English Edition
Dhivehi Edition
ބޭންކް އޮފް މޯލްޑިވްސް ހެޑްކުއަާރޓާރޒް/ފޮޓޯ: ބީއެމްއެލް

މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ބީއެމްއެލްގެ އެއްވެސް މުވައްޒަފެއްގެ ހިއްސާ އެއް ނެތްކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ސްކޭމް މައްސަލަތުގައި ކުންފުނީގެ މުވައްޒަފުންގެ ބައިވެރިވުން އޮންނަ ކަމަށް ބައެއް ފަރާތަކުން ތުހުމަތުކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ސްކޭމް މައްސަލަތަކާ ގުޅިގެން އިންޓާނަލީ ބެލި ބެލުންތަކާއި އަދި ތަހްގީގީ އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ބެލި ބެލުމުން ވެސް މިކަމުގައި އެ ބޭންކުގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން ނެތްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ސްކޭމްއާ ގުޅޭ މައްސަލަތައް އެކި ބޭންކްތަކަށް ވެސް ދިމާވާކަން ފާހަގަކޮށް ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކައުންޓްގެ މައުލޫމާތު ކޮންޕްރޮމައިޒް ވެގެން އެހެން ފަރާތަކަށް މައުލޫމާތުތައް ގޮސް ފައިސާތަކެއް ގެއްލޭތާ ހަތަރު ފަސް ވަރަކަށް ގަޑިއިރުގެ ތެރޭގައި އާއްމުކޮށް ކަސްޓަމަރަށް އެކަން އެނގޭ ކަމަށެވެ. އަދި އެހެން ބޭންކެއްގެ ކަސްޓަމަރެއް ނަމަ ފައިސާ ރިވާސް ކުރަން ވަގުތުތަކެއް ލިބިގެންދާ ކަމަށާއި ނަމަވެސް ބީއެމްއެލް އިން ބީއެމްއެލްގެ އެކައުންޓަކަށް ވަގުތުން ފައިސާ ފޮނުވޭތީ އެފަދަ ފުރުސަތުތައް ގެއްލެނީ ކަމަށް ސައީދު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ފައިސާ ލިބޭ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާވުމުން، އަނބުރާ ރިވަރސް ކުރުމުގެ ބާރެއް ބޭންކަށް ނުލިބޭ ކަމަށެވެ. އަދި ފައިސާ ޖަމާވި އެކައުންޓްގެ ވެރިފަރާތުގެ ޒާތީ މައުލޫމާތު ހިއްސާކުރުމަށް ބައެއް މީހުން އެދުނަސް އެއީ ބޭންކަށް ދެވޭ މައުލޫމާތުތައް ނޫންކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އިތުރަށް ސައީދު ވިދާޅުވީ ފުލުހުންނާއި ބޭންކާ އެއްބަސްވެފައި އޮންނަ އުސޫލުގެ ދަށުން، ފުލުހުންނަށް އެ މައުލޫމާތުތައް ފޯރުކޯށްދޭ ކަމަށެވެ.