English Edition
Dhivehi Edition

މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.

އެ ޕާޓީން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ މިހާރު ރާއްޖޭގެ އިގްތިސާދީ އަދި ސިޔާސީ ހާލަތަށް ރިޢާޔަތްކޮށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ސިޔާމް ނިންމެވި އިރު ދާދި ފަހުން އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ނުދެއްވަ އެވެ.

އެމްޑީއޭގެ ޖަލްސާއާއި ގުޅިގެން އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ސިޔާމް ނިންމެވީ ސިޔާސީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަދިވެސް ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހުގައި މިއީ އިންތިޚާބުގައި ވާދަކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.

“ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ނަމަވެސް މިއީ އެންމެ މުނާސަބަތު ވަގުތެއް ނޫން ކަމަށް އެމަނިކުފާނު ނިންމެވި،” މައުރޫފް ވިދާޅުވި އެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި ކޯލިޝަނެއް ހެދުމަށް ވެސް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ. އެކަމަކު، ކޯލިޝަން ހަދާނެ ވަކި ޕާޓީއެއް މިހާތަނަށް ނިންމާފައެއް ނުވެއެވެ.

މައުރޫފް ވިދާޅުވީ ކޯލިޝަން ހެދުމުގެ ދައުވަތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެސް ފޮނުއްވާފައިވާ ކަމަށާއި އަދި އިތުރު ޕާޓީތަކުން ވެސް ސިޔާމަށް ފޯނުން ގުޅުއްވާ ކޯލިޝަން ހެދުމުގެ ދައުވަތު އަރުވަމުން ގެންދާ ކަމަށެވެ.

އެހެންވެ، އެ ޕާޓީން ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމުމަށް، ކޯލިޝަން ދައުވަތުތައް ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ކޮމެޓީއެއް އުފެއްދުމަށް ވެސް މިއަދުގެ ޖަލްސާއިން ވަނީ ނިންމައިފައެވެ.