English Edition
Dhivehi Edition
20 ފެބުރުވަރީ 2023: ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އަދާލަތު ޕާޓީ)

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީން އެމްޑީޕީއާ މަޝްވަރާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޢަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައެވެ.

މިގޮތުން ނަޒީރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމާ ގުޅޭގޮތުން އެމްޑީޕީއާއެކު މިއަދު މަޝްވަރާކުރެވުނު ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ ދައުވަތަށް، އެޕާޓީއާއެކު މަޝްވަރާކުރުމަށް އަދާލަތު ޕާޓީން ނިންމީ ރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނައިރު، ކޯލިޝަނެއްގެ ގޮތުގައި އެމްޑީޕީއާއެކު ނުކުތުމަށް ރައީސް ސޯލިހު ވަނީ، މިހާރު އޮތް ކޯލިޝަންގެ ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ.

ރައީސްގެ ފަރާތްޕުޅުން މި ސިޓީ ފޮނުއްވީ އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްއަށެވެ. މި ޕާޓީތަކަކީ މިހާރު ވެސް އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ ޕާޓީތަކެވެ.

އެމަނިކުފާނު ސޮއިކުރައްވާ އެޕާޓީތަކަށް ރައީސް ފޮނުއްވި ސިޓީފުޅެއްގައި ވަނީ މި ސަރުކާރު ހިންގުމަށް، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ދީފައިވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ތައުރީފު ކުރައްވައިފައެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެކުގައި ވާދަކުރުމަށް އެ މަނިކުފާނު ވަނީ އެ ޕާޓީތަކަށް ދައުވަތު އަރުވައިފައެވެ.

މިސިޓީފުޅާ ގުޅިގެން އަދާލަތު ޕާޓީން ބޭއްވި ކުއްލި މަޝްވަރާ ބައްދަލުވުމުގައި ނިންމާފައިވަނީ އެޕާޓީގެ ތަރުޖަމާނު މިހިނގާ ރިޔާސީ ދައުރުގައި ވޭތުވެދިޔަ ދައުރުތަކާ އަޅާބަލާއިރު ސަރުކާރުގައި ކުރެވުނު ފަހި ތަޖުރިބާއަށް ރިއާޔަތްކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އަދާލަތު ޕާޓީގެ ތާއީދު ދިނުމުގެ ކުރިން އެޕާޓީއާއެކު މަޝްވަރާކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ރޭގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް މީގެ ކުރިން ވަނީ، ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުންކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ މިހާރު އޮތް ކޯލިޝަނާއެކުގައި ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

އަދާލަތު ޕާޓީން ރޭ މަޝްވަރާތައް ފަށާއިރު، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމާނީ މި ހަފުތާ ބަންދުގައި އޮންނަ އެ ޕާޓީގެ ގައުމީ ކޮންގުރެސްގައެވެ. ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތަކާ މެދުގައި އެމްއާރުއެމް އިން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.