English Edition
Dhivehi Edition
މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީގެ ގިނަ މިސްކިތްތަކުގެ އެންމެ މުހިންމު މަސައްކަތްތައް ރޯދަ މަހަށް ނިމޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ، ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެގޮތުން ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ ސިޓީގެ ވަރަށް ގިނަ މިސްކިތްތަކުގެ މަސައްކަތް އެއްފަހަރާ ކުރިއަށްދާ ކަމަށާއި، އެންމެ މުހިންމު މަސައްކަތްތައް ދެ ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިސްކިތްތަކުގެ މަރާމާތާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރާ އިރު މިހާރު މިސްކިތްތައް ދަނީ މަރާމާތުކުރެވެމުން ކަމަށާއި، މިހާތަނަށް މިސްކިތު ފަންޑަށް ރައްޔިތުން ހަދިޔާކުރެއްވި 1 މިލިޔަން ރުފިޔާގެ އިތުރަށް ސިޓީ ކައުންސިލުން ދަނީ ކައުންސިލްގެ އާމްދަނީއިން 8 މިލިޔަން ރުފިޔާގެ މަސައްކަތް ކުރަމުންކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރޯދައަށް މަސައްކަތްތައް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަމުން ގެންދަނީ “ޗާލު މިސްކިތް” ފަންޑުން ލިބުނު ފައިސާއިންނެވެ.