English Edition
Dhivehi Edition

އިންތިހާބުތަކުގައި ވޯޓްލާއިރު ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް ހެދިދާނެ ގޮތްތަކެއް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއާއި، ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއާ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރި މައްސަލައަކީ އިންތިހާބުތަކުގައި އެ ފަރާތްތަކުން ލާ ވޯޓްގެ ސިއްރުކަން ނުހިފެހެއްޓުމުގެ މައްސަލައެވެ. އަދި އެކަމަށް މިހާތަނަށް އައިއިރުވެސް ހައްލެއް ނުގެނެވޭނެކަން ބްލައިންޑް އެސޯސިއޭޝަނުން ފާހަގަކުރެއެވެ. މި މައްސަލަ ހައްލު ކުރެވިދާނެ ގޮތެއް ކޮމިޓީއަށް ހުށަހަޅާ އެ އެސޯސިއޭޝަނުން ވަނީ ވޯޓު ކަރުދާހާ އެއްވަރަށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކް ޝީޓެއް ދައްކާލާފައެވެ.

އެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަމުން އަބްދުﷲ ޒިޔާއު ވިދާޅުވީ މިހާރު އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ލޯފަން މީހުންނަށް ޖެހެނީ ކޮންމެ ވެސް މީހެއްގެ އެހީތެރިކަމާ އެކު ވޯޓުލާން ކަމަށާއި އެ ކަމުގެ ސަބަބުން މައްސަލަތައް ދިމާވާ ކަމަށެވެ.

ލޯފަން މީހުންނަށް ސިއްރު ވޯޓުލާން ވޯޓު ކަރުދާހަށް ބަދަލެއް ގެންނާކަށް ނުޖެހެއެވެ. އެ އެސޯސިއޭޝަނުން ހުށަހެޅި އީޖާދުގައި ވަނީ ވޯޓު ކަރުދާހާ އެއްވަރަށް ހާޑް މެޓީރިއަލްއަކުން ތައްޔާރުކޮށްފައިވާ ޝީޓެކެވެ. ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންނާ ދިމާލުގައި ފާހަގަ ޖަހަންވީ ތަން އެ ޝީޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެފަދަ ޝީޓެއް ކޮންމެ ފޮއްޓެއް ކައިރި ބޭއްވުމަށް މާބޮޑު ހަރަދެއް ނުދާނެ ކަމަށް އޭނާ ބުންޏެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބްލައިންޑް އެސޯސިއޭޝަނުން ފާހަގަކުރި ކަންކަން ކުރުމަށް އެއްވެސް ދައްޗެއް ނެތް ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.