English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީން މިއަދު ފެށުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންގްރެސްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ގޮތެއް ނިންމުމަށް ގަރާރެއް އެޖެންޑާކޮށްފިއެވެ.

ހުކުރު ދުވަހު މެންދުރު 2:30 އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވާ ކޮންގްރެސްގެ ތައްޔާރީތަކާ ގުޅޭ ގޮތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ، ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅެއް ލިބިފައި އޮތަސް އަދި ގޮތެއް ނިންމާފައި ނެތް ކަމަށެވެ.

އެ ޕާޓީން ބުނެފައިވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީ ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ޖޭޕީ ވާދަކުރުމާ މެދު ގޮތެއް ނިންމުމުގެ ގަރާރެއް ކޮންގްރެސް އަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މި ގަރާރު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެބަރު އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލައްވާފައިވާ އަބްދުﷲ އަހުމަދެވެ. މި ގަރާރުގައި ވަނީ، އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެއޮވެ ކޯލިޝަނެއްގެ ތެރެއިން ހަމަ އެ ޕާޓީ އިންތިހާބުގައި ވާދަކުރުމާމެދު ގޮތެއް ނިންމުމެވެ. މި ގަރާރު ތާވަލުކޮށްފައިވަނީ ހޮނިހިރުދުވަހުގެ މެންދުރުފަހަށެވެ. މި ގަރާރު ހުށަހަޅުއްވާއިރު ރިޔާސަތުގައި އިންނަވާނީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އޮނަރަބަލް ގާސިމް އިބްރާހިމް ކަމަށް އިލްހާމް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ އިންތިގާލީ ޗެއާމަނަކަށް އިންނަވާނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިއަދުވެސް ދެކެން ބޭނުންވާ މަންޒަރަކީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ރާއްޖޭގައި ގާއިމްވެގެންދާތަން ދުށުންކަމަށެވެ. އެހެންނަމަވެސް ޕާޓީން އަބަދުވެސް ގޮތް ނިންމާނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާގޮތަށް، ކޮންގްރެސްއިންކަމަށް ވެސް އަލީ އާރިފް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން އަދި ގޮތެއް ނުނިންމި ނަމަވެސް މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ތެރެއިން އަދާލަތު ޕާޓީން އިއްޔެ ވަނީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއެކު ތިބެން ނިންމައިފަ އެވެ. އެއީ މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިންގެ ތެރެއިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ވަކި ގޮތެއް ނިންމި ފުރަތަމަ ޕާޓީ އެވެ.

މިއަދު ފަށާ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި 1000 އެއްހައި މެމްބަރުން ބައިވެރިވާނެކަމަށް ޖޭޕީން ލަފާކުރެއެވެ.