ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަނަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިޔާސީ ޕާޓީތަކަށް ސިޓީއެއް އިއްޔެ ފޮނުއްވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު، ރަސްމީކޮށް ރިޔާސީ ޓިކެޓު އަރުވާފައިވާ ރައީސް ޞާލިޙަށް އެމްޑީޕީން ވަނީ ކޯލިޝަން ހެދުމުގެ ބާރު ދީފައެވެ. ބުދަ ދުވަހު އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން އެ ނިންމުން ނިންމުމާއެކު އެ މަނިކުފާނު ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފައްޓަވައިފައެވެ.
ރައީސްގެ ފަރާތްޕުޅުން މި ސިޓީ ފޮނުއްވީ، އެނގިފައިވާ ގޮތުގައި، އެމްޑީޕީ އިސްވެ އޮވެ މި ވެރިކަން ހިންގާ ކޯލިޝަން ޕާޓީތަކަށެވެ. އެއީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް އެވެ.
ރައީސްގެ ސިޓީފުޅެއް ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ފޮނުވާފައިވާއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާ މަޝްވަރާކުރެއްވުމަށް، އެމަނިކުފާނުގެ ސަން އައިލެންޑް ރިސޯޓަށް ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހުޅުމާލޭ ދާއިރާގެ މެމްބަރު ނިޔާޒް ވަޑައިގެންނެވިއެވެ. މިއީ އެމްޑީޕީގައި އުފެދިފައިވާ ފެކްޝަންތަކުގެ ތެރެއިން ރައީސް ޞާލިޙަށް ތާއީދުކުރާ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންތަކެކެވެ. އެ ބައްދަލުވުމާ ގުޅޭގޮތުން މެމްބަރު ނިޔާޒް ވިދާޅުވީ، އެއީ ވަރަށް ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމަށެވެ. އިރާދަކުރެއްވިއްޔާ މިސްރާބް ހުރީ ކޯލިޝަނާއެކު އެމްޑީޕީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެ މަގަށް ކަމަށް ވެސް މެމްބަރު ވިދާޅުވެފައިވެއެވެ.
ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ޞާލިޙް ފޮނުއްވާފައިވާއިރު، އެމަނިކުފާނަކީ ރާއްޖޭގައި ކޯލިޝަނަކާއެކު ދައުރެއް ފުރިހަމަ ކުރައްވާނެ ފުރަތަމަ ރައީސެވެ. މީގެކުރިން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އުފެއްދި ކޯލިޝަންތައް، އިންތިޚާބު ކާމިޔާބުވެ ވެރިކަމާ ހަވާލުވާތާ މާގިނަ ދުވަހެއްނުވެ، ކޯލިޝަން ވަނީ އުވައިލާފައެވެ