ހުރި ކިހާ ތަޖުރިބާއެއް ހުރި ކޮންކަހަލަ ވަޒީފާއެއް އަދާ ކުރާ ސޮރެއްކަން ނިކަން ގެނެސްދީބަލަ.