English Edition
Dhivehi Edition
އެމްޓީސީސީ ފެރީގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހޯދަމުންދާ ހިދުމަތެއް ފޮޓޯ: އީމާން

އައްޑޫ ސިޓީގެ ހުޅުދޫ މީދޫ އަކީ ސިޓީގެ ގުޅިފައިވާ އަވަށްތަކާއި ވަކިން އޮންނަ ދެ އަވަށަށްވީ ހިނދު އަބަދުވެސް މި ދެ އަވަށުގެ ރައްޔިތުންނާއި މެދު އައްޑޫ ސިޓީ ކައުންސިލުން ތަފާތުކުރުންތައް ގެންގުޅެމުންދާ ކަމުގެ ޝަކުވާތަކަކީ ވަރަށް ބޮޑު ޝަކުވާއެކެވެ. ގުޅިފައިވާ އަވަށްތަކުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވުމަށް މަޖުބޫރުވާން ޖެހިފައިވާ މި ދެ އަވަށުގެ ރައްޔިތުންނަށް މި ތަފާތުކުރުންތައް އެންމެ ބޮޑަށް އިހްސާސްވެގެން ދިޔައީ ކޮވިޑް19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އޭރު އައްޑޫ ސިޓީ ކައުންސިލުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ގިނަ ފިޔަވަޅުތަކުގެ ތެރޭގައި ފެރީ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުންވެސް ހިމެނިގެން ދިޔައެވެ. އޭރު އައްޑޫ ސިޓީން ކޮވިޑް19 ފެނިފައި ނުވި ނަމަވެސް، ރާއްޖެއިން ބަލި ފެނި ރައްޔިތުން ތިބީ ބިރުވެރިކަމެއްގައެވެ. ވަގުތާއި ހާލަަތަށް ވިސްނައި ހުރިހާ ރައްޔިތުން ވެސް، ސަރުކާރުގެ އެންގުންތަކަށް ބޯލެނބީ އެހެން ގޮތެއް ނެތުމުންނެވެ. އޭރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި ބައެއް މީހުން ކުއްޔަށް ލޯންޗްތައް ހިފައިގެން ދިޔަ ނަމަވެސް އެ ފަދަ ބޮޑު ޚަރަދެއް ކުރެވެން ނެތް ގިނަ ބަޔަކު ތިބީ ވަގުތާއި ހާލަތުގެ ސަބަބުން ‘ޝުކުރު’ ކޮށްލައިގެންނެވެ. ކޮވިޑް19 ގެ ސަބަބުން ހުރިހާ ކަމެއްވެސް ބަދަލުވެ ރައްޔިތުންނަށް ދެމުން ގެންދިޔަ ގިނަ ހިދުމަތްތަކަށްވެސް ބުރޫތަކެއް އެރިއެވެ،

މީ އޭގެ އެއް އަހަރު ފަހެވެ. މިހާރު ކޮވިޑްގެ ހާލަތާއި ކޮވިޑާއި މެދު މީހުން ދެކޭ ގޮތް ބަދަލުވެއްޖެއެވެ. މި ބައްޔާއި އެކު އުޅެން ދަސްކުރަންޖެހޭ ކަމަށް ކަމާއި ބެހޭ ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ‘ނިއު ނޯމަލް’ އަށް އެންމެންވެސް މަޑުމަޑުން ހޭނިއްޖެއެވެ. ކޮވިޑް ބައްޔައް ރައްޔިތުން ހޭލުންތެރިވެ މި ބައްޔާއެކު އުޅެން ދަސްކޮށްފިއެވެ. އެހެންނަމަވެސް މި ހުރިހާ ބަދަލުތަކާއެކު ބަދަލު ނުވި އެއްކަމެއް އެބައޮތެވެ. ކޮވިޑް19 އާއި އެކު ހުޅުދޫ މީދޫ ރައްޔިތުންނާއި މެދު ގެންގުޅޭ ތަފާތުކުރުންތަކެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް އުފުލަމުންދާ ތަކްލީފުތަކައް ނިމުމެއް ނައުމެވެ.

ހުޅުމީދޫ ބަހާއުއްދީން މަގު: ފޮޓޯ: އީމާން

އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން ޕޮޒިޓިވް ކޭސްއެއް ފެނި އެ ދެއަވަށް މޮނިޓަރިންއަށްލާ ފަހަރުތަކުގައިވެސް، ގުޅިފައިވާ އަވަށްތަކުން ކޭސް އެއް ނުފެންނަ ނަމަ އެ އަވަށްތައް މޮނިޓަރިންއަކަށް ނުލައެވެ. ބަލި ނެތްނަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅާ ކާފިއު އެއް ނުހިންގައެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް އެއް އަވަށުން އަނެއް އަވަށަށް ދިއުމަށް ހުއްދަ ހޯދާކަށްނުޖެހެއެވެ. ކޮމިއުނިޓީ ސްޕްރެޑެއް ނެތްނަމަ ފިޔަވަޅުތައް އުވާލުމަށް އަވަސްވެގަނެއެވެ. އެހެންނަމަވެސް މި ދެ އަވަށުގައި އެކަން ހިނގާ ގޮތް ތަފާތެވެ. މިހާރުވެސް ހުޅުދޫ މީދޫ ގައި ކޮވިޑް އެކްޓިވް ކޭސްއަކީ ހޯމްކަރަންޓީންގައި ހުރި މީހެއްގެ ކޭސްއެކެވެ. އެހެންނަމަވެސް މި ދެ އަވަށަށް މިވަނީ ބަލި ނެތި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އައްޑޫ ސިޓީގެ ބަލި އޮތް އަވަށްތަކުގައި ހިންގާ ގޮތަށް މި ދެ އަވަށުގައިވެސް އަންނަނީ ކާފިއު ހިންގަމުންނެވެ. މިކަމާއި ގުޅިގެން ސިއްހީ ދާއިރާގެ މީހުންގެ އިތުރަށް ރައްޔިތުންގެ ކަންބޮޑުވުންތައްވެސް އިންތިހާއަށް ބޮޑެވެ. “ވިޔަފާރި ބަގުރޫޓުވެއްޖެ އެއްވެސް ސަބަބެއް ނެތި މި ހިންގާ ކާފިއުއެއްގެ ސަބަބުން. މީ އަހަރެމެންވެސް ކާންބޯންކުރާ މަސައްކަތް. އެކަމަކު އައްޑޫ ސިޓީ ކައުންސިލުން ނުވަތަ ޓާސްކްފޯސް ޓީމުން މިކަމާއި އަޅާނުލާތީ އަހަރެމެން މި ތިބީ ‘ސިޓީ’ އެއްގެ ދަރަޖައާއި އެކު ބޮޑު އަދަބެއްގަ. ކައުންސިލުން ބުނަނީ އެޗްޕީއޭ އިންނޭ. އެޗްޕީއޭ އިން ބުނަނީ ޓާސްކްފޯސް ޓީމޭ” ‘އޭއޯ ނިއުސް’ އާއި ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ. މިއީ އަދި ކުޑަ މިންވަރެކެވެ. އަދި މިހާ ހިސާބުން ނިމުނީ އެއް ނޫނެވެ.

ހުޅުދޫ މީދޫގެ ރައްޔިތުން ބޭސްފަރުވާ ހޯދުމާއި ޒަރޫރީ ބޭނުންތަކަށް ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިއުމަށް އުފުލަންޖެހޭ ތަކްލީފު އަދި މާ ބޮޑެވެ. މި ދެ އަވަށުން ގުޅުފައިވާ އަވަށްތަކަށް ދަތުރުކުރާނަމަށް އެސްއެސްޑީގެ ހުއްދަ ހޯދަންޖެހެއެވެ. “އެސްއެސްޑީ އިން ހުއްދަ ނަގައިގެން އޮންލައިންކޮށް ޓިކެޓް ނަގަން ބަލާލިއިރު ހުރިހާ ފެރީއެއް ފުލްކަމަށް ދައްކަނީ. އެމްޓީސީސީ ދަތުރުފަތުރުގެ މުވައްޒަފަކަށް ގުޅާލީމަ ބުނި އެތަނަށް ގޮސްގެންނޭ މިހާރު ޓިކެޓް ލިބެނީ. އެސްއެސްޑީ އިން ފޮނުވާ ލިސްޓަކަށޭ މީހުންނަށް ޓިކެޓް ވިއްކަނީ. އެތަނަށް ގޮސް ކިއުގައި ޖެހިގެން ޓިކެޓް ލިބުނު އިރު މިހާ ރުޅިގަދަވެއްޖެ. އެހާ ކުޑަތަންކޮޅެއްގެ ތެރޭގައި ޓިކެޓް ކިއުގައި ތިބުމަކީ ވަކި ފަސޭހަކަމެއްތޯ” ޓެސްޓެއް ހަދާލުމަށް ޑޮކްޓަރަށް ދައްކަން ދަތުރުކުރި މީހަކު އޭނާއަށް ދިމާވި ހާދިސާ ހިއްސާކުރަމުން ބުންޏެވެ. އެހެންނަމަވެސް މިއީ އައްޑޫ ސިޓިގެ ގުޅިފައިވާ އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅެއް ނޫނެވެ. ބަލި އެންމެ ބޮޑަށް ފެތުރިފައިވާ އަވަށްތަކުންވެސް އެހެން އަވަށްތަކަށް އެއްވެސް ހުއްދަ އެއް ނެތި މިނިވަންކަމާއެކު ދަތުރު އެބަކުރެވެއެވެ، ކަނޑު ހުރަސްކޮށް ދަތުރުކުރާނަމަ ހުއްދަ ނަގަންޖެހުމަކީ ބޮޑު ‘ޖޯކަކަށް’ މި ވަނީވެފައެވެ، ކޮވިޑް19 ގެ އެއްވެސް ނުރައްކަލެއް ނެތް ދެ އަވަށުގެ ރައްޔިތުން މި ވަނީ ޒަރޫރީ ބޭނުންތަކަށް ‘ސަލާންޖަހަން’ ޖެހިފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގެ މޮނިޓަރިންގެ ހަލާތު އުވާލާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މި ދެ އަވަށުގެ ރައްޔިތުން އަލަށް އިންތިހާބުވި ކައުންސިލާއި މެދު ކުރި އުއްމީދުތައް ފަނޑުވެ މާޔޫސްވެއްޖެއެވެ. ހަމައެކަނި ހަރުކަށި ފިޔަވަޅުތައް އަޅަންވުމުން މި ދެ އަވަށް ސިޓީގައި ހިމެނި، އެހެނިހެން ލުއި ފަސޭހަތަކުން މަހުރޫމުވުމަކީ ދެ އަވަށުގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ނިކަމެތިކަމެކެވެ. އައްޑޫ ސިޓީގެ ވަކިން އޮންނަށް ދެ އަވަށަށް ވެ ކަނޑު ހުރަސްކޮށް ޒަރޫރީ ބޭނުންތައް ފުއްދަންޖެހުން މިއަދު މިވަނީ ތަކްލީފަކަށްވެފައެވެ. އައްޑޫ ސިޓީގެ ޓާސްކްފޯސް ޓީމުގައި މި ދެ އަވަށުގެ އެއްވެސް ހިއްސާއެއް ނެތުމަކީ މި ތަފާތުކުރުންތަކަށް އިތުރުވި ބޮޅެއް ކަން ޔަގީނެވެ.

1 ކޮމެންޓް
ރަދީފް
އޮކްޓޯބަރު 20, 2021
ހުރިހާ މީހުން އެކައްޗެއް ކިޔާފަ ނިކުތީމަ ހުންނާނީ ރާކަނިމަސްކެވިފަ.