English Edition
Dhivehi Edition

ރޯދައަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ޒީނަތްތެރިކޮށް، ފަރުނީޗަރު ގަންނާކަށް ނޫން ކަމަށް ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ބިނާކޮށްފައިވަނީ “ރަމަޟާން މަހަށް ތައްޔާރުވުން” މި މައުޟޫއަށެވެ.

ޚުތުބާގައި ބުނީ ރޯދައަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ޒީނަތްތެރިކުރުމާއި ފަރުނީޗަރު ބަދަލު ކުރުމާއި ކާބޯތަކެތި ގަނެ ޖަމާކުރަން ނޫން ކަމަށެވެ.

ގޭތެރެ ރީތިކޮށް އާބާތުރަފިލުވުމާއި ފަރުނީޗަރު ބަދަލުކުރުމާއި ކާބޯތަކެތި ހޯދުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށާއި އެކަމަކު މި މަތިވެރި މައްސަރާއި ބައްދަލުކުރާއިރު، މިއަށްވުރެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެމަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރާވައިގެން އެ މައްސަރާ ބައްދަލުކުރުން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ތިމާއާއި ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނަށް ވެސް މި މަތިވެރި ދުވަސްތަކުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ވަނީ ޚުތުބާގައި ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށް ހާރުކެއުމާއި ހާރުކެއުން ވީހާވެސް ފަސްކުޅައުމާއި ރޯދައަށް ހުންނައިރު ފަރުޟު ނަމާދުތަކާއި ތަރާވީޙް ނަމާދާއި ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވުމަށް ވެސް ނަސޭހަތްތެރިވެފައި ވެއެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާނާއި މެދު ވިސްނާ ފިކުރު ކުރުމާއި ގިނަގިނައިން ދުޢާ ކުރުމަށް ވެސް ހަނދާންކޮށްދީފައި ވެއެވެ.

މީގެ އިތުރުން އަނބިދަރީންނާއި މައިންބަފައިންނަށް އެހީތެރިވެ، ކިޔަމަންތެރިވުމާއި ގާތްތިމާގެ މީހުންނަށް އެހީފޯރުވުމާއި ރޯދަ ވީއްލުން އަވަސްކުރުމާއި ގިނަގަިަނއިން ޞަދަގާތް ކުރުމަށް ވެސް ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ރޭއަޅުކަން ކުރުން ފަދަ ކަންކަމަށް ވަގުތު ހުސްކުރެވޭގޮތަށް މަސައްކަތު މާހައުލު ބައްޓަންކޮށް ކަންކަން ރާވާލައިފިނަމަ، މި މަތުވެރި ދުވަސްތަކުގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.