English Edition
Dhivehi Edition

2023 ވަނަ އަހަރު ފެށިގެން އަހަރުގެ މިހާތަނަށް މަސްވެރިން އަތުން 12،000 ޓަނުގެ މަސް ގަނެ 198 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވެއްޖެއެވެ.

އިސްމާޢީލް މިފަދައިން ވިދާޅުވެފައިވަނީ މިފްކޯއަށް ކިރުވާ މަހަށް މަސްވެރިންނަށް އޭގެ ހައްގު އަގު ދިނުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

“މިފްކޯއަށް ކިރުވާ މަހަށް 7 ދުވަހުގެތެރޭގައި ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުންދަނީ. މަސްވެރިންނަށް ފައިސާ ދިނުމުގައި މަސް ކިރުވާތާ 7 ދުވަސްތެރޭ ފައިސާ ދިނުމަށް މަސައްކަތްކުރަނީ، އެހެން ނަމަވެސް ބައެއް ފަހަރު ގޮންޖެހުންތައް ހުރޭ، އެހެން ނަމަވެސް ނުދެވިދާ މުއްދަތު ކުޑަކުރުމަށް މަސައްކަތްކުރަން،” އިސްމާއިލް ވިދާޅުވިއެވެ. މީގެ އިތުރުން އިސްމާއިލް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ހައްލު ހޯދާނީ ސަރުކާރާއި ގުޅިގެން މިފްކޯއިން ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތަކުން ކަމަށާއި މަސްވެރިންގެ ފަރާތުން އެކަންތައްތަކުގައި ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރައްވާކަމަށެވެ.

މީގެ އިތުރުން އިސްމާއިލް ވިދާޅުވި ގޮތުގައި ޖެނުއަރީ މަހުގެ ފަހަތަށް ދިޔައިރު ރާއްޖޭގެ މަސްވެރިކަން ދަށްވި ކަމަށާއި އެހެން ނަމަވެސް މިދުވަސްވަރަކީ ޖުމްލަ ގޮތެއްގައި މުޅި ރާއްޖެއަށް ވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށެވެ. އިސްމާއިލް އިތުރަށް ވިދާޅުވި ގޮތުގައި އަހަރަކަށް ވުރެ އަހަރެއް މަސްވެރިން ބާނާ މަހުގެ އަދަދުތައް އިތުރުވެގެންދާ ކަމަށާއި މަސްވެރި އުޅަނދުތަކަށް ގެންނަމުންދާ ޒަމާނީ ބަދަލުތަކާއިއެކު މަސްވެރިންނަށް ބޭނޭ މަހުގެ އަދަދުތައް އިތުރުވަމުންދާ ކަމުގެ ޔަގީންކަން މަސްވެރިން ދެމުންދާ ކަމަށެވެ.

ފޮޓޯ: އެޑިޝަން.އެމްވީ

މަސްވެރިން ކިރުވާ މަސްތަކުގެ ފެންވަރު ދެމެހެއްޓުމާއި އެންމެ ތާޒާ ކަމާއި އެކު ވިޔަފާރި އަށް އެ ނެރުމަށްޓަކައި މިފްކޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިން އަތުން މަސްގަންނާނެ އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތް މިފްކޯ އިން މިހާރުވެސް ކުރަމުން އަންނަ އިރު މިފްކޯގެ މަސް ކާރުހާނާތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިފްކޯއިން އަންނަނީ މިހާރުވެސް ކުރަމުންނެވެ.

ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބަލައި ކަނޑު މަހާއި ކަންނެލި މަސް ގަންނާނެ އަގުތައް ކަމުގައި މިއަދު މިފްކޯ އިން ކަނޑައަޅައިފައި ވަނީ 1.5 ކިލޯއިން މަތީގެ އައިސް އެޅި މަސް 17 ރުފިޔާ އަށް އަދި އައިސް ނާޅާ މަސް 15 ރުފިޔާއަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށް މިންވަރަށްވާ މަހުގެ އައިސް އެޅި މަސް މިފްކޯއިން ގަންނަނީ 9 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 7 ރުފިޔާއަށެވެ.

2022 ވަނަ އަހަރު އެކަނިވެސް މިފްކޯއިން މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު އެއީ މިފްކޯގެ 12 އަހަރުގެ ތާރީހުގައިވެސް މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި އަހަރެވެ.