ކުރިއަށް އޮތް ރިޔާސީ ދައުރަށް، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމާމެދު ގޮތެއް ނިންމަށް ނުވަތަ ކޯލިޝަން ހެދުމުގެ ކުރިން އެޕާޓީއާއެކު މަޝްވަރާއަށް ދާން އަދާލަތު ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން މިގޮތަށް ނިންމީ މިރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނައިރު، ކޯލިޝަނެއްގެ ގޮތުގައި އެމްޑީޕީއާއެކު ނުކުތުމަށް ރައީސް ސޯލިހު ވަނީ، މިހާރު އޮތް ކޯލިޝަންގެ ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ.
ރައީސްގެ ފަރާތްޕުޅުން މި ސިޓީ ފޮނުއްވީ އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްއަށެވެ. މި ޕާޓީތަކަކީ މިހާރު ވެސް އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ ޕާޓީތަކެވެ.
އެމަނިކުފާނު ސޮއިކުރައްވާ އެޕާޓީތަކަށް ރައީސް ފޮނުއްވި ސިޓީފުޅެއްގައި ވަނީ މި ސަރުކާރު ހިންގުމަށް، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ދީފައިވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ތައުރީފު ކުރައްވައިފައެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެކުގައި ވާދަކުރުމަށް އެ މަނިކުފާނު ވަނީ އެ ޕާޓީތަކަށް ދައުވަތު އަރުވައިފައެވެ.
މިސިޓީފުޅާ ގުޅިގެން އަދާލަތު ޕާޓީން ބޭއްވި ކުއްލި މަޝްވަރާ ބައްދަލުވުމުގައި ނިންމާފައިވަނީ އެޕާޓީގެ ތަރުޖަމާނު މިހިނގާ ރިޔާސީ ދައުރުގައި ވޭތުވެދިޔަ ދައުރުތަކާ އަޅާބަލާއިރު ސަރުކާރުގައި ކުރެވުނު ފަހި ތަޖުރިބާއަށް ރިއާޔަތްކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އަދާލަތު ޕާޓީގެ ތާއީދު ދިނުމުގެ ކުރިން އެޕާޓީއާއެކު މަޝްވަރާކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ރޭގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް މީގެ ކުރިން ވަނީ، ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުންކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ މިހާރު އޮތް ކޯލިޝަނާއެކުގައި ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
އަދާލަތު ޕާޓީން ރޭ މަޝްވަރާތައް ފަށާއިރު، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމާނީ މި ހަފުތާ ބަންދުގައި އޮންނަ އެ ޕާޓީގެ ގައުމީ ކޮންގުރެސްގައެވެ. ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތަކާ މެދުގައި އެމްއާރުއެމް އިން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.