English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީކުރި އެއަރޕޯޓުގައި ޓެސްޓު ފުލައިޓު ޖައްސާ، އެރަށު ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ސަރުކާރުން ކުލަޖައްސައިދީފި އެވެ.

މި އެއަރޕޯޓުގައި ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މި މާރޗު މަހުގެ 13 ވީ ހޯމަ ދުވަހުގެ ހަވީރު އެވެ. ފުރަތަމަ ޖައްސާފައިވަނީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

ޓެސްޓް ފްލައިޓުގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފަރ އާއި ރީޖަނަލް އެއަރޕޯޓުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވަނީ އެރަށަށް ވަޑައިގެންފަ އެވެ.

މި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވާ ބުދަ ދުވަހު އެވެ. އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުއެވެ.

އެއަރޕޯޓް ހުޅުވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމަށް އެއަރޕޯޓްގެ އިންތިޒާމްތައް ފުރިހަމަކުރުމާއި، ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުން ނެވެ.

ޤައުމީ އެއަރލައިނުން ފަރެސްމާތޮޑާ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ވެސް މިހާރުވަނީ ނިންމާ، އަގުތައް ހާމަކޮށްފަ އެވެ.

އެގޮތުން ފަރެސްމާތޮޑާ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް މި މަހުގެ 26 ވާ އާދީއްތަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، ޕްރޮމޯޝަނަލް ދެ ފްލައިޓު މިމަހުގެ 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ބާއްވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ފްލައިޓުތަކަށް ބުކިންގސް ހެދުމަށް މިހާރުހުޅުވާލާފަ އެވެ.

އެ ދެ ދުވަހުގެ ފްލައިޓުގެ ޓިކެޓުން 50 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި އެ ދަތުރުތަކުގެ އެއްކޮޅު ޓިކެޓު 1،574 ރުފިޔާ އަށް ލިބޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުންނެވެ.

މޯލްޑިވިއަން އިން ބުނީ ޝެޑިއުލް ދަތުރުތައް ފެށުމުން ފަރެސްމާތޮޑާ އެއްކޮޅު ޓިކެޓުގެ އަގަކީ 1،624 ރުފިޔާ ކަމަށެވެ.