English Edition
Dhivehi Edition

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފާގެ މަތިންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަލަމްގިރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ބަންދުކޮށްފައިވަނީ ޤާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުސް އޮފިސަރެއްކަމަށްވާ އަބްދުލްރަހްމާން ރަފީއުއެވެ. މި މީހުން އަލަމްގިރާ އެކު ގުޅުން ހިންގާ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، އެމީހުން ދޫކޮށްލުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އެމީހުން ދޫކޮށްލި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހަކު ދޫކޮށްލާފައި ވަނީ އެ މީހުންގެ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު، އެ މީހުން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނަ ކަމަށް ޕީޖީ އިން ނިންމުމާއި ގުޅިގެން ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރަނީ ޕީޖީ އޮފީހުންކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަލަމްގިރާއެކު އެއް ޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ އިތުރު އިރު ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުޤީގުކުރަމުންދާ ކަަމަށެވެ.