English Edition
Dhivehi Edition

ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި “ވެށި- ބާރު” ގެ ނަމުގައި ކޮމިޔުނިޓީ ޕްރޮގްރާމް ތަކެއް ހިންގުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރވަރމެންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއެކު ކުރިއަށްގެންދާ ހަރަކާތުގެ ފުރަތަމަ ޕްރޮގްރާމް ފެބްރުއަރީ 26 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

“ލީޑަރޝިޕް ބްރެކްތްރޫ- ޑިސްކަވަރިން ޔުއަރ ލީޑަރޝިޕް ޕޮޓެންޝިއަލް” ގެ ނަމުގައި ކުރިއަށް ގެންދާ ޕާރސަނަލް ލީޑަރޝިޕް ޕްރޮގްރާމު ފެސިލިޓޭޓް ކޮށްދެއްވަވާނީ ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރި އަދި ލީޑާޝިޕް ކޯޗު, ގްލޯބަލް ކީނޯޓް ސްޕީކަރ ޙުސައިން އަފީފް އެވެ. ދުނިޔޭގެ މަޝްހޫރު ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަފީފް މި ސެޝަނަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައި ފެބްރުއަރީ 26 ވަނަ ދުވަހުގެ ރޭ 8:30 އިން 10:30 އަށް ކުރިއަށް ގެންދާ މި ސެޝަނުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރަން މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ. މިއީ މުޅިން ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސެޝަނުގައި ރަޖިސްޓްރީ ވުމަށް ތިރީގައިމިވާ ލިންކް ބޭނުން ކުރެވޭނެއެވެ. މީގެ އިރުތުން ޕޯސްޓަރ ގައިވާ ކިއުއާރުކޯޑުން ވެސް ރަޖިސްޓްރޭޝަން ފޯމް ހުޅުވޭނެއެވެ.

http://bit.ly/3EmrdXG

ވެށި- ބާރު ގެ ފުރަތަމަ ޕްރޮގްރާމު ޚާއްޞަ ކުރަނީ ތަފާތުއެކި ދާއިރާތަކުގައި އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި ކޮމިޔުނިޓީ ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެންނެވެ.

ޔޫތް މިނިސްޓްރީއާއި ސްކީމް ޖަމިއްޔާ ގުޅިގެން “ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތުގައި ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންދަނީ ޕާރސަނަލް ލީޑަރޝިޕް ޕްރޮގްރާމެވެ. ލީޑަރޝިޕް ޕްރޮގްރާމުގެ ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ އާއި ފ. ނިލަންދޫގައެވެ.

ވެށި- ބާރު ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.