ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި އިހްމާލުވީ ކަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ މުވައްޒަފުންނަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ފާހަގަކުރެވޭތީ، އެ ކަންކަން އިސްލާހުކުރުމަށް ފަހު އަލުން މައްސަލަ ފޮނުވުމުން ދައުވާކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ތަހުގީގު މަރުހަލާ ފުރިހަމަކޮށް ދައުވާކުރުމަށް އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ހަތަރު ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެންމެ ފަހުން މިދިޔަ ޖޫން މަހު ޑިއުޓީ ޕްރެސިކިއުޝަނަށް ފޮނުވިއިރު ވެސް މައްސަލަ އަނބުރާ ފޮނުވައިލީ ބައެއް ކަންކަން ފުރިހަމަ ކުރުމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ވެސް ގެންދިޔަ އެވެ. އޭސީސީން ދައުވާކުރި މީހުންގެ ތެރޭގައި އެ ކޮމިޓީގެ މެމްބަރުންތަކެއް ވެސް ހިމެނެ އެވެ.
އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާކުރުމަށެވެ
ކޮވިޑް-19 އާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު 75 ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.
އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް މިދިޔަ އަހަރުގެ މެއިމަހު ނޯޓިސް ފޮނުވާފައި ވީނަމަވެސް މިހާތަނަށް އެކުންފުނިން ބަދަލު ދީފައެއް ނުވެއެވެ.